ރަމަޟާން މަހަކީ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާ ހާއްސަ ކުރެވިފައިވަނީ ރަމަޟާން މަހަށް އިސްތިޤުބާލު ކިޔައި ރަމަޟާން މަހުގެ ނަފާ ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވުމަށެވެ.

ޚުތުބާގައި ވިދާޅުވާ ގޮތުން ރަމަޟާން މަސް މުސްލިމުންނާއި ބައްދަލު މިކުރަނީ ހެޔޮ ޚަބަރުތަކާއިގެންނެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުންކުރަން އަތުކުރި އޮޅައިލާ މިމަހުގެ މާތްކަން ހާސިލްކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

"ރަމަޟާން މަހާ ބައްދަލުވެ ފާފަތައް ނުފޮހެވި އެ މަހާ ވަކިވެގެންދާ މީހާއަށް ހަލާކު ހުށްޓެވެ." ރަސޫލާ ހަދީސްކުރެއްވިއެވެ.

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައި ކަމަށާއި އެއީ ކިޔަމަންތެރިވުމުގެ މޫސުން އަދި ހެޔޮކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތަކަށް ވާތީ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

މުއުމިނު އަޅުންނަށް މި މަހަކީ ހެޔޮކަން ބޮޑުވެގެންވާ ބަރަކާތުން ފުރިގެންވާ މައްސަރެއްކަން ފާހަގަކުރައްވަމުން ޚުތުބާގައި ވިދާޅުވީ އެއީ ވަރަށް އަވަހަށް ވަކިވެގެން ހިނގައިދާނެ މަދު ދުވަސްކޮޅެއް ކަމަށެވެ. އެހެންކަމުން ރޯދަހިފުން ބުރަކަމަކަށް ނަހަދާ އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ވަނީ ގޮވާލާފައެވެ.

"ރޯދަމަހުގެ ޙުރުމަތް ނުކަނޑާށެވެ! ރޯދަހިފުމުން ލިބޭ ޘަވާބުގެ މަތިން ހަނދުމަކޮށް ރޯދަ ހިފާށެވެ! ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެއެވެ. އެ ދުވަހުން އޭނާއަށް އެހީވާނެ އެއްވެސް ފަރާތެއް ނުލިބޭނެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައި ގޮވާލާފައިވަނީ ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރާށެވެ! ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރާށެވެ! ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނާށެވެ! ތަރާވީޙު ނަމާދާއި، އިޢުތިކާފަށް އިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ރޯދަމަހުގައި ރޭ އަޅުކަމުގައި ވަގުތު ހޭދަކޮށް ދީނުގައި ނަހީކުރެއްވި ކަންތައްތަކުން ދުރުހެލުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

"މުސްލިމް އަޚުންނޭވެ! ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ޘަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާއެވެ. ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. އަދި ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރިރަސްކަލާކޮ! ދުވާލުގެ ވަގުތުގައި، ކެއުންބުއިމާއި ޝަހުވަތްތަކުން މިއަޅާ އޭނާ މަޙްރޫމު ކުރުވީމެވެ. ފަހެ، އޭނާއާމެދު މިއަޅާގެ ޝަފާޢަތް ޤަބޫލު ކުރައްވާނދޭވެ! އަދި ކީރިތި ޤުރްއާން ދަންނަވާނެތެވެ. ރޭގަނޑުގެ ނިދިން މިއަޅާ އޭނާ މަޙްރޫމު ކުރުވީމެވެ. ފަހެ، އޭނާއާމެދު މިއަޅާގެ ޝަފާޢަތް ޤަބޫލު ކުރައްވާނދޭވެ! ފަހެ، އެމީހަކާ މެދު، ކީރިތި ޤުރްއާނާއި ރޯދައިގެ ޝަފާޢަތް މާތް ﷲ ޤަބޫލު ކުރައްވާނެތެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު