ހއ.އުލިގަމަށް އުފަން މުހައްމަދު ޝާފިއުއަކީ މުޅި ރާއްޖޭގައި ވެސް ގިނަ ބަޔަކު ދެކެފަރިތަ މަގްބޫލު މޫނެކެވެ. އޭނާ ގިނަ ބަޔަކަށް އެނގެނީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދުނިޔޭގައި އެންމެ ބޮޑު މަގްބޫލު ކަމެއް ހޯދި އެއް ޗެނަލް ކަމަށްވާ ދިޓީވީގެ މޫނުގެ ގޮތުގައެވެ. އަޑު އަހާލަން ފަސޭހަވެފައި ޚަބަރު ހުށަހަޅައި ދިނުމުގެ ގެންގުޅުނު ތަފާތު ވައްޓަފާޅި ވެގެން ދިޔައީ ބެލުންތެރިންގެ ހިތްތައް އަތުލި ކަަމަކަށެވެ.

ޚަބަރުގެ އިތުރުން އެކި ބާވަތްތަކުގެ ޕްރޮގްރާމްތައް ހުށަހަޅާދިނުމުގައި ވެސް ޝާފިއު އަކީ ކުޅަދާނަ އަދި އެހާމެ ފަރިތަ ހުށަހެޅުންތެރިއެކެވެ. ކެމެރާގެ ކުރިމަތީގައި ޝާފިއު ކުރެއްވި މަސައްކަތްތަކުގެ އިތުރުން ޚަބަރު ހޯދުމާއި ލިޔުމުގައި ވެސް ޝާފިއު އަކީ ފާހަގަކޮށްލެވުނު ނަމެކެވެ. އިދާރީ ހިންގުމުގެ ދާއިރާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސާވޭ ކުރުން ފަދަ ފަންނީ ދާއިރާތަކުން ޝާފިއު ވަނީ ތަޖުރިބާ ހޯއްދަވައިފައެވެ.

އިލްމާއި ހުނަރު ލިބިހުރި، ކެރޭ މީހެއް

ތައުލީމާއި ތަޖުރިބާގެ ގޮތުން ބަލާ ނަމަ ޝާފިއު އަކީ އެންމެ ގާބިލް އެއް ކެންޑޭޓޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކައުންސިލްތައް ބާރުވެރިކުރެވޭނީ އިލްމީ ގާބިލް، އާ ޚިޔާލާއި ފިކުރު ހުރި މީހުން ކަމަށް ގިނަ ބަޔަކު މިހާރު ގާބޫލު ކުރާ އިރު ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިއަސް ޝާފިއުއަކީ އެހެން ކެންޑިޑޭޓަކަށް ދޫކުރާނެ ފަދަ ކެންޑިޑޭޓެއް ނޫނެވެ.

އުލިގަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ތައުލީމީ ދާއިރާ އަށް ބަލާ ނަމަ އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑިގްރީ ފެންވަރަށް އުނގެނުމުގެ އިތުރުން ސިލޯނުގެ ބްރިޓިޝް ކޮލެޖާއި، ކުވޭތުގެ އިސްލާމިކް ކަލްޗަރަލް ސެންޓަރުން ވެސް ތައުލީމް ހާސިލް ކުރައްވއަިފައެވެ. އަދި އަވަށްޓެރި ސިލޯނާއި، ބަންގުލަދޭޝްގެ އިތުރުން އިންޑިއާ އިން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގުރާމްތަކެއް ފުރިހަމަ ކުރައްވާ މެލޭޝިޔާ އާއި ސިންގަޕޫރާއި ކުވައިތާއި އެކުވެރި ޢަރަބި އިމާރާތުގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ދެނެގަތުމަށް އެ ގައުމުތަކުގައި މަސައްކަތް ހިނގަމުންދިޔަ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ތަޖުރިބާ ހާސިލްކުރައްވާފައިވެއެވެ.

ޝާފިއު ތައުލީމާއި ތަޖުރިބާ ހާސިލްކުރެއްވި ދާއިރާތަކަށް ބަލާއިރު އިދާރީ ދާއިރާ އާއި، ވާހަކަ ދެއްކުންތެރި ކަމާއި، ޕްރޮގުރާމާއި އިވެންޓްތަކާއި މީޑިއާ ޚަބަރާއި ހުށަހެޅުމުގެ ދާއިރާއާއި، ރަށްރަށުގެ ތަރައްގީއަށްޓަކައި ބިނާވެށި ފަދަ ޕްލޭންތައް ހެދުމުގެ ދާއިރާ އާއި، އެއްގަމުގައި ސިޓީ، ރިސޯޓް ހޮޓާ ފަދަ އިމާރާތްތައް ކުރުމަށް ކުރެވޭ ޓޮޕޮގްރަފިކް ސާވެއިންގެ ދާއިރާ އާއި މޫދުގައި ރިސޯޓްތަކާއި ހޮޓާތަކާ ބަނދަރުތަކާ ނެރުކޮނުމާއި ފަޅު ހިއްކުން ފަދަ މަޝްރޫޢުތައް ފެށުމުގެ ކުރިން ކުރެވޭ ހައިޑްރޯ ގްރަފިކް ސާވޭގެ ދާއިރާ ފާހަގަކޮށްލެވެއެވެ.

ހޭލުންތެރި އަދި ހިންގުންތެރި ޚިދުމަތްތެރިއެއް

އުލިގަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ވިޔަފާރި އާއި ނޫސްވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވި ޝާފިއުގެ ފުރަތަމަ ޝާފިއު މަސައްކަތް ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެގޮތުން 2002 ވަނަ އަހަރުން ފެށިގެން މާލެ އަތޮޅު މަކުނުދޫ ރިސޯޓުގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ. އޭގެ ފަހުން އޭނާ ވަނީ ސީނިއަ ރިސެޕްޝަނިސްޓެއްގެ މަގާމުވެސް ފުރުއްވައިފައެވެ.

އެއަށް ފަހު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމެންޓާއި މިނިސްޓްރީ އޮފް ހައުސިން އާއި މިނިސްޓްރީ އޮފް ޕްލޭނިންގައި ޝާފިއު ވަނީ މަސައްކަތްކުރައްވާފައެވެ. އޭގެ ފަހުން އޭނާ ވަނީ ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުގައި ވެސް މަސައްކަތްކުރައްވާފައެވެ.

" އޭރުގެ އެޓޯލްސް މިނިސްޓްރީގެ ނޯދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީއެއްގެ މަގާމު އަދާކުރިން. އޭރުގެ ރިފޯމް އެޖެންޑާގެ ދަށުން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އުވާލައި އަލަށް އުފެދުނު މިނިސްޓްރީއޮފް އެޓޯލްސް ޑިވެލޮޕްމަންޓްގައި ސެކްރެޓަރީ އަކަށް ފަހުންވީ. .ދެން އެޓޯލްސް ޑިވެލޮޕްމެންޓް ފަހުން އުވާލާ ވާހަކަތަކެއް ދެކެވުނީމަ ދެން ހައުސިން މިނިސްޓްރީ އަށް ބަދަލުވީ. އެތަނުން ފަހުން ޕްލޭނިންގެ ސާވޭ އަށް ދާން ޖެހިގެން ދިޔައީ. އޭގެ ފަހުން މުޅި ދާއިރާ ބަދަލުކޮށްލާފައި މީޑިއާ އަށް ދިޔައީ." ޝާފިއު ވިދާޅުވިއެވެ.

އެ ހިސާބުއިން ފެށިގެން ކޮންމެވެސް އެއް ސިފައެއްގައި ޝާފިއު މީޑިއާއިން ފެނިގެން ނުދާ ދުވަސްވަރެއް ނާދެއެވެ. އެގޮތުން ބަލާއިރު ޝާފިއު އާއްމުންނަށް އެނގުނީ އޭނާ ދިޓީވީގައި ކުރި މަސައްކަތުންކަމަށްވީ ނަމަވެސް އޭނާ ވަނީ ދި އިސްލާމް އާއި، މުންނާރު ޓީވީގައި ވެސް މަސައްކަތް ކުރައްވައިފައެވެ. މީޑިއާގެ މަސައްކަތްތަކަކީ ވަޒީފާއަކަށް ވުރެ ބޮޑަށް ޝާފިއުގެ ހިތުގައި އެ ދާއިރާ އަށް ދެވިފައިވާ ލޯތްބާޢި ޚާއްސަ މަގާމުގެ ސަބަބުން އަދާކުރާ މަސައްކަތެއްކަން ޝާފިއުގެ ވާހަކަތަކުން ފާހަގަކުރެވެއެވެ.

"މީޑިއާ ދާއިރާ އަށް ވަތް ގޮތަށް އެ ދާއިރާ ދުލެއް ނުކޮށްލަން. އެކަމު ފަހުން މިއުޅުނީ ބޮޑަށް މާކެޓިންގެ ތެރޭގައި. މީޑިއާ ސައިޑެއްގައި ނަމަވެސް ބޭއްވޭ،" ޝާފިއު ވިދާޅުވިއެވެ.

މާކެޓިން ދާއިރާގައި ޝާފިއު އަދާކުރެއްވި ދައުރަށް ބަލާއިރު އޭނާ އަކީ ލިންކް ސާވްގެ މާކެޓިން މެނޭޖަރގެ ދައުރު އަދާކުރެއްވި ބޭފުޅެކެވެ. ލިންްްކް ސާވް އާ އެކު ޝާފިއު އައިޓީގެ ދާއިރާ އަށް ތައާރަފުވެގެން ދިޔައެވެ. އެއާއެކު އެ ދާއިރާ އަށް ހުރި ޝައުގުވެރިކަން ބޮޑުވެ ސޮފްޓް ވެއަ ޑިވެލޮޕްމެންޓާއި، ވެބް ޑިވެލޮޕްމެންޓް ދާއިރާގައި ވެސް ޝާފިއު ވަނީ ހަރަކާތްތެރިވެފައެވެ.

ލާމަރުޒީ ނިޒާމަށް ފައްކާ ކުރެވޭނެ އުލިގަމެއް - ޝާފިއުގެ އުންމީދެއް

ސިޔާސީ ދާއިރާ އަށް ޝާފިއުގެ ޝައުގުވެރިކަން ހުއްޓުނީ އެ ދާއިރާގެ ޚަބަރުތައް ކަވަރު ކުރުމުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. އެގޮތުން ޝާފިއު އަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި އަދި މީޑިއާގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކުގެ ޒަރީއްޔާ އިން ރަށަށް ޚިދުމަތްކޮށް ދެއްވުމަށް ޝާފިއު ހުންނެވީ އަތުކުރި އޮޅާލައިގެންނެވެ.

އުލިގަން ކައުންސިލު ރައީސްކަމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެވިދާނެ ކަމަށް ގަބޫލުކުރެވި އެ މިސްރާބަށް ޝާފިއުގެ މަސައްކަތްތައް ފަށާފައި ވަނީ ހއ އުލިގަމުގައި ހުރި އިޖުތިމާއީ، އިގްތިސޯދީ އަދި އަހުލާގީ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ފޮނި އުންމީދާ އެކުގައެވެ. ލާމަރުކަޒީ ގާނޫނުގެ ބާރުތައް ވީއްލާ އޭގެ އެންމެ ފުޅާ މާނައިގައި ލާމަރުކަޒު ކުރުމަށް ރާއްޖެ ހުޅުވާލުމާއެކު އިޚުލާސްތެރި ބަޔަކު ޚިދުމަތުގައި ތިބެގެން ކަމަށް ޝާފިއު އަށް ގަބޫލުކުރެއްވެއެވެ. އަދި މިވަގުތު ރަށަށް ދޭން ޖެހޭ ސަމާލުކަން ނުދީ ދޫކޮށްލުމަކީ، ރަށުގެ ތަރައްގީ އާއި ކުރިއެރުމުގައި ފަހަތު ފަޔަށް ބުރަވެ އެކަމުން އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވައެވެ.

" ބަޔަކަށް ކަންތައްތަކެއް ކޮށްދޭން ބޭނުމިއްޔާ މިޖެހެނީ ސިޔާސީ ދާއިރާ އަށް ނުކުންނަން.. ޕާޓީ ނިޒާމަކީ މީޑިއާގައި ވެސް ވަކާލާތު ކުރި ނިޒާމެއް. އެކަމަކު އެ ނިޒާމްގެ އަގު ވެއްޓިއްޖެ. ސިޔާސީ ޕާޓީ އަށް މިހާރު ކުރިން އޮތް އިތުބާރެއް ނެތް. ޕާޓީ ނިޒާމަށް ރަށުން އައި ބަދަލުވެސް އެބަ ބަލަން. ރަށަކަށް ފައިދާ އެއް ނުކުރޭ. އެހެންވީމަ ހިތަށް އެރީ ލިބިފައި ހުރި އިލްމާ ތަޖުރިބާގައި އަމިއްލަ ރަށަށް، ފަސްގަނޑަށް ކަމެއް ކޮށްދޭން ވެއްޖެއޭ. އެހެންވެ މާލޭގައި އުޅުނު ސްޓޭބަލް ލައިފް ދޫކޮށް ރަށްފުށު ދިރިއުޅުމަށް ބަދަލުވީ." ޝާފިއު ވިދާޅުވިއެވެ.

ޝާފިއުގެ ތަސައްވުރަކީ ކޮބާ؟

އުލިގަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޝާފިއު ފާހަގަކުރައްވާ ގޮތުން މިހާރު މި ރަށުގެ ހާލަތު އޮތީ ކަންބޮޑުވާ ހާލަތުގައެވެ. އަދި އެއީ ރަށަށް އެކަށީގެންވާ ހާލަތު ނޫންކަމާއި އުމްރާނީ އަަދި އެހެނިހެން ގޮތްގޮތުން ވެސް ރަށުން ލިބޭ ޚިދުމަތްތައް މިހާރަށް ވުރެ ފުރިހަމަވާން ޖެހޭ ކަމަށް އޭނާ ގަބޫލުު ކުރައްވައެވެ. އަތޮޅުގެ އެހެން ދާއިރާތަަކަށް ވުރެ ފަހަތުގައި މިހާރު އުލިގަން އޮތް އޮތުން ނިމުމަކަށް ގެނެސް އުލިގަމަށް ތަރައްގީ ގެނައުމަކީ އޭނާކުރައްވާ އުންމީދެކެވެ.

"ކުރިއަށް އެއްލެވެލް ދާން އެބަ ޖެހޭ. އެކަމަށް މި މަސައްކަތް ކުރަނީ. އިޖުތިމާއީ ދާއިރާއިން ވެސް އެބަ ހުރި މައްސަލަ. މިރަށަކީ ޖަންގަލި ބޮޑު ރަށެއްވީމަ މަދިރި އާއި އެކަހަލަ އެއްޗެހީގެ އުނދަގޫވެސް ދިމާވޭ." ޝާފިއު ވިދާޅުވިއެވެ.

ޝާފިއުގެ ވައުދުތަކުގެ ތެރޭގައި އުލިގަމަށް ފަތުރުވެރިކަން ތައާރަފްކުރުން ހިމެނެއެވެ. އެގޮތުން ޔޮޓް ފަހަރު އެހެން ހަރުފަތަކަށް ގެންދިއުމާއި ސިތި ހޮޓާ ތައާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ހިތްފަސޭހަ ބާބަކިއު ބީޗެއް އަދި ދަނޑިވެރިކަމަށް އާރޯކަން ގެނެސްދިނުމާއި، އިޖުތިމާއީ ދިރިއުޅުން ހަރުދަނާ ކުރުމަށް ވީރާނާވެފައިވާ ހަރުމުދާ މަރާމާތުކޮށް، ބަނދަރުން ތެލުގެ ޚިދުމަތް ލިބޭނެ ގޮތް ހޯދާ ދިނުމައި، ބަނދަރުގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އިތުރުން މަސްމާރުކޭޓެއް ގާއިމްކުރުން ހިމެނެއެވެ. ހަމައެހެންމެ ލަފާފުރުމުގެ ނިޒާމް ހަރުދަނާކުރުމާއި ރަށުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ވެސް އޭނާ ވައުދުވެވަޑައިގަތެވެ.