ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ޑިމޮކްރަސީގެ ބައްޕަ އަށް ވެގެންނެވެ. ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ވެގެންނެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް އައުމުގެ ކުރިން ވެސް ވެރިކަމުގައި ހުންނަވައިގެން ވެސް އަދި އޭގެ ފަހުން ވެސް ކުރެއްވި ކަންތައްތައް ފެނުނީ ވަރަށް ހުދުމުހުތާރު ކޮށެވެ. އެކަމުގެ ތަފްސީލްތައް ވަރަށް ދިގުކޮށް ލިޔެވިދާނެއެވެ. ނަމަވެސް މިލިޔުމުގައި ބަލާލާނީ ރޭ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ. ރައީސް ނަޝީދު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ޑިމޮކްރަސީ އާއި ބީރައްޓެހި ކަންތައްތައް އެހެން ފުރުސަތެއްގައި ލިޔާނީއެވެ.

ރައީސް ނަޝީދު ރޭ ފުރަތަމަ ވާހަކަފުޅަކަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނެ ވާހަކައެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނީ އެމަނިކުފާނު އިދިކޮޅު ލީޑަރުންނާއި ގުޅިގެން އުފައްދަވާ "އެއްބައިވަންތަކުގެ ސަރުކާރުގެ" މަޝްވަރާ އާއި އެކު އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ރާއްޖޭގެ ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމެއް ބޭނުން ނޫންކަމާއި، ބޭނުވަނީ ރިޔާސީ ނިޒާމެއް ކަމަށް 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ނިންމާފައެވެ. ރާއްޖޭގައި އޮންނަން ފެނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން އެދުވަހު ނެގި ވޯޓްގައި ވޯޓްލީ މީހުންގެ 62.05 އިންސައްތަ ރައްޔިތުން ބުނީ އެމީހުން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ބަރުލަމާނީ ނިޒާމެއް ބޭނުންވާ ކަމަށް ބުނީ އެންމެ 37.95 އިންސައްތަ މީހުންނެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި ވަރަށް މަތީ އަޣުލަބިއްޔަތަކުން ނިންމާފައިވާ ވެރިކަމުގެ ނިޒާމްގެ އެންމެ އަސާސީ ސިފަ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ތިން ސިޔާސީ ލީޑަރުން ބޭނުންވާ ގޮތައް ބަދަލުކޮށްލާނަމަ ތިވިދާޅުވީ ޑިމޮކްރަސީ ކޮބައި ހެއްޔެވެ؟ ތިވިދާޅުވާ ރައްޔިތުންނަށް ފެންނަ، ރައްޔިތުންގެ ބަސް ކޮބައި ހެއްޔެވެ؟ ޑިމޮކްރަސީގެ އަސާސު ކަމަށްވާ ރައްޔިތުންގެ ވޯޓުން ނިންމި ނިންމުމުގެ ބާރު ކޮބައި ހެއްޔެވެ؟

ދެން ރައީސް ނަޝީދު ރޭ ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލިސް އަށް އިތުރު ދައުރެއް ދެއްވާނެ ކަމަށެވެ. މާނަ އަކީ އިންތިޚާބަކާއި ނުލާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ކުރައްވާނަމެވެ. ކަނޑައެޅިގެން ޑިމޮކްރަސީ އާއި ބީރައްޓެހި، ޤާނޫނީ ދުސްތޫރާއި ހިލާފު ވާހަކަފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އެބައޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ނުވަަތަ ކޯޓަކުން ބޭނުންވި ނަަމަވެސް ދިގު ދެންމޭނެ މުއްދަތެއް ނޫނެވެ. ހާއްސަ ހާލަތެއް ދިމާވެގެން، އިންތިޚާބު ނުބޭއްވިއްޖެ ހާލަތެއްގައި ފިޔަވައި މަޖިލީހުގެ ދައުރު ދިގު ކުރެވޭނެ ހަމައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ޤާނޫނު އަސާސީ އާއި ޤާނޫނުގައި ބުނެފައި އޮތް ވާހަކަ ކޮބައި ހެއްޔެވެ؟ ޑިމޮކްރަސީގައި ޤާނޫނަށް ތަބާވުމާއި ޤާނޫނަށް ބޯލެނބުން އޮންނަ އިރު ރައީސް ނަޝީދު ޤާނޫނަށް ތަބާވެ ޤާނޫނަށް ބޯލަނބަން ނުޖެހެނީ ހެއްޔެވެ؟ ވެރިކަމަށް އަންނަ ބޭފުޅަކު ބޭނުން ވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އުމުރު ދުވަހު މެންބަރުކަމުގައި ތިއްބެވޭނެ ގޮތެއް އޮންނަ ނަމަ ޑިމޮކްރަސީގެ ވާހަކަ ދައްކާނީ ދެން ކިހިނެއް ހެއްޔެވެ؟

ސަރުކާރުން ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނަގާތީ އެކަމާއި ކަންބޮޑުވެން ރައީސް ނަޝީދު އެވާހަކަފުޅު ވެސް ދެއްކެވިއެވެ. ދުނިޔޭގެ އިޤުތިޞާދު ފާއިތުވި ގަރުނުގައި ކޮންޓްރޯލް ކުރީ ހުޅަނގުގެ ގައުމުތަކުން ކަމަށް ވީނަމަ މިއަދު ދުނިޔޭގެ އިޤުތިޞާދުގެ ބާރުވެރިންނަކީ އޭޝިއާގެ ގައުމުތަކެވެ. ހާއްސަކޮށް ޗައިނާ އެވެ. ފައިސާ ހޯދަން ޗައިނާ ކައިރިއަށް ދަނީ ދިވެހިރާއްޖެ އިން އެކަންޏެއް ނޫނެވެ. އެންމެ ބާރުގަދަ އެމެރިކާ އިން ވެސް ޗައިނާ އަތުން ލޭންދޭނަށް ފައިސާ ނަގައެވެ.

އަޅުގަނޑުމެންގެ ރާއްޖެ އަށް ބައްލަވާށެވެ. ވަރަށް ގިނަ ބޭންކްތައް އެބަހުއްޓެވެ. ނަމަވެސް ލޯނެއް ނަގަން ބޭނުންވާ އާދައިގެ ރައްޔިތު މީހާ ލޯނެއް ބޭނުން ވާއިރަށް ދުއްވައި ގަންނާނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިމާއަށެވެ. އެއީ ލޯން ލިބޭނީ ފަސޭހައިން ލޯން ދޫކުރާ ބޭންކަކުން ކަމަށް ވާތީއެވެ. މިމިސާލު މުޅި ދުނިޔޭގައި ވެސް ހިނގައެވެ.

މުހިންމީ ޗައިނާ، އިންޑިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ އެއް ވެސް ނޫނެވެ. މުހިންމީ ދިވެހިންގެ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ޗައިނާ އާއި ވަކިވެ، އެހެން ގައުމެއްގެ އުނގަށް އެރިގެން މިއަދު ދިވެހިރާއްޖެ އަށް ލިބޭނެ އިޤުތިޞާދީ ފައިދާއެއް ނެތެވެ.

ޑިމޮކްރަޓިކް ވެރިންނަކީ ގައުމުގެ އިސްތިޤުލާލު ދިފާޢުކޮށް، ގައުމުގެ އިޤުތިޞާދު ކުރިއަރުވާން ވެސް އެނގޭ ބޭފުޅުންނަށް ވާން ޖެހެއެވެ. މިއަދު ދުނިޔެ ދައްކާ ޙަޤީޤަތް ގަބޫލު ކުރައްވަން ރައީސް ނަޝީދަށް ކެރިވަޑައި ނުގަންނަވާއިރު އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ދުނިޔެ މިއަދު މިދެކޭ މާހައުލުގައި ވެރިކަން ކުރައްވާނީ ކިހިނެއް ހެއްޔެވެ؟

ޑިމޮކްރަސީ އަކީ ވެސް ހަމަތަކަކާއި މިންތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ ނިޒާމެކެވެ. ޑިމޮކްރަޓިކް ގޮތަކީ މިއަދު މިއީއޭ ރައީސް ނަޝީދު ވިދާޅުވުމުން އެގޮތް އެއީ ޑިމޮކްރަސީ އަކަށް ނުވާނެއެވެ. އެއީ ޑިމޮކްރަސީ އަކީ ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް އެމަނިކުފާނު ބޭނުންފުޅު ގޮތަކަށް މޮޑެވޭނެ ފުއްގަނޑަކަށް ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުމީހާ

    ކަލޯ ހާދައަސަރެއް ތިކުރީ؟

  2. މުހައްމަދު

    މިނަޝީދުއަކީ ބޮޑުކޮހެއް!

  3. ޕޮފުބާ

    ހުދުމުޚުތާރު ކަމުގެ މިސާލު މިހާރުވެސް ދައްކަނީ ނަސީދު

  4. އެއްކަޅި

    ދައްކާ ވާހަކަ ދުވަހަކުވެސް ދެކޮޅު ނުޖެހޭނެ

  5. އަލީ

    ނަޝީދު ޑިމޮކްރަސީ މާނަ ކުރަނީ ހަމައެކަނި އޭނަގެ އަމިއްލަ ފައިދާ ވާހެން.

  6. ހުސޭނުބޭ

    އަޅެ އޭނާ ނޫން މީހަކަށް ޑިމޮކްރަސީ ނޭގެންޏާ ވާނީ އެހެންނެއްނު!