ޝަހާދަތުގެ ދެކަލިމައަކީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރު ކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާ ހާއްސަކޮށްފައިވަނީ ޝަހާދަތުގެ ދެކަލިމަ އާއި އޭގެ މާތްކަމުގެ މައްޗަށެވެ. އަދި އެ ދެކަލިމަ ދިރިއުޅުމާ ގުޅުވުމުގެ މުހިންމު ކަމާއި މި ކަލިމަތަކުގައި ހިފައިފި މީހާއަށް ހުރި ފައިދާގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

ޚުތުބާގައި ވިދާޅު ވަނީ ޝަހާދަތުގެ ދެކަލިމައަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގަލެއް ކަމަށާއި އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން އިންސާނާ ސަލާމަތްކޮށްދޭ މަގެއް ކަމަށެވެ.

"ﷲ تَعَالَى ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ." ޚުުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޝަހާދަތުގެ ދެކަލިމައަށް ފުރިހަމައަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި އެކަލާނގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެ ކަމަށް ޚުތުބާގައިވަނީ އަންގަވާފައެވެ.

ޚުތުބާގައި ވިދާޅުވެފައިވަނީ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށާއި ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާއަށް ކަމަށެވެ. އެހެންކަމުން ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ޝަރީޢަތުގެ މި ދެމަޞްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް ޢަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ޙަޔާތް ބައްޓަންކުރާ މީހަކަށް ވާނެއެވެ." ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ބުނާގޮތުން މާތް ﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވެއެވެ. އެހެނީ، މިއަދު އަހަރެމެންގެ ޖީބުގައި ވާ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވެއެވެ.

މި ފަސޭހަޔާއެކު ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާއަށް، ނުހަނު ފަސޭހައިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމު ކަމަށާއި ގާތްގަނޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ، އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތް ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ކޮންމެ ދުވަހަކުވެސް 5 މިނެޓް ހަދީސް ކިޔަން ހޭދަކޮށްފިނަމަ މަހެއްހާ ދުވަހުގެ ތެރޭގައި އެކަން އާދައަކަށް ވެދާނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޝަހާދަތުގެ ދެކަލިމައިގެ މާތްކަން ހާމަކުރަމުން ޚުތުބާގައި ވިދާޅުވެފައިވަނީ މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިޤުރާރުވާންވާނެ ކަމަށާއި މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވާ ކަމަށެވެ.

"އަހަރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރެމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިގައިވާ ކަމުގެ ނިޝާނެކެވެ. މިއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެކެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ޚުތުބާގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. އެހެންކަމުން އޭނާގެ ހަވާނަފްސު ކިތަންމެ ބޭނުންވިޔަސް، އިސްލާމީ ޝަރީޢަތުގައި ފާފައެއް ނުވަތަ ކުށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމެއްކުރުމަށް އޭނާ ފަސްޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ﷲ އާއި ރަސޫލާ ކަމަކަށް އަމުރުކުރައްވާފައި ވާނަމަ، ނުވަތަ ކަމެއް ނަހީކުރައްވާފައި ވާނަމަ އެކަމެއްގައި އިޙްތިޔާރު ލިބިގެން ނުވާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއަދު މާލޭގެ އިސްލާމީ މަރުކަޒުގައި މިންބަރަށް އަރާ އިނދެ، އިމާމު މީހާ އެންމެންގެ ކުރިމަތީގައި އަނގަޔަށް ފެން އަޅައިގެން ކޯ ދޮވެފައި އެ ފެން ބޯލައިފިއެވެ. އެކަމަކީ މިންބަރުގެ މަތީގައި މުސްލިމު އިމާމުން މީގެ ކުރިން ކުރައްވާފައިވާ ކަމެއް ނޫނެވެ. މިއަދު އިމާމު މީހާ އެކަން ކުރި މަންޒަރު ޓީވީން ވެސް ފެނުނެވެ. މިންބަރަށް އަރާއިނދެ އެފަދަ ހުތުރު ކަންކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގަން އެބަޖެހެއެވެ.

    1
    1