الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

ލުޣަވީ މާނަ:

ޢަރަބި ބަހުގައި ބަހުގެ ގޮތުން އިސްތިޣުފާރުގެ މާނައަކީ ފާފަފުއްސެވުން އެދި ދެންނެވުމެވެ. އެބަހުގެ އަސްލަކީ (الغَفْرُ) އަލްޣަފްރު އެވެ. އެބަހުގެ މާނައަކީ ނިވާކޮށް ނުވަތަ ފޮރުވުމެވެ. ބުނެވެއެވެ. غَفَرَ اللهُ ذُنُوْبَهُ: سَتَرَهَا. ( އޭނާގެ ފާފަތައް ﷲ ސުބުހާނަހޫ ވަތަޢާލާ ޣަފަރަކޮށްދެއްވައިފިއެވެ. އެބަހީ: ޣަފަރަ: ފޮރުވައިދެއްވައިފިއެވެ)

އިޞްތިލާޙީ މާނަ:

ދުޢާއިން ނުވަތަ ތައުބާވުމުން ނުވަތަ އެނޫންވެސް ހެޔޮ ޢަމަލުތަކުން ފާފަ ފުއްސެވުން އެދި ދެންނެވުމެވެ.

އިބުނު އަލްޤައްޔިމް ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ” އިސްތިޣުފާރު، މި ލަފުޒު އެކަހެރިކޮށް އަތުވެއްޖެ ނަމަ އެބަހުގެ މުރާދަކީ ތައުބާވުމާއެކު ފާފަ ފުއްސެވުން އެދި ﷲ ޢައްޒަ ވަޖައްލައަށް ދެންނެވުމެވެ. އެއިލާހަކީ ފާފަފުއްސަވައި އަދި އޭގެ އަޘަރު ދުއްވައިލައި އަދި އޭގެ ނުބައިކަމުން ރައްކާތެރިކަން ދެއްވާ އިލާހެވެ. އަދި ސިތުރު ( އެކަމެއް ފޮރުވައިދޭ ދިނުން) މިމާނައިގައި ކޮންމެހެންވެސް އެކުލެވިގެންވެއެވެ. އެއީ އަންނަނިވި އާޔަތުގައި ވާ ފަދައިންނެވެ.

﴿فَقُلْتُ اسْتَغْفِرُ‌وا رَ‌بَّكُمْ إِنَّهُ كَانَ غَفَّارً‌ا﴾ [نوح: ١٠]

(މާނައިގެ ތަރުޖަމާއީ: އަދި ތިމަންކަލޭގެފާނު(އެބަހީ: ނޫޙު ޢަލައިހިއްސަލާމް) ދެންނެވީމެވެ. ތިޔަބައިމީހުންގެ ވެރިރައްބަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ. ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަ ފުއްސަވާ އިލާހުކަން ކަށަވަރެވެ.)

އިސްތިޣުފާރު މި މާނައިގައި ތައުބާ ހިމެނިގެންވެއެވެ.

ނަމަވެސް އެއްލަފުޒު (އެބަހީ: ތައުބާ އާއި އިސްތިޣުފާރު) އަނެއް ލަފުޒާ އަޅައި ކިޔައިފިނަމަ (އެޔާވަކިކޮށްދޭ އޭގެ ޚާއްޞަސިފައަކީ) އިސްތިޣުފާރަކީ: އިސްވެދިޔަ ކަންކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ދެންނެވުމެވެ. ތައުބާއަކީ އެމީހަކު ކޮށްފައިވާ ނުބައިވެގެންވާ ޢަމަލުތަކުން ރުޖޫޢަވެ އޭގެ ނުބައިކަމުން ކުރިޔަށްއޮތްތަނުގައި ރައްކާތެރިކަން ދެއްވުން އެދި ދެންނެވުމެވެ. އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.

﴿وَأَنِ اسْتَغْفِرُ‌وا رَ‌بَّكُمْ ثُمَّ تُوبُوا إِلَيْهِ﴾ [هود: ٣]

(މާނައިގެ ތަރުޖަމާއީ: އަދި ތިޔަބައިމީހުންގެ ވެރިރައްބަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ. އެޔަށްފަހު އެއިލާހަށް ތައުބާވާށެވެ.)

اهـ: އިމާމު އިބުނުލް ޤައްޔިމުގެ ބަސްކޮޅު ނިމުނީ.

وصلى الله وسلم على محمد و آله و صحبه أجمعين. آمين.