ޤައުމުގެ ކުރިއެރުން ކަމުގައިވާ ޒުވާނުންގެ ގިނަ ބަޔަކު މިއަދު މަސްތުގެ ވަބާގައި ޖެހިފައި ކަމަށާއި މިވަބާ ނައްތާލަން އެންމެން ގުޅުގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ

"މަސްތުވާތަކެތީގެ ނުރައްކާ" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޙުތުބާގައި ވިދާޅުވެފައި ވަނީ ބޭރު ގައުމުތަކުގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އުޤޫބާތު ދޭކަމަށާއި ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ރާއްޖެއިންވެސް މި ވަބާ ނައްތާލެވިދާނެ ކަމަށެވެ.

ހަށިގަނޑަށް ގެއްލުން ހުރި އެންމެހައި ތަކެތިން ދުރުހެލިވެ ތިބުމަށް އިސްލާމްދީނުގައި ވަނީ އަންގާފައެވެ. އެއީ ހިކި އެއްޗެއް އަދި ދިޔާ އެއްޗަކަށް ވިޔަސް، ދުމެއްވިޔަސް އިންޖެކްޝަނެއްވިޔަސް ކެޕްސޫލެއް ވިޔަސް އެއީ ހަރާމް ތަކެތި ކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ.

އޭގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ތިބާއަށް ނޫނެވެ. އޭގެ ސަބަބުން ތިބާގެ އާއިލާ، މުޅި މުޖުތަމައު އަދި މުޅި އުއްމަތަށްވެސް ސީދާ އަދި ނުސީދާ ގެއްލުންތައް ފޯރާކަން ފާހަގަކުރައްވަމުން ޚުތުބާގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހާއަކީ އޭނާގެ ހަށިގަނޑަށް މަޑުމަޑުން އަނިޔާކުރަމުން ގޮސް، އަމިއްލައަށް މަރުވެގަންނަ މީހާ ކަމަށެވެ.

ހުތުބާގައި ވިދާޅުވާގޮތުން މަސްތުވާތަކެތީގެ ތެރެއަށް ވަދެވިއްޖެ މީހަކު އެކަން ހުއްޓާލިޔަސް ވަރުގަދަ އީމާންކަމެއް ނެތްނަމަ އެމީހަކު އެއާ ދިމާލަށް އެނބުރި ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

"ލިބޭ ބޮޑެތި ގެއްލުންތައް އިހުސާސްވި ކަމުގައިވިޔަސް އެއާ ދުރަށް ދިޔުމުގެ ބަދަލުގައި އޭނާ މަސައްކަތްކުރާތަން ފެންނާނީ އަމިއްލަ އަތުން ތިމާގެ ނަފްސާއި ހަށިގަނޑު ހަލާކުކޮށް ނައްތާލަން އުޅޭ ތަނެވެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

މަސްތުވާ ތަކެއްޗާ ދުރަށްދާން މީހަކު ވިސްނާކަން އެނގުމާއެކު އޭގެ ވިޔަފާރިކުރާ މީހާ ބަލާނީ އެމީހަކު މަގުފުރެއްދޭތޯއެވެ. އެހެން ގޮތެއް ނެތިއްޖެނަމަ އެމީހާ މަރަންވެސް ފަސްނުޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

"އެހެންކަމުން މިއީ ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލެވެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

މަސްތުވާ ތަކެއްޗަކީ މީހާގެ ހަލާކު ކަމަށްވީހިނދު އެ ބޭނުންކުރާ މިންވަރު ހޯދުމަށްޓަކައި ވައްކަމާއި ފޭރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. އެތަކެތި ގަންނަން ހޭދަކުރާ މިންވަރު މެދުފަންތީގެ މުވައްޒަފެއްގެ މަހު މުސާރައަށްވުރެވެސް ބޮޑު ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވާ ގޮތުން މިފަދަ މީހުންނަކީ ވަޒީފާއެއް އަދާކުރެވޭ ބައެއް ނޫނެވެ. އެފަދަ މީހުންނަށް ވަޒީފާ ދިނުމަށްވެސް މީހުން ފަސްޖެހެއެވެ. އާއިލާ އާއި އަނބިދަރިން ބެލެހެއްޓުމުގެ ބަދަލުގައި ލިބޭ އެތިކޮޅު ހޭދަކޮށްލަނީ އަމިއްލަ ހަށިގަނޑުގެ ހަލާކަށެވެ.

ދުނިޔެމަތީގައި ލައްވާފައިވާ އެންމެ މަތިވެރި މަޚުލޫޤުންނަކީ އިންސާނުންނެވެ. އިންސާނުން މަތިވެރި ވަނީ އެކަލާނގެ އިންސާނުންނަށް ހެވާއި ނުބައި ވިސްނުމަށްޓަކައި ދެއްވާފައިވާ ބުއްދީގެ ސަބަބުންނެވެ. އެހެންކަމުން ހެވާއި ނުބައި ފާހަގަކުރުމުގައި ބުއްދީގެ ބޭނުން ނުކުރާ މީހުންގެ ދަރަޖަ އެކަލާނގެ ހަޒްތަރުގައި ހައިވާނުންގެ ދަރަޖައަށްވުރެވެސް ދަށެވެ.

ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު މަޤްސަދުގެ ތެރޭގައި ލައްވާފައިވާ ކަމެކެވެ. މަސްތުވާ ތަކެއްޗަކީ ހަމަބުއްދި އާއި ހެޔޮ ވިސްނުމުން މީހާ އެއްކިބާކޮށްލާ އެއްޗެކެވެ. މަސްތުވާތަކެތި ބޭނުން ކުރަން ފެށުމުން ސިކުނޑީގެ ސެލްތައް ހަލާކުވެ ކަންބޮޑުވުމާއި ހާސްކަމުގެ ތެރެޔަށް މީހާ ގޮސް އަމިއްލައަށް މަރުވާ ހިސާބަށްވެސް ގެންދާ އެއްޗެކެވެ. އޭގެ އަސަރު އިންސާނާގެ ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކަށްވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ޑްރަގު ބޯނެބަޔަކުވެސް ތިބޭނެއޭ، މާހަރުކަށިއަދަބުދޭކަށް ނުވާނެއޭ ކިޔާފައި މަޑުންތިބީމަ ހަމަ އެބޮވޭނީ!

  2. ތިނަދޫ ކުރުސީ

    ގދ.ހަވަރު ތިނަދޫއިން ހަކުރު ހުސްވެގެން ގިނަކުދިން ސިކުގަ ތިބީ. މިހާރު ވިއްކަމުން ދަނީ ހަކުރާ ފާޑެއްގެ ކެމިކަލަކާ އެއްކޮއްފަ ކަމަށް ބޯކުދިން ބުނަނީ. މެތު ކޮޅެއްހާ ހިސާބުބެސް ނުލިބެޔޯ މިހާރު ވިއްކާ އެތި ބުއީމަ ސިކުނޑި ހަމައަކަށް އެޅެންވެސް 8 ގަޑި އިރުވަރަކަށްވޭކަމަށް ވަނީ. ކުރިން 250 ވިއްކަމުން އައި އެއްޗެހި މިހާރު ކެމިކަލް އެއްކޮއްފަ 200ރ އަށް ވިކަމުން ދަނީ @ތިނަދޫ ޕޮސިލް @ތިނަދޫ ރަށުކައުންސިލް @ތިނަދޫގަ ތިބި ދީނީ އިލްމުވެރިން