ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ނެރުނު އާދަޔާއި ހިލާފު އަމުރުގެ ތަޙްޤީޤު ފުލުހުން ފަށައި ހައްޔަރު ކުރި މީހުންގެ ވަނަވަރަށް ބަލާލުމުން ވެސް ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަދި ޝަރުޢީ ދާއިރާ އިން ކުރަން އޮތީ ފަސޭހަ މަސައްކަތެއް ނޫން ކަން އެނގުނެވެ. ހައްޔަރުގައި ތިބީ އާދައިގެ ބައެއް ނޫނެވެ. އެބޭފުޅުންގެ "މޫލައި ހެދިފައިވާ ބާރުތައް" ވަރަށް ވަރުގަދައެވެ. މައްސަލަ އާއި ގުޅުން ހުރި ސިއްރު ބަޔާންތަކާއި އެހެނިހެން ލިޔުންތައް ލީކް ކޮށްލުމުން އެކަން އިތުރަށް ކަށަވަރުވެ ޔަގީން ވެއްޖެއެވެ.
ލީކުވެފައިވާ ބަޔާންތަކުން އިތުރަށް ސާބިތުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރާއި ފުލުހުން ދައްކަމުން ގެންދާ ވާހަކަތަކުގައި ބުރަދަނެއް އެބަހުރި ކަމެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޤާނޫނާއި ހިލާފަށް އެންމެ އަމުރެއް ކުރީ ނޫން ކަމާއި އެދެބޭފުޅުން ވަނީ ޤާނޫނާއި ހިލާފަށް މުޅި ޝަރުޢީ ދާއިރާ އަށް އަތް ބާނާފައި ކަން ވެސް އިތުރަށް ކަށަވަރު ވެއްޖެއެވެ.
ސުޕްރީމް ކޯޓުން އަމުރު ނެރުމަށްޓަކައި ދުރާލައި ރާވައިގެން، ކަންތައްތަކެއް ކޮށްފައިވާ ކަން ވެސް ބަޔާންތަކުން އެނގިއްޖެއެވެ. އާންމު ގޮތެއްގައި އަމަލު ކުރަމުން އަންނަ އެތައް އުސޫލެއް މުގުރާލުމަށް ފަހު މަދު ބައެއްގެ އަމިއްލަ ފައިދާ އާއި އަމިއްލަ މަންފާއަށްޓަކައި ޤާނޫނާއި ހިލާފަށް ކުރަން އުޅުނު ކަންތަކުން ކުށްވެރިވާން ޖެހޭ މީހުން ބުއްދީގެ ހަމަތަކަށް ބަލާފައި މިހާރު އާންމު ރައްޔިތުންނަށް ވެސް ނިންމޭނެއެވެ.
ލީކު ވެފައިވާ ބަޔާންތަކާއި، އަދި ރިޕޯޓްތަކާއި މެދު ވިސްނާ ފިކުރު ހިންގުމުން އެނގެނީ ލީކުވެފައިވާ ހުރިހާ ލިޔުންތަކަކީ ވެސް ރައީސް މައުމޫނާއި ފާރިސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ސީދާ ގޮތެއްގައި ގުޅިފައިވާ ބަޔާންތަކެއް ކަމެވެ. ފަނޑިޔާރުންގެ ވާހަކަތައް ހިމެނޭ ބަޔާންތައް ހިމެނުނު ނަމަވެސް އެބަޔާންތަކުގައި ވެސް ކޮންމެވެސް ވަރަކަށް މައުމޫނާއި ފާރިސްގެ ވާހަކަ ހިމެނެއެވެ.
އެއަށް ފަހު ބަޔާންތައް މީސް މީޑިއާގައި ފުރަތަމަ ލީކް ކޮށްލި މީހުންނަކީ ކޮބައިތޯ ބަލާއިރު ދެން ގޮސް މައްސަލަ ހުއްޓޭ ހިސާބު ވެސް އެބައެނގެއެވެ. މިފަދަ ބޮޑު މައްސަލައެއްގެ ބައެއް ލިޔުންތައް މީގެ ކުރިން ލީކް ވެފައިވެއެވެ. އެލިޔުންތައް ލީކްވި މައްސަލައިގައި ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވީ ކޮން ބޭފުޅުންނެއް ކަން ވެސް އެނގެއެވެ. އެހެންކަމުން ބަޔާންތައް ލީކު ކޮށްލާފައި ވަނީ ކޮން ބައެއްގެ ނުފޫޒުން ކޮން މަޤުޞަދެއް ހާސިލް ކުރަން ކަން ވަރަށް ސާފެވެ.
ލީކު ކޮށްލާފައިވާ ބަޔާންތަކަށް ބަލާއިރު މައުމޫނާއި ފާރިސްގެ އިތުރުން ދެން އެންމެ ބޮޑަށް ހިމެނެނީ ދެފަނޑިޔާރުންގެ ވާހަކައެވެ.
އުއްތަމަ ފަނޑިޔާރަކީ ވެސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ވެސް އެހެން ފަނޑިޔާރުން ޙުކުމް ކުރާނެ ގޮތް ވިދާޅުވެވޭނެ ޤާނޫނީ ހައިސިއްޔަތެއް އޮތް ބޭފުޅުންނެއް ނޫނެވެ. އަދި އެއިން ބޭފުޅަކު ކުރާ އަމުރަކަށް ތަބާވުމަކީ އެހެން ފަނޑިޔާރަކު ވެސް ކުރައްވަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އާރާއި ބާރު ޝަރުޢީ ދާއިރާގައި ފެތުރިފައި އޮތް ވަރުން މިފަދަ ކަމެއް ހިނގުން އެކަށީގެންވެއެވެ.
ދެން ކުރަން ޖެހިފައި އޮތް ކަމަކީ މިފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ވިޔަ ނުދިނުމަށް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ. މީގެ ކުރިން ވެސް ޝަރުޢީ ދާއިރާގެ މައްސަލަތައް ހައްލު ކުރުމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އެންމެ ބޮޑު އަމާޒަކަށް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. ޖޭއެސްސީ އަށް ބަދަލުތަކެއް އަންނަން އެބަޖެހެއެވެ. ވަކި ފަރާތެއްގެ ނުފޫޒެއް ނެތި މަސައްކަތް ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތައް ބަދަލެއް ގެންނަން ޖެހެ ނަމަ އެބަދަލެއް ވެސް ގެންނަން އެބަޖެހެއެވެ. ޤާނޫނު އިސްލާހް ކުރަން ޖެހޭ ނަމަ އެކަން ވެސް ކުރަން އެބަޖެހެއެވެ.
ބަޔާންތައް ލީކު ވުމަކީ ބަޔާން ދީފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސަމާލު ވާން ޖެހޭ ވަރުގެ ކަމެކެވެ. ނަަމަވެސް ބަޔާންތައް ލީކު ވުމުން ޝަރީޢަތުގައި ހެކިބަސް ދޭން ދެކޮޅު ހެދުމަށް ވުރެ މިއީ މާމުހިންމު މައްސަލައެކެވެ. މިއީ ފަރުދީ މައްސަލައެއް ނޫނެވެ. މިއީ ޤައުމީ މައްސަލައެކެވެ.
ބަޔަކު އަމިއްލަ މަންފާތަކެއް ހާސިލް ކުރުމަށް ކުރަން އުޅުނު ކަމަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ސަލާމަތް ވެވެން މިއޮތީ ބަޔާންތައް ދެއްވި ބޭފުޅުން ހިތްވަރާއި އެކު ޝަރީޢަތައް ވަޑައިގެން ޝަރީޢަތުގެ މަޖިލީހުގައި ވެސް ހެކިބަސް ދެއްވައިގެންނެވެ. އެއީ ގައުމަށްޓަކައި މިއަދު އެބޭފުޅުންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެކެވެ.
މިއީ މުއްސަނދި، ފައިސާވެރި، ނުފޫޒު ގަދަ ބައެއްގެ އެކަނި ގައުމެއް ނޫނެވެ. އެހެންކަމުން އެމީހުން ބޭނުންވާ ކޮންމެ ގޮތެއް މިގައުމަށް ހެދިގެނެއް ނުވާނެއެވެ. އެމީހުންގެ ކިބައިން ގައުމު ސަލާމަތް ކުރުމުގެ އެންމެ ބޮޑު ބާރެއް މިވަގުތު އޮތީ ފުލުހުންނަށް ބަޔާން ދެއްވާފައިވާ 16 ވަރަކަށް މީހުންގެ އަތުގައެވެ.
100 ޕަސެންޓް ތިން ޝައިޠާނުން!
އަލީ ހަމީދު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން ޕީޕީއެމް ޖަހައިގަތުން އަދި ޖަހައިގަނެގެން އުޅުންވެސް އެހެންވީމާ ސައްހަ ނުވާނެ ދޯ؟ އަދި އެކަން ކޮށްދޭން އެދުނު މީހާވެސް ޝައިތާނުންގެ ބައިގައި ގުނަންވާނެ ދޯ؟ މިހާރުދެން މާ މައުސޫމްކަމަށް ހެދިގެން އެތިބަ ފަނޑިޔާރުން ވަގުތުން އިސްތިއުފާވެސް ދޭންވާނެ ދޯ؟ އެމީހުންގެ މައްސަލަވެސް ބަލަންވާނެ ދޯ؟
100% މުނާފިގުން ތި ތިން ފަނޑިޔާރުންނަކީ ތި ފަނޑިޔާ ރުންނަކީ ފަނޑިޔާރުކަން ކުރުމައް ހަވާލު ކުރަން ހެޔޮވާވަރު ބައއްނޫން???
ލީކްކޮށްލުމަކީ ، ކަޑައެޅިގެން ރޭވިގެން ކުރެވިފައިވާ ކަމެއްކަމަށްފެނޭ ، މީގެ ހަގީގީ ބޭނުމަކީ ޔަޢުނީ ވޯޓަށް ކާމިޔާބު ހޯދުން . ހިތަމަޔަކީ މިކަމުގެ ސަބަބުން ރައްޔަތުންނަށް ވަރަށްގިނަ އެއްޗެއްތިތަކެއް އެގުނުކަމުގައިވިއަސް ، ހަމަ ތުންފިއްތައިގެން ތިބުންނޫންކަމެއް ރައްޔަތުންނަކަށް ނެތް
ތިން ގައްދާރުން ތިއްބެވިގޮތް ބަލާބަލަ!
ދޮގުނަހަދާ ! މިއީ ހަމަ މުއްސަދިންނާއި، އާއިލާ ބޮޑު މީހުންގެ އެކަނި ޤައުމެއް. ނިކަން ރަނގަޅަށް ވިސްނާލާ! އޭރުން އެކަން ވިސްނޭނެ.
މަގާމުގެ އާހާ ޖާހުގެ މަތިވެރި ޢިއްޒަތުގެ ގޮނޑީގެ ދަހިވެތިކަން ދަމަހައްޓައިގެނ ދިގު މުއްދަތެއްގައި ތިބެ ކެއި ރަހަ ނުފިލައިން އުޅޭ ޚާއިނުން ތިޔައީ.. އަދި ތިޔަ ތިން މީހުން އެކަންޏެއް ނޫން.. ތިކަހަލަ އެތައް ބަޔަކު ފިލާ އެބަތިބި. މާތް ﷲ މިފަދަ ޚާއިނުންނާ މުނާފިގު ޣައްދާރުން ބޭޒާރު ކުރައްވާށި..
ބޮޑުމަންޒަރަކީ ދިވެހިރާއްޖޭގެ ސިޔާސީ ހުރިހާފަރާތްތަކާ ޒިންމާދާރު މަގާމުތަކުގައިތިބި ހުރިހާ މީހުންނަކީ ކުޅޭކުޅޭ އަދި މުޑުދާރު ހިއްތަކެއްގެ ބައެއްކަމެވެ. ޢަދި އެމީހުންގެ ފަހަތުން ރެއާދުވާލު އުޅެމުންދާ ރައްޔިތުންނަކީ ސީދާ މޮޔައިންކަން ޔަޤީނެވެ. ޢެމީހުންގެ ހަބަރުތައްފަތުރާ ނޫސްވެރިންނަކީ އެއްވެސް ޒިންމާދާރު ބައެއްނޫނެވެ. ސިޔާސީފަރާތްތަކުގެ އަވާއިން އަޅުގަނޑުމެން ރައްޔިތުން މިނިވަންކުރައްވާ އެކުވެރިކަން ދެއްވަވާށި. ޢާމީން
ލީކުވި ބަޔާންތަކުން އެނގުނީ ބޮޑު ދެފަނޑިޔާރުން ވިދާޅުވިގޮތަށް ކުޑަ ދެފަނޑިޔާރަކު ޙުކުމްތަކެއް ކޮށްފައިވާކަން. ދެން ސުވާލަކީ އެޙުކުމްތައް ޞައްޙަވާނެހޭ؟ ނުވާނެދޯ؟ ނުވާނެ. އެހެންވީމަ 01 ފެބްރުއަރީގެ އަމުރުގައި 5 ފަނޑިޔާރުން ސޮއިކޮށްފަ ބުނެފަ އޮތެއްނޫންތޯ ބަޔެއްގެ ޙުކުމްތަކަކީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ޙުކުމްތަކެކޭ އެހެންވީމާ އެމީހުން ވަގުތުން ދޫކޮށްލާށޭ. އަމާޒު ޔަޤީން ނޫންތޯ.