ނަބަވީ ސުންނަތާއި ތައުހީދަކީ އޭގައި ހިފައިފި ނަމަ ދެ ދުނިޔޭގައިވެސް ބާއްޖަވެރިކަން ލިބިދޭ އެއްޗެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވެފައިވާގޮތުގައި މިމަތިވެރި އިސްލާމް ދީނުގެ އަސާސަކީ ތައުހީދެވެ. އެހެންކަމުން ކީރިތި ރަސޫލާ މައްކާގައި ތޭރަ އަހަރު ހޭދަ ކުރެއްވީ، މިދީނުގެ އަސާސް ކަމުގައިވާ ތައުހީދަށް ގޮވައިލެއްވުމުގައެވެ.

"މިދީނަކީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ ހަމައެކަނި ދީނެވެ. އެކަލާނގެ ޤަބޫލު ކުރައްވާ ހަމައެކަނި ދީނެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ތައުހީދަކީ އޭގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ އެއްޗެކެވެ. ޚުތުބާގައި ވިދާޅުވަނީ ކީރިތި ރަސޫލާ ތައުހީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމަށާއި އެންމެ ފުރިހަމަ ގޮތުގައި ތައުހީދުގެ ހުރިހާ ބައިތަކެއް ޙިމާޔަތް ކުރެއްވި ކަމަށެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ އެކަލާނގެ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށެވެ. އަދި ޚަލްޤު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިދޭ ކަމަށާއި މާތް ﷲ އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަސްލު ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ހާސިލްކޮށް ދެއްވުން ކަމަށް ޚުތުބާގައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވިޔަސް ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަން ކަމަށެވެ. އަދި މަހްލޫގުންނާއި ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ހަލްގުތަކުން ހަލްގު ކުރެއްވި ހާލިގަކު ވާކަން ކަމަށާއި، އަދި ކޮންމެ ސޫރައެއްގެ ފަހަތުގައި އެ ސޫރަ ކުރި ފަރާތެއްވާނެކަން ކަމަށް ޙުތުބާގައި ވެއެވެ.

"އުޑާއި ބިން އުފެއްދެވުމާއި، ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި، ގަސްގަހާގެއްސާއި މޭވާތަކާއި، އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން، ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ. މަޚްލޫޤުން ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޚާލިޤަކު ވާކަމެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ سُبْحَانَهُ وَتَعَالَى އަށް އަދާކުރަންޖެހޭ ހައްގާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ހައްގު ބަޔާން ކުރައްވާފައިވާ ކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ. މިދުނިޔެމަތީގައި އެންމެ މަތިވެރި ކަލިމަ ކަމަށްވާ ޝަހާދަތުގެ ދެކަލިމަ އަކީ ދީނާއި މިއްލަތުގެ އަސްލު ކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ހަމައެެއާއެކު ރަސޫލު ބޭކަލުން، އެބޭކަލުންގެ ޤައުމުތަކަށް ރިސާލަތު ފެއްޓެވީ އެ މަތިވެރި ކަލިމައިން ކަމަށްވެސް ޙުތުބާގައި ވެއެވެ.

