"އަހަރެމެންނަކީ ނުލާހިކު އުފަލުގައި ދިރިއުޅެމުން އައި ބައެއް. އަހަރެން އުޅުނީ އިޓަލީގައި. ކޮންމެ ދުވަހަކު މަދުވެގެން ދެތިން ފަހަރެއްގައި ލޯބިވާ ދަރިންނާއި އަނބިމީހާއަށް ގުޅައި ހެދިން. އަހަރެމެން އުފާވެރި ދިރިއުޅުމެއް ބިނާކުރި އެންމެން އެކީގައި. އެކަމަކު ކުލުނެއް ނެތް ނިރުބަވެރިންތަކެއް އަހަރެމެންގެ އެ އުފާވެރިކަން ނިގުޅައިގެންފި. މިހާ ހިތްދަތި ހާލެއް އެހެން ބަޔަކަށް ކުރިމަތިވާން އަހަރެން ނޭދެން،"

މިއީ އުފާވެރި ހަޔާތެއްގެ ދުވަސްތައް ވޭތުކުރަމުން އައި ރަނިލް ސަންޖަޔާގެ ހިތުގެ އުދާސްތަކެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގޮތްކުޑަ ނިރުބަވެރިންތަކެއްގެ ހަމަލާތަކެއްގައި، ހާސިލްކުރިހާ އުފަލެއް ފޭރިގެންފައިވުމުން ރަނިލް ސަންޖަޔާ ގިސްލަމުން ކިޔައިދޭ ވާހަކައެވެ.

ސަންޖާޔާގެ ލޯބިވާ އާއިލާ އޭނާއާއި ވަކިވެ ދިޔައީ "އީސްޓާ ސަންޑޭ" ހަމަލާގައި ލަންކާގެ ކަޓުވަޕިޓިޔާގެ ޗާޗުގައި ގޮއްވާލި ވަރުގަދަ ގޮއްވާލުމުގެ ތެރެއިންނެވެ. އެ ހާދިސާގައި އޭނާގެ ތިބި ހަމައެކަނި ދެ ދަރިން ކަމަށްވާ އުމުރުން 11 އަހަރުގެ ސަންޖަނާ ފެނާންޑޯ އާއި އުމުރުން 14 އަހަރުގެ ރަވީނާ އެލީސާ ފެނާންޑޯ އަދި 40 އަހަރުގެ، ލޯބިވާ އަނބިމީހާ ޕްރިޔާދަރްޝާނީ ފެނާންޑޮޕިއުލޭ މަރުވެދިޔައީ އެންމެ ފަހުގެ ވަދާޢުން ވަދާޢު ބުނެވޭނޭ ފުރަތެއްވެސް ނުދީއެވެ.

ރަނިލް ސަންޖަޔާ (ކ) އަދި އޭނާގެ ދަރިންނާއި އަނބިމީހާ (ވ)

"އީސްޓާ ސަންޑޭ"ގެ ވަރުގަދަ ހަމަލާތަކަށް ލަންކާ ހުށަހެޅިގެން ދިޔަ ދުވަހު ސަންޖަޔާ ހުރީ ވިޔަފާރި ދަތުރެއްގައި އިޓަލީގައެވެ. އެދުވަހުގެ ހަމަލާތައް ދިންތާ ގިނައިރުތަކެއް ނުވަނީސް އެޚަބަރު ލިބުމާއެކުވެސް ސަންޖަޔާއަށް ލިބުނީ ބޮޑު މާޔޫސް ކަމެކެވެ. އެކަމަކު އެ ހަމަލާގެ ޝިކާރައަކަށް ލޯބިވާ އާއިލާ ވެގެން ގޮސްދާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ.

ނަމަވެސް އާންމު ގޮތެއްގައި އަޅުކަމަށް ސެއްލަންކަނޑަ ޗާޗަށް ދާ ސަންޖަޔާގެ އަނބިމީހާ އާއި ދަރިން، އިއްތިފާޤުން "އީސްޓާ ސަންޑޭ"ގައި އަޅުކަމަށް ދިޔައީ ކަޓުވަޕިޓިޔާ ޗާޗަށެވެ. އެދުވަހު އެ އަވަށުގެ ޗާޗަށް އެމީހުން ދާން ނިންމި ސަބަބެއް ސަންޖަޔާއަކަށް ނޭނގެއެވެ. ނަމަވެސް ތަޤުދީރު ނިޔާކުރި ކޮންމެ ހަޤީޤަތަކާއި ކުރިމަތިލާން ޖެހޭކަން އޭނާ ޤަބޫލު ކުރެއެވެ.

