ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިންތިގާލީ އިންސާފު އޮފީހަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދިޔުމުން އެއްބާރުލުން ނުދޭ ކަމަށް ބުނާ ވާހަކަ އެ އޮފީހުން ދޮގުކޮށްފިއެވެ.

އޭސީސީގެ ޓީމެއް މިދިޔަ ބުދަ ދުވަހު އިންގާލީ އޮފީހަށް ދިޔުމުން އެ ޓިމަށް އެއްބާރުލުން ނުދީ، އެއްބާރުލުންދިން މުވައްޒަފުންނަށް ފިޔަވަޅުއަޅާފައިވާތީ އޭސީސީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

މި ބަޔާން ދޮގުކޮށް އިންތިގާލީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު އޭސީސީގެ ޓީމެއް އެ އޮފީހުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އެ ކޮމިޝަނުން ބޭނުންވި ހުރިހާ ލިޔެކިޔުންތައް އެއްވެސް ހުރަހެއްނެތި އެ އޮފީހުން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެގޮތުން އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގިނަ ލިޔުންތަކާއި ބައެއް މުވައްޒަފުންގެ ކޮމްޕިއުޓާ ސިސްޓަމްތައް ވެސް އޭސީސީގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްވެސް އެ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ އޮފީހުގެ ތިން މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވަނީ އޭސީސީއަށް އެއްބާރުލުން ދިނުމުން ކަމަށް ބުނާ ބުނުންވެސް އިންތިގާލީ އޮފީހުން ވަނީ ދޮގުކޮށްފައެވެ.

"މި އޮފީހުގެ ތިން މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވަނީ އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދިން ކަމަށް ބުނާ ބުނުމަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ އެއް. އެ މުވައްޒަފުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވަނީ އެ އޮފީހުގެ ހިންގާ ގަވައިދު 142 ވަނަ މާއްދާގެ (ނ)ގެ ދަށުން މުވައްޒަފުންގެ ވާޖިބު އަދާކުރުމަށް ކުރަންޖެހޭ ކަމެއް އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކާ، މެނުއަލްތަކާއި ގައިޑުލައިންތަކާއި ވެރިންގެ އިރުޝާދާ ހިލާފަށް ގަސްދުގައި ކުރުމުން." އިންތިގާލީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އޮފީހުން ބުނީ މިތިން މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމީ އޭސީސީގެ ތަހުގީގާ އެއްވެސް ގުޅުމެއް އޮވެގެން ނޫން ކަމަށާއި އެ ކޮމިޝަނުން އެ އޮފީހާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެއެވެ.