ޝިމްލާ އަހުމަދަކީ ކުޑައިރު ފޮތް ކިޔަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. އެހެންކަމުން އޭނަގެ ބައްޕަ އަބަދުވެސް ބުނަމުންދިޔައީ ޝިމްލާ ބޮޑުވެގެން ވާނީ ވާހަކަ ލިޔުންތެރިއަކަށް ކަމަށެވެ.

ޝިމްލާއަކީ ސްކޫލުގައި އުޅުނުއިރު އެހާ މޮޅަށް ކިޔެވި ކުއްޖެއް ނޫނެވެ. ޕްރިފެކްޓަކަށް ވާން ކިތަންމެ ވަރަކަށް ބޭނުންވިޔަސް ގްރޭޑް 10 ނިމުނުއިރުވެސް އެކަމެއް ހާސިލެއް ނުކުރެވުނެވެ. ކުޑައިރު އެހާ ލަދުރަކިކޮށް އުޅުނު ޝިމްލާ މިއަދު އައިސް ހުރި ހިސާބަށް އަންނާނެއޭ ބުނާނެ އެކަކުވެސް އޭރު ނެތެވެ. ސްކޫލުގައި އުޅުނުއިރު ވެސް އޭނާ ދަންނަ މީހުން ނުވަތަ ކުދިން މަދުވާނެއެވެ.

ކުޑައިރު އެންމެ ދުރު ހަދާނަކަށް ހުރި ހަދާން ހިއްސާކޮށްދެމުން ޝިމްލާ ބުނީ، އޭނާގެ ދައްތަ ކޮންމެ ހަފްތާއަކު ނުވަތަ މަހަކު ދެފަހަރު އެގެއަށް ގެންގޮސް ދައްތަގެ ކަންކަމުގައި ސިޓީ ލިޔުއްވާ ކަމަށެވެ. ޝިމްލާ ސިޓީ ލިޔަމުންދާއިރު އުނދޯލީގައި އިށީނދެގެން ދައްތަ އިންނަނީ ބަލަހައްޓައިގެންނެވެ. އައްޑޫ ބަހުން ދައްތަ ވާހަކަދައްކަމުންދާއިރު ޝިމްލާ ދާނީ ލިޔަމުންނެވެ. ދޭތެރެޔަކުން އެ ލިޔުނު ތަންކޮޅު ކިޔައިދޭން ވެސް ޖެހެއެވެ. ކަމުނުދާ ތަންކޮޅެއް އިނިއްޔާ އެތަންކޮޅު އަލުން ލިޔުއްވައެވެ.

ދައްތަ ހިތްހަމަޖެހޭ ގޮތަށް ސިޓީ ލިޔެދިނުމުން އިނާމެއްގެ ގޮތުގައި އެ ގޭގައި ހުންނަ ވާހަކަ ފޮތްތަކުގެ ތެރެއިން ވާހަކަ ފޮތެއް ކިޔާލަން ލިބެއެވެ. ޝިމްލާ ސިޓީ ލިޔަން ހުސްވެގެން އިންނަ އެއް ސަބަބަކީ ފޮތް ކިޔަން ހުންނަ ޝައުގެއްގެ ބޮޑު ކަމެވެ.

"އޭގެތެރެއިން އަޅުގަނޑަށް ނޭގިނަމަވެސް ދަސްވެގެން ދިޔައީ ވަރަށް ފަރިތަކަމާއެކު މީހުން ދައްކާ ވާހަކަތައް ލިޔަން." ޝިމްލާ ބުންޏެވެ.

ސިޓީ ލިޔަން ފެށުމުން އޭނާގެ ލިޔުންތެރިކަން ކުރިއަށްވުރެ ރަނގަޅުވާން ފެށިއެވެ. އެހެން ބަހުރުވަތަކުން ދައްކަމުން ދިޔަ ވާހަކަތަކެއް އަމިއްލައަށް ތަރުޖަމާކޮށްގެން ލިޔަންވެސް ޝިމްލާއަށް ދަސްވެގެންދިޔައެވެ. އޭގެ ސަބަބުން އަތުލިޔުން ރީތިވެ، ބަހުގެ ތެރެޔަށް ވަދެވިގެންދިޔައެވެ. އެ ދައްތަ މިއަދު ދުނިޔޭގައި ނެތަސް ޝިމްލާ އަބަދުވެސް އެދައްތައަށް ޝުކުރު އަދާކުރެއެވެ.

ފޮޓޯ: ޝިމްލާ

މިއީ ޝިމްލާއަށް ބަހުގެ ތެރެޔަށް ވަދެވިގެން ދިޔަ ގޮތެވެ. ކުޑައިރުއްސުރެ ދިވެހި ބަހަށް ލޯބިޖެހިފައިވާ ޝިމްލާގެ ލިޔުންތެރިކަމާއި ކިޔުންތެރިކަން ރަނގަޅުވެ ވާހަކަ ލިޔުންތެރިއަކަށްވިއެވެ.

ތައުލީމީ ހަޔާތް

އައްޑޫސިޓީގައި "ކޮމިއުނިޓީ ސްކޫލް"ގެ ނަމުގައި ހުޅުވުނު ސްކޫލުން ގްރޭޑް 7 އާ ހަމަޔަށް ކިޔެވުމަށްފަހު މާލެ ބަދަލުވެގެން އީޕީއެސްގައި ގްރޭޑް 8 އަދި ގްރޭޑް 9ގައި ކިޔަވަމުންދަނިކޮށް ރަށުގައި ސެކަންޑަރީ ސްކޫލް ހުޅުވުމުން މަންމަމެންގެ އެދުމުގެ މަތިން ރަށަށް ގޮސް އައްޑޫ ސިޓީއިން ފުރަތަމަ ފަހަރަށް އޯލެވެލް ހެދި ބެޗުގައި ޝިމްލާ ހިމެނިގެންދިޔައެވެ. އޭގެ ފަހުން ކޮއްކޮމެންނަށް ކިޔަވައިދިނުމުގައި މަންމަމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އޯލެވެލް ނިންމާލުމަށްފަހު އިތުރަށް ކިޔަވާނެ ފުރުސަތެއް ނުލިބި، ވަޒީފާގެ މައިދާނަށް ނުކުންނަން ޖެހުނީއެވެ.

ތައުލީމީ ހަޔާތް ނިންމާލުމަށްފަހު ޓީޗަރެއްގެ ގޮތުގައި ޝިމްލާ ވަނީ ވަރަށް ގިނަ ދުވަހު ވަޒީފާ އަދާކޮށްފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ޑިޕްލޮމާ ފެންވަރަށް ކޯސް ހަދަން ލިބުނު ފުރުސަތާއެކު ޑިޕްލޮމާ ނިންމާފައި ޑިގްރީ ފެންވަރަށް ޓިޗިންގ ދާއިރާގައި ތައުލީމް ހާސިލް ކުރިއެވެ. ޝިމްލާ ވަނީ ޑިގްރީއިން ދިވެހި ލޭންގުއޭޖް އެންޑް ލިޓަރޭޗަރއިން ޑިގްރީ ހާސިލްކޮށްފައެވެ. އޭގެ ފަހުން ނޫސްވެރިކަމުގެ ދާއިރާގައި އުޅެމުން ޝިމްލާ ވަނީ ޑިޕްލޮމާ އިން ޖާނަލިޒަމްއިން އޮންލައިން ކޯހެއް ހަދާފައެވެ.

މިދާއިރާއަށް ނުކުމެވުނު ގޮތް

ޝިމްލާގެ ޑްރީމް ޖޮބަކީ މިހާރު އޭނާ އަދާކުރަމުންދާ ވަޒީފާއާއި އަދާކޮށްފައިވާ ވަޒީފާތަކާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ އޭނާގެ ޑްރީމް ޖޮބަކަށް ވީ ތަރުޖަމާނަކަށް ވުމެވެ.

"އަޅުގަނޑު އަސްލު އަޅުގަނޑުގެ ޑްރީމް ޖޮބަކީ ހޮސްޕިޓަލުގައި ޑޮކްޓަރު ކައިރީގައި ތަރުޖަމާނަކަށް އިނުން." ޝިމްލާ ބުންޏެވެ.

ޝިމްލާ އޭރު ދެކުނު ގޮތުގައި އިނގިރޭސި ބަހުން ވާހަކަދައްކަނީ ވަރަށް މޮޅު މީހުންނެވެ. އެހެންކަމުން ޑޮކްޓަރުން ކައިރީގައި ތަރުޖަމާނަކަށް ތިބޭނީ ވަރަށް މޮޅު މީހުން ކަމަށް އޭނާ ގަބޫލުކުރެވުނެވެ. އޭރުގެ މަދަރުސަތުލް އިސްލާމިއްޔާގައި އިނގިރޭސި ޓީޗަރެއްގެ ވަޒީފާވެސް އަދާކޮށްފައިވާ ޝިމްލާ ބުނީ އޭރު އުމުރުން އެންމެ 17 އަހަރު ކަމަށެވެ. އެ ދުވަސްވަރު ޓީޗަރެއްގެ މުސާރައަކީ އެންމެ 1700 ރުފިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝިމަްލާ އާއި އޭނަގެ އާއިލާ - ފޮޓޯ: ޝިމްލާ

މީހަކާ އިނދެގެން 3 ކުދިން ލިބުމުން ޓީޗަރެއްގެ ވަޒީފާ ދޫކޮށް ޝިމްލާ ހުސްވެލީ ދަރިން ތަރުބިއްޔަތު ކުރުމަށެވެ. އެކަމުގައި އޭނާ އަކީ ނަމޫނާ މަންމައެކެވެ. ގޭގައި ދަރިން ބަލަހައްޓަމުން ޓިއުޝަން ކުލާހެއް ރަޖިސްޓްރީކޮށްގެން ޝިމްލާ ދިޔައީ ކުދިންނަށް ކިޔަވައިދެމުންނެވެ. އޭރުވެސް ލިބޭ ހުސް ވަގުތުކޮޅަކީ ދަންވަރު ކަމުގައިވިޔަސް އެވަގުތުކޮޅު ޝިމްލާ ހޭދަކޮށްލަނީ ވާހަކަ ލިޔުމުގައެވެ.

މަންމަމެން އަބަދުވެސް ޝިމްލާގެ ލިޔުންތެރިކަމަށް ތައުރީފްކޮށް ކުރުވާހަކަ މުބާރާތުގައި ބައިވެރިވާން ހިތްވަރުދިނެވެ. އެހެންކަމުން ކުރުވާހަކަ މުބާރާތުގައި ބައިވެރިވެ 2000 ވަނަ އަހަރު މުޅި މުބާރާތުން އެއްވަނަ ލިބުނީ ޝިމްލާގެ ވާހައަކަށެވެ. އޭގެ ފަހުން ކޮންމެ އަހަރު ކުރުވާހަކަ މުބާރާތުގައި ބައިވެރިވެގެން ޝިމްލާ ދިޔައީ ވަނަތައް ހޯދަމުންނެވެ. އެ ދާއިރާގައިވެސް ހަރުފަތަކަށްވުރެ ހަރުފަތެއް ގިރާކުރަމުން ގޮސް އެންމެ ފަހުން ވާހަކަ ލިޔުންތެރިޔަކަށް ޝިމްލާވިއެވެ.

ޝިމްލާ ވަނީ 20 ވަނަ ޤައުމީ ކުރުވާހަކަ އަދި ޤައުމީ ދިގު ވާހަކަ މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލްކޮށްފައެވެ. ޖެހިގެން އައި އަހަރުވެސް ބައިވެރިވެ ވަނަ ހާސިލް ކުރުމުން ފަތްތޫރައިގައި ލިޔަން ޝިމްލާއަށް ފުރުސަތު ލިބިގެން ދިޔައެވެ. އޭގެ ފަހުން އައްޑުވަސް، އުދަރެސް ފަދަ މަޖައްލާތަކުގައި ލިޔަން ފުރުސަތު ހުޅުވިގެން ދިޔައެވެ.

ފޮޓޯ: ޝިމްލާ

ޝިމްލާއަކީ ދަރިވަރުން ދެކެ ލޯބިވާ ނަމޫނާ ޓީޗަރެކެވެ. ސެކަންޑަރީ ސްލޫކަށް ކިޔަވައިދޭން ފުރުސަތު ލިބި އޭނާ ވަނީ އައްޑޫ ހައި ސްކޫލްގައި ގްރޭޑް 11 އަދި 12 ގެ ކުދިންނަށްވެސް ކިޔަވައިދީފައެވެ.

2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ނޫސްވެރިން ތަމްރީނުކުރުމަށް ޝަހީބް މީޑީޔާ ކޮންސަލްޓިން އިން ބޭއްވި ބޭސިކް ކޯހެއްގައި ބައިވެރިވިއެވެ. ކޯހުގެ ތެރެއިން އަބަދުވެސް އައްޑޫ އޮންލައިންއޭ ކިޔާ ވާހަކަ ދައްކަމުންދާތީ އެ ނަން ހަޤީޤަތަކަށް ހަދަން ޝިމްލާ ބޭނުންވިއެވެ.

