ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ފިޔަ ޖަހަމުން ބަބުޅަމުން އަންނަތާ ގިނަ ދުވަސްވީ އެއް ފަންނާނަކީ ފައުޒިއްޔާ ހަސަން ނުވަތަ އާންމު ނަމުން ނަމަ "އުއްސަކުރު ފައުޒިއްޔާ" އެވެ. ނަވާރަސަތޭކައިގެ ފަހުކޮޅުން ފެށިގެން ނިކުތް ގިނަ ފިލްމުތަކެއްގެ މުހިންމު ރޯލުތަކަކުން ފައުޒިއްޔާގެ ކުޅަދާނަ ކަން ފެނުނެވެ.

ކޮންމެ ރޯލެއް ކުޅުނު ކަމުގައި ވިޔަސް، އޭނާގެ މޮޅު އެކްޓިން ފެނިގެން ދިޔައެވެ. ހިތާމަވެރި ފިލްމުތަކުގައި ހިތާމަވެރި ރޯލުތަކަށް ވެސް އެހާމެ ފުރިހަމައެވެ. ރުންކުރު ޒީލަގަދަ ރޯލުތަކުން ވެސް ހަމަ އެފަދަ ދެވަނައެއް ނެތެވެ. މަޖާ ރޯލުތަކުގައި ހެއްވާލަންވެސް އެހާމެ ކުޅަދާނައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީ ފިރުކެމުން އައި ޒަމާނީ އެ ދާއިރާގައި ކަނބަލުންގެ ހިއްސާ ކުޑަ ޒަމާނެކެވެ. ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ ފިލްމު ކުޅެ މުޅި ގައުމުގައި މަޝްހޫރުކަން ހޯދުމަކީ އަންހެނުން ކުރަން ރަނގަޅު ނޫން ކަމެއްގެ ގޮތުގައެވެ. އެ ދާއިރާގައި އަންހެނަކު މަސައްކަތް ކުރުމަކީވެސް ގިނަ ގޮންޖެހުންތަކެއް އަންނާނެ ކަމެކެވެ.

ޓެޑްރީގެ ލަސްވިޔަސްގެ ޝޫޓިންގެ ތެރެއިން

ނަމަވެސް އެ ހުރިހާ ކަންކަމާ ކުރިމަތިލާން ނިކުތް މަދު އަންހެން ކަނބަލުންގެ ތެރޭގައި ފައުޒިއްޔާއަކީ އެކަކެވެ. އޭރު ނިކުތް މަދު މީސްކޮޅުގެ ތެރެއިން ގިނަ ބަޔަކު ފަސްޖެހި ދާއިރާއާ ދުރަށް ޖެހުނު ނަމަވެސް ފައުޒިއްޔާއަކީ އެ ހިތްވަރުގައި ދާއިރާއިން ދުރަށް ޖެހިނުލާ ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރި އެއް ބޭކަނބަލެކެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ އެންމެންވެސް ފައުޒިއްޔާއާ މުހާތަބުކޮށް ހަދަނީ "ފައުޒިއްޔާ މަންމި"ގެ ނަމުންނެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރި އެންމެ ދުވަސްވީ އެއް ބޭކަނބަލެއްގެ އިތުރުން ފައުޒިއްޔާ ގިނައިން ފެންނަމުން ދިޔައީ މަންމައެއްގެ ރޯލުންކަމަށްވުން އެއީ މި ނަމުން އެންމެން މުހާތަބުކުރުމަށް މެދުވެރިވި ސަބަބުތަކެވެ.

"އަޅުގަނޑުމެންގެ މެދުގައި އޮންނާނީ ހަމަ މަންމައަކާ ދަރިއަކާ ދެމެދު އޮންނަ ކަހަލަ ގާތް ގުޅުމެއް. އެކުގައި މަސައްކަތް ކުރާ އިރުވެސް ހީއެއް ނުވާނެ ކޯ-ސްޓާއެއް ހެނެއް. މަންމީވެސް ހަމަ ޓްރީޓް ކުރާނީ ދަރިއެއް ގޮތަށް" ދިވެހި ފިލްމީތަރި ނިއުމާ މުހައްމަދު ބުނެފައި ވެއެވެ.

ނިއުމާ ބުނި ގޮތުގާ ފައުޒިއްޔާއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހުންނަށް އިހުތިރާމުކުރަން ދަންނަ މީހެކެވެ. އޭނާ ފައުޒިއްޔާ ފާހަގަކުރީ ވާހަކަގިނަ މަޖާ އަދި ހިތްހެޔޮ މީހެއްގެ ގޮތުގައެވެ.

ނެށުންތެރިއެއްގެ ގޮތުގައި އަދި ބައެއް ފިލްމުތަކުންވެސް އާއްމުންގެ މަގުބޫލްކަން ހޯދާފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނި ގޮތުގާ ފައުޒިއްޔާ ކުޅެފައިވާ ގިނަ ފިލްމުތަކުން ރުންކުރު ނުވަތަ ޒީލަގަދަ އަންހެއްގެ ރޯލުތަކުން އޭނާ ފެނިގެން ގޮސްފައި ވީނަމަވެސް އޭނާގެ ހަގީގީ ކެރެކްޓަރ ވަރަށް ތަފާތު ކަމަށެވެ.

ސްޓެޕްއައްްޔަ ބުނި ގޮތުގައި ފައުޒިއްޔާ ހިތްހަމަ ނުޖެހޭ ކަމެއް ވިޔަސް ދުވަހަކުވެސް ރުޅިއައިސްފައި ނުހުންނާނެ އެވެ. އަބަދުވެސް މީހުންނާ ގުޅިގެން މަސައްކަތް ކުރާ ހިތްހެޔޮ ފަންނާނެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި ކޮންމެ މީހަކާވެސް ވާހަކަ ދައްކާނީ ހިތްހެޔޮކަމާއެކު ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް ވެސް ލިބުނު ބައެއް ސްޓޭޖް ޑްރާމާތަކުގައި އަދި ކޮރިއޯގްރަފީ މަސައްކަތްތައް ކުރުމުގެ ތެރޭގައި ފައުޒިއްޔާ މަންމިއާ އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު. ފައުޒިއްޔާ މަންމިއަކީ ދުވަހަކުވެސް ރުޅިއައިސްފަ ނޫނީ ހިތްހަމަނުޖެހިފަ ވެސް ހުންނަ މީހެއް ނޫން" ސްޓެޕް އައްޔަ ބުންޏެވެ.

ފިލްމު އިންޑަސްޓްރީގައި މޮޅު ފިލްމުތަކެއް ކުޅެފައިވާ މަރިޔަމް އައްޒަ ބުނީ ފައުޒިއްޔާއާ އެކު މަސައްކަތް ކޮށްލަން އޭނާއަށް ފުރުސަތު ލިބުނީ ދިވެހި ފިލްމު "ހައްދު"ގައި ކަމަށެވެ. ހައްދުގައި އައްޒަގެ މަންމައެއްގެ ރޯލު ކުޅެފައިވާ ފައުޒިއްޔާއާ ބެހޭ ގޮތުން އޭނާ ބުނެފައި ވަނީ އެއީ "ވަރަށް ފަން އަދި ލޯބި" މީހެއް ކަމަށެވެ. ފައުޒިއްޔާ ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިވެހި ފިލްމު ހައްދުގެ ޝޫޓިންގެ ތެރެއިން

ފައުޒިއްޔާ ވަކިވުމާ ހަމައަށްވެސް ދިރިއުޅެމުން ދިޔައީ އާއިލާއާ އެކު އަވަށްޓެރި ސްރީ ލަންކާގައެވެ. ފިލްމީތަރި އާމިނަތު ރިޝްފާއަކީ ފައުޒިއްޔާއާ އެކު ގިނަ ދުވަސްތަކެއް ވަންދެއް ލަންކާގައި ދިރިއުޅުނު ފަންނާނެކެވެ.

