އެންމެ ކުޑައިރުއްސުރެ ވެސް އައިމިނަތު ރާޔަން އަކީ އެކި ގޭމްތަކަށް ވަރަށް ޝައުުގުވެރިވި ކުއްޖެކެވެ. އެހެންވެ ކޮންމެވެސް ދުވަހަކުން އެކި ގޭމްތައް ޑިވޮލޮޕްކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް ބޮޑުވަމުން އައި އިރު އިވެމުން ދިޔައީ މިއީ ފިރިހެނުންނަށް ހާއްސަ ދާއިރާއެއްގެ ގޮތުގަ އެވެ. އެދުވަހު ލިބުނު ހިތްހަމަޖެހުމަކީ ކޮންމެވެސް ވަރަކަށް އެ ދާއިރާއިން އޭރުވެސް މަޑުމަޑުން އަންހެނުން ފެންނަމުން ދިއުމުން މިއީ ކުރެވިދާނެ ކަމެއްކަމަށް ވިސްނުމުން އައި ވިސްނުމެވެ.

ކުޑައިރު ގޭމިންއަށް ދިން ޝައުގުވެރިކަމުން ރާޔަންއަށް އައި "އިންސްޕިރޭޝަން"އާ އެއްގޮތަށް އޭނާ ސްކޫލު ނިންމުމަށް ފަހު ވަނީ ވިލާ ކޮލެޖަށެވެ. އެ ކޮލެޖުން ކޮމްޕިއުޓާ ސައިންސްއިން ޑިގްރީ ހެދުމަށް ފަހު އޭނާވީ ޑިވޮލޮޕަރަށެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަން ފެށީ ކަސްޓަމްސްގެ ޑިވޮލޮޕިންއާ ގުޅޭ ޔުނިޓްތަކުގަ އެވެ.

ރާޔަން ކިޔައިދިން ގޮތުގައި ސެޓްފިކެޓެއް ހާސިލުކުރުމަކުން ހަމައެކަނި ކޯޑެއް ނުކުރެވޭނެ އެވެ. އެކަން ކުރެވޭނީ ސީދާ އޭގެ ތެރެއަށް ވަދެ ހޭނިގެންނެވެ. ކޯޑިންގައި ފުރަތަމަ ކޮޅު އުނދަގޫވި ނަމަވެސް އޭނާއަށް ކަސްޓަމްސްގައި އެކުގައި މަސައްކަތް ކުރާ މީހުންގެ އެހީތެރިކަމާއެކު އެކަމުން އަރައިގަނެވުނެވެ. އޭގެ އިތުރުން ޔޫޓިއުބްއަކީ ވެސް އޭނާއަށް ކޯޑިންއަށް ސީދާ ވަނުމަށް ވަރަށް ބޮޑު އެހީއެކެވެ. މިހާރު ކޯޑިންގައި އޭނާގެ "ކޮންފިޑެންސް" އެބަ އޮތެވެ.

ގޭމިންއަށް ކިތަންމެ ޝައުރުވެރިކަން އޭނާގެ ހުރި ނަމަވެސް ކަސްޓަމްސްގައި ރާޔަންއަށް މަސައްކަތް ކުރަން ޖެހެނީ އެ އޮފިހާ ގުޅުން ހުންނަ ޑިވޮލޮޕިންގެ މަސައްކަތްތަކުގައެވެ. އަސިކުޑަ، ޖާވާ ފަދަ ޕްރޮގްރާމްތަކަށް އޭނާ މިހާރު ފަރިތަ ނަމަވެސް ގޭމިންއަށް ހާއްސަ ޕްރޮގްރާމްތަކަށް ވަގުތު ދޭން އުނދަގޫ ކަމަށް ރާޔަން ބުނެ އެވެ. ހާއްސަކޮށް ކޮންމެ ދުވަހަކުހެން އަށް ގަޑިއިރުގެ ވަޒީފާއެއް އަދާކުރުމަށް ފަހު ގޭމިންއަށް ސީދާ ހާއްސަވާން އުނދަގުލީ އެވެ.

"އެކަމަކު އަދިވެސް ގޭމިންގެ ޑިވޮލޮޕިންއާ ދިމާލަށް ދާން ކޮންމެވެސް ދުވަހަކުން ބޭނުން" އޭނާ ކިޔައިދިނެވެ.

ކޯޑިންގައި އޮފީސް މަސައްކަތަށް ފަހު ރާޔަން ދަނީ ކޯޑިން އެހެން މީހުންނަށް ދަސްކޮށް ދިނުމަށްވެސް މަސައްކަތް ކުރަމުން ނެވެ. ހާއްސަކޮށް އަންހެން ކުދިންނަށެވެ.

ކޯޑިންއާއި ޓެކްގެ ދާއިރާއަށް އަންހެނުން ބާރުވެރި ކުރުމަށް ރާއްޖޭގައި ހިންގާ ޖަމިއްޔާ "ވިމެން އިން ޓެކް" ގެ މެމްބަރުންގެ ތެރޭގައި ވެސް ރާޔަން ހިމެނެ އެވެ. ސްޓެމް ފީލްޑްއިން އަންހެނުން ކުރިއެރުވުމަކީ އެ ޖަމިއްޔާގެ މައިގަނޑު ޓާގެޓް ކަމަށްވާ އިރު އެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ދަނީ ކޯޑިން ދަސްކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ހިންގަމުން ނެވެ.

ރާޔަން ބުނީ އެ ހަރާކަތްތަކަށް ވަރަށް ތަރުހީބު ބޮޑު ކަމަށެވެ. ކުޑަ އަންހެން ކުދިންނާއި ޓީނޭޖް އަދި ބޮޑެތި އަންހެނުންނަށް ވެސް އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ކޯޑިން ވަނީ ދަސްކޮށްދީފަ އެވެ.

ޓެކްއާއި ކޯޑިންގެ ދާއިރާގައި އަންހެނުން ކުރިއަރަމުންދާ މިންވަރާ މެދު ރާޔަން ހުރީ ހިތްހަމަ ޖެހިފަ އެވެ. އެންމެ ފުރަތަމަ ކަސްޓަމްސްއަށް ވަން އިރު ޑިވޮލޮޕިންއާއި އައިޓީ ޔުނިޓްގައި އުޅުނީ މަދު އަންހެނުންތަކެކެވެ. ނަމަވެސް މިހާރު އެ މަންޒަރު މަޑުމަޑުން ބަދަލުވަމުންދާތަން އޭނާއަށް ދަނީ ފެންނަމުން ނެވެ.

"މިހާރު ކޯސްތައް ހަދަމުންދާ އިރު ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ ހަމަ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން، 50 ޕަސެންޓް، 50 ޕަސެންޓަށް ބެހިފައި ކަމަށް އޮންނަނީ" ރާޔަން ކިޔައިދިނެވެ.

އެހެންވެ އެންމެ ފުރަތަމަ ފަށައިގަތް އިރާއި ބަލާއިރު މިހާރު އަންހެނުންނަށް ލިބިފައިވާ ކުރިއެރުމާމެދު ރާޔަން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"ކުރިން މަސައްކަތް ކުރި ކަސްޓަމްސްގެ ނެޓްވާކް އެންޑް ކޮމިއުނިކޭޝަން ސައިޑްގައި އުޅުނު އިރު އޭރު އަޅުގަނޑު ފޯނު ނެގީމަ ބުނާނެ ފިރިހެނަކު ފޮނުވަދޭށޭ. އެކަމަކު ކަސްޓަމްސްގައި މިތާ އެކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް ރަނގަޅު. މިތާ ޓެކް ދާއިރާއަށް މީހުން ނަގާއިރު ވެސް އަންހެނަކަށް ވީތީ ވަކި ތަފާތެއް ނުކުރޭ" ރާޔަން ކިޔައިދިނެވެ.