ސްކޫލުގައި ދަރިން ތައުލީމު ހާސިލް ކުރަމުންދާތީ އެކަމަށް ހުރަހެއް އެޅިދާނެ ކަމަށްޓަކައި ސަންޖަޔާ ހިތާއި ދެކޮޅަށް އިޓަލީއަށް ދިޔައީ، އާއިލާ އާއި އެކުގައިވާން ބޭނުންވީނަމަވެސް ގެއެއް ކުއްޔަށް ނަގައި ލޯބިވާ އެ އާއިލާ އާއި ވަގުތު ކޮޅަކަށް ދުރަށް ދާން ޖެހޭތީއެވެ. ނަމަވެސް އެ ވަގުތުކޮޅަކީ ހަޔާތުގެ ބާކީ އޮތްހާ ދުވަހެއް ކަން އޭނާއަށް އިހުސާސު ކުރެވެނީ އަދި ކިރިޔާއެވެ.

"އަހަރެންގެ ހިތަށް އަބަދުވެސް ފިނިކަން ގެނެސްދިން ކުޑަކުޑަ ދެކުދިން އަހަރެން ދޫކޮށް ހިނގައްޖެ. އަބަދާ އަބަދުމެ އަހަންނާއި އެކުވީ އެންމެ ލޯބިވާ އަނބިމީހާ އަހަންނާއި ވަކިވެއްޖެ. މިއަދު މިހުރީ ދުނިޔެއިން ބާކީވެފައި. ލިބުނު ހުރިހާ އުފަލެއް ހިތާމަޔަށް ބަދަލުވެ ހިނގައްޖެ،" ހިތްދަތި ހަނދާންތައް އާކުރަމުން ސަންޖަޔާ ބުންޏެވެ.

"އީސްޓާ ސަންޑޭ"ގެ ނިރުބަވެރި ހަމަލާތައް ލަންކާގެ އަށް ތަނަކަށް އަމާޒުކޮށްފައި ވެއެވެ. އެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން އެމީހުންގެ އާއިލާތަކަށް ހިތްދަތިކަމާއި ހިތާމަތައް ކުރިމަތި ކުރުވަމުން ދުނިޔެއާއި ވަކިވެ ހިނގައްޖެއެވެ. އަދި އެ ބިރުވެރި މަންޒަރު ލޮލުން ދެކެ އަތުން ހިފި 500 އަށްވުރެ ގިނަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދިނެވެ.

ރަހުމުކުޑަ މި ލާއިންސާނީ ޖަރީމާގެ ޒިންމާ އުފުލާފައިވަނީ މުސްލިމުންގެ ނަމުގައި، ޖިހާދުކުރުމަށް ކަމަށްބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭއޮހޮރުވުން ހިންގައި ދުނިޔެ ފަސާދަކޮށް ޤައުމުތަކުގެ މަސަލަސްކަމާއި އަމާންކަން ނަގާލުމުގެ މަސައްކަތް ފާއިތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭ ކުރަމުން އައި، ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ އިސްލާމިކް ސްޓޭޓްސް (އައިސިސް) ނަމަކަށް ކިޔުނު ގްރޫޕެއްގެ ހަނގުރާމަވެރިންނެވެ.

އެ ގްރޫޕުން، ލަންކާގެ ހަމަލާތަކުގައި، މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ހަށިގަނޑާއި ވަކިކޮށް އަބަދަށްޓަކައި އާއިލާތަކެއް ރޮއްވާލީ ފަޚުރުވެރިކަމާއެކުއެވެ. އިންސާނިއްޔަތުކަން މަރުވެފައި ތިބި ހާލުގައި ކުލުނެއްގެ ކުޑަވެސް މިންވަރެއް ނެތި އެ ޖަމާޢަތުގެ ބަޔަކު، ޖާނު ގޮއްވާލައިގެން ހިންގި މި ފިނޑި އަމަލުގެ ސަބަބުން ލަންކާގައި އެހެން ދީންތަކަށް އުޅޭ މީހުން މުސްލިމުންނާއި ދެކޮޅުވެރިވެ، މުސްލިމުންނަށް ނުރައްކާ ކުރިމަތި ކުރުވައިފިއެވެ. ހަމަނުޖެހުންތަކާއި ލޭއޮހޮރުވުމަށް މި ހާދިސާ އިތުރު ދޮރެއް ހުޅުވާލައިފިއެވެ.