މުސްލިމުންގެ މައްޗަށް ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިކަން ހާސިލް ކުރުމަށްޓަކައިކަން މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ގޮވާލައްވާފައި ވަނީ ރަމަޟާންމަހަކީ ހިކުމަތްތަކުން ފުރިގެންވާ މައްސަރެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި ތަޤުވާވެރިވުމަށެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، ތަޤުވާވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށާއި މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީބައި އިތުރުވާ ކަމަށް ޚުތުބާގައި ވެއެވެ. އަދި ނުބައިކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވެ، ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުންވެސް ހުއްޓާލެވޭ ކަމަށާއި ރޯދަވެރިންނަށް ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްކުރެވޭނެ ކަމަށާއި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ." މާތްﷲ ވަހީކުރައްވާފައިވެއެވެ.

ރޯދަ ފަރުޟުކުރެއްވުމުގައި ގިނަ ޚިކުމަތްތަކެއް ފޮރުވިފައިވެއެވެ. ރޯދައަކީ ﷲ تَعَالَى ގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމުގައި ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ވިދާޅުވާ ގޮތުގައި ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، ހުރިހާ ޝަހުވާނީ އެދުންތަކުން، ނަފުސު، ހިފަހައްޓައެވެ. އަދި ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާ ކަަމަށާއި ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށް ޙުތުބާގައި ވެއެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ޚުތުބާގައި ވިދާޅުވީ ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއް ކަމަށާއި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުންވެސް ހިމެނޭ ކަމަށެވެ. އަދި ރޯދައަށް ހުންނައިރު ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދި ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ ކަމަށް ޙުތުބާގައި ވެއެވެ.

އެހެންކަމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ރޯދަވެރިޔާގެ ނަފުސު އެދި ގޮވާނެ ކަމަށާއި އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ދޭއިރު ނަހީކުރެއްވި ކަންތައްތަކާއި ދުރުހެލިވެވޭ ކަމަށް ޚުތުބާގައި ވެއެވެ. އަދި ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލާ ނުބައި ޢަމަލުތަކާ ދުރުހެލިކުރުވާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުވާ ފަދައިން، ޝައިޠާނާ، އޭނާއަށް ވަސްވާސްދިނުމުގައި ދެމިހުރެއެވެ." ރަސޫލާ ހަދީސްކުރެއްވިއެވެ.

ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، މާތްﷲގެ އެންގުންތަކަށް ބޯލަނބައި ކީރިތި ރަސޫލާގެ ސުންނަތަށް ފުރިހަމައަށް ތަބާވެގެންކަން ޚުތުބާގައި ހަނދާންކޮށްދެއްވާފައި ވެއެވެ. ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމަކީ ރޯދައިގެ އެންމެ މުހިންމު އެއް ހިކުމަތްކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު