ގއ. ދާންދޫއަށް އުފަން މުހައްމަދު ފަޒީލްއަކީ ރައްޔިތުންނާ ގުޅޭ ހިތްހެޔޮ އަދި ދާއިރާގެ ގިނަ ބަޔަކު ދަންނަ ދެކެފަރިތަ މޫނެކެވެ. އޭނާ ދާންދޫ ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށްފަހު މާލެ ބަދަލު އޯލެވެލް ނިންމެވީ އީޕީއެސް ސްކޫލުންނެވެ. އޯލެވެލްއަށްފަހު ޕާޓް ޓައިމަށް ވަޒީފާ އަދާކުރަމުން، އޭލެވެލް ނިންމާލެއްވިއެވެ. އޭލެވެލް ހާސިލުކުރެއްވުމުގެ ތެރޭގައި ފަޒީލް ވަނީ ޤާރީ ކޯސްވެސް ފުރިހަމަކުރައްވައިފައެވެ.

އިންޑިއާގައި މަތީ ތައުލީމު ނިންމެވުމަށްފަހު މޯލްޑިވިއަން އެއަރ ޓެކްސީގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ގޮތަށް އަދިވެސް ފަޒީލް ހުންނެވީ އެ ވަޒީފާގައެވެ. އެންމެ ފުރަތަމަ ކެބިިން ކުރޫއެއްގެ ގޮތުގައި އުޅުއްވުމަށްފަހު އިންޖީނިއަރިންގ ކޯސް ފުރިހަމަކުރައްވައިގެން ފަޒީލް މިހާރު ހުންނެވީ އެއާކްރާފްޓް އިންޖިނިއަރިންގެ އެންމެ މަތީ ހަރުފަތުގައެވެ. އޭގެކުރިން ސްކޫލް ޓީޗަރަކަށްވެސް އުޅުނު ފަޒީލް ވަނީ މިފްކޯގައި ވަޒީފާ އަދާ ކުރައްވައިފައެވެ. މި ހުރިހާ ދާއިރާއަކުންވެސް ފަޒީލް ގެންދެވީ ގިނަ ތަޖުރިބާތަކެއް ހޯއްދަވަމުންނެވެ. ފަޒީލްއަކީ ދުނިޔެވީ، އިލްމީ، ތަޖުރިބާކާރު ބޭފުޅެކެވެ.

އިންޖީނިއަރެއްގެ ގޮތުގައި ފާއިތުވީ ދުވަސްތަކުގައި އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ފަޒީލްއަށް ލިބިވަޑައިގަންނަވާ ބޮޑު އާމްދަނީގެ ނަފާ އާއިލާއާ ހިއްސާކުރެއްވުމަށްފަހު 50 ޕަސެންޓު ހިއްސާ ކުރައްވަނީ އިޖުތިމާއީ ގޮތުން ރަށަށް ބޭނުންވާ ކަންތައްތައް، ވަކިން ހާއްސަކޮށް ހާލުގައި ޖެހިފައިވާ ނިކަމެތި މީހުންނަށް އެހީވުމަށެވެ. އެއީ ފަޒީލްގެ ކިބައިގެން ފެނިގެންދާ ރީތި ސިފައެކެވެ. ފަޒީލްގެ ދީލަތިކަމާއި ހެޔޮކަމަކީ ގިނަ ބަޔަކު ފަޒީލްއަށް ތާއީދުކުރާ އެއް ސަބަބެވެ. ބޭނުމެއް ޖެހިގެން އަންނަ މީހަކު ހުސްއަތާ ފޮނުވާލުމަކީ ފަޒީލް ނުކުރާނެ ކަމެކެވެ.

ސިޔާސީ ދާއިރާއަށް ނުކުންނެވުނު ގޮތް

ފަޒީލްގެ ދިރިއުޅުމުގެ ގިނަ ދުވަސްތައް މާލޭގައި ހޭދަކުރެއްވުމުން އޭނައަށް ވިސްނިވަޑައިގަތީ ތައުލީމު ހާސިލްކުރުމަށާއި އެހެނިހެން ކަންކަމަށް މާލެ އައިސް އުޅޭ ރާއްޖެތެރޭ ކުދިންނާއި މާލޭ ކުދިންނާ މެދު ވަރަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމެވެ. އެހެންކަމުން ސްކޫލް ދައުރުން ފެށިގެން ސިޔާސީ މައިދާނަށް މަޑުމަޑުން ނުކުމެވެން ފެށުނެވެ.

"ސްކޫލް ދައުރުން ފެށިގެން އަޅުގަނޑުމެންތެރޭ ސިޔާސީ ވާހަކަތައް ފެށިއްޖެ. ޤާނޫނު އަސާސީގައި ޤާނޫނުތައްވެސް ހެދިފައިވަނީ ބޮޑު މީހާއަށް ރަނގަޅު ގޮތަށް، ކުޑަ މީހާއަށް ގޯސްކޮށް. ރައްޔިތުންގެ ތެރެއިން ނިކަމެތި މީހާ ދެރަ މީހެއްގެ ގޮތުގައި ޤާނޫނުގައި މިއޮންނަނީ. ފަލަ މީހާ، ބޮޑުމީހާއަށް ނޯވޭ ޤާނޫނުގައި އެއްވެސް ހަމައެއް." ފަޒީލް ވިދާޅުވިއެވެ.

ދެހާސް އަށް ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ފަޒީލްގެ ފިކުރު އެމްޑީޕީއާ ދިމާލަށް ދިޔަނަމަވެސް ވަކި ހިސާބަކުން އެމްޑީޕީގެ އެޖެންޑާއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ހިޔާލު ބަދަލުވެގެން ދިޔައިއެވެ. އޭރު ފަޒީލުގެ އާއިލާ އަކީ ޑީއާރުޕީއަށް ތާއީދުކުރާ އާއިލާއަކަށް ވުމުން ފަޒީލްވެސް ޑީއާރުޕީއާ ގުޅިވަޑައިގަތިއެވެ. ފަރުދާގެ ފުރަގަހުގައި، ޑީއާރުޕީ، ޕީޕީއެމަށް، އަދި މިހާރު ޕީއެންސީގައި ފަޒީލް ކުރެއްވި ޚިދުމަތްތައް ފާހަގަކޮށްލެވޭނެއެވެ.

ފަރުދާގެ ފުރަގަހުގައި ހަރަކާތްތެރިވި ނަމަވެސް، ކޮންމެ ދުވަހަކުވެސް ޒުވާނުންނާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ފަޒީލް ދަނީ އެފަރާތްތަކުގެ ހާލަތު ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ކުރިން އޮތް އެމްޑީޕީ ސަރުކާރު ތެރެއިން ކަންތައްތައް ކޮށްދިނުމަށް ރައްޔިތުން އެދުމުން އެމްޑީޕީ ތެރޭ އުޅޭ ފަޒީލްގެ ރައްޓެހިން މެދުވެރިކޮށް ރައްޔިތުންނަށް އެކަންތައްތައް ފުއްދައި ދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވައެެވެ.

މަޖިލިހަށް ކުރިމަތިލައްވަން ނިންމެވީ ކީއްވެ؟

ދާންދޫ ދާއިރާގައި މިވޭތުވެދިޔަ 5 އަހަރު ހައްލު ނުކުރެވިފައި ހުރި މައްސަލަތަކަށް އަލިއަޅުވާލަމުން ފަޒީލް ފާހަގަކުރެއްވި ގޮތުގައި ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ލިބޭ ސިއްޚީ ހިދުމަތުގެ ފެންވަރު ދަށްވުމެވެ. ބަލިތަކަށް ހާއްސަ ޑޮކްޓަރުން ނުތިބެއެވެ. ބޭނުންވާ ވަރަށް އެނދު ސިއްހީ މަރުކަޒުގައި ނުހުރެއެވެ. ބަލި ތަހުލީލުކުރާނެ ލެބޯޓަރީތަކެއްވެސް ނެތެވެ.

އެކަން ހައްލު ކުރުމަށް ފަޒީލް ހުށަހަޅުއްވާ އެންމެ މުހިންމު ހައްލަކީ ދާއިރާގެ އެންމެ އާބާދީ ބޮޑު ގއ. ދާންދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމެވެ. އެއާއެކު، ދާއިރާގެ އެހެން ރަށްތަކުގެ މީހުންނަށްވެސް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ސިއްޚީ ކަންތައްތައް. ދާންދޫގައި ސިއްޚީ މަރުކަޒު އަޅުގަނޑުމެންގެ ވިސްނުންހުރީ 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރާއި ވާހަކަ ދައްކައިގެން." ފަޒީލް ވިދާޅުވިއެވެ.

