އިގްތިސާދީ އަދި ހާރިޖީ ސިޔާސަތަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުހިއްމު އިސްކަމެއް ދޭނެ ކަންތައްތައް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ)އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދީ، ޚާރިޖީ ސިޔާސަތަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަމެއް [ވަކި ގަައުމެއްގެ އެހީ] ބޭނުމެއް ނޫން. އެކަަމަށް ބޭނުންވަނީ ހުރިހާ ބާރަކުން ވެސް އެހީ، އެއީ ދިވެހި އަސްކަރިއްޔާ ތަރައްގީކުރުމަށާއި، ދިވެހި އިގްތިސާދު އާރާސްތު ކުރުމަށާއި، ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަލާމަތް ކަށަވަރުކުރަން. އަޅުގަނޑަށް ހީވަނީ މިއީހެން ކުރިއަށްދާންޖެހޭ މަގަކީ. އަދި މިއީހެން ހަމައެކަނި މަގަކީ، މި ކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް އެ ކަމުން ފައިދާވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންޓަވިއުގައި ވެސް އެ މަނިކުފާނު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހި ރައްޔިތުން ދެކޮޅުކަން ހާމަކުރައްވައިފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭ ދިވެހި ރައްޔިތުން އެމަނިކުފާނާ މެންޑޭޓެއް ހަވާލުކޮށްފައިވާ ކަމަށާއި އެއީ ބޭރުގެ ސިފައިން ރާއްޖެއިން ބޭލުވުން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ އިންޑިއާ ކަމުގައިވީ ނަމަވެސް ނުވަތަ އެހެން ގައުމެއްގެ ސިފައިން ވިޔަސް އަޅުގަނޑުމެންނަށް ހެޔޮ،" އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާ ހަވާލު ވެޑައިގެން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި މިންވަރު ސާފުވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާ އެކުވެސް މަޝްވަރާތަކެއް ކުރެވުނު ކަމާއި ނަތީޖާވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު އިންޑިއާގެ ފަރާތުން ވެސް ދިވެހިން ދައްކާ ވާހަކައަށް އިހްތިރާމްކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޒަމާންތަކަކަށް ދެމިފައި އޮތް ގުޅުމާއި އެކުވެރިކަމުގެ ތެރެއިން މި މައްސަލައަށް ހައްލު ގެނެސްދޭނެ. މިއީ ރާއްޖޭގެ ރައްކާތެރިކަމާ ގުޅުންހުރި ކަމެއް،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު