ޝައުބާން މަހަކީ ޝައިތާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާ ނަފްސުގެ އެދުންތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނާ ގޮތުން ޝައުބާންމަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަވެގެންވާ މައްސަރެކެވެ. ސަބަބަކީ އެމަހަކީ ރަމަޟާން މަހަށް މަރުހަބާ ކިޔަމުން އަންނަ މާތްވެގެންވާ މައްސަރަކަށް ވާތީއެވެ. ޝައުބާން މަސް ފެށުމާއެކީ ރަމަޟާންމަހުގެ ކުލަތައް ފެނިގެންދާ ކަމަށާއި އެމަހަކީ ހެޔޮ އަމަލުތަކުގައި މީހުން އަވަދިނެތި އުޅޭ ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އަދި މިމަހަކީ ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިތާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރަމަޟާން މަސް މާތް ކުރައްވާފައިވަނ،ީ އެމަހުގައި ގަދަރު އުފުލިގެންވާ ރެއެއް ލައްވާފައިވާތީއެވެ. އެ ރޭގެ ސަވާބާއި ދަރުމަ ހޯދުމަށްޓަކައި ޝައުބާންމަހުން ފެށިގެން މުސްލިމުން ތައްޔާރީތައް ވުމަށް ކީރިތި ރަސޫލާވަނީ އަންގަވާފައެވެ.

"لَيْلَةُ اْلقَدْرِވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." މާތް الله ވަޙީކުރައްވާފައި ވެއެވެ.

ކޮންމެ އިންސާނަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމުގައި ދެމިހުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ދާއިމީ ގޮތެއްގައި ކުރެވޭ ހެޔޮ އަމަލަކީ އެންމެ ހެޔޮކަން ބޮޑު އަމަލެވެ. އިންސާނާގެ އުމުރު ހުސްވެ މި ދުނިޔެއާ ވަކިވެދާނެ ވަގުތެއް އެއްވެސް މީހަކަށް ނޭގޭނެ ކަމަށާއި ނަމަވެސް ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެއް ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވާ ގޮތުން ހެޔޮ ކަންތަކާއި ހެޔޮ އަމަލު ކުރެވޭނީ އިންސާނާ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮ އަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

"ކޮންމެ އަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ އަމަލެކެވެ. މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައެވެ. ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނަނީ މާތްވެގެންވާ ޝައުބާންމަހުގައި ހެޔޮ އަމަލުތައް ގިނަކޮށް ގަސްދަކާ ނުލައި ކުރެވޭ ފާފައިން ސަލާމަތް ވުމަށެވެ. އަދި ދައްކާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި އެކަލޭގެފާނުގެ އަމަލުފުޅުތަކަށް ތަބައަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ޝައުބާންމަހު ސުންނަތް ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ. އޭގެ ސަބަބުން ރޯދަމަހު ކޮންމެ ދުވަހަކު ރޯދަ ހިފަން ޖެހޭތީ، އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. ކީރިތި ރަސޫލާ އާއި މާތް އަޞްޙާބުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން، ވެސް ޝައުބާން މަހު ސުންނަތް ރޯދަ ހިފިކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.

މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން ކަމަށާއި މުސްލިމުންނަކީ އަގީދާ އާއި އަމަލުން މުސްލިމުންނަށް ވާންޖެހޭ ބައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިގުން ކަމަށް ބުނެފައިވެއެވެ.

ސުވަރުގެއަށް ދިޔުމަށް މަގުކޮށާކަމުގައި ވާނަމަ، ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތަށް އަމަލު ކުރުމަށާއި "ތިމަންނައަށް ނޭނގެއޭ" ބުނެ ބަރަކާތާއި ރަހްމަތުގެ ދުވަސްތައް ނަގައި ނުލުމަށް މިއަދުގެ ހުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ. އަދި ނޭނގޭ ކަންތައް އަހައި އޮޅުން ފިލުވުމަށާއި އިސްލާމްދީނުގެ ހުކުމްތަކާއި ދަރުސްތައް އަޑުއަހައި ތިމާގެ އަމިއްލަ ނަފްސު އިސްލާމީ އިލްމުން މުއްސަނދިކޮށް، ޒީނަތްތެރި ކުރުމަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު