ޑޮކްޓަރުން ނުވަތަ ނަރުހުން ނުވަތަ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެވެސް ވެރިއެއްގެ ނިންމުމެއްގެ ސަބަބުން ނުވަތަ ވެފައިވާ އިހުމާލެއްގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިއްޖެއެވެ. އަލުން އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެތައް ބަޔަކަށް ލިބިއްޖެއެވެ. ދާއިމީ ނުކުޅެދުންތެރިކަމެއް އުމުރު ދުވަހަށް ތަހައްމަލް ކުރަން އެތައް ބަޔަކަށް ޖެހިއްޖެއެވެ. ފާއިތުވެގެން މިދިޔަ ފަނަރަ ނުވަތަ ވިއްސަކަށް އަހަރު މިވާހަކަ ކިތަންމެ ބަޔަކު ދައްކައިފިއެވެ. ނަމަވެސް ފަރުވާ ބެހެއްޓުމުގެ ވާޖިބެއް ޤާނޫނީ ގޮތުން ތިމާގެ މައްޗަށް އޮންނަ ހާލަތުގައި އެވާޖިބާ ހިލާފުވުމުގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމަކަށް ޒިންމާ ވާން ޖެހޭ ޤާނޫނެއް ތަންފީޒު ކުރެވޭ ހިސާބަށް ދާން އުޅޭކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.
ފަރުވާ ބެހެއްޓުމުގެ ވާޖިބެއް އޮވެ އެވާޖިބު އަދާނުކުރުމުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދެވޭނެ ނުވަތަ ބަދަލު ލިބޭނެ ޤާނޫނެއް ކޮންމެހެން ރާއްޖެ އަށް ބޭނުންވެއެވެ. ހާއްސަކޮށް ސިއްހީ ދާއިރާއަށް މިފަދަ ޤާނޫނެއްގެ މުހިއްމުކަން ވަކިން ބޮޑެވެ.
އިހުމާލުގެ މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ އަވަސްމިނެއްގައި އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ސިއްޙީ ޚިދުމަތްދިނުމުގައި ދިމާވާ ހާދިޘާތައް މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އެސެސްމަންޓް ކޮމެޓީންނާއި މޯލްޑިވްސް މެޑިކަލް ކައުންސިލުން ބަލައި ރަގަޅުކުރަންޖެހޭކަންކަން ފާހަގަކުރަމުން ގެންދިއުމާއި އަދި ކޮންމެ މައްސަލައެއް ބެލުމަށްފަހު ދެވޭ ރެކޮމެންޑޭޝަންތަކާއި އެއްގޮތަށް ކަންކަން ހަރުދަނާކުރުމަށް މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންގެންދާކަމަށް ބުނިނަމަވެސް އެބުނުމަށް ބާރުލިބޭ އެއްވެސް ކަމެއް ދުރުގައި ހުންނަ މީހަކަށް ފެންނާކަށް ނެތެވެ.
ކޮވިޑް-19 ހާލަތު ކުރިމަތިވެ މުޅި ގައުމު ހުއްޓިފައި މިއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ޑޮކްޓަރުން ނުވަތަ ގޮތް ނިންމަން ޖެހޭ ހިސާބުގައި ތިބި ވެރިންގެ އިހުމާލުން މަރުގެ އެތައް ހާދިސާއެއް ހިނގައިފިއެވެ. މީގެތެރޭގައި މާބަނޑު މީހުންގެ ބަނޑަށް އެތައް ކުދިންނެއް މަރުވެގެން ދިޔަ ހާދިސާތައް ވެސް ހިމެނެއެވެ.
"ކަން ހިނގިގޮތް ދަނީ ބަލަމުން" ކަމަށް ވިދާޅުވި ނަމަވެސް ދުވަހަކު ނުނިމޭ ތަޙްޤީޤެއްގެ ތެރެއަށް މައްސަލަ ދިއުން ފިޔަވައި އިތުރު ކަމެއް ވާތަނެއް ނުފެނެއެވެ. އިތުރު ގޮތް ގޮތުން މަދަނީ ބަދަލު ހޯދަން ކުރަން ޖެހޭ މަސައްކަތްތަކަށް ދަތިތަކާއި އުނދަގޫތައް ކުރިމަތިވަނީ ވެސް ޒިންމާ ވާން ޖެހޭ މީހުން ވަކިވަކިން ޒިންމާދާރު ކުރެވޭނެ އިހުމާލާއި ގުޅޭ ޤާނޫނެއް ނެތުމުންނެވެ.
އިހުމާލުވުމުގެ މައްސަލަތަކާއި ޒިންމާވާނެ ފަރާތްތައް ކަނޑައެޅުމާއި އިހުމާލު ވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތެއް ބަޔާން ކުރުމުގެ ޤާނޫނެއްގެ މުހިއްމުކަން ދިވެހިން ދައްކަމުން އަންނަތަދާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އެފަދަ ޤާނޫނެއް ވުޖޫދަށް އައުމުގެ ކޮޅުމަތި ވެސް ފެންނާކަށް ނެތެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި މިއީ ހާއްސަ އިސްކަމެއް ދޭމައްސަލައެއްގެ ގޮތުގައި އޮތް ނަމަވެސް ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ވެސް މިފަދަ ބިލެއް އެންމެ ކުޑަމިނުން ރައްޔިތުންގެ މަޖިލީހާއި ހަމައަށް ވެސް ނުދެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި 2011 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މެޑިކަލް ނެގްލިޖެންސް ޤާނޫނަކީ "އަސާސީ ޤާނޫނެއް" ކަމަށެވެ. އެއީ މިހާރުން މިހާރަށް ބޭނުންވާ ޤާނޫނެއް ކަމަށާއި އެހެންކަމުން މިޤާނޫނު އަވަހަށް އެކުލަވާލައި ފާސްކުރުމަށް ދުނިޔޭގެ ޞިއްޙީދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ދަޢުލަތުގެ ކަމާބެހޭ އެއްމެހާ ފަރާތްތަކަށް ގޮވާލާކަމަށް އެދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވިއެވެ. އޭގެ ފަހުން މިހާރު ނުވަ އަހަރު ދުވަސް ވެގެން ދިޔައިރު ވެސް ޤާނޫނު ވުޖޫދަކު ނެތެވެ. އަދި އެޤާނޫނު ވުޖޫދަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި މަސައްކަތެއް ވެސް އެޅި ބާރުއެޅުމެއް ވެސް ނެތެވެ. އެހެންކަމުން ދައުލަތުގެ އެހެން މުއައްސަަސާތަކެކޭ އެއްގޮތައް ހިއުމަން ރައިޓްސް ކޮމިޝަން ވެސް މިވަނީ މިކަމުގައި އިހުމާލު ވެފައެވެ.
ސަރުކާރުން މިފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމުގައި ފެއިލްވެފައި ވާއިރު މިފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ކުރެވިދާނެ ކަމެކެވެ. ޤާނޫނެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރާއި އިހްތިޔާރު މެންބަރުންނަށް ވެސް ލިބިގެންވެއެވެ. ފަންނީ ގޮތުން މިފަދަ ކަމެއް ކުރެވޭނެ ގާބިލްކަން ނެތް މެންބަރުންނަށް ޤާނޫނީ ވަކީލަކާއި ނުވަތަ ޤާނޫނީ ވަކީލުންގެ ޚިދުމަތްދޭ ފާމަކާއި ހަވާލު ކުރައްވައިގެން ވެސް މިމަސައްކަތް ކުރެއްވިދާނެއެވެ. ނަމަވެސް މަޖިލީހުގެ 88 މެންބަރުންގެ ތެރެއިން ހަމަ އެންމެ މެންބަރަކު ވެސް މިފަދަ ކަމަކަށް އިސްނަގަން ބޭނުންފުޅުވާ މަންޒަރެއް ނުފެނެއެވެ.
މައްސަލަތައް ހައްލު ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މައްސަލަ އަކީ ކޮބައިކަން ދެނެގަތުމެވެ. އާސަންދަ ހަމަޖެއްސުން ހޮސްޕިޓަލްގެ މެނޭޖަރު ގަސްދުގައި ލަސް ކުރުމުގެ ސަބަބުން ފުރާނަ ގެއްލުނު މީހުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެނގޭނެއެވެ. ޑޮކްޓަރުންގެ ނާގާބިލްކަމުން ނުވަތަ ޑޮކްޓަރަށް ހެދޭ ގޯހެއްގެ ސަބަބުން ދުނިޔެ އިން ވަކިވެގެން ދިޔަ މީހުންގެ އަދަދަކީ މަދު އަދަދެއް ނޫނެވެ. ނަމަވެސް މިފަދަ ގޯސްތައް ހަދާފައިވާ މީހުން އިއްޔެ މަގާމުތަކުގައި ތިއްބެވި ގޮތައް މިއަދު ވެސް އެތިއްބެވީ މަގާމުތަކުގައެވެ.
ސިއްހީ ދާއިރާގައި ވެސް އަދި އެހެން ދާއިރާތަކުގައި ވެސް ހިނގާ އިހުމާލުގެ އަމަލުތައް ތަކުރާރު ނުވުމަށް އޮތް އެންމެ މުހިއްމު އެއް ހައްލަކީ އިހުމާލު ވެފައިވާ މީހުން ނިޒާމުގެ ތެރެއިން ބޭރު ކުރުމެވެ. އެމީހުން ކުރި ކުށަށް އެމީހުންނަށް އަދަބު ދިނުމެވެ.
ފަސްވަނަ ގިއަރުގައި ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާއިރު، އެމަސައްކަތުން އެދެވޭ ނަތީޖާއެއް ނިކުންނަން އެބަޖެހެއެވެ. ހަމައެކަނި ސިޔާސީ ކަންކަމަށް ފާޑުކިޔާ ގޮތްކިޔާ ތަނެއްގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު މުހިއްމު މަސައްކަތްތަކެއް ކުރާތަނަކަށް ވާން އެބަޖެހެއެވެ. ސަރުކާރުން ވެސް މިފަދަ މުހިއްމު ޤާނޫނުތަކަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދޭން އެބަޖެހެއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އަވަސްކޮށް، މުހިއްމު ކަންކަމަށް އިސްކަން ދިނުމުގެ އުސޫލެއް އެކުލަވާލެވެން އެބަޖެހެއެވެ.
ކޮންމެ އިހުމާލަކީ އަނިޔާއެކެވެ. އިހުމާލުވުމުގެ މައްސަލަތަކަށް ހައްލެއް ހޯދައި ނުދެވޭނަމަ ދައުލަތުގެ މުއައްސަސާތަކުން ތިދަނީ އާއްމު ރައްޔިތުންނަށް އަނިޔާވެރިވަމުންނެވެ. އަނިޔާވެރިންނާއި ޤާނޫނު ބައްދަލުކުރާނެ ދުވަސް އަންނާނެއެވެ.
މޮޅު ލިޔުމެއް! އެކަމަކު އަދުލު އިންސާފަކީ މިރާއްޖޭގެ ވަކިބަޔަކު ބޭނުންގޮތަކަށް މޮޑޭ ފުއްގަނޑެއްގެ ގޮތުގައި އޮތްހައި ދުވަހަކު ތިކަން ހަދާންނައްތާލާ! މިހާރުވެސް އެކަން އޮތީ މިގޮތަށް!
ވަރަށް މުހިއްމު ވާހަކަތަކެއް. އަހަރެމެންގެ ލޯބިވާ މީހުން މިމީހުންގެ އިހުމާލުން ދުނިޔެއާއި ވަކިވެގެންވެދާއިރު މިމީހުންތައް ބޮޑު މުސާރަ ނަގަައިގެން ހެވި ދިލިފަ. ޤާނޫނެއްގެ ސިފައިގައި މިކަންތަށް އައިސިއްޔާ ޑޮކްޓަރުންނާއި ނަރުހުން ހަމަބިމަށް ތިރިކުރެވޭނެ. މިވާހަކަ ގިނަގިނައިން ދައްކާ ކޮންމެ ރައްޔިތެއްވެސް މިކަމަށް ހޭލުންތެރިކުރުވަން އެބަޖެހޭ. ރާއްޖޭގެ މެޑިކަލް ދާއިރާއަކީ ހަމަމަގަށް ކޮންމެހެން އަޅުވަންޖެހިފަ އޮތް ދާއިރާއެއް.
ދިވެހިބަހަށް ފަރިތަ ލިޔުމެއް. ނަމަވެސް ދިރާސާއެަް ނުކޮށް ލިޔެފއިވަނީ. ސިއްޙީ ދާއިރާ އާއި ގުޅޭ ވަރަށް ގިނަ ގާނޫނު ތައް ހެދިފައި އެބަހުރި. އެހެންނަމަވެސް ބައެއްގެ ނުފޫޒުން އެއްވެސް ކަމެއް ރަނގަޅު ނުވަނީ. ފެންވަރު ނުބަލާ ޑޮކްޓަރުންނާއި ނަރުހުން ވެސް ގެންނަން މަޖްބޫރު ކުރަނީ. މިނިސްޓްރީގައި އިސްކޮށްތިބޭ މުވައްޒަފުންގެ ނުފޫޒު އޮންނަނީ. ފުލަށްބަރު ވެފަތިބޭ ބަޔަކު ތިބޭތަނެއް މިނިސްޓްރީ އަކީ. ޚާއްސަކޮށް ޑޮކަޓަރުންގެ އިހުމާލުން ވާ ކަންތައް ބެލިޔަނުދޭ. ޑޮކްޓަރުއަވަހަށް ފޮނުވާލާނެ.
މަޖްލީސް މެމްބަރުން މިނިސްޓަރުން ، ބޮޑެތި ވެރިންނަށް ހެދިގެން އުޅޭމީހެއްގެ އާއިލާ މެމްބަރަކަށް ތިކަން ދިމާނުވާނަމަ ތީ ހަމަ ކަނޑުގައި ދަމާލެވޭ ރޮނގެއް ، ކާގެން ލެވޭ ވަޔެއް ، ނިކަން އަޅެ މައުމޫނުމެން ، އަންނިމެން ޔާމީން އާއިލާ މީހަކަށް ތިކަން ދިމާވެބަލަ ، ތިކަން ހައްލުވީ
ކެރަފާނަސީމް ކޮބާތަ ލަދުހަޔާތް. މުސްކުޅި ޓޯޓޯ ހަންގަނޑަކަށް މިނިސްޓަރުކަން ދީފަ އިހުމާލުވާ މީހުންނަށް މެޑަލްދީފަ.. ޝުކުރިއްޔާ! ޝުކުރިއްޔާ|
ވަރަށް ހަބޭސް ލިޔުމެއް.