މާތް الله އިންސާނުން ހައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްވާއިރު، އެ އަޅުކަން އަޅުކަމެއްގެ ގޮތުގައި ބެލެވޭނީ ނުވަތަ އަޅުކަމަކަށްވާނީ ތައުޙީދާ އެކުގައި ކަަމަށްވެސް ޚުތުބާގައި ހަނދާން ކޮށްދެއްވާފައި ވެއެވެ. އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، އެއަޅުކަމެއް ފާސިދު ވާނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިއަދުގެ ޚުތުބާގައި އެނގިގެން ހިނގައްޖެ ﷲ އަށް އަޅުތަކުން އަދާކުރަން ޖެހޭ ޙައްޤުތަކެއް ވާ ކަމާއި އެއީ ކަން އެންމެ ބޮޑު ޙައްޤަކީ. އަދި އެ ޙައްޤު އަދާކޮށްފި ނަމަ އެކަލާނގެ އަޅުތަކުންނަށް ދެއްވައި ދަރުމަކުރައްވާނެ ޙައްޤު. މީގެ ކުރިން އަހަރަމެންނަށް އިނގެނީ އަންހެނުންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކެއް އޮންނަކަން. ފިރިހެނުންގެ ޙައްޤެއް ވާކަމެއްވެސް ނޭނގެ. ފުރަތަމަ މި ޤާނޫނުތަކުގެ ހުރި އުނިކަން އެއީ. މިއަދު އެނގިއްޖެ އެންމެ ބޮޑު ޙައްޤެއް އިންސާނުން އަދާކުރަން ޖެހޭނީ ﷲ އަށް ކަން. ޙައްޤުތަކަށް ގޮވާލައި ޙައްޤުތަކަށް ވަކާލާތުކުރާ މެންބަރުންނާއި ރައްުޔިތުންވެސް އެ ނަބަވީ ޙަދީސާއި މެދު ވިސްނާލިންތޯ ސުވާލަކީ.

  2. Anonymous

    ޚުތުބާ ނިމިގެން ދިޔައިރުވެސް ތައުހީދާއި ﷲ އެއްކައުވަންތަކުރުމާއި އޮތީ ވަކިން ގެނެއްސައި.އެއްފަހަރު ތައުހީދު. އަނެއް ފަހަރު ﷲ އެއްކައުވަންތަކުރުން.
    ދަންނައެ. ތައުހީދުގެ މާނައަކީ ﷲ އެއްކައުވަންތަކުރުން. އެއީ لا الاه الا الله ގެ މާނަ. ޙައްްޤު ގޮތުގައި އަޅުކަންވެވުން ޙައްޤުވާ އެހެން އެއްވެސް ފަރާތެއް ނެތޭ ﷲ ފިޔަވައި. ތައުޙީދާއި ނުލައި ކުރާ އެއްވެސް އަޅުކަމެއް ﷲ ޤަބޫލެއް ނުކުރައްވާނެ. ތައުޙީދުގެ އިދިކޮޅަކީ ޝިރުކުކުރުން. ޝިރުކުކުރެވޭ އެތައް ގޮތެއް ހުރޭ. ދެން އަންނަ ޚުތުބާގައި ތައުޙީދުގެ ބައިތަކާއި ޝިރުކަކީ ކޮބައިކަމާއި ތައުޙީދުގެ މަތީގައި ސާބިތުވެ ހުރެވޭނީ ކިހިނެއް ކަމާއި، ޝިރުކުގެ ބައިތަކަށް ޤުރުއާނާއި ސުންނަތަކުގެ އަލީގައި ތަންކޮޅެއް އަލިކޮށް ތަފްސީލުކޮށް ބަޔާންކުރުމަށް ގޮވާލަން. ނޫނީ ރާއްޖޭގެ މިސްކިތްތަކުގައި ދަރުސްތައްވެސް މި މައުޟޫއަށް ދިނުމަށް ގޮވާލަން. ސަބަބަކީ އެއީ ތައުޙީދަކީ މުސްލިމުންގެ ފުރަތަމަ ފިލާވަޅު ކަމަށް ވެފައި ގިނަ ބަޔަކު މި ބައިގައި ޢާފިލްވެފައި ވާތީ. ރާއްޖެތެރޭގެ ގިނަ މިސްކިތްތައްވެސް މިއަދު ވެފައި އޮތީ ހަމައެކަނި ބަންގި ގޮވައި ނަމާދުކޮށްލާ ތަނެއްގެ ގޮތުގައި. ރަށްރަށު ކައުންސިލާއި ސަރުކާރުންވެސް ބިން ހިއްކުމާއި މަގުތަކާއި ބުރިޖުތައް އަޅައި މާއްދީ ތަރައްޤީ ގެންނަ ވަރަށް ވުރެ އިތުރަށް ދިވެހީންގެ ކިބައިގައި ދީނުގެ ޢަޤީދާ ހަރުދަނާކޮށްގެން ނޫނީ އަމާން ޢަދުލުވެރި އުފާވެރި މުޖުތަމަޢެެއް ނުލިބޭނެ.