ވެރިމީހާ ރަނގަޅުވެ ހިންގުންތެރިވެއްޖެ ނަމަ ރައްޔިތުންވެސް ރަނގަޅުވެ ގައުމު ތަރައްޤީވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ހުތުބާގައި ވިދާޅުވެފައިވާގޮތުގައި ޤިޔާމަތް ދުވަހުން އެންމެ ފައިދާ ބޮޑު އެއް ގިންތިއަކީ އަދުލުވެރިޔާއެވެ. އެގޮތުން ވެރިމީހާ ރަނގަޅުވެ ހިންގުންތެރިވެއްޖެނަމަ ރައްޔިތުންވެސް ރަނގަޅުވާނެ ކަމަށާއި ޤައުމު ތަރައްޤީވެ ފާގަތިކަން އާއްމުވާނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޤިޔާމަތްދުވަހުގެ ގަދަ ހޫނުން ރައްޔިތުން ސަލާމަތްކޮށްދިނުމުގައި ވެރިމީހާވެސް އިސް ރޯލެއް ކުޅެއެވެ. އެގޮތުން ރައްޔިތުންނަށް ތެދުމަގު ދައްކުވައިދީ، ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުވުމަކީ ވެރިމީހާގެ ބޮލުގައި އެޅިފައި އޮންނަ ޒިންމާއެކެވެ. ވެރިމީހާ އަދުލު އިންސާފު ޤާއިމުކޮށް އަނިޔާވެރިކަން ނައްތާލަން މަސައްކަތް ކުރަން ޖެހޭނެއެވެ.

"'ކީރިތި ރަސޫލާގެ އަލްޚުލަފާއުއްރާޝިދޫން އަކީ މިކަމުގައި އުންމަތަށް ލިބިގެންވާ ހެޔޮ ނަމޫނާ ތަކެވެ. އެބޭކަލުންނީ އުންމަތަށްޓަކައި ޤުރުބާންވެ ވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ ރައްޔިތުންގެ މެދުގައި އަދްލު އިންސާފު ޤާއިމުކުރެއްވުމަށާއި އަނިޔާވެރިކަން ނައްތައިލެއްވުމަށެވެ." ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ ﷲއަށް އަޅުކަން ކުރުން މަތީ ބޮޑުވި ޒުވާނާއާއި ފުރާވަރު އުމުރުފުރައިގައި ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަނުދިން ޒުވާނާއަކީ ތެދުވެރި އިޚުލާސްތެރި ޒުވާނެއް ކަމަށެވެ. އަދި އެކަލާނގެ އަރުޝީގެ ހިޔާވަހިކަން ލިބިގަންނާނެ ޒުވާނެއްވެސް މެއެވެ.

މީގެއިތުރުން ރީތި، މުއްސަނދި، މަތިވެރި، ހަސަބާއި ނަސަބުން މޮޅު އަންހެނަކު ފާހިޝް ކަމަކަށް ދައުވަތް ދިނުމުން އަހަރެން ﷲގެ އަޒާބަށް ބިރުވެތިވަމޭ ބުނެ އެ ދައުވަތާއި ދުރުހެލިވާ މީހާއަކީ ޤިޔާމަތްދުވަހުން އިރުގެ ގަދަ އަވިން ސަލާމަތް ކުރެވޭނެ މީހެއްކަން ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ގިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑު ދުވަހެކެވެ. އެދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ ވަނީ ހަދީސް ކުރައްވާފައެވެ. އެހެންކަމުން އިރުގެ ގަދަ އަވީން ހިޔާވަހި ކަމެއް ލިބޭނެ މަގުތަކެއް ރަސޫލާ ވަނީ ދައްކަވާފައެވެ.

މިއަދުގެ ހުތުބާގައި ވދާޅުވެފައ ވަނ ޤިޔާމަތް ދުވަހުން ﷲ ގެ އަރުޝީގެ ހިޔާވަހިކަން ބޭނުންފުޅުވާ ނަމަ އެންމެ ފުރަތަމަވެސް އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދޭށެވެ. އެހެނީ ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތެއްދީ ނުވަތަ ދަރަނީން މިންވަރެއް އުނިކޮށްދިނުމުންވެސް ފުދެއެވެ. ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ޤިޔާމަތް ދުވަހުން އިރުގެ ގަދަހޫނުން ސަލާމަތްވާނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެެވެ.

"ﷲ ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، މާތްﷲ ހަތް ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެއެވެ." ރަސޫލާ ހަދީސް ކުރެއްވާފައިވެއެވެ.

އެގޮތުން ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހުންނާއި ކަނާތުން ސަދަޤާތްކުރި އެއްޗެއް އޭނާގެ ވާތަށް ވެސް ނޭނގޭހައި މިންވަރަށް ވަންހަނާ ކުރިމީހާއަށް ޤިޔާމަތްދުވަހުން އެކަލާނގެ އަރުޝީގެ ހިޔާވަހިކަން ލިބިގެންދާނެ ކަމަށް ރަސޫލާ ވަނީ ހަދީސްކުރައްވާފައެވެ.

ޤިޔާމަތް ދުވަހުގެ ގަދަ ހޫނުން ސަލާމަތްވެ މާތްﷲގެ އަރުޝީގެ ހިޔާވަހިކަން ލިބިގެންވާ ބައެއް ކަމުގައި ވުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދިވެހީންގެތެރެން ގިނަބައިގަނޑަކަށް ބޭނުންވަނީ އިބޫ ކަހަލަ އަކުރުނުދަންނަ ދީނެއް މިއްލަތެއް ނޭގޭ ރޯނުއެދުރުރައީސެއް!!!! އޭރުންކިތައްމެ ބޮޑުވައްކަމެއްކުރިއަސް ކިތައްމެބޮޑު ޚިޔާނާތެއްގެތެރޭ ޢަރަޤުވެއޮތަސް ސަލާމަށް ކޮށްދޭނެ !!މިސާލަކީ އަދީބު ޒިޔަތު ހޯރައިއްބެ

  2. Anonymous

    ދިވެހީންގެތެރެން ގިނަބައިގަނޑަކަށް ބޭނުންވަނީ އިބޫ ކަހަލަ އަކުރުނުދަންނަ ދީނެއް މިއްލަތެއް ނޭގޭ ރޯނުއެދުރުރައީސެއް!!!! އޭރުންކިތައްމެ ބޮޑުވައްކަމެއްކުރިއަސް ކިތައްމެބޮޑު ޚިޔާނާތެއްގެތެރޭ ޢަރަޤުވެއޮތަސް ސަލާމަށް ކޮށްދޭނެ !!މިސާލަކީ އަދީބު ޒިޔަތު ހޯރައިއްބެ !!