ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެ ދިޔަ ފުލުހުންގެ ހަނދާން އާ ކުރުމުގެ ގޮތުން، މިއަދު ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ ނިސްބަތް ވަނީ، އަލްމަރްހޫމް ޕޮލިސް ސާޖަންޓް އާދަމް ހަލީމަށެވެ.

ކ.ކާށިދޫ އަށް އުފަން އާދަމް ހަލީމަކީ، އެ ރަށު ކެތި، އަހުމަދު ހަލީމް އާއި ޚަދީޖާ ޔޫސުފް އަށް ލިބިފައިވާ ފަސް ކުދިންގެ ތެރެއިން ދެ ވަނަ ދަރިފުޅެވެ. އޭނާއަކީ އެ އާއިލާއަށް ލިބުނު ހަތަރު ފިރިހެން ދަރީންގެ ތެރެއިން ދެ ވަނަ ފިރިހެން ދަރިފުޅުވެސްމެއެވެ. ކާށިދޫގެ ރައްޔިތުން ބުނާ ގޮތުން އޭނާ އަކީ ޒިންމާ ދާރު، އަޚުލާގު ރަނގަޅު ޒުވާނެކެވެ.

ޑިސެމްބަރު 31، 1984 ގައި އުފަންވި ޝަހީދު އާދަމް ހަލީމް ތަޢުލީމް ހާސިލްކޮށްފައި ވަނީ އޭނާގެ އުފަން ރަށުގައި ހުންނަ ކ. އަތޮޅު މަދްރަސާއިންނާއި، މަދްރަސަތުލް އަހްމަދިއްޔާއިންނެވެ. ތަޢުލީމީ ދައުރު ފުރިހަމަކުރުމަށް ފަހު، 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ދިވެހި ފުލުހުންގެ ވަޒީފާއާއި ގުޅުނީ ޤައުމާއި ދީނަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި ޢަޒުމުގައެވެ.

ޝަހީދު އާދަމް ހަލީމް ފުލުހުންގެ ވަޒީފާއާ ގުޅުމަށްފަހު ނުވަ ވަނަ ޕޮލިސް ރެކްރޫޓް ޓްރޭނިން ކޯސް ފުރިހަމަކޮށް، ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް ނުކުތީ، އެއީ ޝަރަފުވެރި ޚިދުމަތެއްކަމުގައި ހިތާއި ރޫހުން ގަބޫލުކޮށްގެންނެވެ. އެގޮތުން، އޭނާ ޚިދުމަތް ކުރެއްވި އިދާރާތަކުގެ ތެރޭގައި، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި، ރ.ދުވާފަރު ޕޮލިސް ސްޓޭޝަނާއި، ރ.އަލިފުށި ޕޮލިސް ސްޓޭޝަނާއި، ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނާއި، ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަން ހިމެނެެވެ.

އެއަށްފަހު ކ.ކާށިދޫ އަށް ބަދަލުވީ، އުފަން ރަށަށް ޚިދުމަތް ކުރުމަށް އޭނާ އަބަދުވެސް ދެކެމުން އައި ކަޅާއި ހުދުގެ ހުވަފެނުގައި ކުލަ ޖައްސާލަމުންނެވެ. ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުވެ، އެ ސްޓޭޝަންގެ އިންޗާޖް ކަމާއި، ޝިފްޓް އިންޗާޖް ކަންވެސް ކުރައްވާފައިވާ އާދަމް އާއި މެދު ހުރިހާ އެންމެންގެ ދުލުން ވެސް އިވެނީ ނިމުމެއް ނެތް ތައުރީފާއި ޖިޒީގެ ބަސްތަކެވެ.

އެއީ އެންމެންގެ އެކުވެރިއެއް، ޚިދުމަތުގައި ނަމޫނާއެއް

ޕޮލިސް ސާޖަންޓް އާދަމް ހަލީމް (ކ-4) ރައްޓެހިންނާ އެކުގައި.

ޝަހީދު އާދަމް ހަލީމާއިއެކު މަސައްކަތް ކުރި ފުލުހުން ފާހަގަކުރާ އެއްކަމަކީ އޭނާގެ ސީދާ ސާދާ މިޒާޖެވެ. އަދި ފުލުހެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ ފުރިހަމަކުރުމަށް އޭނާ ބަހައްޓާ ޝަައުގުވެރިކަމަކީ އެހެން ފުލުހުންނަށް ވެސް ނަމޫނާއެއްކަން އެ ފުލުހުން ފާހަގަކުރެއެވެ. އަދި އޭނާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގައި އެފަދަ ދެވަނައެއް ނެތް ނަމޫނާ ފުލުހެކެވެ.

ޝަހީދު އާދަމް ހަލީމް ކާށިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް މަސައްކަތް ކުރެއްވި އިރު، އޭނާގެ ދަށުން މަސައްކަތް ކުރި ޖޫނިއާ ސްޓާފުންގެ ތެރޭގައި، ކާށިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖްގެ މަޤާމް މިހާރު ފުރަމުންދާ ޕޮލިސް ސްޓާފް ސާޖަންޓް ޝިމާހު އަހުމަދު ހިމެނެއެވެ.

ޝިމާހު "ވަގުތު" އާއި ހިއްސާ ކުރެއްވި ވާހަކަތަކުން އެނގުނީ، އާދަމް ހަލީމް އިސްވެ ކުރެއްވި މަސައްކަތްތަކަކީ އާރުކާޓީއެއްގެ ފަރާތުން ކޮންމެ މީހަކުވެސް ބޭނުންވާނެ ފަދަ ހަރުދަނާ މަސައްކަތްތަކެއް ކަމަށެވެ.

" ކަމެއް ހަވާލުކޮށްފިއްޔާ އެ ކަމެއް ފުރިހަަމަކުރަން ވަރަށް އިސްކަން ދޭނެ. ބައެއް ފަހަރު އޮޕަރޭޝަނެއް ހިންގާ އިރު މިހެން ނުނިދާ ތިބޭ އިރުވެސް ނުދާނެ ދޫކޮށްފައެއް. އަދި ސާވިސްއާ މެދު މީހުން ދެކޭގޮތް ވެސް ބަދަލުކޮށްލާ ކަހަލަ މީހެއް އެއީ. ކިޔައި ދޭނެ މިއީ ކިހާ މުހިންމު ކަމެއްކަން." ޝިމާހު ވިދާޅުވިއެވެ.

ޝިމާހު ފާހަގަ ކުރެއްވި އަނެއްކަމަކީ އާދަމް ހަލީމަކީ އުސޫލުތަކުގެ މަތީގައި ދެމި ހުންނަ، ވަރަށް ނަޒާހަތްތެރި ފުލުހެއްކަމެވެ. ދިވެހި މުޖުތަމަޢު ރައްކާތެރިކޮށް، ދިވެހިންނަށް ޚިދުމަތް ދިނުމަށް އޭނާ ވެފައިވާ ވަޢުދު ފުރިހަމަކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަން އަބަދުވެސް އޭނާގެ ވާހަކަތަކުން އެނގެއެވެ.

ސްޓޭޝަން ހިންގާ މީހެއްގެ ހައިސިއްޔަތުން އާދަމް ހަލީމް ކުރައްވަން ޖެހުނު މަސައްކަތަކީ އަބުއި މަސައްކަތަކަށް ވީނަމަވެސް، އޭނާއާއި އެކު މަސައްކަތް ކުރި ފުލުހުންނަށް އޭނާ ސިފަވެފައި ވަނީ ވެރިއެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. އެ ފުލުހުންނަށް އޭނާ އަކީ އެކުވެރިއެކެވެ. އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ކާށިދޫ ފުލުހުންގެ އެ އެއްބައިވަންތަ ކަމުގެ މުގުލުގައި ހިފެހެއްޓީ، އާދަމްގެ އެކުވެރިކަމުގެ ކުޅަދާނަ އުކުޅުތަކާއި އެކުގައެވެ.

" އެޑަމްގެ ފަރާތުން ވަރަށް ބައިވަރު އެއްޗެހި ދަސްވި. އޭރު ވަރަށް ޖޫނިއާ ވާނެ. އޭނަގެ ހަނދާން ނުވާ އެއްވެސް ކަމެއް ނުހުރޭ. ވަރަށް އެންމެންނާ ވެސް ގުޅިގެން އުޅޭނީ. ވަރަށް ރަނގަޅު. އަބަދުވެސް އެކީ އުޅޭނީ. ރަށަށް ދިއުމުގެ ކުރިން ވެސް އެއް ސާވިސްއެއް ވީމަ މިހެން ދިމާވާނެ. " ޝިމާހް ވިދާޅުވިއެވެ.

ވަޒީފާގެ ގޮތުން އުފުލަން ޖެހޭ ޖެހޭ ޒިންމާ ފުރިހަމައަށް، އެއްވެސް އުނިކަމެއް ނެތި އުފުލަމުން ވެސް، މުނިފޫހި ފިލުވުމާއި އަމިއްލަ ދުޅަހެޔޮކަމަށް އާދަމް އަބަދުވެސް އިސްކަން ދިންކަން ޝިމާހުގެ ވާހަކަތަކުން ފާހަގަވިއެވެ. ޝިމާހް ވިދާޅުވާ ގޮތުން އޭނާގެ އެކުވެރިޔާގެ އެންމެ ހަނދާން ހުންނަ އެއްކަމަކީ އޭނާގެ ގޭމް ކުޅުމުގެ މޮޅު ހުނަރުވެރިކަމެވެ.

"އެޑަމް ވަރަށް ގޭމް ކުޅޭނެ. ފުޓުބޯޅަ ވެސް ކޮމްޕިއުޓަރު ސިސްޓަމުން ކުޅޭ ގޭމު. އަޅުގަނޑުމެންނަކަށް އެހާ ބޮޑަކަށް ނޭނގޭނެ އެ އެއްޗެހި ކުޅޭކަށް އޭރު. " އޭނާ ވިދާޅުވިއެެވެ.

ޝަހީދު އާދަމް ހަލީމުގެ ރަޙުމަތްތެރިން އޭނާ ސިފަ ކުރަނީ އެއްބަނޑު އެއްބަފާ އަޚެއްގެ ގޮތުގައެވެ. މިއަދުވެސް ކާށިދޫ ޕޮލިސް ސްޓޭޝަނުން އޭނާގެ ޒިކުރާ އާކުރަނީ، އޭނާގެ ޚިދުމަތުން ނަމޫނާ ލިބިގަންނަ ޙާލުގައެވެ.

"ޑިއުޓީއަށް ދިއުމުގެ ކުރިން ގުޅި، 10 މިނިޓް ފަހުން އެނގުނީ ގަޔަށް ވަޅި ޖެހިކަން"

އާދަމް ހަލީމް ޝަހީދުވެފައި ވަނީ 2012 ޖުލައި 22 ވަނަ ދުވަހުގެ ރޭގައެވެ. ޝިމާހް ވިދާޅުވި ގޮތުގައި އެ ދުވަހަކީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ ދުވަހެއް ނޫނެވެ. އެ ދުވަހުގެ ވާހަކަތައް ހިއްސާ ކުރެއްވި އިރު، އެ ދުވަހުގެ ހަނދާންތައް އިއްޔެ ދިމާވި ކަމެއްހެން އޭނާގެ ހަނދާނުގައި ތާޒާކަމާއި އެކު ހަރުލާފައި އެބަހުއްޓެވެ.

" އޭރު އަޅުގަނޑު ހުރީ ފޮރެންސިކް ކޯހެއް ހަދާތީ މާލޭގަ. އެ ރޭ ޑިއުޓީއަށް ދާން ތައްޔާރުވީ އަޅުގަނޑަށް ގުޅައިގެން ހުރެ. ސްޕީކަރުގައި ހުރެގެން ރެޑީވީ ޑިއުޓީއަށް ދާން ވެގެން. އަޅުގަނޑަށް ގުޅައިގެން ހުއްޓާ އެޑަމް އާއި އެއްކޮށް ޑިއުޓީއަށް ދާންހުރި ކުއްޖާ، މާހިދު، މާޓިން އަޅުގަނޑުމެން ކިޔާނީ. އޭނާ ގުޅާ ވާހަކަ ބުނެފަ ފޯނު ކަނޑާލީ." ޝިމާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އާދަމް އޭނާ އަށް ގުޅީ ވަކި ޚާއްސަ ސަބަބެއް އޮވެގެންނެއް ވެސް ނޫނެވެ. އެ ފޯނުކޯލަކީ ވާހަކަދައްކާ، ސަކަރާތް ޖަހާލުމުގެ ނިޔަތުގައި އެއް އެކުވެރިޔަކު އަނެއް އެކުވެރިޔަކަށް ކުރި ކޯލްއެކެވެ. 10 ވަރަކަށް މިނިޓްގެ އެ ފޯނުކޯލަށް ފަހު، ގެއިން ނުކުމެގެން އޭނާ މިސްރާބު ޖެހީ މާލޭގައި ހުރި އޭނާގެ ރަހުމަތްތެރިއަކާއި ބައްދަލުކުރެއްވުމަށެވެ. ނަމަވެސް އެ ދަތުރު ފުރިހަމަ ނުވަނީސް، އޭނާ އަށް ލިބިލެއްވީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ފަދަ ހިތާމަވެރި ޚަބަރެކެވެ.

"7-10 ވަރަކަށް މިނިޓް ފަހުން އަނެއްކާވެސް ސްޓޭޝަންގައި އިން ކުއްޖަކު އަޅުގަނޑަށް ގުޅީ. ގުޅާފައި ބުނީ އެޑަމް ގަޔަށް ވަޅި ޖަހައިގެންނޭ މިއުޅެނީ. ބުނީމަ އަޅުގަނޑަށް ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު. އެއީ އެޑަމް ގަޔަށް ވަޅި ޖަހަން ޖެހޭނެ ސަބަބެއް، މީހެއް ހުންނަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ބުނިން ނުވާނެއޭ އެހެންނެއް، ނުކުރާނަމޭ ގަބޫލެއް." ޝިމާހު ވިދާޅުވިއެވެ.

މަރްހޫމް އާދަމްގެ ގަޔަށް ވަޅި ޖެހި ޚަބަރާއިއެކު އެ ފޯނުކޯލް ކަނޑާލުމުން، ޝިމާހް އޭނާ އަށް ލިބިލެއްވި ކުއްލި ސިހުމާއި އެކު މަސައްކަތް ކުރެއްވީ އެ ޚަބަރުގެ ތެދުދޮގު ސާފުކުރެއްވުމަށެވެ. ތަކުރާރުކޮށް ކާށިދޫ ޕޮލިސް ސްޓޭޝަނަށާއި، އެކުގައި މަސައްކަތް ކުރި މީހުންނަށް ގުޅުއްވައިގެންވެސް ޖަވާބެއް ނުލިބުމުން އެކުވެރިޔާ އަށް ވީ ގޮތެއް ސާފު ނުވެ، ޝިމާހުގެ ހާސްކަންވެލެއްވީ އިތުރެވެ.

"އެއްވެސް މީހަކު ފޯނެއް ނުނަގާ. ސްޓޭޝަން ފޯނެއް ނުނަގާ. އާއްމު މީހަކު ބުނި އެކަން ހިނގައިގެންނޭ އުޅެނީ. އާއްމުންގެ ފަރާތުން، އެތާހުރި ރައްޓެއްސެއް ގުޅާފަ ބުނީ އެޑަމް ނިޔާވި ވާހަކަ. އެ ރޭ އަޅުގަނޑަށް ރަށަށް ދެވުނީ ތިނެއް ޖަހާކަށް ހާއިރު. އެއީ މާލެ އިން ދިޔަ ޓީމާއި އެކު އަޅުގަނޑުވެސް ދިޔައިން ހަމަ." ޝިމާހް ވިދާޅުވިއެވެ.

ރަށަށް ވަޑައިގެންނެވި ގޮތަށް އޭނާ ވަޑައިގެންނެވީ ސިއްހީ މަރުކަޒަށެވެ. އޭރު މަރްހޫމް އާދަމް ހަލީމްގެ ފުރާނަ ނެތް މަސްގަނޑު އޮތީ އެތަނުގައި ބާއްވައިފައެވެ. އާދަމްގެ ބޮޑީ އެނަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު އެތަނުގައި އޭނާ ހުއްނެވިއެވެ. ނަމަވެސް އެތަނުގައި މާގިނަ އިރުތަކެއް ވަންދެން ކެތްކުރެއްވުމަކީ އޭނާ އަށް ކުޅަދާނަ ކަމަކަށް ނުވިއެވެ.

"އަޅުގަނޑަކަށް ނުއެއް ހުރެވުނު. ދެން ހޭލާ ހުރެފަ އަނެއް ދުވަހު ހެނދުނު އެޑަމްގެ ބޮޑީ ހިފައިގެން މާލެ އަށް އައީ. މާލެ އައި އިރު މާލެވެސް އައިން ލޯންޗްގައި. ދެން ހަމަ ވަޅުލާ ހުރިހާ ކަމެއް ނިމެންދެން ހުރިން. ދެން އެދުވަހު ސްޓޭޝަންގައި ތިބި ކުދިން ކުރީ ވަރަށް ބޮޑު ފުރިހަމަ މަސައްކަތެއް." އޭނާ ވިދާޅުވިއެވެ.

ޝަހީދު އާދަމް ހަލީމް ނިޔާވީ، ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު މާހިދު އާއި އެކުގައި 22 ވަނަ ދުވަހުގެ ރޭގެ ދަންވަރު ޑިއުޓީ އަށް ދިއުމަށްޓަކައި ދިޔަ މަގުމަތީގައި، ގޭބަންދުގައި ހުންނަންޖެހޭ ރައްޔިތަކު ބަންދުން ވީއްލި ރަށުތެރޭގައި އުޅޭތަން ފެނުމުން، އޭނާއަށް ނަސޭޙަތްދީ ޤާނޫނަށް ބޯލެނބުމަށް އެދުމުން ދިމާވި ކަންތައްތަކުގެ ތެރޭގައެވެ.

ޤާނޫނީ ހަމަތަކާއި އެއްގޮތަށް، ގެއަށް ވަނުމަށް އެމީހާ އަށް ނަސޭޙަތް ދިނުމުން މަރްހޫމް އާދަމް ހަލީމް އަށް އެކަމުގެ އަގު އަދާ ކުރަން ޖެހުނީ ފުރާނަ ގެއްލިގެންދާފަދަ ހަމަލާއަކުންނެވެ. ތޫނު ހަތިޔާރަކުން އޭނާގެ މެއަށް އަމާޒު ކުރި ހަމަލާ އާއިއެކު، އާދަމްގެ ގައިގެ އެކިތަންތަނަށް ވަޅިން ޙަމަލާދިން މީހާ ވަނީ އޭނާގެ ނޫ ޔުނިފޯމު ރަތް ލެއިން ފޯކޮށްލާފައެވެ. ރަޙުމު ކުޑަ، ލާއިންސާނީ އެ އަނިޔާއިން ލިބުނު ޒަޚަމްތަކަށް ކެތް ނުކުރެވި، އެތަނަށް ޝަހީދު އާދަމް ހަލީމް ވެއްޓުނީ، މި ދުނިޔެ އަށް އެންމެ ފަހުގެ ނޭވާތައް ދޫކޮށްލަމުންނެވެ.

ޤައުމީ ޚިދުމަތުގައި ރެއާއި ދުވާލު މަސައްކަތް ކުރި ނަމަވެސް ޝަހީދު އާދަމް ހަލީމަކީ އުފާވެރި ޒަވާޖީ ޙަޔާތެއްް ވޭތުކުރަމުން އައި މީހެކެވެ. 2011 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަހު، ކ.ކާށިދޫ ފަޅޯމާގެ މަރްޔަމް ޝިފާ އާއި ދެމީހުންނަށް ލިބުނު އަލަތު ދަރިފުޅާއި އެކު އޭނާ އަށް ހޭދަކޮށްލެވުނީ ތިން ވަރަކަށް މަހެވެ.

އެ ހަމަލާ ވެގެންދިޔައީ ޝަހީދު އާދަމް ހަލީމުގެ ހުވަފަތް އަނބިކަބަލުންނާއި، ޝަހީދު އާދަމް ހަލީމުގެ މައިންބަފައިންނާއި، އާއިލާއާއި އޭނާގެ ރަޙްމަތްތެރިންނަށް އަދި ދިވެހި ފުލުހުންގެ މުއައްސަސާ އަށާއި ދިވެހި އެންމެހައި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އަދި މުޅި މިޤައުމަށް ގެނެސްދިން ފުން ހިތާމައަކަށެވެ.

މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ދާޢިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން އަބަދުގެ އަބަދަށް ދެއްވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަންސާރު

    ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ

    40
    2
  2. ސައިބޯނި

    ދެރަކަމަކީ ގާތިލަށް މަރުގެ އަދަބު ދިނުން އިންސާނީ ކަރާމާތް ގެއްލި ދާނެތީ ނުދިނުން މިވަރު ބަޔަކު އޭނާގެ ނަމުގަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމެއް ނެތް

    44
  3. Anonymous

    ނަމޫނާ ދިވެއްސެއް... ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވާ، މަރަށް އިންސާފު ދެއްވާށި.

    61
    2
  4. ޣަނީ

    އާދަމް ހަލީމް ކަހަލަ ވަތޮނީ ގައުމީ މިހުން ވަކިވެގެން ދިއުމުން ހިތާމައިގެ ކޮޅެއްނެތް. މިއަދުު ކާށިދޫ މުޅިރައްޔިތުންވެސް އެކަން ގަބޫލުކުރާނެ. މިއަދު ކާށިދޫ ޕޮލިސް ސްޓޭޝަނުގައި ތިބި ބަޔަކު އިސްކުރަނީ ގައުމީ ވާޖިބައްވުރެ ޒާތީ އާއިލީ މައްސަލަހަތު. ކާށިދޫ ރައްޔިތުންގެ ގިނަ ބަޔަކު މިއަދު އެމީހުންގެ ހިދުމަތް މިންކުރާވަރު ކުޑަ. މަރުހޫމް އަށް ސުވަރުގޭގެ ހިޔާވަހިކަށް މިންވަރު ކުރާށި. ޢާމީން

    28
    1
  5. އިއްސޭ

    ޝަހީދު އާދަމް ހަލީމަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!
    .

    43
    2
  6. ކޮބާ

    އޭނާ މަރާލި ގާތިލު ކޮބާ؟
    މިހާރު ހުރީ ކޮންތާކު؟
    މިސުވާލުތަކަށް ޖަވާބު ނުލިބޭ.
    އިންސާފު ނުލިބޭނެކަން އެގޭ.
    އެކަމަކު އޭނަ ޖަލުގަ ހުރިއްޔާ އެކަން އަންގާލަދިނިއްޔާ ކުޑަކޮށްވެސް ހިތައް ހަމަޖެހުންލިބޭނެ!

    32
    1
  7. ޕޮލިސް 5524

    30 ވަނަ ޕޮލިސް ބޭސިކް ޓްރައިނިންގ ގައި ޑްރިލް އިންސްޓްރަކްޓަރާއި އެހެނިހެން މީހުންގެ އިޙްމާލުވުމުން ނިޔާވި އައިނެއްލާ ސްކޮޑްގެ ކުއްޖާ އަކީ ވެސް ޝަހީދެކޯ

    8
    2