ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަން ކުރާ މަޖިލީސް މެންބަރުން އިސްތިއުފާ ދެއްވަން ފައްޓަވައިފިއެވެ.

ވަޒީރު ކަމުގެ ހުވާ ކުރެއްވުން އޮތީ މިރޭ 7:30 ގައި ރައީސް އޮފީހުގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، ރައީސް ޑރ. މުއިއްޒުގެ ކެބިނެޓްގައި މިހާރު މަޖިލީހުގައި ތިއްބެވި ހަތަރު ބޭފުޅުން ތިއްބަވައެވެ. އޭގެ އިތުރުން ަބަންޑާރަ ނައިބް ކަމަށްވެސް އައްޔަން ކުރެއްވަނީ މަޖިލީސް މެންބަރެކެވެެ.

އެއީ މިނިސްޓަރ އޮފް އެކޮނޮމިކް މަގާމަށް އައްޔަން ކުރައްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، މިނިސްޓަރ އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރައްވާ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އަށް އައްޔަން ކުރައްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މިނިސްޓަރ އޮފް ލޯކަލް ގަވަރުނަންސް އަށް އައްޔަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެެވެ.

އޭގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ބަންޑާރަ ނައިބަކަށް އައްޔަން ކުރައްވަން ވަނީ ނިންމަވާފައެެވެ.

މި ބޭބޭފުޅުން ގެންދަވަނީ މީސް މީޑިއާ މެދުވެރިކޮށް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވަމުންނެވެ.

މީގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ނައިބް ރައީސް ކަމުގެ ހުވާ ކުރެއްވުމުން އެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.

މުއިއްޒު ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން މީގެ ކުރިން ވިދާޅުވީ، ކެމްޕެއިންގެ ވައުދުވެވަޑައިގެންނެވި ގޮތަށް ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަންޑާރަ ނައިބުގެ ގާތުގައި ބުނަން އޮތީ ތިއޮފީހުގައި އުޅޭ ލާދީނީ މީހުން ތި އޮފީހުން ބޭރުކުރައްވާށެވެ. ލާދީނީމީހުންނަށް އިސް މަގާމުތައް ދިނީމާ މުސްލިމުންނަށް ހާދަހާ ދެރަ ގޮތް އެބަހަދައެވެ.