މި ސަރުކާރުގެ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައި ވެސް އިލްމާއި އިލްމުވެރީންގެ އަގުވަޒަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް އިލްމުވެރީންނަކީ، އެ ގައުމެއްގެ އިންސާނީ ކިއްލާގެ އެންމެ އުސް ކުރިބޯށިތައް ކަމަށާއި، ރާއްޖޭގައިވެސް ތަފާތު އެކި ދާއިރާތަކުން އިލްމުވެރީން އެބަ ތިބި ކަމަށެވެ.

"ދީނީ ރޮނގުން. ބަހުގެ ރޮނގުން. ބޭސްވެރިކަމުގެ ރޮނގުން. އިމާރާތްކުރުމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ޓެކްނޮލޮޖީ އާއި، ސައިންސްގެ އެކި ދާއިރާތަކުން. ވަކިން ޚާއްސަކޮށް، އުނގަންނައި ދިނުމުގެ އެކި ދަރަޖަތަކުން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ތަންފީޒުކުރާނެ ސިޔާސަތުގައި، ކޮންމެ ދާއިރާއެއްގައިވެސް އިލްމާއި އިލްމުވެރީންގެ އަގު ވަޒަން ކުރައްވާނެ ކަމަށެވެ. އެގޮތުން ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުކޮށް، އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ މާތް އަޚްލާގެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި ފުރުސަތުގައި، އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ތިޔަ އިއްޒަތްތެރި ޢިލްމުވެރީންނާއި އަދި ރާއްޖޭގެ އިލްމީ މުއައްސަސާތަކުގެ ފަރާތުން އަޅުގަނޑު އެދޭ މުހިންމު ކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުން. އެކަމަކީ، ސަރުކާރު ހިންގުމަށް އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. އެއީ، ތިޔަބޭފުޅުންގެ އިލްމީ ދިރާސާތައް ގިނަކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުން. އެކަމުގެ މަގުތައް އިރާދަކުރެއްވިއްޔާ ތަނަވަސްކޮށްދޭނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވާ ގޮތަކީ، ގައުމީ ތަރައްގީ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، ބިންގަލަކީ އަދި އަސްލަކީ، އިލްމުވެރީންގެ އިލްމީ ދިރާސާތައް ކަމުގައި ހެދުން. އެހެނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން. އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް. އެހެންކަމުން، ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްކަލާއްކަލޯ

    ބަސްކުރިއަރާނީ ބަހަށް އެންމެމަތީ އަހުމިއްޔަތު ދެވިގެން. ރާއްޖޭގައި ވަރަށްގިނަ ކުންފުނިތައް (%100 ދިވެހި ކުންފުނިތައް) ހުރިއިރު އެއިން ކޮންމެ ކުންފުންޏަކުންވެސް އެކި ރިޕޯރޓްތައް އެކުލަވާލައެވެ. ކޮންމެ ރިޕޯރޓެއްވެސް އިނގިރޭސިބަހުން ބޭއްވުން ލާޒިމުވާތީ ފެންނަނީ ހަމއެކަނި އިނގިރޭސި ރިޕޯރޓުތަކެވެ. މިލްކުވެރިކަން ސައްތައިންސައްތަ (%100) ދިވެހި. އެހެންވިއްޔާ ކޮންމެ ރިޕޯރޓަކުން އެންމެދިވެހި އެއްޗެއްވިޔަސް ރިޕޯރޓެއް ބާއްވަންވާނެ. އޭރުން ބަސް މުއްސަނދިވާނެ، އެކިދާއިރާއިން: އޭވިއޭޝަން، ފަތުރުވެރިކަން، ހޮސްޕިޓާލިޓީ، ތިމާވެށި، މަސްވެރިކަން، ދަނޑުވެރިކަން، ބޭސްވެރިކަން، އަދިވެސް... މަޤްޞަދަކީ ދިވެހިބަސް މުއްސަނދިކުރުން. އިނގިރޭސިބަހުން ބޭއްވުން ލާޒިމުވިޔަސް.