އެއީ ދިވެހި ތާޜީޚުގެ އެންމެ ކަޅު ސަފުޙާއެވެ. ދިވެހިންގެ މި ލޮބުވެތި ވަތަނަށް އަރަގަނެ މިނިވަންކަން ނިގުޅައިގަތުމުގެ ދަހިވެތިކަމުގައި ދިވެހިންގެ ލޭ، ދިވެހިންގެ ވަޒަނުގައި އޮހޮރުވާލި ނާމާން ދުވަހެވެ. އަދި ހަމައެހެންމެ، އެއީ ދިވެހީން ފަސްނުޖެހޭނެ ކަމަށާއި، ދިވެހީންގެ ޖެހިލުން ކުޑަކަމާއި ހިއްވަރުގަދަ ކަމާއި ހުށިޔާރުކަން މުޅި ދުނިޔެއަށް ދައްކައިދިން ދުވަސްވެސް މެއެވެ.

03 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހުގެ އަލިވިލުންވީ ބަޑީގެ ހަމަލާތަކުން މާލޭގެ އަމާންކަމާއި ހަމަހިމޭންކަން ނަގާލަމުންނެވެ. ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސިލޯނުގެ ނިރުބަވެރި ޖަމާޢަތަކާއި ގުޅިގެން އެދުވަހު އިރު ނާރަނީސް މަސައްކަތް ކުރީ ދިވެހީންގެ ބިން ދިވެހީންގެ އަތުން ފޭރިގަތުމަށެވެ. މި ރަހުމުކުޑަ ހަމަލާގައި ދިވެހީންގެ ތެރެއިން ހަ މީހަކު ބައިވެރިވެ ޤައުމަށް ޣައްދާރުވީ، އެހާވެސް ފަސޭހައިން ދިވެހީން ބަލިކޮށްލެވިދާނެއޭ ހިތާއެވެ.

ތިނެއް ނޮވެމްބަރުގައި ރާއްޖެ އަތުލައިގަތުމަށް މަސައްކަތް ކޮށްފައި ވަނީ، ހަމަލާގެ މޭސްތިރި، އަބްދުﷲ ލުތުފީ އާއި ނިރުބަވެރިންނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަތިޔާރުއެޅި ބޭރުގެ 80 ވަރަކަށް ކުލީ ސިފައިން ގެނެސްގެންނެވެ. މި ހަމަލާ ރޭވިއިރު ނިރުބަވެރިންނާއެކު އެމީހުންގެ ކޭމްޕުގައި ޢަބްދުالލުޠުފީ އާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު ޢަމަލީގޮތުން ބައިވެރިވެފައި ވެއެވެ.

ޚާއިނުންނާއި ބޭރުގެ ކުލީ ސިފައިން ވެގެން އެދުވަހު ދިވެހި ފަސްގަނޑުގައި ހިންގި ލޭއޮހޮރުވުންތަކާއި ޖަރީމާތަކުގައި ސިފައިންގެ 8 ބޭކަލަކު ހިމެނޭހެން ޖުމްލަ 19 ބޭކަލުން ޝަހީދުކޮށްލައި 39 ބޭކަލަކު ޒަޚަމްކޮށްލިއެވެ. މީގެ އިތުރުން ދުޝްމަނުން ފިލައިގެން ދަތުރުކުރުމަށް ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި މަސައްކަތްކުރާ ތިން ބިދޭސީއަކުވެސް މަރާލާފައި ވެއެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާއަކީ ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އަޑީގައި ތިބެގެން ވަރަށް ދުރާލައި ރާވައިގެން ދިން ހަމަލާއެކެވެ. މި ހަމަލާ ދިން ޖަމާޢަތުގެ ބައެއް ވެރީންވެސް ހަމަލާގެ ކުރިން ރާއްޖެއަށް އެކި ފަހަރުމަތީން އައިސް މަޢުލޫމާތު އެއްކޮށްފައި ވެއެވެ. އަދި ހަމަލާގެ މޭސްތިރިންވެސް މި ހަމަލާ ރޭވުމަށް ބޭނުންވާ މަޢުލޫމާތުތައް ނިރުބަވެރިންނަށް ދީފައި ވެއެވެ. އެ ހޯދުންތަކާއި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ދިވެހީންނަކީ ނިކަން ބަލިކަށި ބައެއް ކަމަށް ހީކޮށް، އެމީހުން ސިލޯނުން ނައްޓާލީވެސް ހަމަލާދޭން ފެށުމާއެކު ރާއްޖެއަށް އަތްގަދަ ކުރެވިދާނެ ކަމަށް ނިންމައިގެންނެވެ.

ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމަނުން އެންމެ ފުރަތަމަ ހަމަލާ ދޭން ފެށީ ފަތިހު 4:15 ހާއިރުއެވެ. މި ހަމަލާއާއެކު ވަގުތުން ސިފައިންގެ މައި މަރުކަޒު އެލާޓަށް ގެނެވި، ހުށިޔާރުކަމާއެކު ރައްދު ހަމަލާދޭން ފެށުން ވެގެން ދިޔައީ ރާއްޖެއަށް އަރައި ހިންދެމިލުމަށް ދުޝްމަނުން ރޭވި ރޭވުން، ފުރަތަމަ މަރުޙަލާއިންވެސް ނާކާމިޔާބުވާން މެދުވެރިވި އެންމެ މައިގަނޑު އެއް ސަބަބަށެވެ. ދުޝްމަނުން ގަންނާކުރެއްވި ބިރުން އިންސާނީ އައްޑަނައިގެ ގޮތުގައި މަގުމަތީން ފެނުނުހައި ބަޔަކު ބޭނުންކުރަން ފެށީވެސް އެހެންވެގެންނެވެ.

ޚާއިނުންނާއި ދުޝްމަނުން އެދުވަހު އެންމެ މައިގަނޑު އަމާޒަކަށް ހެދީ ޤައުމުގެ ދިފާޢީ މައި މަރުކަޒެވެ. މިގޮތުން ބާޢީންގެ ހަމަލާތައް އެ މަރުކަޒަށް ތިން ދިމާލަކުން އަމާޒުކުރަމުން ދިޔައެވެ. އެއީ ސިފައިންގެ މައި ގޭޓާއި، އިރު އުތުރު ކަންމައްޗާއި ހުޅަނގު ދެކުނު ކަންމައްޗެވެ. ބާޣީން ރާވާފައި އޮތީ މިއިން ކޮންމެވެސް އެއް ދިމާލެއް ފޫއަޅުވާލައި، ސިފައިންގެ ތެރެއަށް ވަދެގަނެ އެމަރުކަޒު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.

މިގޮތުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގައި ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިން މަގުފާރު ގޮއްވާލައި ބާނގަނޑެއް ވެސް ހެދިއެވެ. އެ ބާގަނޑުން ސިފައިންގެ ތެރެއަށް ވަދެގަތުމަށް ބާޣީން ކުރި މަސައްކަތް ވެސް ނާކާމިޔާބުވީ ސިފައިންގެ ތެރެއިން ރައްދުގައި ދިން ވަރުގަދަ ހަމަލާތަކުންނެވެ.

ތިނެއް ނޮވެމްބަރުގައި ދުޝްމަނުން ސިފައިންގެއަށް ހަމަލާދީ ބާގަނޑެއް ހެދި ދިމާލުގައި މިހާރު ހަދާފައިވާ ޝަހީދުންގެ ބިނާ - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ މައި މަރުކަޒުގައި ތިބި ހިއްވަރުގަދަ ސިފައިން، އެ މަރުކަޒު ޙިމާޔަތް ކުރުމަށް ފުރާނައަށް ބެލުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ އެ ދަނޑިވަޅުގައި މާލެ ތެރޭގައި ތިބި ސިފައިންވެސް ދުޝްމަނުންގެ ރޭވުން ނާކާމިޔާބުކޮށް އެމީހުން ބަލި ކޮށްލުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. އެގޮތުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން އަބްދުލްޤައްޔޫމާއި، ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމްގެ ސަލާމަތީކަންކަން ބަލަހައްޓައި ޙިމާޔަތް ކުރުމަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ.

ދުޝްމަނުންގެ ހަމަލާތައް ހުއްޓުމެއް ނެތި ދެމުން ދަނިކޮށް އެދުވަހުގެ ހެނދުނު 11:00 ހާއިރު ސިފައިންގެ ތެރެއިން ސިފައިންގެ ބޭކަލުންތަކެއް ރެކީ ޕެޓްރޯލުގައި ޖެހިލުމެއްނެތި ހަތިޔާރާއެކު ބޭރަށް ނިކުމެވަޑައިގެން ދުޝްމަނުންނާއި ކުރިމަތިލިއެވެ. އޭގެތެރެއިން ތިން ބޭކަލަކަށް ދުޝްމަނުންގެ ފަރާތުން އަމާޒުވި ބަޑީގެ ހަމަލާތަކުގައި ޝަހީދުވެފައި ވެސް ވެއެވެ.

ރާއްޖެ ހިފަން މޭފުއްޕާފައި އައި ހަތިޔާރު އެޅި ކުލީ ސިފައިން ބިރުން ފިއްކަނޑައިގެން ގޮސް ފިލަން އުޅެގަތީ، އެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް ދިވެހި ސިފައިންގެ ފަރާތުން ފެނުނު އެ ޖެހިލުންކުޑަކަމާއި، ހިއްވަރު ފެނި، އެއްވެސް މިންވަރަކަށް ދޫ ނުދޭނެކަން ޔަޤީންވުމުންނެވެ. ފަސްޖެހުމެއް ނެތި ފަހުވަގުތާއި ޖެހެންދެންވެސް ޤައުމަށްޓަކައި ދިވެހީން ތިބީ ހަނގުރާމަކުރާ ގޮތަށްކަން އެމީހުންނަށް ތަސައްވުރު ކުރެވުނު އެ ހިސާބަކީ ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ހިސާބެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާތައް ރާއްޖެއަށް އަމާޒުވާން ފެށުމާއެކު ވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަމަށް މި ހަމަލާގެންނަވައި، އަވައްޓެރި އިންޑިއާގެ އަސްކަރީ އެހީ އަށް އެދިވަޑައިގެންފައެވެ. މި އެދިވަޑައިގަތުން ޤަބޫލުކޮށް ރާއްޖެއަށް ފޮނުވި އިންޑިއާ ސިފައިން ހުޅުލެއަށް ފޭބިއިރު ދުޝްމަނުން ފިލައިގެން ދިއުމަށް ނައްޓާލަނީއެވެ.

ދުޝްމަނުން ރާއްޖޭގައި އޮތް އެމްވީ ޕްރޮގްރެސް ލައިޓް އާގުބޯޓު ހައިޖެކްކޮށް އޭގައި ފިލަންވެގެން ނައްޓާލީ އެވަގުތު އަތު ޖެހުނު ކޮންމެ ބަޔަކު ރަހީނުކޮށްގެންނެވެ. އެހެންކަމުން އިންޑިއާ ސިފައިންނާއެކު ފެށި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކަށްވީ ނިރުބަވެރިން އަތުލައިގަނެ، ރަހީނުކުރި މީހުން ސަލާމަތް ކުރުމެވެ.

ދުޝްމަނުން ވަނީ އިންޑިއާ ސިފައިންނާއެކު ދިވެހި ސިފައިން ފެށި އޮޕަރޭޝަނުގައި ކަނޑުމަތިން ވެސް ގަދަކަން ދައްކައި ރެކެން މަސައްކަތް ކޮށްފައެވެ. މިގޮތުން ބޯޓަށް ރަހީނުންގެ ގޮތުގައި އެރުވި ބައެއް މީހުންވެސް ޝަހީދުކޮށްލިއެވެ. ނަމަވެސް ދިވެހީންގެ ލެޔާއި ކުޅެފައި ފިލައިގެން އެހެން އަދި ނުދެވޭނެކަން ސާބިތުކޮށް ކަނޑުމަތީން އެމީހުން ހުއްޓުވައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ސިފައިން ފަސްޖެހުމެއްނެތި ކުރި ހިއްވަރުން ބާޣީން ބަލިވެ، ދިވެހީންނަށް ނަސްރު ލިބުނެވެ.

ނަސްރުގެ ދުވަހުގެ މި ވާހަކައަކީ ދިވެހީންގެ މި ލޮބުވެތި ވަތަނުގެ މިނިވަންކަން ނިގުޅައިގަންނަން ހިތަށްވެސް ގެނެސްފައިވާ ބަޔަކު ޖެހިލުން ކުރުވާނޭ ވާހަކައެކެވެ. އެދުވަހުގެ ހަމަލާ އަމާޒުވީ ވެރިކަންކުރާ މާލެއަށް ކަމުގައި ވީނަމަވެސް ރައްޔިތުން ސާބިތުކަންމަތީ އެކަތިގަނޑެއްގެ ގޮތުގައި ތިބި ތިބުން ވެގެން ދިޔައީ ދިވެހީންނަކީ ވަތަނަށްޓަކައި ހިނދުކޮޅަކަށްވެސް ފަހަތަށް ނުޖެހޭނެ ބައެއްކަން ދުނިޔެއަށް ހާމަވެގެން ދިޔަ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިކްހާ

    ބޮޑު ތިލަދުންމަތީގެ ދަރިއަކާ ކުޅިލާފަ އެހެން ފިލައިގެން ނުދެވޭނެ ކަން ތަމަޅަ ޓައިގަރުން ނަށް މިހާރު ޔަޤީންވާނެ

    83
    4
  2. ހުސޭނުބޭ

    އަދި އެކިޔާ އަބްދުﷲ ލުޠުފީއެއް ޖަލަށްލާފައިހުއްޓައި އެމްޑީޕީގެ ވެރިކަމުގައި އެ މީހާ ފިލުވައި ނުވިތާކަށް ލަންކާ އެމްބަސީގައި ފޮރުވައިގެން ވީއައިޕީ ޚިދުމަތް ދިނެވެ. މިކަން ކުރުމުގެ ބޮޑަކަށް ހުރީ ޗޯރޭ އެވެ. މިހެންވެސް މި ލިއުމުގައި އޮތްނަމަ ވަރަށް ފުރިހަމަވީސް!

    37
    0
  3. ހިނޭސް

    އެކަމަކު މިހާރު ރާއްޖޭގެ އެތަކެއް ކުންފުނި ތަމަޅަ އެކައުންޓަންޓުންގެ އަތްދަށުވެ، އެތަންތާނގައި ދިވެހީން ވަޒީފާ އަދާކުރުމަކީ ދަތިކަމަކަށް ހަދައިފިއެވެ! ތަމަޅައިން އެތަންތަނަށް ވަޒީފާޔަށް ގެނައުން އަދިވެސް ދަނީ އިތުރުވަމުންނެވެ.

    10
  4. ތ5ތ×5

    އެންމެ މީހަކަށް ތީގެ ކުރެޑިޓު ދެނީ ކީއްވެތޯ؟؟

    1
    3
  5. ހަޖަމްނުވާ އަލީ

    ރައީސް މައުމޫނު އެބޭފުޅުންނަށް މަރުގެ އަދަބު ލުއި ކޮށްދިނީ.
    މިކަމުގެ ސިއްރަކީ ކޮބައިބާ ؟ނޫންނަމަ މިއަދު އެމީހުން ސަލާމަތް ނުވާނެތާ؟
    އަނެއްކާ ރައީސް މައުމޫނު މި ކަމުގައި ރިސްވަތު ނެގީބާ؟؟؟؟؟؟

    އެއީ ޚާއިނެއް.
    ކީކޭބުނަނީ..؟؟

    2
    1