މިއީ ނ.ފޮއްދޫ ޔާގޫތުގޭ އީސާފުޅުގެ ވާހަކައެވެ. 1953 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދުށް އިސާފުޅުގެ ބައްޕަ، އަލްމަރުޙޫމު އަލީ މުޙައްމަދު ވަނީ، އޭނާ ވަރަށް ކުޑައިރު ނިޔާވެފައެވެ. އިސާފުޅުގެ މަންމަ، އަލްމަރުޙޫމާ، ނަފީސާ ޤާޞިމް ވެސް ވަނީ ދާދި ފަހުން، މި ފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އީސާފުޅުގެ އެއްބަނޑު އެއްބަފާ 6 މީހުން ދުނިޔޭގައި އެބަ ތިއްބެވެ. ބައްޕަ ނިޔާވުމާއި އެކު އޭނާ ބޮޑުވަމުން އައީ އޭނާގެ ބޭބެގެ އެހީތެރިކަމާއި އެކީގައެވެ.

ފޮއްދޫ އީސާފުޅަކީ މާވަޑިއެކެވެ. ޢުމުރުން އެންމެ 25 އަހަރުގައި ފެށި އެ މަސައްކަތް މެދުނުކެނޑި 40 އަހަރު ވަންދެއް އޭނާ ވަނީ ކޮށްފައެވެ. އަދިވެސް އެ މަސައްކަތް ހުއްޓާލަން އޭނާ ބޭނުމެއް ނުވެއެވެ. ހިނގާބިނގާވެ ދުނިޔޭގައި އުޅެވޭހާ ދުވަހެއްް ވަންދެން އެ މަސައްކަތުގައި ދެމިހުރުމަށް އޭނާ ބޭނުންވެއެވެ. އެއީ މުޅި ދިރިއުޅުމާއި ގުޅިފައިވާ އޭނާ އެންމެ ކުރާހިތްވާ މަސައްކަތް ވެސް މެއެވެ. މި މަސައްކަތުގެ ތެރެއަށް އީސާފުޅަށް ވަދެވުނު ގޮތުގެ ވާހަކަ އޭނާ ވަނީ "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

"އޭރު ނުހުރޭ މާ މައްޗަށް ކިޔެވޭކަށް. މަކުތަބަށް އޭރު ދާނީ. ކިޔެވުމުގެ މަރުހަލާ ނިންމުމަށްފަހު، އަޅުގަނޑު ދިޔައީ ވަޒީފާއަށް. ފުރަތަމަ އުޅުނީ ހޮޓަލެއްގަ. އޭރު އަޅުގަނޑުގެ އުމުރުން ވަރަށް ހަގު ވާނެ. އަޅުގަނޑުގެ ބައްޕަވެސް އަޅުގަނޑު ވަރަށް ކުޑައިރު ނިޔާވެއްޖެ. އޭރު އަދި އަޅުގަނޑަށް މަސައްކަތް ކުރެވޭ ވަރެއް ނުވެ. ދެން އަޅުގަނޑުވެސް ވަރަށް ބަލިބި. ބޭބެ އަޅުގަނޑު ބަލަން ހުރީ. ދެން ކޮންމެވެސް މީހެއް ކައިރި ބުނެގެން ބޭބެ އަޅުގަނޑު ލީ ހޮޓަލަކަށް. ހޮޓަލުގައި އުޅެފަ ދެން އަޅުގަނޑު ދިޔައީ ރިސޯޓަށް. ކުޑަހުރައަށް ދިޔައީ." އިސާފުޅު، އޭނާގެ ކުޑައިރުގެ ހަނދާންތަކުގެ ވާހަކަތައް ކިޔައިދިނެވެ.

އީސާފުޅު ބަނދެފަ އިން ކުޑަ ދޯންޏެއް - ފޮޓޯ ފޮއްދޫ ކައުންސިލް

އިސާފުޅުގެ ކާފައަކީ އެ ރަށުގައި މަޝްހޫރު މާވަޑިއެކެވެ. އަދި އެއްބަނޑުގައި ހުރި ހަމައެކަނި ބޭބޭ އަކީވެސް ވަޑިއެކެވެ. ރިސޯޓުގައި އޭނާ މަސައްކަތް ކުރަން އުޅުނު ދުވަސްވަރު، ޗުއްޓީއަށް ރަށަށް އަންނަ ކޮންމެ ފަހަރަކުވެސް، ބޭބެ އަބަދުވެސް ދައްކާ ވާހަކައެއް އޮންނަ ކަމަށް އީސާފުޅު ބުންޏެވެ. އެއީ ރިސޯޓުގެ ވަޒީފާ ދޫކޮށްލުމަށްފަހު، ވަޑާމުގެ މަސައްކަތަށް ވަންނަ ވާހަކައެވެ. ވަޑާމުގެ މަސައްކަތައް ޝައުޤު އުފެދިގެން ދިޔައީ އެހިސާބުންނެވެ.

"އަޅުގަނޑުގެ އާއިލާގައި އަޅުގަނޑުގެ ކާފައަކީ މާވަޑިއެއް. ދެން އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ އަކީވެސް ވަޑިއެއް. ދެން އަޅުގަނޑު އޭރު މަސައްކަތް ކުރީ ރިސޯޓެއްގައި. އެއްފަހަރު ރަށަށް އައިތަނާ ބޭބެ ބުނެފި ވަޑާމުގެ މަސައްކަތައް ވަންނަން އުޅޭށޭ، ރިސޯޓު މަސައްކަތައްވުރެ މާ ރަނގަޅުވާނޭ. އޭނާ އެންމެ ފުރަތަމަ އަޅުގަނޑު ގެންދިޔައީ. ދުވާލަކަށް ރުފިޔާ އަކަށް އަޅުގަނޑު ދިޔައީ. ގާތްގަނޑަކަށް އަޅުގަނޑު މި މަސައްކަތުގެ ތެރެއަށް ވަދެފިން އަޅުގަނޑުގެ އުމުރުން 25 އަހަރުގަ. އެންމެ ފުރަތަމަ ވެސް މީހަކާ އެއްކޮށް ދިޔައީ ވަޑާމަށް. ދެ ދޯންޏެއްގެ ދޮށަށް މަސައްކަތު ދިޔައިން. ދެން އޭގެ ފަހުން އަޅުގަނޑު އަމިއްލައަށް މަސައްކަތް ފެށީ." އިސާފުޅު ބުންޏެވެ.

އިސާފުޅުގެ ޢުމުރުން މިހާރު 65 އަހަރު ވެފައިވާ އިރު، އޭނާއަށް ޖުމްލަ 10 ކުދިން ލިބިފައި ވެއެވެ. ނަމަވެސް މިވަގުތު ދުނިޔޭގައި ތިބީ 7 ކުދިންނެވެ. 4 އަންހެން ދަރިންނާއި 3 ފިރިހެން ދަރިންގެ މައްޗަށް އެކުލެވޭ އެ އާއިލާގައި ވެސް ވަޑާމުގެ މަސައްކަތް ދަންނަ ކުއްޖަކު އެބަ ހުއްޓެވެ. އެއީ އިސާފުޅުގެ ދޮށީ ފިރިހެން ދަރި، މުޙައްމަދު އިމާދެވެ. މާވަޑިކަން ކުރަން ނޭނގުނު ކަމުގައިވިޔަސް ވަޑިއެއްގެ ޙައިޞިއްޔަތުން ކުރަން ޖެހޭ ހުރިހާ ކަމެއްވެސް އޭނާއަށް ކުރަން އެނގޭނެކަމަށް އީސާފުޅު ބުންޏެވެ.

އީސާފުޅުގެ އުފަން ދަރިންގެ އިތުރުން، އެ މަސައްކަތް ދަސްކުރުމަށް ބޭނުންވާ އެ ރަށުގެ ޒުވާނުންނަށް ވެސް އެ މަސައްކަތް ދަސްކޮށްދިނުމަކީ އޭނާގެ އަމާޒެކެވެ. އެހެންކަމުން ކޮންމެ ރަށަކަށް ވަޑާމަށް ދިޔަ ކަމުގައިވިޔަސް ގުރޫޕު އެކުލަވާލަނީ ފޮއްދޫންނެވެ. އަދި އެ ގުރޫޕުގައި ގިނައިން ހިމެނޭނީ ޒުވާން ކުދިންކަމަށް ވެސް އޭނާ ބުންޏެވެ.

"ބޮޑެތި ސަފާރީ ބަންނަންޏާމު 12 ނޫނި 13 ވަޑިން. އަނެއްހެން ދޯނި ފަހަރު ބަންނަން 6 ވަޑިން ނަގަނީ. ހުރިހާ ކުދިންވެސް ނަގަނީ ފޮއްދޫން. އަޅުގަނޑު ވަރަށް ބޭނުންވާ މި މަސައްކަތް މިރަށުގެ ކުދިންނަށް ދަސްކޮށްދޭން. އެންމެ ކުރިން އުޅުނު މީހުންގެ ތެރެއިން މަދު މީހަކު މިހާރު ގުރޫޕުގައި ތިބޭނީ. މީހުން އަބަދުވެސް ބަދަލުވަމުން ދާނީ. މިހާރު އާއްމުކޮށް ހަމަ ޒުވާން ކުދިން ގުރޫޕުގައި ތިބޭނީ. ޗަންޕާގެ އެއްޗެއް ވެސް ބަނިން. ކޮލިގެ އެއްޗެއް ވެސް ބަނިން. އެގޮތަށް މަސައްކަތް ކުރާއިރު ހަމަ ބޮޑެތި ގުރޫޕުތައް މި ގެންގުޅެނީ. އަޅުގަނޑާއި އެއްވަރަށް މަސައްކަތް ކުރެވޭނެ ކުއްޖަކު މިހާރުވެސް ހުންނާނެ އަޅުގަނޑުގެ ކައިރިން ދަރިވަރު ވެފަ. އަޅުގަނޑު ނެތަސް ގޮސް މަސައްކަތް ކުރެވޭނެ ފެންވަރު އެކުދިންގެ ހުންނާނެ." އީސާފުޅު ބުންޏެވެ.

ކިއްސަރު ވަޑާމުގެ މަސައްކަތަކީ އަދިވެސް ރާއްޖޭގައި އަގު ބޮޑު މަސައްކަތެކެވެ. އެހެންކަމުން މިއީ އާމްދަނީ ހޯދުމުގެ ގޮތުން ކުރަން ރަނގަޅު މަސައްކަތެކެވެ. އިސާފުޅާއި އެކު ވަޑާން ކުރުމުގައި އުޅޭ ހުރިހާ ކުދިންނަށް ވެސް މަހެއްގެ މައްޗަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މަސައްކަތު މިދަނީ ދުވަހަކަށް 600 ރުފިޔާއަށް ނުވަތަ ދުވަހަކަށް 500 ރުފިޔާއަށް. އަޅުގަނޑު އަތުގައި ހުންނާނެ ވަޑާމަށް ބޭނުންވާނެ ހުރިހާ ސާމާނެއް. އެއްވެސް އެއްޗެއް ހޯދަން ނުޖެހޭ ވަރަށް ސާމާނު ހުންނާނެ. ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ ސާމާނު ހުންނާނެ. ބާރަ މީހުން ތިއްބަސް، ސާދަ މީހުން ތިއްބަސް ބޭނުން ކުރާނެ ސާމާނު ހުންނާނެ. މި ސާމާނަކީ ވެސް ކުރާ މަސައްކަތުން ފައިސާ ހޯދައިގެން ހޯދާފައި ހުރި ސާމާނު." އޭނާ ކިޔައިދިނެވެ.

