އެންމެ މަތިވެރި ހިޖުރައަކީ ނުބައިކަންކަން ދޫކޮށް ރަނގަޅު ކަންކަމަށް ހިޖުރަ ކުރުން ކަމަށް ހުތުބާގައި ވިދާޅުވެއްޖެ lއެވެ،

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައި ވަނީ ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތަކުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ ހިޖުރައަކީ އިސްްލާމީ ދައުލަތުގެ ފެށުން ކަމަށެވެ. އަދި މުސްލިމުންނަށް ނަސްރާއި ނަސީބު ލިބެން ފެށީ މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެހެންވެ އުމަރުގެފާނުގެ ހިލާފަތުގެ ތިންވަނަ އަހަރު އިސްލާމީ ކަލަންޑަރުގެ ފެށުމަކީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އަހަރު ތާރީހުކަމުގައި ނިންމެވީ ކަމަށް ވިދާޅުވެފައި ވެއެވެ.

"އެއީ އަހަރެއް ނިމި އަހަރެއް ފެށޭއިރު މުސްލިމުންގެ ހިތުގައި ދީނީ ރޫހު އާލާވާނެ ހާދިސާއެއްގެ ޒިކުުރާ ދެމެހެއްޓުމަަށް ޓަކައެވެ. ކީރިތި ރަސޫލާގެ ސީރަތުން އެބައިމީހުންގެ ހަޔާތަށް އަލިކޮށްދޭނެ ދަންމަރެއް ނެރެދެއްވުމަށް ޓަކައެވެ. އިސްލާމް ދީނަކީ ވަކި މީހެއްގެ މަސްއޫލިއްޔަތެއް ނޫންކަން ދެއްކެވުމަށް ޓަކައެވެ. ނަސާރާއިންނާ ދިމާ އިދިކޮޅަށް ކީރިތި ރަސޫލާގެ އަސްހާބުން ރަސޫލާގެ އީދު މީލާދުން ފެށިގެން އިސްލާމީ ތާރީހު ޖަހަން ނުފެށީ އެކަލޭގެފާނު ގެންނެވި ރިސާލަތާއި ހިދާޔަތާއި މީސްތަކުން ދުރަށް ޖެހިގެންދާނެތީ އެވެ" ހުތުބާގައި ވިދާޅުވެފައި ވެެއެވެ.

ހުތުބާގައި ވިދާޅުވީ ހިޖުރައިގެ ވާހަކައަކީ މުނިފޫހިފިލުވުމަށްޓަކައި ކިޔާލަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި ނަމަވެސް އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އުދަ އަރަމުން ދިޔަ ސަހަރާއެއްގެ މެދު ތެރޭގައި މުސްލިމުންނަށް ވަތަނެއް ގާއިމުކޮށްދިން ހާދިސާއެއް ކަމަށެވެ.

ހަމަ އެހެންމެ ރަސޫލާ މަދީނާގައި ގާއިމު ކުރެއްވި އިސްލާމީ ދައުލަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމަށްވާ ފާރިސީންނާއި ރޯމަނުން ބަލިކުރީ މުސްލިމުންގެ އަދަދު ގިނަ އަދި ހަތިޔާރުވެސް މޮޅު ވެގެން ނޫން ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އެ މީހުންގެ އަގީދާއާއި އީމާންކަން ހަރުދަނާވެގެން ކަމަށެވެ.

އެއާއެކު ހިޖުރައިގެ ސަބަބުން ބޮޑެތި ފިލާވަޅުތަކެއް ލިބެން ޖެހޭކަން ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

"އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް ރަނގަޅު ކަންތައްތަކަށް ހިޖުރަ ކުރުމެވެ. ޝިރުކުގެ އަނދިރިކަން ދޫކޮށް ތައުހީދުުގެ އަލިކަމަށް ހިޖުރަ ކުރުމެވެ. އަނިޔާވެރިވުން ދޫކޮށް އިންސާފަށް ހިޖުރަ ކުރުމެވެ". ހުތުބާގައި ވެއެވެ.