ދިވެހި ރައްޔިތުންގެ ރައްކާތެރިކަމުގެ ބުރަ ޒިންމާ މަތިކޮށްފައިވާ، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަކެވެ. "ޓު ޕްރޮޓެކްޓް އެންޑް ސާވް" ނުވަތަ " ރައްކާތެރިކޮށް ޚިދުމަތްކުރުން" މި މޮޓޯ އާއެކު، ކުށް މަދު، ރައްކާތެރި މުޖުތަމައުއެއް ގާއިމްކޮށްދިނުމަކީ މި މުއައްސަސާގެ ނޫ ޔުނިފޯމް އަޅާ ކޮންމެ ފުލުހެއްގެ އުންމީދެވެ.

މަސައްކަތުގެ ހައްސާސްކަމުން ތިމާ ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކީވެސް އެ މުއައްސަސާގެ ފަހު ދުވަހަށް ވެދާނެކަން އެއީ ކޮންމެ ފުލުހަކަށް ވެސް އެނގޭނެ ހަގީގަތެކެވެ. އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ ގައުމާއި މުއައްސަސާ ތިމާގެ ނަން ހަނދާން ބަހައްޓާނެ ފަދަ ޚިދުމަތެއް ކޮށްދިނުމަކީ ކޮންމެ ފުލުހެއްގެ އަޒުމްކަން ޔަގީނެވެ.

ކޮންމެއަކަސް ގައުމަށް ޚިދުމަތްކުރުމުގެ ފޮނި އުންމީދާއެކު ފުލުހުންގެ މުއައްސަސާއަށް ވަދެ ތިބި ފުލުހުންގެ ތެރެއިން، ޚިދުމަތުގައި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާތަކުގައި، އަޅުގަނޑުމެންނާ ވަކިވި ފުލުހުން މަދުން ނަމަވެސް އެބަތިއްބެވެ. އަދަދުގެ ގޮތުން މަދު ނަމަވެސް، އެފަދަ ފުލުހުންގެ ޒިކުރާ، އެ މުއައްސަސާ އާއި މުޅި ރާއްޖެ ވެސް ހަނދާން ކުރަނީ ބަރު، ތަދުު ހިތަކާ އެކީގައެވެ.

ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދިޔަ، ފުލުހުންގެ ހަނދާން އާކޮށް އެ ފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީ އާއި ކޮށްދީފައިވާ މަތިވެރި ޚިދުމަތުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ދުވަސް ފާހަގަކުރަން ނިންމާފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރެވެ.

ޚިދުމަތުގައި އުޅެމުން ދަނިކޮށް، މި ދުނިޔެ އާއި އަލްވަދާއުކީ ފުލުހުންގެ ތެރޭގައި ހިމެނޭ ފަރާތްތައް ތިރީގައި މިވަނީއެވެ.

1.ޝަހީދު ޕޮލިސް ސަޖަންޓް، އާދަމް ހަލީމް

ޕޮލިސް މެމޯރިއަލް ޑޭ ނިސްބަތްވަނީ ޕޮލިސް ސަޖަންތް އާދަމް ހަލީމަށެވެ.

ޖުލައި 23، 2012 ވަނަ ދުވަހުގެ ރޭ މުޅި ގައުމު ސިއްސުވާލީ، ފުލުހަކު ރަސްމީ ޑިއުޓީގައި، ގާނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ކުށުގެ ތުހުމަތު ކުރެވޭ މީހަކު ދިން، ނުރައްކާތެރި ހަމަލާގައި އާދަމްގެ ފުރާނަ މި ދުނިޔެ އާއި އަލްވަދާއުކީ ޚަބަރާ އެކުގައެވެ.

އަމިއްލަ އުފަން ރަށް ކަމުގައިވާ، ކ. ކާށިދޫގައި ޚިދުމަތް ކުރަމުން އައި އާދަމް ޝަހީދުވީ އޭނާ ޑިއުޓީ އަށް ނުކުތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ދެކޮޅުވެރިޔަކު ތޫނު ހަތިޔާރަކުން އޭނާ އަށް ހަމަލަ ދިނުމުން ލިބުނު އަނިޔާގައެވެ. ގޭބަންދުގައި ހުންނަން ޖެހޭ މީހަކު ބަންދުން ވީއްލި ރަށުތެރޭގައި އުޅޭތަން ފެނުމުން އޭނާއަށް ނަސޭހަތްދީ ގާނޫނަށް ބޯލެނބުމަށް އެންގުމުގެ ގާނޫނީ ޒިންމާ ފުރިހަމަކުރުމުގެ އަގު، އާދަމް އަދާކުރީ އަމިއްލަ ފުރާނަ އާއި އަލްވަދާއު ކިޔަމުންނެވެ.

ގައުމަށް ޚިދުމަތްކުރުމުގެ ފުރިހަމަ ޖަޒުބާތުގައި ފުލުހުންނާ ގުޅުނު އާދަމްގެ ފަހު ނޭވާ ދޫކޮށްލީ އެ ޔުނިފޯމަކާއި މެދު އޭނާ ފަޚުރުވެރިވާ، ފުލުހުންގެ ޔުނިފޯމްގައެވެ. އޭނާގެ ފަހު ނޭވާ ކާށިދޫގެ ވަޔަށް ދޫކޮށްލީ، ފުލުހުންގެ ސަފުތަކުގައި ހަރަކާތްތެރިވާ ކޮންމެ ރޭންކެއްގެ، ކޮންމެ ގިންތިއެއްގެ، ކޮންމެ ފުލުހަކަށް ނަމޫނާ ދައްކަމުންނެވެ.

ޑިސެމްބަރު 31، 1984 ގައި އުފަންވި އާދަމް ހަލީމް، 2008 މެއި 18އިން ފެށިގެން ނިޔާވުމާއި ހަމައަށް ފުލުހުންގެ އެކި ފަންތީގެ މަގާމުތައް ފުރާފައި ވަނީ، ނަޒާހަތްތެރިކަމާއި މުރާލި ކަމާ އެކުގައެވެ.

އެ ހަމަލާ ވެގެން ދިޔައީ ޝަހީދު އާދަމް ހަލީމުގެ ހުވަފަތް އަނބިކަބަލުންނާއި ޝަހީދު އާދަމް ހަލީމުގެ މައިންބަފައިންނާއި އާއިލާ އާއި ރަޙްމަތްތެރިންނަށް އަދި ދިވެހި ފުލުހުންގެ މުއައްސަސާ އަށާއި ދިވެހި އެންމެހައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ލިބުނު ހިތްދަތި، ހަނދާނުން ފިލުވާލަން ދަތި ތަޖުރިބާޔަކަށެވެ.

2. އަލްމަރްޙޫމް ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޒަމީރު

މާޗް 30، 1984 ގައި ވ.ރަކީދޫއަށް އުފަންވި، އަލްމަރުހޫމް ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޒަމީރު، 2007 މާޗް 13 ވަނަ ދުވަހުގެރޭ ކަނޑުމައްޗަށް އެރީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދޫނިދޫއަށް ދިއުމަށެވެ. ނަމަވެސް އޭނާ އަށް ފުރާނަ އާއި އަލްވަދާއު ކިޔަން ޖެހުނީ ހިނދުކޮޅެއްގެ ތެރޭގައި ހިނގައި ހަދިސާއަކުންނެވެ.

ދޫނިދޫ ޑިއުޓީއަށް ދިޔަ ދަތުރުމަތީ ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ލޯންޗަކުން އޭނާ ދަތުރުކުރި އުޅަނދުގައި ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޔޫސުފް ކަނޑަށްވެއްޓުމުން، އޭނާ ހޯދުމަށް ކެނޑިނޭޅި ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތް ކުރީ، އޭނާ ދިރިހުއްޓާ ފެނުމުގެ ތައުފީގް މިންވަރުކުރެއްވުން އެދި ދުއާކުރަމުންނެވެ. ނަމަވެސް އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ޔޫސުފް ފެނިފައި ވަނީ ކަނޑުމަތިން އޮޔާދަނިކޮށެވެ.

އެ ހިތާމަވެރި ޚަބަރު އޭނާގެ އާއިލާ އަށް ލިބުނީ، އޭނާ ގެއްލުމުން ލިބުނު ހިތާމައިގައި އޭނާގެ މަންމަ ސިއްތި ޔޫސުފް ނިޔާވިތާ ދެ ދުވަސް ފަހުންނެވެ. އެ ދުވަސްކޮޅު އޭނާގެ އާއިލާ އަށް ލިބުނު ހިތްދަތިކަމާއި ނިކަމެތިކަން ތަސައްވުރުކޮށްލަންވެސް ދަތިވެފައި އުނދަގުލެވެ. ސަބަބަކީ، ޔޫސުފް ނިޔާވިއިރު އޭނާގެ އަނބިމީހާ ފާތިމަތު ޝާރިދާ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.