"ކޯހުގައި ކިޔެވި ކުދިންނާއެކީގައި އަޅުގަނޑުމެން އެންމެން މަޝްވަރާކޮށްފަ އަޅުގަނޑުމެން "އައްޑޫ އޮންލައިން" ނޫސް ވުޖޫދަށް ގެނައީ. ދެން ވަރަށް ޗެލެންޖިން. ހާއްސަކޮށް އަންހެނަކު އިސްނަގައިގެން ކުރުން އޭގައި އެންމެ ބޮޑު ޗެލެންޖަކަށްވީ." ޝިމްލާ ބުންޏެވެ.

ހަތަރު މީހަކު ބައިވެގެން އުފެއްދި ނޫހުގައި އެންމެ ފަހުން މަސައްކަތް ކުރަންޖެހުނީ ޝިމްލާ އެކަންޏެވެ. ނޫސްވެރިއެއްގެ ގޮތުގައި މުޖުތަމައުއަށް ނުކުމެ މަސައްކަތް ކުރަން އާއިލާއިން އޭރު ނުރުހުނަސް ޝިމްލާ ހިތްވަރު ދޫކޮށްނުލާ އެ މަސައްކަތާއިގެން ކުރިޔަށް ގޮސް "އައްޑޫ ނިއުސް" މަޤްބޫލު ނިއުސްއަކަށް ހެދިއެވެ. އޭގެ ފަހުން ނޫސްވެރިކަމަށް ކުދިން ތަމްރީނުކޮށް އެކުދިންނާއެކީގައި މިދާއިރާއިން ޝިމްލާ ވަނީ ކުރިއެރުން ހޯދާފައެވެ.

ފޮޓޯ: ޝިމްލާ

ދިރިއުޅުމުގައި ގިނަ ޗެލެންޖުތަކާއި ކުރިމަތިލައި ގިނަ އޮޅި ގިރާކުރަމުން އައިއިރު ޝިމްލާއަށް އެންމެ ހިތާމަވެރި ދުވަހަކީ 7 އަހަރު މަސައްކަތް ކުރި "އައްޑޫ އޮންލައިން" އޭނަގެ އަތުން ބީވި ދުވަހެވެ. އިކޮނޮމިކް މިނިސްޓްރީގައި ނޫހުގެ ނަން ރަޖިސްޓްރީކޮށްފައި އޮތް މުއްދަތު ހަމަވެފައި އަލުން ރަޖިސްޓްރީނުކޮށް އުޅެނިކޮށް އެހެން ބަޔަކު ވަނީ އެނަމުގައި ނޫހެއް ރަޖިސްޓްރީކޮށްފައެވެ. އޭގެފަހުން އެ ނަމުގައި ނޫސް ހިންގައިގެން ނުވާނެ ކަމަށް އެފަރާތުން ޝިމްލާއަށް އެންގި ދުވަސް ހަދާނުން ނުނެތޭ ކަމަށް ޝިމްލާ ބުންޏެވެ.

އެހެންނަމަވެސް ހިތްވަރު ދޫކޮށްނުލާ "އޭއޯ ނިއުސް"ގެ ނަމުގައި ދެކުނުގެ ހަތަރު އަތޮޅަށް ނިސްބަތްވާ ނޫހެއް ރަޖިސްޓްރީކޮށްގެން ހިންގަން ފެށީއެވެ.

ޝިމްލާގެ ދަރިންނަކީވެސް މަންމަ ފަދައިން ވާހަކަ ކިޔުމަށް ޝައުޤުވެރިކަން ހުންނަ ކުދިންނެވެ. އެހެންކަމުން ކުޑައިރު އެކުދިން ކިޔާނެ ވާހަކަ ފޮތް ޝިމްލާ ތައްޔާރުކުރަނީ އަމިއްލައަށެވެ. ވާހަކަ ލިޔެގެން އެ ވާހަކަތައް ކުދިން ކިޔާލަން ދީ ހަދައެވެ.

މިގޮތަށް ވާހަކަފޮތް އަމިއްލައަށް ލިޔަމުން ދަނިކޮށް 2004 ވަނަ އަހަރު ނޫރާނީ ސްކޫލުގެ ބާނީ އަލްމަރުހޫމް އަލީ ލުތުފީގެ އެހީތެރިކަމާއެކު ޝިމްލާ ވަނީ ފޮޓޯ ހިމެނޭހެން ކުޑަކުދިންގެ ވާހަކަފޮތެއް ނެރެފައެވެ. ކުޑަކުދިން ކިޔާ ވާހަކަފޮތް ނެރެ ހަދަން ފެށުމުން ރައީސުލްޖުމްހޫރިއްޔާގެ އިނާމުވެސް ވަނީ ލިބިފައެވެ. މިއީ ޝިމްލާ އެންމެ އުފާވި ދުވަހެވެ.

ޝިމްލާ ބުނާގޮތުން ތަފާތު އަދި އެންމެ މަޖާ ކަމަކަށް ދިމާވީ އޭނާ ސައިކަލް ދުއްވި ހަދާނެކެވެ. ސައިކަލް ދުއްވާތާ 20 އަހަރުވީ ނަމަވެސް ފަހަތަށް މީހަކު އަރުވައިގެން ދުއްވާކަށް ޝިމްލާއަކަށް ނުކެރޭނެއެވެ. އެވާހަކަ ހިއްސާކުރަމުން ޝިމްލާ ބުނީ އޭނަގެ ދަރިފުޅު އޭލެވެލްގައި ކިޔަވަމުން ދަނިކޮށް ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރުވެސް މަގުމަތިން މީހުން ގިނަ ނަމަ ޝިމްލާ ސައިކަލް މަޑުކޮށްގެން މީހުން މަދުވަންދެން އިންނާނެއެވެ. ފެންގަނޑެއް މަގުމަތީ އޮތަސް ސައިކަލް މަޑުކޮށްލާފަ ދަރިފުޅު ފޭބުމުން އަނބުރާލާފައި އެހެން މަގަކުންދަނީއެވެ. އެއީ ވަރަށް ތަފާތު އަދި މަޖާކަމެއްގެ ގޮތުގައި ޝިމްލާވެސް ދެކެއެވެ.

ފޮޓޯ: ޝިމްލާ

ކުޑައިރުއްސުރެ ޝިމްލާ ބޭނުންވީ މުޖުތަމައުއަށް ބޭނުންތެރި އަދި ފައިދާހުރި މީހަކަށް ވުމަށެވެ. އޭނާ ޤަބޫލުކުރާ ގޮތުން އެހިސާބަށް މިހާރު ވަނީ ވާސިލް ވެވިފައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތްފަހު ގިނަ ފުރުސަތްތަކެއް ޝިމްލާއަށް ލިބިގެން ދިޔައެވެ. އެގޮތުން އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ ފައުންޑަރ ޑރ. މަރިޔަމް ޝަކީލާ އާ ދިމާވެ، މީޑިއާ ބޯޑް މެންބަރަކަށް މަސައްކަތް ކުރަން ފުރުސަތު ލިބުމާއި ޗައިނާ މޯލްޑިވިއަން އެސޯސިއޭޝަންގެ ފައުންޑަރ މުހައްމަދު ރަޝީދުއާ ދިމާވެ ސައުތު ކޯޑިނޭޓާއަކަށް އުޅުމަކީވެސް ލިބުނު ކާމިޔާބީއެއް ކަމުގައި އޭނާ ދެކެއެވެ. ހަމައެއާއެކު ޑރ. ޝަކީލާގެ ފަރާތްޕުޅުން ޝިމްލާއަށް ވަނީ އިންޓަރނޭޝަނަލް ފުރުސަތުތަކެއްވެސް ލިބިފައެވެ.

2019 ވަނަ އަހަރު ޝިމްލާ ވަނީ ތިން އެކުވެރިންނާއެކީ "ސަދަން ކޮމިއުނިޓީ އެމްޕަވަރަމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް" (ސްކީމް) ގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްވެސް އުފައްދާފައެވެ.

ޝިމްލާ ވަނީ 2020 ވަނަ އަހަރު ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ހުވަދޫ، އައްޑޫ، ފުވައްމުލަކުގައި ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ކުދިން ތަމްރީނުކޮށް މިދާއިރާއަށް ނެރެދީފައެވެ. ނުސްވެރިކަމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ޝިމްލާގެ ދަރިވަރުން ފެނުމުނުން އޭނާ ވަރަށް ފަޚުރުވެރިވާ ކަމަށް ޝިމްލާ ބުންޏެވެ.

ފޮޓޯ: ޝިމްލާ

މިހާރު ޝިމްލާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާ ނެތް ދުނިޔެއެއްގައިވެސް މިފަދަ މަސައްކަތްތައް ކުރެވޭނެ ބަޔަކު އުފައްދައި އޭނައަށް ނުކުރެވޭ ދުވަހަކު އެމީހުން އެ މަސައްކަތްތައް ކުރާ ދުވަހެވެ.

