ގޭސްޓްރިކްވާތީ އާއި ހޮޑުލާތީ ކުޑަކުދިންނަށް ދޭ ބޭހެއް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސްފުޑުް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއް ކަމަށްވާ އެމިޑަން ސަސްޕެންޝަން (Emidone Suspension (Domperidone))ގައި ޑައިއީތައިލީން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭތު ކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.

އެހެން ކަމުން މިއަދުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑިއޭއިން ވަނީ ބުނެފައެވެ. އަދި މި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

އެ އޮތޯރިޓީން އިތުރަށް ބުނީ އަމިއްލަ ބޭނުމަށް ބޭސް ސިޓީއަށްވެސް މި ބޭސް އިމްޕޯޓު ކުރުމަކީ މަނާކަމެއް ކަމަށެވެ.

ފަހަކަށް އައިސް ރާއްޖެ އެތެރެކުރާ ބޭސްތަކުގެ ކޮލިޓީ ދަށްވުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އަދި ބައެއް ބޭސްތައް ވިއްކުންވެސް އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.