މެންދުރު ފަހު ދޭއް ޖަހާކަން ހާއިރު، މާލޭގެ މަޖީދީ މަގު އޮތީ ފުރިބާރުވެފައެވެ. ވެހިކަލްތަކުން ތޮއްޖެހިފައެވެ. ގިނައީ ސައިކަލެވެ. އެއަށް ފަހު ކާރެވެ. އެއް ބަޔަކު، ވިޔަފާރި ކުރަން ނުކުތް އިރު، އަނެއް ބަޔަކު މާލެ ތެރޭގައި ބުރު ޖަހަނީއެވެ. އޭގެ ދެ ގަޑިއިރެއްހާ އިރު ފަހުން، ހެންވޭރުކޮޅު އެކި ސަރަހައްދުތަކުން ފެނުނީ ގްރޫޕް ހަދާފައި ކޮފީ ބޯން ތިބި މަންޒަރެވެ. އެކަކު އަނެކަކާ ދެމެދު ބަހައްޓަން ޖެހޭ ގައިދުރުކަމެއް ނެތެވެ.

މިއީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާންމުކޮށް ކޮންމެ ދުވަހަކު ހެން، ފެންނަ މަންޒަރެކެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ފުރަބަންދަށް ލުޔެއް ދިނުމާ އެކު، ފެންނަނީ ކަންބޮޑުވާން ޖެހޭ މަންޒަރުތަކެވެ. އެ މަންޒަރުތައް ފެނިފައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) މެމްބަރުން ތިބީ ހިތްހަމަނުޖެހިފައެވެ. އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު އެ ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފް ވަނީ ދެއްވައިފައެވެ.

ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރާއްޖެއާ އެންމެ ކައިރިން އަވަށްޓެރި އިންޑިއާގައި ފުރަބަންދަށް ލުއިތަކެއް ދިން އިރު، އެ ގައުމުން ފެންނަނީ ނުރައްކާތެރި މަންޒަރެކެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެ ގައުމު ނުރައްކާތެރި ފައްތަރަކަށް ދަނީއެވެ. ރާއްޖޭގެ އާބަދީއާ އެއްވަރުގެ މީހުންނަށް ބަލި ޖެހި، 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުގައި ބަލި މިހާ ބޮޑަށް ފެތުރުނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯނުލެނބުމުންނެވެ.

ރާއްޖެއާ އެންމެ ދުރުގައި އޮތް އެއް ގައުމު ކަމަށްވާ އެމެރިކާގެ ހާލަތު ވެސް ވަރަށް ނުރައްކާތެރިއެވެ. އެމެރިކާ އަބަދު "ބަންދު" ކޮށްގެން ނުބޭއްވޭނެ ކަމަށް ނިންމައި، އެ ގައުމު ހުޅުވާލުމާ އެކީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިންތިހާ އަށް މައްޗަށް އެރިއެވެ. ކޮންމެ ދުވަހަކު ހެން، 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިދިޔަ ދެ ދުވަހު އެކަނި ވެސް އެމެރިކާގައި 30،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެމެރިކާގެ ރައްޔިތުން އިރުޝާދުތަކަށް ބޯނުލެނބުމެވެ.

އިންޑިއާ އާއި އެމެރިކާ އެކަންޏެއް ނޫނެވެ؛ ފުރަބަންދަށް ލުއިތަކެއް ގެނައި ގިނަ ގައުމުތަކުގެ ހާލަތު ހުރީ އެގޮތަށެވެ.

ބަޔަކު ތަނެއްގައި އިށީނދެލައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖެ ވެސް މިފަދަ ހާލަތަކަށް ވެއްޓެން ބޭނުންވޭތޯއެވެ؟ ރާއްޖޭގައި ކޮވިޑް-19 ގެ އަދަދުތައް މައްޗަށް އަރައި، އަނެއްކާ ވެސް އިތުރު މަސްތަކަކަށް ފުރަބަންދަކަށް ދާން ބޭނުންތޯއެވެ؟ ބޭރަށް ނުނިކުމެވި ގޭގައި އޮންނަން ބޭނުންވޭތޯއެވެ؟

ހަމަ ޔަގީނުން ވެސް ހެޔޮ ވިސްނޭ އެއްވެސް މީހަކު މިގޮތެއް ބޭނުމެއް ނުވާނެއެވެ.

އެކަމަކު، މާލެ އިން މިހާރު ފެންނަމުން ދަނީ ގިނަ ދިވެހިން އެދޭނެ މަންޒަރެއް ނޫނެވެ. ފަތިހު ގަޑީގައި އުމުރުން ދުވަސްވީ މީހުން ކަސްރަތުކޮށް ހަދަން ކަނޑައެޅީމަ، އެ ގަޑީގައި ޒުވާން އުމުރުފުރައިގެ މީހުން ވެސް ބޭރަށް ނުކުމެ ކަސްރަތުކޮށް ހަދަނީއެވެ. ހަވީރު ގަޑީގައި ބެލެނިވެރިން ކުޑަކުދިން ގޮވައިގެން ބޭރުގައި އުޅޭތީ ކަމާބެހޭ ފަރާތްތަކުން އިންތިހާ އަށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭގެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރޭގަނޑު ގަޑީގައި ޒުވާން އުމުރުފުރައިގެ މީހުން ބުރު ޖަހަން ނުކުމެ އުޅުމަކީ އާންމުކޮށް މިހާރު ފެންނަ މަންޒަރެކެވެ.

އެޗުޕީއޭ އިން އާންމުކުރި ވީޑިއޯއެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ ފުރަބަންދަށް ލުއިތަކެއް ދިނުމާ ގުޅިގެން ފެނިގެން ދަނީ މާލޭގެ މަގުމައްޗަށް ވަރަށް ގިނަ ބަޔަކު އެއްވަމުންދާ ތަން ކަމަށެވެ. މިކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް ފެތުރިއްޖެއްޔާ އަޅުގަނޑުމެން ޖެހިދާނެ މާލެ އަނެއްކާ ވެސް ލޮކްޑައުން ކުރަން. އެހެންވީމަ އަޅުގަނޑުމެންގެ އެދުމަކީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ބޭރަށް ނިކުމެވަޑައިނުގަތުމުން، ގޭގައި މަޑުކުރެއްވުން،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ރޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ޝަހީދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ފުރަބަންދަށް ލުއި ދިނުމާ އެކީގައި މި ބަލި ޖެހިފައިވާ މީހުންނާ ގުޅުމެއް ނެތް މީހުން މި ބައްޔަށް ފައްސިވަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖެ އަށް ދެ ވަނަ ރާޅެއް އެރުމުގެ ފުރުސަތު ލިބިދޭ ފަދަ ހެއްކެކެވެ.

ދެ މަސް ދުވަހުގެ ބަންދަށް ފަހު މި މަހު 15 ގައި ލުއިދިންތާ ހަފްތާއެއްވީ އިރު، އާންމުންގެ އަމަލްތަކާ ހެދި ކޮވިޑް-19 ބޮޑަށް ފެތުރޭކަން މުޅިން ކަށަވަރުވާނީ އަދި އިތުރު އެއް ހަފްތާއަށް ބެލުމަށް ފަހުއެވެ. އެކަން ބަލައި، އެ ހާލަތު ގޯސްވާކަމުގެ ނިޝާންތަކެއް ފެނިއްޖެ ނަމަ ލުއިތައް އަނބުރާ ގެންގޮސް، ފުރަބަންދު އަލުން ދަމަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވައިފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ގައިދުރުކަމެއް ނެތި އެއް ތަނަކަށް މީހުން އެއްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރެސްޓޯރަންޓުތަކަށް ޓޭކްއަވޭ ހެދުމަށް ގޮސް، ގައިދުރުކަމެއް ނެތި މީހުން އެއްވެ ތިބުމެވެ.

ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ފުރަބަންދަށް ލުއިތަކެއް ދިނީ މަސައްކަތަށް ދިއުމަށާއި ވިޔަފާރި ބޭނުމަށް ތަކެތި ގަތުމަށާއި ބޭސްފަރުވާ ކުރުމަށް ހޮސްޕިޓަލްތަކަށް ދިއުން ފަދަ ޒަރޫރީ ބޭނުންތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ބައެއް ފަހަރު އާއިލާގެ އެހެން ބައެއް މެމްބަރުން ކައިރިއަށް ޒިޔާރަތް ކުރަމުންދާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ކުޑަކުދިންތަކެއް އިށީނދެލައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ހަވީރު ގަޑީގައި ކުޑަކުދިން ހިނގާލަން ނިކުތުމަށް ހާއްސަކޮށްފައި އޮންނަ ވަގުތުގައި، އެއީ ހަތަރަކުން ހަޔަކަށް، މިގަޑީގައި ވެސް ވަރަށް ގިނަ އަދަދަކަށް ކުޑަކުދިންނާއި ބެލެނިވެރިން ބޭރަށް ނުކުމެ އެއްވެ ހަދާތަން ފާހަގަ ކުރެވޭ. މިއީ ރަނގަޅު އާދަތަކެއް ނޫން،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ކުޑަކުދިން ބޭރަށް ނުކުމެވޭ ވަކި ދުވަސްތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފަތިހު 5:00 އިން ހެނދުނު 9:00 އަށް އުމުރުން ދުވަސްވީ މީހުން ކަސްރަތު ކުރަން ނުކުތުމަށް ހާއްސަކޮށްފައި އޮތަސް، ޒުވާނުން އެ ގަޑީގައި ބޭރަށް ނުކުމެ ކަސްރަތުކޮށް ހަދަމުން އަންނަ ކަން ފާހަގަ ކުރެއްވޭ ކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ވަކި އުމުރުފުރާތަކެއްގެ މީހުންނަށް ގަޑިތައް ހާއްސަކޮށްފައި އޮތީ ބައެއް އުމުރުފުރާތަކަކީ ރިސްކް އޮތް ގްރޫޕްތަކަކަށްވީމަ ކަމަށެވެ. ފަތިސް ގަޑީގައި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުތުމަށް ހާއްސަކޮށްފައި އޮންނަ ގަޑީގައި އެހެން އުމުރުފުރާތަކުގެ މީހުން ނުނިކުތުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ނުރައްކާ ކުޑަވީކީ ނޫން. މިސާލަކަށް ދާދި ފަހުން ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވާ ގޮތުން ދުނިޔޭގައި ވެސް ކޮވިޑް-19 ގެ ބަލި ޖެހޭ މީހުންގެ ނިސްބަތް މައްޗަށް ދަނީ. އެހެންވީމަ އަޅުގަނޑުމެން ވެސް ޖެހޭނެ މިކަމަށް ސަމާލުވާން،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވެސް އިރުޝާދު ދެއްވަނީ ބޭރަށް ނުކުމެ އުޅޭ އިރު، މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތް ދޮވެ، ސާފުތާހިރުކަމަށް އިސްކަން ދިނުމަށެވެ.

ޑަބްލިއުއެޗްއޯ އިން ވެސް ދީފައި އޮތީ ހަމަ މި އިރުޝާދެވެ. ކޮވިޑް-19 ބައްޔާ މެދުގައި ސީރިއަސްކޮށް ނުދެކެފި ނަމަ، ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަންކަން ހިނގުން ގާތެވެ. އާ އާންމު ހާލަތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލެނބުން ނޫން ގޮތެއް ނެތެވެ. އެހެން ނޫނީ ރާއްޖެ އަނެއްކާ ވެސް ނުރައްކާތެރި ދިމާލަކަށް މިސްރާބު ޖަހައިފާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަންސާރު

    ދުނިޔެ އާ ހެދި ހޭބޯ ނާރައިގެން .ﷲއަށް ބިރުވެތިވޭ...

    45
    1
  2. ދާރި

    ދަސްނުވަނީއެއްނޫން.ރޯނުއެދުރުންގިނައީ.މިހާރުވެސްގޭގޭގެ ޓެރަސްމަތީގަ ޕާޓީތަށްވެސްބާއްވަމުންދަނީ .ބާޒާރުމަތި ތޮއްޖެހިފަވާއިރުވެސް ގިނަމީހުންގެ މާސްކް ހުންނަނީ ދަތްދޮޅީގަ .މީހަގީގާތަކީ.

    41
    1
  3. އަޙްމަދު

    މިކަމުގައި ޒިންމާ ނަގަންޖެހޭ ބަޔަކުތިބޭނެ! ބޮޑެތިމީހުން ދައްކާ މިސާލުން ދިވެހިން މިސާލު ނަގަނީ! މަޖްލީހުގެ ވެރިޔާ ދެއްކީ މިސާލަކީ މީސްމީހުންނަށް ދިން ރަނގަޅު ޖަވާބެއް! ހުއްދަ ނުލިބެނީސް މަޖްލީސް ބައްވަން ނިންމުން އަދި މަޖްލީހުގައި އެއްވެސް ގައިދުރުކަމެއް ނެތި ގައިގޯޅިކޮށް އުޅުން އެވެސް ސީދާ ވެރިޔާ އަންގައިގެން! އެމީހުން ހަދާ ޤާނޫނަށް ތަބާވާން ޖެހޭއިރު އެމީހުން ދައްކާ މިސާލުތަކަށްވެސް ތަބާވާންޖެހޭ! މިހާރު މަގުތަކުން ފެންނަނީ އެމަންޒަރު! ބޮޑު ސޯބު އެނބުރޭގޮތަށް ކުޑަސޯބުތަށް އެނބުރޭނީ!

    56
    4
  4. ައަހުމަދު

    ތީގެއިން ގިނަކަންތައްތަކަށް ޒިންމާނަގަންޖެހޭނީ ސަރުކާރުންނާއި ތަންފީޒީއިދާރާތަކުން މިޤައުމު ހަލާކުގެތެރެއަށް ވައްޓާލީ މިބުނި ފަރާތްތަކުން ، އޭގެ ހެއްކެއް ޤަވައިދާޚިލާފަށް އުޅޭ ބަންގާޅީންތައް، އެބައިގަނޑަށް ހީމާޔަތްދެނީ ސަރުކަރުންނާއި ތަންފީޒީ އިދާރާތަކުން ، އެހެންވެ ބޭނުންގޯތަކަށް އެއުޅެނީ ، އެނޫންނަމަ އަހަރެމެން ކޮރަޕްޓޭ މިކިޔާ އަވައްޓެރި ، ލަންކާގަޔާއި، އިންޑިޔާގަވެސް އުޅެވޭނެ ،އެތަންތާނޫލެވޭނެ. މިހެންގޮސް ވަރަށްގިނަކަންތައް އެބަހުރި....

    32
    2
  5. ޖިސްމު

    މިއާޓިކަލް ފަށާތާ އެއޮތް ފޮޓޯގަ ޓެސްޓުކުރާ ޓެކްނިޝަންއަތުގަ އޮތް އަންގި އެގޮތަށް ކިތަށް މީހުންގެ އަތުގަ ޖެހިފައިބާ މިމަންޖެގެ އަތުގެ އެޖެހުނީ؟ ދެން.......؟

    6
    1
  6. ނަޖީ

    އިރުކޮޅަކާ އިންޑިއާގެ ވާހަކަ ފާހަގަމިކުރަނީ ކީކުރަންތޯ އިންޑިއާ ކޮމްމެ ކަމެވިޔަސް އަހަރުމެނަކާކޮންކަމެ މަލެއައް ބަލިފަތުރާލި މީހުން ޖެހޭނީ ހައްލުކުރަން ކޮމްމެހެހެން ރައްޔަތުން ބަންދުކޮއް އަނިޔާކުރާކައްނުޖެހޭ

    8
    1
  7. ދިވެހިބިން

    އޮޅުވާނުލާ! ފުރަތަމަ ރާޅުގެ މެދުތެރެއިން ލޮކްޑައުން އުވާލީ! ދެންވާނެއެއްޗެއްވީމަ ރައްޔިތުންބޮލަށް ކަނޑާނުލާ.

    17
    1
  8. ނަޖީ

    ނުކެރޭނެ އަހަރުމެންގެ ސާމްޕަލެނަގާކައް ބަލިނުވަނީއެއް މަގައްނިކުންނަ އިރައް ސާމްޕަލޭ ނަގަންބޭނުމޭ ހޯ ހޯ ގަޔައް ނައަރާތިބޭ

    4
    9
    • މީނަގެ

      ކާކަށްބާދެރަވާނީ. މިހިރީ އަހަރެމެންގެ ހާލަތު.

  9. ޛަރުމަ

    ދެން އިތުރަށް އެއްޗެކޭ ނުބުނެ މަގުމަތީގައިި މިމީހުން އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލާ، ކާކަށްތަ މިކަމުގެ ދެރަ ލިބޭނީ؟ އެމީހުން ބޭނުންވި ގޮތް އެއީ.

    6
    1
  10. ސަޒޫ

    ވަޒީފާއަށް ނުގޮސް ސުއްޓާ ބޯން ކޮފީބޯން ތިބޭ ޒުވާނުން ގެއަކު ހަރެއް ނުލާނެ. ލުއިތައް ނުދިންނަމަ މާ ރަނގަޅުވީސް. ޖުލައި 1 ގަ ރެސްޓޯރަންޓުތައް ހުޅުވަންޏާ އަދި ކިހާ ފޯރިއެއް ހުންނާނެ?

    13
    1
  11. ހަސަނު

    އަޅުގަނޑައް ބުނެވޭނީ ދިވެހިންނައް ދަސްނުވެގެން ނެއް ނޫނެވެ ، ނުވިސނެނީކީ އެއްވެސް ނޫނެވެ. ހަމަ ބުނެވޭނީ ނުލަފާކަމުންނެވެ. ޢަޅުގަނޑައް އެންމެ ރަނގަޅީ ހަމަ މިހާރުން ފެށިގެން ފުރަބަންދަކައް ދާށެވެ. ބަންދު ނުކޮއް ތިއްވާ ވާނެއެއްޗެއް ވެނިމޭނީ ، އޭރުން އެއްމެންވެސް ގޯސް ކުރާނީ ސަރުކާރު ، ބުނާނެ ކީއްކުރަންހޭ ލުއި ދިނީ ، ދިނީމަ ނޫންހޭ މިވަރު މިވީ. މީ ދިވެހިން.

    21
    1
  12. ޞަކީލް

    ލޮކްޑައުން އުވާލައިފީމޭ ނުބުނެ ލުއިތަށް ދިންގޮތާ، އެކަމަށްވެސް ހަރުދަނާ އުސޫލެއްނެތި ލުއި ދިނުމުގެ ނަތީޖާމީ، މާރޗްއިން ފެށިގެން މީހުން ގެތަކުގަތިބީ ކެއްތެރިކަމާއެކު، އެކަމަކު ބޭރަށް ނިކުންނަށް ހުއްދަ ނަގާކަން ނުޖެހެޔޭ، ލޮކްޑައުން ލުއިކޮށްފީމޭ ބުނެ، ކަންކަން ދޫކޮށްލީވެސް ބަޔަކަށް ފައިދާއަށް

    3
    1
  13. އިންޑިއާމީހާ

    ސަރުކާރުން މާ ހެވީ ބަލިވީމަ އަމިއްލައަށް ބޭސްކުރަންޖެހިފަ، ކޮރަންޓީނަށް އަތުން އެއޗެއް ދައްކަން ޖެހޭނަމަ ނުކެރޭނެ އެހެން އުޅޭކަށް ހަމަ ބަލައިގެން އުޅެން ޖެހޭނީ! ޢެވައްތަރަށް އިންޑިޔާގަ ޢުޅެވޭނި އެއްފަހަރު! މިތާ ބިދޭސިން ވެސް ބޭނުން ގޮތަކަށް އުޅެންވީ!