މީގެއިތުރުން ގއ. ގއ. ނިލަންދޫ އަދި ކޮނޑޭ ހެލްތު ސެންޓަރުގައި ހުރި މައްސަލަތައް ހައްލުކޮށް ލެބޯޓްރީގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަޒީލް ވިދާޅުވާ ގޮތުން، އެމްޑީޕީ ސަރުކާރުން ނަމެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާތީ ރައްޔިތުން ތިބީ، ލިބުނު ގޯތިތަކުގައި މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އަޅާނެ ތަނަވަސްކަމެއް ނެތިފައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކުގައި ހިމަނާފައިވާކަން ފާހަގަކުރައްވައި، ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް އެކަންތައް ވީހާވެސް އަވަހަކަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ފަޒީލް ވަނީ ދެއްވައިފައެވެ.

ފަޒީލް ވިދާޅުވި ގޮތުގައި، އޭނާގެ ވިސްނުންފުޅު ހުރީ މަޖިލީހުގެ ގޮނޑި ކާމިޔާބު ވެއްޖެނަމަ ދާއިރާއަށް ވޮލަންޓިއަރކޮށް މަސައްކަތް ކުރާނެ ސްޕެޝަލިސްޓު ޑޮކްޓަރުންތަކެއް ގެނެސްގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށެވެ. އެއީ ވާނެ ކަމެއްތޯ ގިނަބަޔަކު ސުވާލު އުފައްދާފައިވާއިރު، ފަޒީލް ވިދާޅުވަނީ ސަރުކާރު ކެނޑިޑޭޓެއްގެ ގޮތުގައި ހޮވައިފިނަމަ އެކަން ކުރައްވާނެ ކަމަށެވެ. އަދި ބޭނުންވާ ވަސީލަތްތައް ވެސް ހޯއްދަވައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުގެ މެންބަރެއްގެ ގޮތުގައި ހުރެއްޖެ ނަމަ، އަޅުގަނޑަށް ސަރުކާރު ތެރެއިން އެ ހުއްދަތައް ނަގަން ވަރަށް ފަސޭހަވާނެ.". ފަޒީލް ވިދާޅުވިއެވެ.

ރައީސް ބައިވެރިވެ ވަޑައިގެންނެވި ދާންދޫ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް ފަޒީލްގެ ޖަގަހަ ހުޅުވުން‎ޖަގަހަ ހުޅުވުން ‎- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

''ސަރުކާރަށް މަޖިލީހުގެ އަޤުލަބިއްޔަތު ލިބުން ވަރަށް މުހިންމު''

ފަޒީލް ފާހަގަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖެއަށް ތަރައްޤީ ގެނެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ސަރުކާރުން ބޭނުންވާ ގާނޫނުތައް ފާސްކުރެވިގެން ކަމެވެ. އަދި ދާއިރާއަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދެވޭނީ ސަރުކާރުގެ ކެންޑިޑޭޓަކު މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގޭނީ ރައީސުލްޖުމްހޫރިއްޔާއަށް އަޣުލަބިއްޔަތު ލިބިގެން. ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން ފާސްކުރަން ބޭނުންވާ ޤާނޫނުތައް ފާސްކުރެވިގެން. މިހާރު އޮތް މަޖިލީހުން ވަރަށް ޒިންމާދާރުކުޑަ ގޮތެއްގައި އަމަލުކުރަނީ.". ފަޒީލް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް އެމްޑީޕީން މަޖިލިސް ތެރެއިން ހުރަސް އަޅާކަން ފަޒީލް ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބަލާނީ ސަރުކާރު ބޮއިކޮޓް ކުރުމަށް ކަމަށާއި މަޖިލިސް ތެރެއިން އެއްވެސް ކަމެއް ވިޔަ ނުދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާ ކަަމަށް ފަޒީލް ވިދާޅުވިއެވެ. އެހެންވެ، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެވޭނީ ސަރުކާރަށް މެޖޯރިޓީ ލިބިގެންކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ފަޒީލް ވާހަކަ ދައްކަވަނީ. ‎- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

