ވިސްނުމަކީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ ޔުނިފޯމް ހުރިހާ މުއައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހެދުން ކަމަށް ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން މިހެން ވިދާޅުވީ، ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެން އޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެ ތަމްރީނުކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުންނަށް ހެދުން ކަމަށެވެ.

"އަސާސީ ތަމްރީނަށްފަހު ކޮންމެ މުއައްސަސާއެއްވެސް އެމުއައްސަސާތަކުގެ ބޭނުމަށްޓަކައި މުއައްސަސާގެ ހާއްސަ ތަމްރީނު އެހިސާބުން ހެދިގެންދާ ގޮތަށް ބައްޓަން ކުރުމަކީ އަމާޒެއް. އޮފިސަރުން ކުރައްވާ ހުވާ އަކީ ގައުމީ ހިދުމަތަށް ނުކުމެ ކުރައްވާ ބުރަ މަސައްކަތާއި އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއް. ހުވާ ކުރަނީ ވަރަށް މާތް މަގުސަދެއްގައި. ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތަށް ދެމެހެއްޓުމަކީ މުހިންމު ކަމެއް. ހުވާ ކުރުމާ ހިސާބަށް އެސިފަތަށް ދެމެހެއްޓުނު ނަމަވެސް ވަކި ހިސާބަކުން އެސިފަތައް އެމީހާ ގައިން ނެއްޓިގެންދާތަން ބައެއްފަހަރު ފެނިގެންދޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އޮފިސަރުންގެ ކުރިމަތީގައި އޮންނާނެ ޗެލެންޖަކީ ކުޑަ ޗެލެންޖެއް ނޫން ކަމަށެވެ. އެއީ ރިސޯސްތައް މަދު އެހެންނަމަވެސް މަސްއޫލިއްޔަތު ބޮޑު މުއައްސަސާއެއްގެ ތެރެއިން މަސައްކަތް ކުރުމުގެ ބުރަ ޗެލެންޖެއް ކަމަށެވެ. އެ ޗެލެންޖްތަކާއިއެކު މަސައްކަތް ކުރާއިރު ހުވާގެ މަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

"މިއަދު ގްރައުންޑުގައި ހޯދި ތަމްރީނުގެ މަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ. އެ މުދައްރިބުން ކިޔައިދެއްވި ފިލާވަޅުތައް ތަކުރާރުކޮށް ހަނދާން ކުރަންވާނެ." ވަޒީރު ވިދާޅުވިއެވެ.

ކިތަންމެވަރަކަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި މި މުއައްސަސާގައި އޮންނަން ބޭނުންވިއަސް، ގަބޫލުކުރަންޖެހޭ ހިތާމަވެރި ހަގީގަތަކީ މުއައްސަސާގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައެޅިފައި ހުރި ބައިވަރު އުސޫލުތަކާއި ހަމަތައް މުގުރާލާފައި ތަމްރީނު ކުރެވި ހުވާކުރެވިފައި ތިބޭ އޮފިސަރުންގެ އެ ހުވަޔާއި ހިލާފަށް އެބޭބޭފުޅުން ބޭނުންކުރައްވައިގެން އުސޫލުތައް ނައްތާލާ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާހިލީ ސަލާމަތަށްވެސް ބުރު އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔައުގޫބު

    އިމިގްރޭޝަން، ކަސްޓަމްސް ، ހޮސްޕިޓަލްގެ ނަރުހުންވެސްތޯ؟

  2. ޙެހެހ

    ހުރިހާބާރެއް މުށުތެރެއަށް ނަންގަވަނީތޯ ، މަނިކުފާނުތީ ދިފާއީބާރު އުޅުއްވި މީހެއް ، މަނިކުފާނަށް އެނގިނުލައްވާތޯ ތަމްރީން ހަދަނީ އެމެރިކާއާއި އިނގިރޭސިފަދަ ކުރިއަރާފައިވާ ޤައުމުތަކުން ، އެކަމަކު މިޤައުމަށް އެވަސީލަތްތައްނެތިއްޔާ ކޮބާތޯ އޭގެބޭނުމެއް ، އަދި މިޤައުމުގައި ހުރި ސަލާމަތީ މުއައްސަސާތަކުން އަބަދު އެކިޔަނީ ވަސީލަތެއްނެތޭ ، ހުވާކޮށްގެންތިބި ބޭކަލުންގެ ދިރިއުޅުމުގެ ހާލަތުދަށޭ ، އެކަންކަން ނޫންތޯ ފުރަތަމަ ރަނގަޅުކުރަންވީ ،
    މަޖިލސް މެމްބަރަކަށްވީމަ ، ތަނެއްގެ އެމްޑީއަކަށްވީމަ ، ނޫނީ ވަޒީރަކަށްވީމަ ހުރިހާ އެއްޗެއް ހުރިތަނަކުން ހޯދާފަވެސްދޭ ، އެކަމަކު ސަލާމަތީ ޚިދުމަތުގައި ތިއްބަވާ ބޭކަލުންނަށްވީމަ ބަޖެޓެއްނެތް ، ހުރިއެއްޗެއް ބޭނުންކޮށްލާ !!! މީ ކޮންވާހަކައެއް ؟؟؟