ރިޝްފާ ކިޔައިދިން ގޮތުގައި އޭނާ ފައުޒިއްޔާ އާއި ފައުޒިއްޔާގެ ދަރިފުޅު އަދި މާމަ ދަރިފުޅާއެކު ލަންކާގައި ފަސް މަސް ހޭދަކުރިއެވެ.

ރިޝްފާ ބުނި ގޮތުގައި ފައުޒިއްޔާއާ އެކު ދިރިއުޅުނު ދުވަސްވަރުވެސް އެއީ ދުރުމީހެއްކަމުގެ އިހުސާސްއެއް ނުވެއެވެ. އަދި ފައުޒިއްޔާގެ އިތުރުން ފައުޒިއްޔާގެ ދަރިފުޅަކީވެސް ވަރަށް އެކުވެރި މިޒާޖެއްގެ މީހެއްކަން ރިޝްފާ ފާޙަގަކުރިއެވެ.

ރިޝްފާ އަދި ފައުޒިއްޔާ ވަނީ ދިވެހި ފިލްމު "ހައްދު"ގައި އެކުގައި މަސައްކަތްވެސް ކޮށްފައެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ފައުޒިއްޔާ މަންމިއަކީ އަބަދުވެސް ވަރަށް ވާހަކަކިޔާ މީހެއްކަން." ރިޝްފާ ކިޔައި ދިނެވެ.

މިއީ ރިޝްފާގެ އިތުރުން ފައުޒިއްޔާއާ އެކު މަސައްކަތް ކުރި އެހެން ބައެއް ފިލްމީތަރިންވެސް ފާހަގަކުރި އެއް ކަމެވެ.

ނިއުމާވެސް ކިޔައިދިން ގޮތުގައި ބައެއް ފިލްމުތަކުގެ ޝޫޓިންގެ ތެރެއިން ބައެއް ކަންކަން ސެޓުކުރުމަށް ގިނައިރު ނަގައެވެ. އެހެން ލިބޭ ހުސްވަގުތުތަކުގައިވެސް ފައުޒިއްޔާ އަބަދުވެސް ފެންނާނީ ވާހަކަ ފޮތަކާއެކު ކަމަށް އޭނާ ބުންޏެވެ.

ފައުޒިއްޔާއަކީ އޭނާ ދަންނަ އެންމެންވެސް ނުހަނު އިތުބާރުކުރާ އަދި ލޯބިވާ މީހެކެވެ. މަޝްހޫރު ކަމެއް ލިބުމުން ބޮޑާވާ މީހުންނާ ހިލާފަށް އޭނާއަކީ އޭނާގެ ހިތްހެޔޮކަމުން މަގުބޫލު މީހެކެވެ. ފައުޒިއްޔާ ނިޔާވިކަމުގެ ކުއްލި ހަބަރު ގިނަ ބަޔަކު އެހީ ސިހުމާއެކުއެވެ.

ފައުޒިއްޔާ ވަނީ މުހައްމަދު ނިޔާޒް (ޓެޑްރީ) މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް" ގެ ޝޫޓިންގގެ މަސައްކަތުގައިވެސް އުޅެފައެވެ. މިއީ ފިލްމީ ދާއިރާގައި ފައުޒިއްޔާގެ އެންމެ ފަހުގެ މަސައްކަތެވެ.

ފައުޒިއްޔާ ފިލްމީ ދާއިރާގައި އުޅޭތާ 35 އަހަރަށް ވުރެން ގިނަ ދުވަސްވި އިރު، އޭނާ ފިލްމީ ދާއިރާ އަށް ނިކުތީ 1985 އަހަރު "ސިދާ" ކިޔާ ފިލްމަކުންނެވެ. ފިލްމީ ދާއިރާގައި މިވީހާ ދުވަހު ފައުޒިއްޔާ ވަނީ 50 އަށް ވުރެ ގިނަ ފިލްމާއި ޓެލެ ޑްރާމާތައް ވެސް ކުޅެފައެވެ.