އީސާފުޅު ބަނދެފަ އިން ކުޑަ ދޯންޏެއް - ފޮޓޯ ފޮއްދޫ ކައުންސިލް

40 އަހަރުގެ މުއްދަތަކަށް މި މަސައްކަތުގެ ތެރޭގައި އީސާފުޅަށް އުޅެވިފައިވާއިރު، ރާއްޖޭގެ އެތައް މިތަނުގައި އޭނާގެ މަސައްކަތް ފެންނަން އެބަ ހުއްޓެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ ބޮޑު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރާ މަސައްކަތަކީ އެ އަތޮޅު ވެލިދޫގައި ބަނދެފައިވާ ދެ ސަފާރީއެއްގެ މަސައްކަތެކެވެ. އެއް ސަފާރީއަކީ 135 ފޫޓު ބޮޑު ސަފާރީއެކެވެ. އަނެއް ސަފާރީއަކީ 115 ފޫޓުގެ ސަފާރީއެކެވެ. އެ ދެ ސަފާރީގެ ފިނިޝިންގެ މަސައްކަތް ފިޔަވާ އެހެން ހުރިޙާ މަސައްކަތެއް ވެސް މިހާރު ނިމިފައިވާ ކަމަށް އިސާފުޅު ބުންޏެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑު މަސައްކަތް ކުރިން. ހުރިހާ މަސައްކަތެއް ވެސް ވަރަށް ފުރިހަމައަށް ކޮށްފަ ހުންނާނީ. ދެން ބޮޑެތި ސަފާރީތައް ވެސް ބަނދެފަ ހުންނާނެ. ބޮޑެތި ސަފާރީ ބަންނަ އިރުވެސް އޮޑިވެރި ފަރާތުން ބުނާނެ ނިމޭއިރު އިންނަން ވާނެ ގޮތް. ދެން ބަނޑުފިލާ ވެސް ހަމަ ރީތިކޮށް ޖެހޭގޮތައް ވަރަށް ނަލަކޮށް އިންނާނީ. އަޅުގަނޑު ބަން ދެ ބޯޓު ވެސް ވަރަށް ފައްކަލޭ އެމީހުން ބުނީ. ވެލިދޫގައި އަޅުގަނޑު ބަން ދެ ސަރާފީ އެއީ. އަޅުގަނޑު މި ހުރިހާ މަސައްކަތް ކުރި އިރުވެސް އޮޑީގެ ކިއްސަރާއި ބެހޭގޮތުން ބުނާނެ އެކައްޗެއް ވެސް ނޯންނާނެ. މުދާ އުފުލާ ދޯންޏެއް އ.އަތޮޅުގަ އަޅުގަނޑު ބަނިން. ދެން ދަނގެތީގަ ދޯންޏެއް މަރާމާތު ކުރިން. ދަނގެތީގަ ހުންނާނެ ޑައިވިން ދޯނިވެސް ބަނދެފަ. ދިގުރަށުގަ ހުންނާނެ މުދާއުފުލާ އެއްޗެއް. ދިގުރަށުގައި ވެސް ބޭނުންކުރާ ކުދި ދޯނި ފަހަރަކީ ވެސް އަޅުގަނޑު ބަނދެފަ ހުރި ދޯނި ފަހަރު. އެކަހަލަ އެއްވެސް ހިތްހަމަނުޖެހުމެއް އެއްވެސް އޮޑިވެރިއެއްގެ ފަރާތުން އަދި ދިމާވެފައެއް ނެތް. އެމީހުން ހަމަ ހިތްހަމަޖެހޭ ވަރަށް އެ މަސައްކަތް ކޮށްފަ ހުންނާނެ." އިސާފުޅު އޭނާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރިއެވެ.

މިހުރިހާ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާއިރު، އީސާފުޅުގެ މަސައްކަތުގެ އަގުވަޒަންކޮށް، މިއަދާއި ހަމައަށް އައިއިރު އެއްވެސް ކަހަލަ އެވޯޑެއް ނުވަތަ ހަނދާނީ ލިޔުމެއްގެ މިންވަރު ވެސް ލިބިފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި އީސާފުޅު ބުނީ، އެއްވެސް ފަރާތަކުން އެކަހަލަ އެއްވެސް އެއްޗެއް ލިބިފައިވާ ނުވާކަމަށާއި، އެވޯޑަށް އެދި ނަން ވެސް ހުށަހަޅާފައިނުވާނެ ކަމަށެވެ. ކަންމިހެން ހުރިކަމުގައި ވިޔަސް، އަޅުގަނޑުމެން "ވަގުތު" ޓީމުގެ ފަރާތުން އަބަދުވެސް އެދެނީ އީސާފުޅަށް ކުރިއެރުމާއި، ދުޅަހެޔޮކަން މިންވަރުކުރެއްވުމެވެ. އަދި އީސާފުޅު ފަދަ އެތައް ދަރިންނެއް، ފޮއްދޫންނާއި ނޫނު އަތޮޅުން އުފަންވުމެވެ. އަދި އަބަދުވެސް ދިރިއުޅުމުގައި ކާމިޔާބު ލިބިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލިލިއަން

  ޢީސާފުޅަށް ކުރިއެރުން އެދެން

  19
 2. ފޮއްދޫ

  ފުރިހަމަ ލިޔުމެއް . ޝުކުރިއްޔާ ޒަހީން

  އީސާފުޅަށް ކާމިޔާބީއަށް އެދެން ❤️

  20
  1
 3. Anonymous

  ފޮއްދޫ ގަ ވެސް ހުނަރުވުރިން އެބަތތިބި ❤ފަހުރުވެރި ފޮއްދޫ ރައްޔިތެއް❤

 4. ފޮއްދޫ

  ޢަލްހަމްދުﷲ ❤ފަހުރުވެރި ފޮއްދޫ ރައްޔިތެއް❤

  6
  1
 5. ފޮއްދުއަން

  ޢަލްހަމްދުﷲ❤ފަހުރުވެރި ފޮއްދޫ ރައްޔިތެއް❤އިީސާފުޅުބެއައް ފަހި މުސްތަގްބަލަކައް އެދެން❤

  16
 6. މުސްކުޅިބޭ

  ފޮއްދޫގައި ހުންނަ ފޮއްގަސް މިހާރުވެސް އެބަހުރިތަ.؟