ގައުމުގެ ތައުލީމީ ފަލްސަފާ އާއި ގައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް މިއަދު ރާވަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވިދާޅުވާ ގޮތުގައި މާރާމާރީ އާއި ވައްކަމާއި ހިޔާނާތާއި އެކަކު އަނެކަކަށް ފުރައްސާރަ ކުރުން މިވަނީ އިތުރުވެފައެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ވެސް އިތުރުވެފައިވާ ކަމަށް ހުތުބާގައިވެއެވެ.

އެހެންކަމުން މި މުޖުތަމައު އިސްލާހުކޮށް ސަލާމަތްކުރެވޭނީ އީމާންކަމުގެ އަގީދާ ވަރުގަދަކޮށް ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް އީމާންވެ މާތްﷲ ގެ ހަޟްރަތަށް ރުޖޫއަވެ އެކަލާނގެ އާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްގެން ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އަދި އިސްލާމީ އުއްމަތް ބިނާކޮށް ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށްވީ ހިނދު ގައުމުގެ ޒުވާނުން މިފަދަ ކަންކަމުގައި އިސްނަގަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.

ގައުމުގެ ކުރިމަގަކީ ޒުވާނުން ކަމަށްވާއިރު އެ ޒުވާނުން ބޮޑެތި ކުށްތަކަށް އަރައިގަނެ މަގު ފުރެދިގެންގޮސްފައިވާ ކަން ފާހަގަ ކުރައްވަމުން ހުތުބާގައި ވިދާޅުވެފައިވަނީ އެފަދަ ޒުވާނުންނަށް ތެދުމަގު ލިބި އިސްލާހުވެ ފައިދާހުރި މުވާތިނުންތަކަށް ވުމީ މިއަދު މުޅި ދިވެހި އުއްމަތް އެދޭ ކަމެއް ކަމަށެވެ.

"ތައުލީމީ ފޮތްތަކުގައި އަގީދާއާއި އީމާންކަމުގެ ބައިތަކާއި ވާހަކަތައް އިތުރުކޮށް މުދައްރިސުންނާއި އުގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހޭ." ހުތުބާގައި ވިދާޅުވިއެވެ.

ތަގުވާވެރިވުމަކީ މާތްﷲގެ އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވާ ގޮތުގައި އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖެވެރިކަންވަނީ މާތްﷲ އަށް ފުރިހަމަ މާނައިގައި އީމާންވުމުންނެވެ. މި އިމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ. އިންސާނާއަށް ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންނެވެ.

މާއްދިއްޔަތުގެ ތެރެޔަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެއް ކަމަށާއި މީހާގެ އުޅުމާއި އަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށިވާ ކަމެއް ކަމުގައި ހުތުބާގައި ވިދާޅުވެފައިވެއެވެ.

ކަންމިހެން ހުރުމާއެކު އީމާންކަން ވަރުގަދަކޮށް ތާޒާ ކުރަންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. މި މުޖުތަމައުއިން މިހާރު އިވެމުންދާ އަޑުތަކަކީ ދީނީ ވާޖިބުތައް އަދާކުރަމުންދާއިރުވެސް ވަރަށް ފަސޭހައިން މަގުފުރެދިގެން ގޮސް ފާފަތަކަށް އަރައިގަނެވޭ ވާހަކައެވެ.

"މިއީ މިއަދު އަހަރެމެންނާ ކުރިމަތިވެފައިވާ ވަރަށް ބޮޑު މުސީބާތެކެވެ. މިއީ އަހަރެމެންގެ އީމާންކަން ބަލިކަށިވުމުގެ އަލާމާތެކެވެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

އީމާންކަމަކީ ހިތުގައި ސާބިތުވެފައިވާ ވަރުގަދަ އަގީދާއެއް ކަމަށާއި އެއީ ތިމާ ތެދުކޮށް ކަށަވަރުކޮށްފައިވާ ކަށަވަރުކުރުން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ. އަދި މިކަން ފުރިހަމަ ގޮތުގައި ހާސިލްވާނީ ހިތުގެ ސާބިތުކަމާއެކު ވިސްނުން ފުރިހަމަގޮތުގައި ހަރުދަނާކޮށްގެންކަމަށް ވަނީ ވިދާޅުވެފައެވެ.

"އީމާންކަމުގެ މަތިވެރި އަގީދާ ތިމާގެ ހިތުގައި އަށަގެންފިނަމަ، ﷲއަށް ބިރުވެތިވާނެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވާނެއެވެ. އަދި ފާފައެއް ކުރެވޭ ހިނދު ތައުބާވުމަށް އަވަސްވެގަންނާނެއެވެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙެހެހ

    ފުރަތަމަ ކުރަންވީ ކަމަކީ ރާއްޖޭގެވެރިންނާއި ސިޔާސީ ބޮޑެތިވެރިން އަދި މަޖިލިސް މެމްބަރުންފަދަ ފަރާތްތައް ތެދުބުނަން ދަސްކުރަންވީ ، އަދި މުޖުތަމައުއަށް ނަމޫނާ އަޚްލާޤެއް ދައްކަންވީ ، މިއަދު ރާއްޖޭގެ ޅަދަރީންނާއި މުޖުތަމައު ފަސާދަވެ ނުކިމަންތެރި ޖީލެއް އުފަންވެގެން މިދަނީ ސިޔާސީ ނުލަފާ ވެރިންގެ އަޚްލާޤުގެ ސަބަބުން ، އެކަން ނުހައްޓާހާ ހިނދަކު އުފަންވާނީ ނަފްރަތާއި އަނިޔާވެރިކަމާއި ކިޔަމަންތެރިނުވާ ޖީލެއް ، މިއަދު ޤާނޫނުއޮތީ ނިކަމެތިންނަށް އެކަނި

  2. މުޙައްމަދު

    ޤުރުއާން ކޮންމެކުއްޖަކުވެސް ހަފްތާއަކު މަދުވެގެން އެއްފަހަރަކު ޙަތިމް ކުރުވުމުންވާނީ ފޯނާއިކޮންޕިއުޓައުން ކުރާބޭކާރު ކަންތަކުގެ އަސަރު ކުޑަކުރުވާނެކަމަކަށް! އެއީހަމަށް ނޫރެއް!

    3
    2
    • ކޮސް

      ހަފްތާއަކުން ހަތިމު ކުރެވޭތަ؟

  3. ޙެހެހ

    ޤައުމުގެ ވެރިން ނަމޫނާ ނުދައްކާ މުޖުތަމައުވާނެ އިސްލާހެއްނެތް ، މިއަދު ވެރިންގެ ފެންނަނީ ދޮގުހެދުމާއި މަކަރު ހެދުމާއި މީހުންގެ މެދުގައި ތަފާތުކުރުންތައް