ރައްޔިތުންގެ މަޖިލީހަކީ ވަރަށް ޒިންމާ ބޮޑު ތަނެއް ކަމަށާއި އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވެން ޖެހޭނެ ކަމަށް ފަޒީލް ޤަބޫލުފުޅު ކުރައްވައެވެ. ހަމައެއާއެކު ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ މެންބަރުން ވާން ޖެހޭނީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށް ކަމަށް ފަޒީލް ވަނީ ވިދާޅުވެފައެވެ. އަދި ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވަން ޖެހޭނެ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ނަމަވެސް، އެމްޑީޕީ މެމްބަރުންގެ އަމަލުތައް ހުރީ މުޅިން އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. ފަޒީލް ގޮވާލައްވަނީ އިދިކޮޅު ފަރާތްތަކުން ގެންގުޅުއްވާ ވިސްނުން ދޫކޮށްލައްވައި ސަރުކާރަށް މަޖިލިސް ތެރެއިން އެއްބާރުލުން ދެއްވުމަށެވެ. އެއީ މަޖިލިސް މެންބަރުންގެ ޒިންމާއެއް ކަމުގައި ފަޒީލް ދެކެވަޑައިގަންނަވައެވެ.

"މަޖިލިސް ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުމަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް އުނދަގޫ ކުރުމެއް ނޫނޭ، ރައްޔިތުންނަށް ބޭނުންވާ މެނިފެސްޓޯއެއް ހިފައިގެންނޭ ރައީސުލްޖުމްހޫރިއްޔާ އެ ވަޑައިގަތީ. އެހެންވީމަ އެ މެނިފެސްޓޯގައި ހުރި ކަންތައްތައް ރައްޔިތުންނާ ހަމަޔަށް ވާސިލްކޮށްދޭން، ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދެއްވާށޭ." ފަޒީލް ވިދާޅުވިއެވެ.

"އެމްޑީޕީއަށް މަޖިލީހުގެ އަޤުލަބިއްޔަތު އޮތްއިރު މި ޤައުމު ހަމަ މަގަށް ނޭޅުވީ ކީއްވެ؟"

މަޖިލިސް ތެރޭގައި މިހާރުވެސް ހިނގަމުންދާ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ފަޒީލް ވިދާޅުވަނީ ދެންވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ފެނިގެންދާނީ ވަރަށް ހަޑިމުޑުދާރު އަމަލުތަކެއް ކަމަށެވެ. މިސާލަކަށް މަޖިލިސް ކުރާ ގޭގެ ތަކެއްޗަށް ގެއްލުން ދިނުމާއި، އަޑުގަދަކުރުމާއި، ރައްޔިތުންގެ މަޖިލިސް ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށް ބަޤާވާތަކުން މި ވެރިކަން ވައްޓާލަން އިދިކޮޅުން މަސައްކަތް ކުރާކަން ފަޒީލް ފާހަގަކުރެއްވިއެވެ.

"އެބޭފުޅުން ބޭނުންވަނީ ކޮންމެ ގޮތެއް ހައްދަވާފައިވިޔަސް ވެރިކަމަށް އަންނަން. ދެންއޮތީ މެޖޯރިޓީ އޮތްއިރު އެބޭފުޅުން ޤައުމު ހަމަ މަގަށް ނޭޅުވީ ކީއްވެގެންތޯއޭ؟ ކޮބައިތޯއޭ ޗާޕްކުރި ފައިސާއަށް ހެދީ ކިހިނެއް ތޯއޭ؟ ގައުމު އޮތީ ބަނގުރޫޓުކޮށްލާފަ." ފަޒީލް ވިދާޅުވިއެވެ.

ރައީސް ބައިވެރިވެ ވަޑައިގެންނެވި ދާންދޫ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް ފަޒީލްގެ ޖަގަހަ ހުޅުވުން‎ޖަގަހަ ހުޅުވުން ‎- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

ކުރީ ސަރުކާރުން ފައިސާ ޗާޕްކޮށް، ވެރިކަން ނިމިގެންދިޔައިރު މުޅި ގައުމު ދޮވެލާފައި ދިޔަކަން ފަޒީލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި ސަރުކާރުން ރައީސް ބައްލަވަނީ ފައިސާ ޗާޕުނުކޮށް ދަރަނިި އަދާކޮށް ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ކަމަށް ފަޒީލް ވިދާޅުވިއެވެ.

ދާއިރާ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު

ފަޒީލް ވިދާޅުވީ، އޭނާއަކީ ފުރަތަމަ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށާއި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ކެންޑިޑޭޓު ކަމަށެވެ.

"ރައްޔިތުން އަޅުގަނޑަށް ވޯޓު ދޭންވީ އަޅުގަނޑަކީ ރައްޔިތުންގެ މީހަކަށް ވާތީ." ފަޒީލް ވިދާޅުވިއެވެ.

"ގައުމީ އަދި ވަތަނީ" ކެންޑިޑޭޓު ހޮވައިގެން ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ފަޒީލް ވަނީ ވިދާޅުވެފައެވެ. އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ވަކި ކުލައަކަށް ބެލުމެއް ނެތި ހަމަހަމަކަމާއެކީ ޚިދުމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފަޒީލް ވަނީ ދާއިރާގެ ރައްޔިތުންނަށް ދެއްވައިފައެވެ.

"އަޅުގަނޑަކީ މުޅި ގައުމުގެ ކެންޑިޑޭޓް އަދި ވަތަނީ ކެންޑިޑޭޓް. އަދި އެއްވެސް ރައްޔިތަކު ބާކީ ކޮށެއް ނުލާނަން އަޅުގަނޑު. ރައްޔިތުން އަޅުގަނޑަށް ދެއްވާ ވޯޓެއް ބޭކާރު ނުވާނޭ. އަޅުގަނޑަށް ވޯޓު ދެއްވާ." ފަޒީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ސާބަހޭ ފަޒީލް ،2024

    5
    4
  2. Anonymous

    އިދިކޮޅަށް މަޖިލިސް ލިބިއްޖެނަމަ ގައުމުގެ ދުވަސްދާނެ. ކަށަވަރު. މަޖިލިހަށް ނުނަގާނެ އެއްވެސް ބާރެއް ނޯންނާނެ. ގޯތި ލިސްޓް ހެދުމާއި، ގައުމުގައި ހިންގާނެ ޕްރޮޖެކްޓް ތައް މަޖިލިހުން ކަނޑައަޅާނެ. ރާއްޖޭގެ އިގުތިސާދު ކޮންމެ ގޮތަކަށް އޮތަސް މުސާރަ ބޮޑުކުރާނެ ބަޔަކަށް ކުރާނެ. ބޭނުން ތަނެއްގެ ނަންޖަހާފަ ޕްރޮޖެކްޓްއަށް ބަޖެޓް ދޭނީ. ދިވެހިރާއްޖެ ވެރިކަމެއް ނޯންނާނެ. ވެރިކަން ކުރާމީހުން ބޭނުންވާގޮތް ނޫންގޮތްގޮތަށް ޕްރޮޖެކްޓްތައް އަނބުރަންފެށުމުން އިންވެސްޓަރުން މިގައުމަކަށް ނުލިބޭނެ. އެމީހުން އިންވެސްޓް ކުރަން ނިންމާނީވެސް ތަނާއި އެކްސެސިބިލިޓީ ބެލުމަށްފަހު.
    ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް. ރައްޔިތުން ނިކަން ރަނގަޅަށް ވިސްނަންޖެހޭކަންކަން މިހުންނަނީ. އިދިކޮޅު އެބަޖެހޭ ދުރުކޮށްލަން. އެއީ އިހްލާސްތެރި ބައެއްނޫންކަން ފާއިތުވި 4 މަހު ސާބިތުކޮށްދީފި. ގައުމު ދަރާ ހިސާބުގަ އޮއްވަ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށ ކޮންމެ މީހަކަށް 15 އާއި 30 ހާހާ ދެމެދުން މުސާރަ ބޮޑުކޮށްލީ ސަރުކާރުގެ ސޭއެއްނެތި. އެއީ ސީދާ ގާނޫނާ ހިލާފު އަމަލެއް. ފައިސާއާ ގުޅޭ އެއްވެސް ކަމެއް ސަރުކާރުން ހުށަހަޅައިގެން ނޫންގޮތަކަށް ނުނިންމޭނެ.

    1
    2