  14. މީ އިންޑިޔާ އެމެރިކާ އެެއނޫނއ

    މީ އިންޑިޔާެެއް އަދި އެމެރިކާ އެއްނޫން... މީ ދިވެހިރާއްޖެ.. ސައްތާން ސައްތަ އިސްލާމީ ގައުމެއް.. ..
    މައްސަލަ އަކީ ޖަމާއަތުގާ ނަމާދު ކުރުން މަނާވެފާ އޮތީމަ..
    ....
    ..
    ﷲ ގެ ރަހުމަތް މާ ބޮޑު..
    ޢެރަހުމަތް ހޯދަން އަހަރެމެން މަސައްކަތް ކުރަންވާނެ.. އެއްމެން އެއްކޮއް ޖަމާއަތުގާ ނަމާދުކޮއް ޖަމާއަތުގެ ނަމާދުގާ އެއްމެން އެއްކޮއް ދުއާކުރޭ.. ދެން އެއަށްފަހު އެމީހަކަތް ވީވަރަކުން ރައްކާތެރިވެ އަދި ސާފުތާހިރުކަން އިސްކުރޭ..
    .. ހެއްލުންތެރި ދުނިޔޭގެ ދަޅަތަކުގާ ޖެހި ފާސާއަތް ދަހިވެތިވެ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގުހެދުމާ ވައްކަން ކުރުމާ ހިޔާނާތާ އަނިޔާ ވެރިވުމުގާ ނުތިބެ މި ނުބާ އަމަލްތަކުން ދުރުވެ އިސްލާހުވޭ.. ތެދުވެރި ހިތްހެޔޮ އިހުލާސް ތެރިން ކަމުގާވޭ އަދި ދީލަތި ހުލްގުހެޔޮ ބަޔަކު ކަމުގާވޭ.. އިންސާ ﷲ މި ނުރަކާތެރިކަމުންނާއި އަދި މިފަދަ އެމެހާ ނުރަކާތަކުން ﷲ އިރާދަފުޅާއި އެކަލާނގެ ރަހުމަތާއި އެކު ސަލާމަތްވާނެ އަދި ސިފާވެސް ލިބޭނެ އަދި ރޯދި ބަރަކާތްވެސް ލިބޭނެ އަދި ހެޔޮ ވެގެންވާ ނިއުމަތައްވެސް އިތުރުވާނެ... އިންސާ ﷲ. އެކަލާނގެ މަގުގާ ހިފަހައްޓާ އަދި އެކަލާނގެ ދެއްވެވި ހިދާޔަތުގެ މަގައް އަމަލްތަކާއި ބަސްތަކާއި އަދި ތިބާގެ ހިތްސީދާކުރޭ..
    އޭރުން ﷲ ރަހުމަތް ވަނީ ވަރައް ކާރީގަ އިންސާ ﷲ.
    .. އަހަރެމެން އަމިއްލައައް އެކަލާނގެ ރަހުމަތާއި އެކަލާނގެ އާ ދުރުވަނީ..
    .. އެއްވެސް އިންސާނަކައް އަދި އެއްވެސް މަހުލޫގަކައް ސިފާ ދިނުމެއް ނުވޭ.. ހަމަ އެކަނި ސިފާ ދެއްވާފަރާތަކީ ރަބުލް ކާއިނާތުގެ ވެރި، އެމެހާ އާރާއި ބާރާއި އެއްމެހާ އިލްމެއްގެވެރި ގަދަކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތައާލާ..
    ޢަހަރެމެންނައް އޮތީ ގިނަގިނާން އެކަލާނގެ ހަދުމަކުރުމާއި ގިނަގިނާން އެކަލާނގެ ހަޒްރަތުން އެދި ދެއްނެވުމާއި ގިނަގިނާން އެކަލާނގެ އަތް ޝުކުރު ކުރުން.. އަދި ހެޔޮގޮތުގާ އެކަލާނގެއައް ކެތެރިވުން..
    ޢިންސާ ﷲ ކާމިޔާބުވާނެ.. ﷲ ގެ އިރާދަފުޅާ ރަހުމަތާއެކު. ކާމިޔާބު ދެއްވަނީވެސް އެކަލާނގެ..

  15. ކުނިނަގާ ބެ

    ކޮބާތޯ ފަރަންޓް ލައިންގަ މަސައްކަތް ކުރި ހިތްވަރު ގަދަ ބޭފުޅުން އަށް ދޭންބުނި ފްރަންޓް ލައިން އެލެވެންސް،އަދިވެސް ނުދޭ،ވެމްކޮ ސްޓާފުން ނައްވެސް ދޭން ބުނި އަދިވެސް ނުދޭ.......50 ލާރިީ ނަމަވެސް ދޭން ނުކެރުން.....

    5
    1