ގަނެ ވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެ ކަމަށާއި މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ބުނާގޮތުން ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވާށެވެ. އެހެންނަމަވެސް މިއަދު ކުރާ އަމަލުތަކުގެ ހިސާބު ޤިޔާމަތް ދުވަހުން ބެއްލެވޭނެ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އިސްލާމީ އުއްމަތުގެ މާޒީ އޮތީ މި ގޮތަށެވެ. އެއީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް އެމީހުން ރުޅި އަންނާނީ، ﷲ އަށްޓަކައެވެ. ޙައްޤަށްޓަކައެވެ. ކީރިތި ރަސޫލާ އަކީ، އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫނެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ މުސްލިމުން ނަމޫނާއަކަށް ބައްލަވަންވީ މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމް ކަމަށާއި, އެމީހުން، އެމީހުންގެ އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ގަނެ ވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސް ނުކުރުމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"ގަނެ ވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ. ﷲ ގެ ޙަޟްރަތުގައި، އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ބުނާގޮތުން ރުޅި މަޑުކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. އަދި ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ރުޅިމަޑުކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން މާތްﷲ ވަހީ ކުރައްވާފައިވަނީ ސުވަރުގެ ތައްޔާރުކޮށްފައިވަނީ ތަޤްވާ ވެރިންނަށް ކަމަށެވެ. އެމީހުންނަކީ ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް، ރުޅި މަތަކޮށް ހިފަހައްޓާ އަދި، މީސްތަކުންނަށް މަޢާފުކުރާ މީހުން ކަމަށް މާތްﷲ ވަނީ ވަހީ ކުރައްވާފައެވެ.

"މުސްލިމް އަޚުންނޭވެ! މިއަދު އަހަރެމެންގެ ތެރެއިން، ރުޅި މަޑުކަމުގެ މިފަދަ ރީތި ނަމޫނާތަކެއް ނުފެނެއެވެ. ފެންނަނީ ބަދަލުހިފުމުގެ ރޫޙެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ރުޅި އަންނަ ހިނދު އެމީހާގެ ނަފްސު ކޮންޓްރޯލް ކުރާ މީހާއަކީ އެންމެ ވަރުގަދަ މީހާ ކަމަށާއި ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމުގައި ކީރިތި ރަސޫލާ ވަނީ ހަދީސްކުރައްވާފައެވެ. އެހެންކަމުން ކޯފާ އިސްނުކުރެއްވުމަށް އެކަލޭގެފާނުގެ ޞަޙާބީންނަށް ވަނީ ވަޞިއްޔަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު