ޅ. ކުރެންދު އަށް އުފަން ބޮޑު ދެ އާއިލާ ކަމުގައިވާ ކުރުފުތި އާއިލާ އާއި އިސްމާލުކަލޭ އާއިލާއާ ގުޅުން ހުރި އާދަމް ތައުފީގަކީ ކުރެންދޫ ދާއިރާގެ ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ތައުލީމީ ގޮތުން ވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ދާއިރާގައި ހިމެނޭ ޅ. ކުރެންދޫ އާއި ޅ. އޮޅުވެލިފުށީގެ ގިނަ ރައްޔިތުންތަކަކާ ގާތް ގުޅުމެއް އޮންނަ އާދަމް ތައުފީގަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫނެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލައެއްގައި ދުވަހަކު މީހަކު އޭނާއާ ދިމާލަށް އިނގިއްޔެއް ދިއްކޮށްފައި ނެތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި، އާދަމް ތައުފީގު މިއީ ރައްޔިތުންގެ މަޖިލިހުގެ ކުރެންދޫ ދާއިރާއަށް ވާދަކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން، 2019 ވަނަ އަހަރުގައި ވެސް ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލެއްވި ނަމަވެސް އޭނާ އަށް ކާމިޔާބީއަކާ ހަމައަށް ވަޑައިނުގެންނެވުނެވެ.

ކުރެންދޫ ގައި ހުންނަ މަކުތަބުނަޖީބުލްޙަބަޝީ އިން ތައުލީމީ ހަޔާތް ފެއްޓެވުމަށް ފަހުގައި ޅ. އަތޮޅު މަދަރުސާ އަދި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ޖީސީއޯލެވެލް ފުރިހަމަ ކުރައްވައި އެއަށްފަހު މާލޭ ގައި ހުންނަ ހޮޓެލް ސްކޫލް، މިހާރުގެ ފެކަލްޓީ އޮފް ޓުއަރިޒަމް ސްޓަޑީޒްގައި ކިޔެވުން ފަށާ ހޮޓެލް މެނޭޖްމެންޓް އެންޑް ކޭޓަރިންގ ޑިޕްލޮމާ ހާސިލް ކުރެއްވިއެވެ. އެއަށް ފަހު އިތުރަށް ތައުލީމް ހާސިލް ކުރެއްވުމަށް ސްރީލަންކާ އަށް ދިރިއުޅުން ބަދަލު ކުރައްވައި ލަންކާގެ ތަފާތު އެތައް ޔުނިވަސިޓީތަކުން އެތައް ކޯސްތަކެއް ފުރިހަމަ ކުރެއްވިއެވެ.

އެގޮތުން އޮކްސްފޯރޑް ބިޒްނަސް ކޮލެޖުން ޓްރެވަލް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ޑިޕްލޮމާ ހާސިލް ކުރެއްވިއެވެ. ހަމަ އެ ކޮލެޖުން ބިޒްނަސް މެނޭޖްމެންޓް އެޑްވާންސް ޑިޕްލޮމާ ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު ސިންގަޕޯ އިންފޮމޭޓިކްސް ކޮލެޖުން އިންޓަނޭޝަނަލް ޑިޕްލޮމާ އިން ކޮމްޕިއުޓިން، އަދި އައި ޑީއެމް ކޮލެޖުން ކޮމްޕިއުޓިން ހާޑްވެއާ ނެޓްވޯކިން ނިންމުމަށްފަހު، އެމެރިކަން ނޭޝަނަލް ޔުނިވަސިޓީ އިން ބިޒްނަސް މެނޭޖްމެންޓް އެންޑް މާރކެޓިންގ ޑިގްރީ ފުރިހަމަ ކުރެއްވިއެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަޙު އޮތް ގޮތުން، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަސްޖެހެމުން ދިޔަ ދިޔުން ބަދަލުކޮށް ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކީ ވެސް އާދަމް ތައުފީގެވެ.

މަޖިލިހަށް ކުރިމަތިލައްވަން ނިންމެވީ ކީއްވެ؟

ސަރުކާރުގެ ކެންޑިޑޭޓު އާދަމް ތައުފީގް ވިދާޅުވި ގޮތުގައި މަޖިލިހަށް ކުރިމަތިލައްވަން ނިންމެވީ ލިބިވަޑައިގެންފައި ހުރި ތައުލީމާއި ވަޒީފާގެ ތަޖުރިބާ އިން ކުރެންދޫ އަދި އޮޅުވެލިފުށީގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވިދާނެ ކަމުގެ އިހްސާސް ކުރެއްވޭތީއެވެ.

ކުރެންދޫ އާއި އޮޅުވެލިފުށީގައި ކުރަން ޖެހޭ ކަންތައްތައް ގިނަ އިރުގައި، އުމްރާނީ ގޮތުން ދެ ރަށަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތަކެއް ހުރި ކަމަށް އާދަމް ތައުފީގް ވިދާޅުވިއެވެ. ރަށެއްގައި ދިރިއުޅެމުންދާ އިރުގައި ބޭނުންވާ ގިނަ ކަންތައްތަކެއް ވެސް ހުރި ކަމުގައި އާދަމް ތައުފީގް ވިދާޅުވިއެވެ. މެމްބަރުކަމަށް ހޮވިވަޑައިގެންފި ނަމަ، ދާއިރާ ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމުގައި ވެސް އާދަމް ތައުފީގް ވިދާޅުވިއެވެ.

"އުމްރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތާއި ފަރުދީ ގޮތުން ބޭނުންވާ ކަންކަން ތަރައްގީ ކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ކުރެންދޫ ދާއިރާ އަށް ދެން ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ތަސައްވުރެއް ނެތް ކަން ފާހަގަ ކުރައްވައި އާދަމް ތައުފީގް ވިދާޅުވިއެވެ.

ކުރެންދޫއަކީ ހިއްކެން އޮތް ރަށެއް ނޫނެވެ. އެ ރަށުގެ އާބާދީއާ އެއްވަރަށް ގޯތި ދެވިފައި އޮތް އިރު، ބިން އޮތީ ފުރިފައެވެ. އެހެންވެ، ކުރެންދޫ ރައްޔިތުން ތަނަވަސްކަމާއެކީގައި ދިރިއުޅުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމުގައި އާދަމް ތައުފީގް ވިދާޅުވިއެވެ.

"ތަރައްގީ ގެނައުމަށް ނުކުރެވޭނެ ކަމެއް ނޯންނާނެ"

އޮޅުވެލިފުއްޓަކީ ކުރެންދޫއާ ތަފާތުކޮށް އޮންނަ ރަށެކެވެ. އޮޅުވެލިފުށީގައި ހިއްކޭނެ ޖާގަ އޮތް އިރު، ލޯކަލް ޓޫރިޒަމަކީ ވެސް އެ ރަށުގައި ފުޅާ ކުރެވިދާނެ ވިޔަފާރިއެކެވެ. އޮޅުވެލިފުއްޓަކީ ވެސް 21 ގަރުނުގައި މީހުން ދިރިއުޅޭ ފެންވަރުގެ ރަށަކަށް ހެދިދާނެ ކަމަށް އާދަމް ތައުފީގް ގަބޫލު ކުރައްވައެވެ. ސަރުކާރާ ގުޅިގެން މިކަންކަން ހާސިލްކޮށް ދެއްވޭނެ ހަމައެކަނި ބޭފުޅަކީ ވެސް އޭނާ ކަމުގައި އާދަމް ތައުފީގް ވިދާޅުވިއެވެ.

"ތަރައްގީ ގެނައުމަށްޓަކައި އަޅުގަނޑަކަށް ނުކުރެވޭނެ މަސައްކަތެއް ނުހުންނާނެ. ފޮތުގައި ލިޔެފައި އޮތް ކޮންމެ އެއްޗަކީ ތުނޑުން ތުނޑަށް ރައްޔިތުންނަށް ހާސިލްކޮށްދޭނެ ކަންކަން. މި ފުރުސަތު ލިބިއްޖެ ނަމަ، އެކަން ކުރުމުގައި އަޅުގަނޑު ދެމި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ވެސް އަރުވަން،" އާދަމް ތައުފީގް ވިދާޅުވިއެވެ.

އާދަމް ތައުފީގް ވިދާޅުވީ ދެ ރަށުގައި ތިބި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކޯޕަރޭޓިވް ސޮސައިޓީ އުފައްދަވައި ކުރެންދޫގައި އެސްއެމްއީ ހަބެއް ގާއިމު ކުރައްވައި ކުލަބް ޖަމިއްޔާތަކަށް ޖާގަ ފަހިކޮށް ދެއްވާނެ ކަމަށެވެ. އާދަމް ތައުފީގް ވިދާޅުވީ ކުރެންދޫ އާއި އޮޅުވެލިފުށީގެ ރައްޔިތުން އާމްދަނީ ހޯދާނެ މަސައްކަތް ކުރުމަށް ފަޅު ރަށެއް ލިބިއްޖެ ނަމަ، އެއީ އެ ދެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން މި ހުރީ ދުބާއީ ފެންވަރުގައި ނޫނީ ތަހުޒީބުވެފައިވާ ގައުމުތަކުގެ ވިސްނުމުގައި އަޅުގަނޑުމެން އޮޕަރޭޓް ކުރަން. މިއީކީ ވަކި ބައްރަކަށް ހާއްސަ ކަމެއް ނޫން. މިއީ ކުރެންދޫ އަދި ކުރެންދޫ ދާއިރާ އަށް ވެސް ކުރެވޭނެ ކަންތައްތައް،" އާދަމް ތައުފީގް ވިދާޅުވިއެވެ.

"ސަރުކާރަށް މެޖޯރިޓީ މުހިންމު، ފެއިލް ރިޕޯޓެއް ހިފައިން ދާން ބޭނުން ނުވާނެ"

އާދަމް ތައުފީގް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް ބައްޓަން ކުރަން ވާނީ ސަރުކާރުގެ ވައުދުތައް ފުއްދޭނެ ގޮތަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އެކުލަވާލާއިރުގައި ކުރިން މަޖިލިސް ފުށުއަރާ ގޮތަށް ނިންމުމެއް ނިންމައިފި ނަމަ، އޭގެ އަގު ރައްޔިތުން އަދާކުރަން ޖެހޭނެ ކަމުގައި އާދަމް ތައުފީގް ވިދާޅުވިއެވެ.

"ސަރުކާރެއް ބޭނުން ވާނެ، ސަރުކާރުގެ ވައުދުތައް ފުއްދަން. އަނެއް ފަސް އަހަރު ރައްޔިތުން ކައިރިއަށް ދާން ބޭނުންވާނެ އެ ސަރުކާރަކުން. އެހެންވީމަ ރައްޔިތުން ކައިރިއަށް ފެއިލް ރިޕޯޓެއް ހިފައިގެން ދާކަށް ސަރުކާރެއް ބޭނުން ނުވާނެ. އެހެންވީމަ ވަރަށް މުހިންމު ކަމެއް މިއީ ރައްޔިތުންގެ މަޖިލިހުގައި ބާރުވެރިކަމެއް ދޭއިރުގައި މިގޮތަށް ދިނުމަކީ،" ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމު ކަން ފާހަގަ ކުރައްވައި އާދަމް ތައުފީގް ވިދާޅުވިއެވެ.

އާދަމް ތައުފީގް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ދީފިނަމަ، މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމް ނުކުރާނެ ކަން ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލިހުން ފެނުނު މަންޒަރުން ވެސް ސާފުވެފައިވާ ކަމަށެވެ. އާދަމް ތައުފީގް ވިދާޅުވި ގޮތުގައި ދާއިރާގެ ރަށްތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މިއަދު ބޭނުން ވަނީ ތަރައްގީވެފައިވާ ރަށްތަކެވެ. އަދި ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މިކަންކަން ގާއިމު ކުރެވެން އަންނަނީ ރާއްޖެއަކީ ހަމަޖެހުން އޮތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް ދެއްކިގެން ކަމަށާއި އަބަދު ސިޔާސީ ހަލަބޮލިކަމުގެ އުޅޭ ނަމަ، ދިވެހިން ބޭނުންވާ ބިޔަ ތަރައްގީ ގެނައުމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށް ވެސް އާދަމް ތައުފީގް ވިދާޅުވިއެވެ.

ކުރެންދޫ ދާއިރާގެ ރައްޔިތުންނަށް އޮތީ ކޮން މެސެޖެއް؟

ޕީއެންސީގެ ޓިކެޓުގައި އާދަމް ތައުފީގް ކުރެންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ ތަސައްވުރަކާ އެކީގައެވެ. ވަޒީފާގެ ފުރުސަތުތައް އިންތިހާ އަށް ފުޅާކޮށް ދެއްވައި ގޭގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތް ހަދައި ދެއްވުމަށެވެ. ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސްކޫލްތައް ތަރައްގީ ކުރުމަށް ބަޖެޓުގައި ނުހިމެނޭ ކަންކަން އޭނާ މަސައްކަތް ކުރައްވައިގެން ފުރިހަމަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މާޒީގައި ހިތްހަމަޖެހޭ ކަންކަން ނުވި ކަމުގައި ވިޔަސް، މުސްތަގްބަލްގައި މި ދެނީ މި ޔަގީންކަމާއި މި އުފާވެރިކަމާއި އުންމީދު." އާދަމް ތައުފީގް ވިދާޅުވިއެވެ.

އާދަމް ތައުފީގް ވިދާޅުވި ގޮތުގައި އޭނާ ޔާމީންގެ ސަރުކާރުގައި ކުރެއްވިފައި ހުންނެވި މަސައްކަތާއި މިދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތުން ސަރުކާރުގެ ވަޒީފާއެއް ވެސް ލިބެން އޮތެވެ. އެކަމަކު، ކުރެންދޫ ދާއިރާ އަށް ކުރިމަތިލެއްވީ އެ ދާއިރާގެ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގެ މަތިވެރި ނިޔަތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، ދާއިރާގެ ރައްޔިތުން އޭނާ އަށް މިފަހަރު ފުރުސަތު ދެއްވުމަށް އާދަމް ތައުފީގް އެދިވަޑައިގެންނެވިއެވެ.

އާދަމް ތައުފީގް ފާހަގަ ކުރެއްވި ގޮތުގައި މީގެކުރިން ކުރެންދޫ ދާއިރާގެ އަޑު މަޖިލިހުގައި ނީވެއެވެ. އެހެންވެ، އޭނާ ބޭނުން ވަނީ ދާއިރާގެ އަޑު އިއްވައި، ދާއިރާ އަށް ތަރައްގީ ގެނެސް ތަފާތު ދައްކަވަން ކަމުގައި އާދަމް ތައުފީގް ވިދާޅުވިއެވެ.

"އުމުރުން ފަސް އަހަރު ދުއްވާލުމުގެ ބަދަލުގައި ތި ރައްޔިތުން އުފާވެރިކަމާ އެކުގައި ހޭދަކުރާ ފަސް އަހަރަށް ހައްދަވާ،" ކެންޑިޑޭޓު ނަންބަރު ތިނެއް އާދަމް ތައުފީގް ވިދާޅުވިއެވެ.