ރޭގަނޑާއި ދުވާލު، ނެތިމޮށުމާއި، މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން އިސްރާ އާއި މިއުރާޖުގެ ހާދިސާއިން އިބްރަތް ހާސިލްކޮށް އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައެޅުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.

އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަކީ މާތް الله ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެއް ކަމަށާއި އެއީ މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެއް ކަމަށެވެ. އިސްރާ އާއި މިޢުރާޖުގެ ހާދިސާއަކީވެސް ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރުއާނުން އަދި ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްފުޅުތަކުން ކަށަވަރުވެ ޔަޤީންވާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިޘާއެކެވެ. ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ ގެންދެވި ދަތުރު ފުޅެވެ. އަދި މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ ގެންދެވުނު ދަތުރުފުޅެވެ.

ޚުތުބާގައި ވިދާޅުވާ ގޮތުން ރަސޫލާގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާޞިލުވެ ވަޑައިގަތެވެ. އިސްރާ ދަތުރުފުޅުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން، އަލްމަސްޖިދުލް އަޤްޞާގައި ނަމާދުފުޅު ކުރެއްވިއެވެ. މިއީ އެކަލޭގެފާނަށް މާތް الله ދެއްވި ބޮޑު ޝަރަފެކެވެ. މި ބޮޑު ޝަރަފު ދެއްވީ އިސްލާމް ދީނަށްޓަކައި، އެދީނުގެ ރިސާލަތު ފެތުރުއްވުމަށް ލޮބުވެތި ރަސޫލާ ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅުގެ އިތުރުން އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން އެކަލޭގެފާނު ތާއިފަށް ވަޑައިގަތެވެ. އެހެންނަމަވެސް މުޝްރިކުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ކެތް ނުކުރެވިގެން ކީރިތި ރަސޫލާ މައްކާއަށް އެނބުރި ވަޑައިގަތީ ތާއިފުގެ އަހުލުވެރިންނަށް ހިދާޔަތް ދެއްކެވުމަށް އެދި ދުއާ ކުރައްވަމުންނެވެ.

ކީރިތި ރަސޫލާ މައްކާއަށް އެނބުރިވަޑައިގަތުމުގެ މަގުމަތީގައި ޢުތުބާއާއި ޝައިބާގެ ބަގީޗާގެ ބޭރުގައި އަރާމު ކޮށްލެއްވުމަށް މަޑުކޮށް ލެއްވުމުން މި ދެމީހުން އެމީހުންގެ ނޯކަރު ކުއްޖަކު އަތަށް ދީފައި ރަސޫލާއަށް މޭބިސްކަދުރު ކޯޅިއެއް ވެދުމަކަށް ފޮނުވިއެވެ. އެކަލޭނގެފާނު ބިސްމި ވިދާޅުވެފައި އެއިން މޭބިސްކަދުރެއް ފަރިއްކުޅުއްވަން ފެށްޓެވުމުން އެ ކުއްޖާ ސުވާލުކުރިއެވެ. އަދި އެއީ އެރަށު މީހުން ކިޔައި އުޅޭ އެއްޗެއް ނޫން ކަމަށް ނޯކަރު ކުއްޖާ ބުނުމުން ކީރިތި ރަސޫލާ އެ ކުއްޖާއަށް އިސްލާމްދީން ހުށައަޅުއްވައި ޤުރްއާނުގެ ބައެއް އާޔަތްތައް ވިދާޅުވެ ދެއްވިއެވެ. އެހިނދު މި ކުއްޖާ އިސްލާމް ވިއެވެ. މިއީ މި ދަތުރުފުޅުގެ ފުރަތަމަ މޭވާއެވެ.

މިދަތުރުފުޅުގެ ދެވަނަ މޭވާއަކީ، މައްކާއަށް އެނބުރި ވަޑައިގަތް މަގުމަތީގައި، ކީރިތި ރަސޫލާގެ އަރިހަށް ޖިންނީންގެ ޖަމާޢަތެއް ފޮނުއްވި ފޮނުއްވުމެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ ރިސާލަތަށް ޖިންނީންވެސް އިޖާބަދޭން ފެށިއެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ އަށް ދެއްކެވިއެވެ. އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބަޔެކެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ.

މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ. އަދި މި ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި މި ޙާދިޘާއަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ޙާދިޘާއެކެވެ. އެއީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ޢަމަލީ ޙާދިޘާއެކެވެ. މި ޙާދިޘާ ވެގެން ދިޔައީ މުއުމިނުންނާ ކުރިމަތިވި ބޮޑު އިމްތިޙާނަކަށެވެ. މި އިމްތިޙާނުން އެންމެ ފުރަތަމަ ދަސްވެނިވި ބޭކަލަކީ މާތްاﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަށް މި އިމްތިޙާނުގައި އައްސިއްދީގުުގެ ލަޤަބު ލިބިވަޑައިގަތެވެ.

މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ފަރުޝު 5 ނަމާދު ކަމަށާއި ކީރިތި ރަސޫލާގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެންދާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދީނުގެ ތަނބު ކަމަށާއި މަޙްޝަރުގެ ބިމުގައި ޙިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުން ކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު