ނަމާދު ކުރިޔަސް، ރޯދަ ހިފިޔަސް، ގުރުއާން ކިޔަވައި އުޅުނަސް، ތަރިކަ މުދަލަށް އަރައިގަންނަ މީހާއަކީ އީމާންކަން ބަލިކަށި މީހެއް ކަމަށާއި، އެއީ ﷲގެ ދުޝްމަނުންނާއި އެއްފަދަ މީހެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ވާރުތަ މުދަލަށް ރައްކާތެރިވުމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައި ވަނީ މީހާ މަރުުވުމުން އޭނާ ދޫކޮށްލާފައިވާ ތަރިކައަކީ، އެ ބަހާނެ އުސޫލުތަކާއި، ގަވާއިދުތަކެއް، މާތްﷲ ކަނޑައަޅުއްވާފައިވާ އެއްޗެއް ކަމަށެވެ. އަދި ތަރިކަ މުދާ ބެހުމަށް މާތްﷲ ވަސިއްޔަތް ކުރައްވާފައިވާ ޙުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ތަރިކަ މުދާ ބެހުމާއި ގުޅޭގޮތުން، ނިސާ ސޫރަތުގެ 11،13،176 ވަނަ އާޔަތުގައި އެ މުދާ ބަހަންވީގޮތުގެ ތަފްސީލީ ގަވާއިދުތައް، މާތްﷲ ބަޔާންކޮށް ވަހީކުރައްވާފައިވާ ކަަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

"މި އާޔަތްތަކުން އެނގޭގޮތުގައި ތަރިކަމުދަލަކީ އެ މުދާ ބެހުން، މާތްﷲ ފަރުޟު ކުރައްވާފައިވާ އެއްޗެކެވެ. އެއީ ހެޔޮކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ނޫނެވެ. ތަރިކަ މުދާ ބެހުމުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް އިހްތިޔާރު ލިބިގެނެއް ނުވެއެވެ. އެ މުދާ ބަހަން ޖެހޭނީ މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ތަރިކައަކީ މާތްﷲގެ ހައްގު ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާނގެ ހައްގަކަށް އަރައިގަނެގެން ނުވާނެއެވެ". މިއަދުގެ ޙުތުބާގައި ވެއެވެ.

ޙުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ ދުޝްމަނުން އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުމަށްޓަކައި، ދައްކާ އަސާސެއް ނެތް ވާހަކަތަކުގެ ތެރޭގައި، ތަރިކަ މުދާ ބެހުމާއި، އިސްލާމް ދީނުގައި އަންހެނުނަށް އަނިޔާވެރިވެފައިވާހަކަ ވާ ކަަމަށެވެ. އަދި މާތް ﷲ ތަރިކަ މުދާ ބެހުމަށް އަންގަވާފައިވާ ގަވާއިދުތައް ބަދަލު ކުރުމަށް އެމީހުން ގޮވައިލި ކަމަށް ޚުތުބާގައި ވެއެވެ.

ޙުތުބާގައި ވިދާޅުވެފައި ވަނީ، މައްޔިތާ ދުނިޔެ ދޫކުރުމުން އޭނާގެ ކަށުކަމާއި ކެމީގެ ކަންކަމާއި، އޭނާގެ ދަރަނި އަދާކޮށް، ވަސިއްޔަތްތައް ފުއްދަން ޖެހޭ ކަމަށެވެ. އަދި ތަރިކަ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭނީ މިކަންކަން ފުރިހަމަ ކުރުމަށްފަހު ބާކީ ހުރި އެއްޗެއް ކަމަށް ޙުތުބާގައި ވެއެވެ.

އޭގެ އިތުރުން، ތަރިކަ މުދާ ބެހުމުގައި މައްސަލަ އުފެދޭ ކަންތައްތަކުގެ ތެރޭގައި ތަންތަން ބެހުން ފަސްކުރުމުގެ ސަބަބުން ނުކުންނަ މައްސަލަތައް ވާ ކަަމަށެވެ. އަދި ބައެއް ފަހަރަށް އެފަދަ ބައެއް ހަރުމުދާ ބޭންކުގައި ރަހުނުކޮށް، ދަރަނި ނެގުމުގެ ސަބަބުން ޖެހޭ މައްސަލަތައް ވެސް ވާ ކަަމަށް ޚުތުބާގައި ވެއެވެ. އަދި ބޭންކުގައި ހުރި އެކައުންޓުތަކާއި ކުޅުމުގެ ސަބަބުން އަޅުންނާއި، އުހްތުންނާ ދެމެދު ދެބަސްވުންތައް އުފެދި، ތިމާގެކަމުގެ ގުޅުން ކެނޑިގެންދާ ކަމަށް ޚުތުބާގައި ވެއެެވެ.

އެހެންކަމުން ވާރަތުވެރިޔާ ދޫކޮށްފައިވާ ތަރިކަ، މާތްﷲ އަންގަވާފައިވާ ގޮތަށް ބެހުމަށް އަވަސްވެގަތުމަށް ޚުތުބާގައި އަންގާފައި ވެއެވެ.