ކުޅަދާނަ އެކްޓަރުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދޯޕައްޓާ"، "ހިމޭން ދުނިޔެ"، "ދޮން ކަމަނަ،"، "ހަނދުކޭތަ"، "ވެހޭވާރޭތެރެއިން"، "ހުރީމޭ އިންތިޒާރުގައި"، "ވާލޯބި އޭނގޭނަމަ" އަދި ޔޫސުފް" ހިމެނެއެވެ. އަދި "ހައްދު"، "ހިނިތުންވެލާށޭ ކަލާ" ފަދަ ފިލްމުތަކަކީ ވެސް މަޝްހޫރު ފިލްމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޯޛް

    އެހާ ދުވަހު އިންޑަސްޓްރީގައި މަސައްކަތްކޮށް، އަމިއްލަ އަށް އެވޯޑަކަށް ކުރިމަތި ނުލީތީ އެގޮތުން ރެކޮގްނިޝަން ނުދެވުން. ފަންނީ މަސައްކަތްތަކުގެ އަގު ވަޒަންކުރާނީ މަސައްކަތް ކުރާ މީހާ އާދޭސްކޮށްގެން ނޫންގޮތަކަށް އެވޯޑާއި ސަރުކާރުންދޭ އިނާމް ދޭނެގޮތެއް އޮންނަންޖެހޭ. މައްޔިތާގެ ފާފަ ފުއްސަވާ ހެޔޮރަޙްމަތްލައްވާށި.

    24
  2. އަހުމަދުގެ.

    ޚިޔާލަކީ ވ ތަފާތު އެއްޗެއް... ތީކީ އަހަންނަށް އެއްގޮތަކަށްވެސް ކަމޫދާ މީހެއްނޫން ،، ޢެކުރި މަސައްކަތަކީ އަދި ވަކިން ފޫހި މަސައްކަތެއް. ދޮންކަމަނަ ފިލްމުގަ ޔޫއްޕެއާއެކު ކުޅެފަވާ ރޯލުގަ މުސްކުޅިއަކު އެގޮތައް މޭކަޕް ކޮށްފަ ހުރީމަ ވަކިން ފޫހިކަން ބޮޑުވި.. މީ އަހަރެންގެ ޚިޔާލު ..

    6
    7
  3. 2023

    ބުރުޒުމަގުގަ ޔޫއެން ކައިރީގަ އޮވޭ ވެހެފިއްޔާ ނުހިނދި އޮންނަ ފެންކޮޅެއް، މޭޔަރު މިކަން ރަނގަޅުކޮއްލަ ދޭންވީނުންތޯ.

  4. އިކޫ

    ހުރިހާ ފިލްމީ ތަރިންގެ މަންމައަށް ވުމަކުން ވާނެ މޮޅެއް ނެތެވެ. ދީނަށް ލޯބިކުރާ ޤުރްއާނަށް ލޯބިކުރާ ގިނަގިނައިން ނަމާދުކުރާ ކުދިބައެއްގެ މަންމައޭ ބުނެލެވޭނެނަމަ ވަރށްބޮޑު އުފަލެވެ. މިއަދި ގޮސްއެވަނީ ދެން އެނބުރި އައުމެއްނުވާ ތިޔަ ފިލްމުތަކުގެ ވާހަކަތައް އަޑުނީވޭ ތަނަކަށެވެ. ހެޔޮ ދުޢާ ލިބުންނޫން އެހެންކަމެއް މަރުޙޫމާއަކަށް ބޭނުމެއް ނުވާނއެވެ. އެހެންކަމުން ދުނިޔޭގަ ތިބި ތިމާގެ މީހުންނާ ރަޙްމަތްތެރިން މިއަދު ފައުޒިއްޔާގެ ފިލްމުތަކުގެ ވާހަކައި ހެދުމުން މައްޔިތާއަށް ލިބޭނެ އެއްވެސްއެއްޗެއް ނެތެވެ. ވިއްޔާވާނީ ގެއްލުމެކެވެ.

    15
    1