މި ހާހިސާބަށް އައިއިރު ގިނަ ކާމިޔާބީތަކާ ހަމައަށް ވާސިލް ވެފައިވާއިރު އެންމެ ބޮޑު ކާމިޔާބެއް ކަމަށް ޝިމްލާ ދެކެނީ ރާއްޖޭގައި ނޫސްވެރިކަން ނެތް ސަރަހައްދަކުން އަމިއްލަ މީޑިއާއެއް އުފައްދައިގެން މި ހިސާބަށް އައިސް އަމިއްލަ މަސައްކަތުން ތަމްރީނުކުރި ކުދިންނާއެކު އެ މަސައްކަތް ކުރުމެވެ.

އައްޑޫސިޓީ ކަނބައިދީ އެވޯޑާއި އައްޑޫ ސިޓީ ކައުންސިލުގެ އެވޯޑް ޝިމްލާ ހާސިލްކޮށްފައިވާއިރު 2021 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން ރެހެންދި އެވޯޑުވެސް ޝިމްލާއަށް ލިބުނެވެ. ހަމަ އެއަހަރު އިންޑިއާގެ މަދްޔަޕްރަދޭޝް އެސޯސިއޭޝަނުން ނޫސްވެރިކަމުގެ ދާއިރާގައި ޝިމްލާ ކުރި ހިތްވަރަށް ވަނީ އެވޯޑެއް ދީފައެވެ. މިދިޔަ އަހަރު މީޑީއާ ކައުންސިލުން ނުސްވެރިންނަށް އެވޯޑް ދިންއިރު އެއް ފަނޑިޔާރަކަށް އިންނެވީ ޝިމްލާއެވެ. މިއީ އޭނައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އާންމު ދިރިއުޅުމުގައި ރައްޓެހިންނާއި އާއިލާއެކު ވަރަށް މަޖާކޮށް ދިރިއުޅުން ވޭތުކުރަމުން އަންނަ ޝިމްލާގެ ހޮބީއަކީ ކުޑައިރެކޭ އެއްގޮތަށް އަދިވެސް ފޮތްކިޔުމާއި ވާހަކަ ލިޔުމެވެ.

ނޫސްވެރިކަމުގައި އުޅޭ ނުވަތަ މި ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޝިމްލާ ދޭން ބޭނުންވާ މެސެޖަކީ ވަރަށް ކުރާ ހިތުން އެ މަސައްކަތް ކުރުމަށެވެ. އަދި އެއީ ވަޒީފާއެއްގެ ގޮތުގައި ބަލައިގެން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް އޭނާ ބުންޏެވެ. ޝިމްލާގެ އެދުމަކީ އެ މަސައްކަތުގައި އުޅޭއިރު ޒިންމާދާރުގޮތުގައި އެކަން ކުރުމެެވެ.

"ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާއިރު އަބަދުވެސް ވިސްނާށޭ އަޅުގަނޑުމެން މިކުރާ މަސައްކަތުން މުޖުތަމައު ފަސާދަވާ ގޮތަށް މަސައްކަތް ނުކުރާށޭ. އަޅުގަނޑުމެން އަބަދުވެސް މުޖުތަމައުއަށް ފައިދާހުރި ގޮތުގައޭ ކޮންމެ ކަމެއް ކުރިޔަސް ކުރަންޖެހޭނީ. ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން މިލިޔާ އެއްޗެހީގެ ޒިންމާ އަމިއްލައަށް ނަގަންޖެހޭނެ."

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    އެކޕޅުކޮޅު މިނިސްތްރީންވއސް މީސްމީހުންގެ ޙައްޤުތައް އެހެން ބަޔްކަށް ދޭންވާނީ އަސްލު ޙައްޤުވެރިޔާގެ ބަހެއް ހޯދާފަ

  2. ދިރާގްސިމް

    މީ ސީދާ ބޮޑު ކީކޭ ބުނާނި ނެތް ބުނާކަށް އެއްޗެއް

  3. ސައްޕު

    މުދައްރިސްކަން ދޫކޮށް ނޫސްވެރިކަމަށް ދިއުމަކީ މިގައުމުގައި މިވަގުތު އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ދެކެން. އެހެނެއްނޫން. ބޭނުންވަނީ ވަކިބަޔަކު ރުހޭ ގޮތަކަށް ލިޔެގެން މަޝްހޫރުކަން ހޯދަން ކަމަށްވާނަމަ ފަހުން ސިޔާސީ މަގާމަކަށް ދާން ފަސޭހަވެފައި މަގުކުރު ވެދާނެ.