ރަމަޟާން މަހުގައި ހޭދަކޮށް، ރަމަޟާން މަހުގައި ނަމާދަށް ފަރުވާތެރިވެ، ބަރާބަރަށް މިސްކިތަށް އަރާ އުޅުމަށްފަހު އެމަސް ނިމުމުން މިސްކިތްތައް ދޫކޮށްލާ މީހަކަށް ވެގެން ނުވާނެ ކަމަށް ޚުތުބާގައި ވަސީއަތް ކޮށްފިއެވެ.

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަސަ އަލްވަދާއު ކިޔާ އިރު، އަމިއްލަ ނަފްސާ ކުރަން ޖެހޭ ސުވާލަކީ، ރަމަޟާން މަހުގެ ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ ކުރެވޭ ސުވާލި ކަމަށެވެ.އެ ސުވާލުގެ ޖަވާބު ދެއްވުމަށް އިލްމުވެރިން ބަޔާން ކޮށްފައިވާ ގޮތަކީ ރަމަޟާން މަސް ނިމުމަށްފަހުގައިވެސް ހެޔޮ ކަންތަކުގައި ދެމިހުރުން ކަމުގައި ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

"ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮ ކަންތަކުގައި ދެމި ހުރެވިއްޖެ ނަމަ، އެއީ އޭނާގެ ރޯދަ ﷲ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެކެވެ. އެއާ ޚިލާފަށް އެ މައްސަރު ނިމި ދިޔުމަށްފަހު އަޅުކަމާއި ދުރަށް ދެވޭ ނަމަ އޭނާގެ ރޯދަ ﷲ ޤަބޫލު ނުކުރައްވާ ކަމުގެ އަލާމާތެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ހުތުބާގައި ބުނެފައި ވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހުގެ އަޅުކަމުގައި ވަރަށް ބޮޑަށް ހީވާގިވެ އުޅެ، ރަމަޟާން މަހުގެ ގިނަ ނަމާދުތަކަށް ޖަމާއަތަށް މިސްކިތަށް އެރުމަށްފަހު ޢީދު ނަމާދާއެކު މިސްކިތާ އަލްވަދާއު ކިޔާ މީހުން ކަމަށެވެ. އެހެން ނަމަވެސް އެއީ މުއިމިނުންގެ ގޮތް ނޫން ކަމަށާއި، މުއިމިނުންނަކީ ހެޔޮ އަމަލުތައް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ރަމަޟާން މަހުގައި ކުރި ރޭ އަޅުކަމާއި، އެފަދަ އެހެންވެސް އަޅުކަންތަކަށް ބޮޑާވެ ނުގަތުމަށާއި، ރަމަޟާން މަހަށްފަހުވެސް، ޒިކުރު ކުރުމާއި ނަމާދު ކުރުމުގައި ދެމި ތިބުމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު