ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ބައިވެރިވުން އޮވެމެ، މުޅި ގައުމަށް ހެވާ ލާބަ ލިބިގެންދާ ވެރިކަމުގެ ނިޒާމެއް ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް އެގޮތަށް ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި އިންތިހާބީ ރައީސް މުހައްމަދު މުއިއްޒަށް އަރިސް ކުރައްވައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ނާޒިމް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން ގައުމުގެ ވެރިޔަކު ހޮވުމަށް އެންމެ އިތުބާރު ކުރެވޭ، ނިޒާމު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ގައުމުގެ ވެރިޔަކު އިހުތިޔާރު ކުރުން މިއީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު އިތުބާރު ކަމަށާއި އެހެން ކަމުން ޖުމްހޫރީ ދުވަހަކީ ރައްޔިތުން ގޮތް ނިންމުގެ ފުރިހަމަ ބާރާއި އާރު ލިބިފައިވާ ދުވަހެއްކަން ހަނދާން ކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ ތާއީދާއެކު ގައުމުގެ ވެރިޔަކު ހޮވުމަށް، ގާނޫނުން ރައްޔިތުންނަށް ތަނަވަސްކޮށްދީފައިވާ ފުރުސަތަކީ ގައުމުގެ ތަރައްގީ އަށް ރައްޔިތުން އެދޭ ބަދަލު ގެނުވުމަށް އޮތް ވަރަށް ތަނަވަސް ފުރުސަތެކެވެ.

މީގެ އިތުރުން ގައުމުގު ކަންކަން ކުރިއަރާ ތަރައްގީ ވުމަށް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް އޮންނަޖެހޭ ކަމަށާއި ގައުމު ބިނާކުރުމުގައި ގައުމީ ފިކުރު އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރުގޮނު

    55 އަހަރު ވީއިރުވެސް ރާއްޖެއާގުޅޭ ނަމްބަރެއްގެ ދިއުޅިއެއް ތިޔަ ނިޒާމްގެ ތެރެއިން ރާއްޖެެއަކަށް ނުލިބުނު. ތިޔަ ނިޒާމާއެކު ޕާޓީ ނިޒާމް އައިމާ މާބޮޑަށް ގޯސް. މާ ވައިބްރޭޝަން ގަދަ. މުޅި ތަނުގައި އޮތީ ބުޅަލާ މީދަލުގެ ކުޅިގަޑު.