އެކުގައި އާއިލާއެއް ފަށާ، ޔޫސުފް އާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ޝާރިދާގެ ދިރިއުޅުން ވިއްސި ވިހާލިވީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އެ ހާދިސާގެ ސަބަބުން ޝާރިދާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

ސެޕްޓެމްބަރު 30، 2004 އިން ފެށިގެން ދެ އަހަރު ސާބިތުކަމާއެކު ފުލުހުންގެ ޚިދުމަތުގައި އުޅުނު ޔޫސުފްއަކީ މުސްތަގްބަލާ މެދު ފޮނި ހުވަފެންކަމެއް ދެކެމުން އައި ނޫކަށި ފުރައިގެ ޒުވާނެކެވެ.

3. އަލްމަރްހޫމް ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ

ޖޫން 1، 2013 ވަނަ ދުވަހުގެ ފަތިހުގެ ގަދަ ނިދިން ދިވެހިން ހޭލައްވާލީ، ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ އަށް ދިމާވި ހާދިސާގެ ހިތި ޚަބަރާ އެކުގައެވެ. އެ ރޭ ވެސް މިސްބާހު ޑިއުޓީއަށް ނުކުތީ އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ޓްރެފިކް ޑިޕާޓްމެންޓްގެ ޒިންމާ އަދާ ކުރުމަށް ނިޔަތް ގަނެގެންނެވެ.

އެ ރޭގެ ފަތިހު 04:00 ހާއިރު، ބޮޑުތަކުރުފާނު މަގުގައި ވީސީޕީ ޖަހާ، އެ ވީސީޕީ ކައިރީގައި އޭނާ ގާއިމްވެ ހުރީ އެވަގުތު ދުުއްވާފައިވާ އުޅަނދުތައް ހުރި ގަވާއިދާއި އެއްގޮތަށްކަން ކަށަވަރު ކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެންނެވެ. އާދައިގެ މަތިން ވެހިކަލް ޗެކް ކުރަމުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، ކުއްލިއަކަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މިސްބާހުގެ ގައިގައި ޖެއްސުމަށް ފަހު ދިޔައީ، އޭނާގެ ހަށިގަނޑު ފޫއަޅުވާލާފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ވީ އެންމެ އަވަހަކަށް މިސްބާހު އޭޑީކޭ އަށް ގެންގޮސް، އޭނާ އަށް އެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި ނަމަވެސް، ފުރާނަ އާއި ކުރި ހަނގުރާމަ މިސްބާހު އަށް ކާމިޔާބެއްް ނުވިއެވެ. އޭނާ މި ދުނިޔެ އާއި އަލްވަދާއު ކިޔަން ޖެހުނީ އެހެން މީހަކު ވިސްނާ ނުލާ ކުރި ފަރުވާ ކުޑަ އަމަލެއްގެ ސަބަބުންނެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބިފައިވާ ކަމަށާއި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިސްބާހު ވަޅުލާފައި ވަނީ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. އޭނާ ޝަހީދުވި އިރު އުމުރަކީ 22 އަހަރެވެ. 2011 އިން ފެށިގެން ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރި، މިސްބާހު ޝަހީދުވުމުން ސަރުކާރުން ވަނީ އޭނާގެ ހިދުމަތުގެ އަގުވަޒަން ކުރައްވާ ޑަބަލް ޕްރޮމޯޝަން ދެއްވާ ޕޮލިސް ކޯޕްރަލްގެ މަގާމަށް ރޭންކް މަތިކުރައްވާފައެވެ.

4. އަލްމަރުޙޫމް ލާންސް ކޯޕްރަލް އަލީ ނާޒިމް

އަލްމަރުހޫމް ލާންސް ކޯޕްރަލް އަލީ ނާޒިމް ނިޔާވީ ސެޕްޓެމްބަރު 21، 2006 ވަނަ ދުވަހު ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ މަގުމަތީގައި ފޮނަދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާ ހަމައިގައި ކަރަންޓް ކޭބަލް ވަޅުލުމަށް މަގު ހުރަސްކޮށް ކޮނެފައި އޮތް ކޯރުގެ މަތީގައި އަޅާފައި އޮތް ފިލާގަނޑެއްގައި ސައިކަލް ޖެހި، ވީ އެކްސިޑެންޓްގައި އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވުމާ ގުޅިގެންނެވެ.