"ތަރިކަ މުދާ ބެހުމަށް އަވަސްވެގަތުމަކީ، ގާތް ތިމާގެ ކަމުގެ ގުޅުން ހަރުދަނާވެގެން ދާނެ ކަމެކެވެ. މި ގުޅުން ދެމި އޮތުމަށް އެހީވެދޭނެ ކަމެކެވެ".

އަދި ތަރިކަ މުދަލަށް އަރައިގަނެވޭ ވަރަށް ގިނަ ސަބަބުތައް ވާ ކަމަށް ޚުތުބާގައި ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އީމާންކަން ބަލިކަށިވުން ކަމަށް ޙުތުބާގައި ވެއެވެ.

"ނަމާދު ކުރިޔަސް، ރޯދަ ހިފިޔަސް، ގުރުއާން ކިޔަވައި އުޅުނަސް، ތަރިކަ މުދަލަށް އަރައިގަންނަ މީހާއަކީ އީމާންކަން ބަލިކަށި މީހެކެވެ. ﷲގެ ދުޝްމަނުންނާއި އެއްފަދަ މީހެކެވެ. ތަރިކަ މުދާ ނުހައްގު ގޮތުގައި ކާމީހާއަކީ ދުލުން އެހެން ނުބުންޏަސް އަމަލުން އެހެން ބުނާ މީހެކެވެ". ޙުތުބާގައި ވެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    މީހުން ލައްވާ ލޯނު ނަންގުވައިގެން، އެ ލޯނުގެ ފައިސާއިން ގޯތިގެދޮރުގައި އުސް އިމާރާތް ހަދައި، އެ ތަންތަނުން ލިބޭ ފައިދާއިން، ލޯނުގެ ބައިވެރިންނަށް ނުދޭ މީހުން ވެސް މާލޭގައި އެބައުޅެއެވެ. ލޯނު ނަގާއިރު ފައިދާއިން ދޭނެ ކަމަށް ބުނެ އެއްބަސްވެފައި ވިޔަސް ފައިސާ ލިބެންފެށީމާ އެއްބަސްވުން ހަނދާންނެތިދެއެވެ. އެފަދަ މީހުން ވެސް ﷲ ގެ ދުޝްމަނުންނާ އެއްފަދަވާނެތޯއެވެ؟

  2. Anonymous

    ތިފަދަ މީހުން މިގައުމުގަ ވަރަށްގިނަ. ބިރެއްނެތި މުދަލުގެ ހައްގުވެރިންގެ ހައްގުތަކަށް އަރައިގަތުމަކީ މިހާރު ބައެއްމީހުންނަށް މާބޮޑުކަމެއްނޫން.

  3. މުއީނު

    ވަރަށް ބޮޑު ތެދެއް ތިޔައީ މީހާމަރުވެ ދިއުމަށްފަހުގައި އޭނަގެ ތަރިކަމުދަލެއްހުރިއްޔާ އޭނާގެ ހަށިގަނޑު ބިމަށް ފީވެ ވީރާނާވުމުގެ ކުރިން ތަރިކަމުދަލެއްހުރިއްޔާ ބަހައި ނިންމަންޖެހެއެވެ. ނަމަވެސް ކޯޓަކަށް އެކަމެއް ހުށަހެޅިޔަސް އަހަރުތަކެއް ފާއިތުވެގެން ދާއިރުވެސް ތަރިކަމުދާ ނުބަހާ ހުރެއެވެ މިކަމުގެ ސަބަބުން ތަރިކަން އެންމެނަށް ލިބެންވާ ބައިގެއްލިގެންދެއެވެ. އިސްލާމްދީން ގޮވާލަނީ ކޮންމެކަމެއްވެސް އެކަމެއްގެ މޮޅުއިތުރު ވަގުތުގައި އަވަހަކަށް އެކަމެއް ކޮށް ނިންމުމަށެވެ

  4. ބުޅޭ

    ވަރަށް ބޮޑު ތެދެއް ތިޔައީ މީހާމަރުވެ ދިއުމަށްފަހުގައި އޭނަގެ ތަރިކަމުދަލެއްހުރިއްޔާ އޭނާގެ ހަށިގަނޑު ބިމަށް ފީވެ ވީރާނާވުމުގެ ކުރިން ތަރިކަމުދަލެއްހުރިއްޔާ ބަހައި ނިންމަންޖެހެއެވެ. ނަމަވެސް ކޯޓަކަށް އެކަމެއް ހުށަހެޅިޔަސް އަހަރުތަކެއް ފާއިތުވެގެން ދާއިރުވެސް ތަރިކަމުދާ ނުބަހާ ހުރެއެވެ މިކަމުގެ ސަބަބުން ތަރިކަން އެންމެނަށް ލިބެންވާ ބައިގެއްލިގެންދެއެވެ. އިސްލާމްދީން ގޮވާލަނީ ކޮންމެކަމެއްވެސް އެކަމެއްގެ މޮޅުއިތުރު ވަގުތުގައި އަވަހަކަށް އެކަމެއް ކޮށް ނިންމުމަށެވެ