ލިބެމުންދާ އަނިޔާތަކަށް ކެތްކޮށްގެން، އަމިއްލަ ވަތަން ދޫކޮށް ނުދާން އަޒުމު ކަނޑައަޅައިގެން ތިބި ފަލަސްތީނުގެ ރައްޔިތުން ދައްކަމުންދަނީ ވަތަން ދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުންގެންދާ ހަމަލާތަކާއެކުވެސް ފަލަސްތީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަތަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުން ކަމަށާއި މިއީ މިއަދު ފެންނަމުންދާ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް ކަމަށެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި، ވަތަން ދެކެ ލޯބިވާ މީހާ ތިމާގެ ފުށުންވާ ގޯނާތަކާއި، ދުއްތުރާތަކުން ވަތަނުގެ ކޮންމެ ރައްޔިތަކު ސަލާމަތްކޮށްދޭން ބޭނުންވާނެއެވެ. އަދި މުޖުތަމައުއަށް ރައްކާތެރިކަމާއި ސަލާމަތް ގެންނަން ބޭނުން ނަމަ ވަތަން ދެކެ ލޯބިވުމަށް ހުތުބާގައި ވަނީ ގޮވާލައްވައިފައެވެ.

"މުޖުތަމައަށް އަމާންކަން ލިބޭނީ، މުޖުތަމައުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެންނެވެ. ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިދެވިގެންނެވެ. ކޮންމެ މީހަކު ވެސް މުޖްތަމައު އެއްބައިވަންތަ ކުރުމަށް އެދިގެންނެވެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

ވަތަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ތަބީއަތުގައިވާ ކަމެއް ކަމަށާއި އިސްލާމްދީނަކީ އިންސާނީ ފިތުރަތާއި، އިންސާނިއްޔަތުގެ ދީން ކަމުގައި ވާތީ، އެ ދީން އެކަމާ ދެކޮޅެއް ނަހަދާނެ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އަދި މީހެއްގެ ދީނާއި ޢަޤީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަތަން ކަމަށް ވިދާޅުވެފައިވެއެވެ.

ޖަނަވާރުތައްވެސް އެތަކެތީގެ މާހައުލު ދެކެ ލޯބިވާ ކަމާއި، އާދައާހިލާފު ފިނި ސަރަހައްދުތަކާއި ސަހަރާތަކާއި ބޯ ޖަންގަލިތަކުގައި ދިރިއުޅޭ އިންސާނުންވެސް، އެބިންތަކުގައި ދިރިއުޅުމުގެ ބުރަތައް އުފުލައ،ި އެތަންތަން ދޫކޮށް ނުދަނީ ވަތަން ދެކެވާ ލޮތްބެއްގެ ބޮޑުކަމުން ކަމަށް ވިދާޅުވެ، ހުތުބާގައި އެ މިސާލު ނެގިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު މި ބިމަކީ ބަރަކާތުން ފުރިގެންވާ ފަސްގަނޑެއް ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ. އަދި އެ ޢަޤީދާއިން މި ވަތަން ބޭރަށް ލެވޭތޯ މަސައްކަތް ކުރާ ޖަމާއަތްތައް ގިނަ ކަމަށާއި، އެފަދަ ނުބައި ރޭވުންތަކުން ވަތަން ސަލާމަތްކުރަން ޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

"މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނައެވެ. މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އަހަރެމެން އެކަތިގަނޑަކަށް ވާން އެބަޖެހެއެވެ. މިކަމުގައި އަހަރެމެންގެ ބަސް އެއް ބަހަކަށް ހަދަން އެބަޖެހެއެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ފަރުދީ އުނިކަން ފޫބެއްދުމަށްޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާއަތުގެ މަސްލަހަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވަތަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ހިއްސާ އަދާކުރުން ހިމެނޭ ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

"ޤައުމު ބިނާކުރުމުގައި ބައިވެރި ވުމަކީ، ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި، ކޮންމެ މީހަކުވެސް އެ މީހާގެ ޤާބިލުކަމާއި ހުނަރުވެރިކަމުން ޤައުމު ބިނާކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ޞާލިޙު އިންސާނުންތަކެއް ބިނާކުރުމާއި، ކޮންމެ މީހަކުވެސް ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންކަމެވެ.

ތައުލީމު ހާސިލުކުރުމަށް ފަހު، ޤައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ޤައުމުގައި ރިވެތި އަހުލާގާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަހުލާގީ އަމަލުތަކުން ޤައުމު ތާހިރު ކުރުމަށް މަސައްކަތް ކުރުންވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭ ކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    ވަތަން ބާއްވާ! މުސްލިމުއުންމަތް މުހިންމީ! އެއްމެން މުސްލިމުންނަށް ވީތީ މިތިބެވެނީ އެއްބައިވަންތަކަމާއިއެކު!

    4
    1
  2. އަހަންމަދު

    ފަރުދުން ރަގަޅުވާށޭ ކިޔާއިރު ކަލޭމެން ފުރަތަމަ ރަގަޅުވެބަލަ! ކަލޭމެންވެސްތީ ފަރުދުންނެވެ. ސަލްމާނު މިސްކިތުގެ އެއާކޮން ރަގަޅުނުކުރެވޭބަޔަކު އެހެންމީހުން ރަގަޅުވާށެ ކިޔައިގެން އަގަނާރުވާ އިސްތިއުފާ ދިނިއްޔާ ގާބިލުބަޔަކު ތިޔަ މިނިސްޓްރީއާ ހަވާލުވުމުގެ ފުރުސަތު
    ބޮޑުވާނެ.