ޑިސެމްބަރު 4، 1977 ވަނަ އަހަރު ލ.ފޮނަދޫ އަށް އުފަން ނާޒިމްއަކީ، 1999 އިން ފެށިގެން 2006 އަށް ފުލުހުންގެ އިދާރާގައި ނަމޫނާ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި ގުޅިގެން ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެކި ފަހަރު މަތިން އޭނާ މަސައްކަތް ކުރެއްްވި އެކި ތަންތަނުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މީހާގެ ލަގަބު އޭނާ އަށް ވަނީ ދެއްވައިފައެވެ.

ނާޒިމް ނިޔާވި އިރު އުޅުއްވީ، ސަމްސިއްޔާ ހަސަން އާއި ކައިވެނި ބައްލަވައިގެންނެވެ. އޭނާ ނިޔާވުމަކީ ފުލުހުންނާއި މުޅި އާއިލާތަނަށް ވެސް ލިބުނު ފޫނުބެދޭނެ ވަރުގެ ހިތާމައެކެވެ.

މި ދިވެހި ފުލުހުންގެ ޚިދުމަތާ ކެރުމަށް ކޮންމެ މީހަކުމެ ސާބަސްދޭނެއެވެ. ދިވެހި ފުލުހުންގެ ހިތްވަރާއި ކެރުމާ މަސައްކަތުގެ ގާބިލުކަމުގެ މައްޗަށް ފަހުރުވެރިވާނެކަން ގައިމެވެ. މިފަދަ ކޮންމެ ފުލުހަކު ވެސް މި ދުނިޔެއާ ވަކިވީ އެހެން ފުލުހުންނަށް، ރިވެތި އަހުލާގައި، ގައުމީ ޚިދުމަތުގެ ރޫހުގެ މިސާލު ދައްކަމުންނެވެ.

މިފަދަ ފުލުހުންގެ އަގު ސުކޫތަކުން، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްލުމަކުން އަދާކޮށެއް ނުދެވޭނެއެވެ. ވަކިވެދިޔަ ކޮންމެ ފުލުހެއްގެ ހަނދާންތައް މިއަދުވެސް އަޅުގަނޑުމެން އާ ކުރަނީ، ފުން ހިތާމަ އާއި ގިލަންވެރިކަމާއި އެކުގައެވެ.

މާތް ﷲ މި އެންމެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާ އާއި ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބްދުﷲ

    ތިފަދަ އަގުހުރި ބޭފުޅުންގެ ޒިކުރާ އައުކޮށއލެއްވިކަމަށްޓަކައި ލިޔުން ލިޔުއްވި ފަރާތަށް ޝުކުރު ދަންނަވަން.

    81
    5
  2. ކާޖު

    އާމީން

    56
    3
  3. ޕަރީ

    ރޮވިއްޖެ.. ފުލުހުންގެ އާއިލާތަކަށް އަދަށްވުރެ ފަހި މާދަމާއެއް ދައް ކަވާށި. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަދި މަރުހޫމުންނަށް ސުވަރުގެ މިންވަރު ކޮށްދެއްވާށި.. އާމިން.

    72
    6
  4. ޖުމުހޫރީ މައިދާނުން

    އާމީން.

    56
    5
  5. ލައިލާ

    އާދަމް ހަލީމް ޝަހީދު ވި ތާ މިޔަދައް 8 އަހަރު ފުރުނީ އާއިލާޔައް ކެތް ތެރިކަން ދެއްވާންދޭ

    64
    4
  6. Anonymous

    މަރްޙޫމުންގެ ފުރާނަތަކަށް ދާއިމީ ސުވަރުގެ މިންވަރު ކުރަށްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.

    41
    2
  7. ޖޯން

    ރާއްޖޭގެ ފުލުހުންގެ އަގު ވައްޓާލައި އަބަދުވެސް ތަޅާނެ ކުދިން ހޯދާ ވާހަކަ ދެއްކުމަކީ ބިރު ހުރި ކަމެއް. ގައުމުގެ މަތިފަޑީގެ މީހުން މިބާވަތުގެ ވާހަކަ ދައްކަންޏާ ކުށުވެށީގެ މީހުންނާށް ލިބޭ ހިއްވަރަކަށް އެކަން އެވަނީ. މިގައުމަށް އެތެރެވާ ބިދޭސީންނަށް ވެސް އިނގޭ ފުލުހުންނަށް ބޭނުން އެއްޗެއް ހެދޭނެ ކަން ފުލުހުންގެ ހައްގެއް ނޯންނަކަން ވެސް. މިގައުމުގައި އޮތީ ކުއްވެރިންގެ ހައްގުކަން. މިކަން އިނގޭނެ ބިދޭސީ މުޒާހަރާތަކުން ވެސް

    37
    6