ރާއްޖޭގައި ފަހަކަށް އައިސް ޑިވޮލޮޕަރުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ދަނީ ހޯދަމުން ނެވެ. ހާއްސަކޮށް "ލޮޓީ ފައިލްސް" ހެދި ރާއްޖޭގެ ޑިވޮލޮޕަރުން ކަމަށްވާ ނަސްރުﷲ އަދުނާން (ނައްޓު) ފަދަ މީހުންނަކީ ރާޔަން ގެވެސް މިހާރު އެންމެ ބޮޑު "އިންސްޕިރޭޝަން" އެވެ. ނައްޓު ފަދަ ޑިވެލޮޕަރުންހާ އުހަށް ދިއުމަކީ އޭނާގެވެސް އުއްމީދެވެ. ބައިނަލްއަގުވާމީ މަޝްހޫރު ކުންފުންޏެއްގައި މަސައްކަތް ކޮށްލުމަކީ ރާޔަންގެ ވެސް ހުވަފެނެކެވެ.

ރާޔަން ބުނާ ގޮތުން އޭނާގެ މަސައްކަތުގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިކަން ލިބެނީ އޭނާގެ މަންމަ އާއި އާއިލާގެ ފަރާތުން ނެވެ. އަދި ކޯޑިން ފަދަ ދާއިރާތަކަކީ އަންހެން ކުއްޖަކަށް ވީތީ ކުރިއަށް ނުދެވޭނެ ދާއިރާއަކަށް ދުވަހަކުވެސް ނުބުނާ ކަމަށް އޭނާ ބުނެ އެވެ.

ކޯޑިންއާއި ވެބް ޑިވޮލޮޕަރުންގެ ދާއިރާ ކުރިއަށްދާ ގޮތާ މެދު ރާޔަން ހުރީ ހިތް ހަމަ ޖެހިފަ އެވެ. ނަމަވެސް އަދިވެސް އޭނާ ބުނާގޮތުން ވަޒީފާތައް ދޭ އިރު ސެޓްފިކެޓަށް ބަލަ އެވެ. ނަމަވެސް ސެޓްފިކެޓަށް އެކަނި ބެލުމުގެ ބަދަލުގައި މީހާގެ ހުނަަރާއި އަދި ތަޖުރިބާއަށް ބެލުމަށް އޭނާ އެދެއެވެ. އެއީ ރާއްޖެއިން ބޭރުގައި ބޮޑެތި އިންޓަނޭޝަނަލް ކުންފުނިތަކުން ވެސް ސެޓްފިކެޓް ނޯންނަ މީހުންނަށް ވެސް ފުރުސަތު ދެމުންދާތީ އެވެ.

"ކޮންމެހެން ނުޖެހޭ ސެޓްފިކްޓް އޮންނާކަށް" ރާޔަން ބުންޏެވެ.

ތެދެކެވެ. ސެޓްފިކެޓް ނެތް މީހުންނަށް ރާއްޖޭގައި ވެސް ޖާގަ ދޭން ފަށައިފިނަމަ ހުދު އަންހެން ކުދިންނަށް ވެސް ފުރުސަތު ލިބޭލެއް ގައިމުވެސް އިތުރުވާނެ އެވެ. އެކަން އެނގެނީ މިހާރުވެސް ކޯޑިން އަމިއްލައަށް ދަސްކޮށްގެން އުޅޭ އަންހެން ކުދިންވެސް ފެންނަމުންދާތީ އެވެ. އެފަދަ ކުދިންނަށް އިތުރު ފުރުސަތުތައް ލިބެން ފަށައިފިނަމަ ރާޔަންމެން ފަދަ ބޭފުޅުން އަންހެނުން ކުދިން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައައްޔު

    ނަމަވެސް އަދިވެސް އޭނާ ބުނާގޮތުން ވަޒީފާތައް ދޭ އިރު ސެޓްފިކެޓަށް ބަލަ އެވެ. ނަމަވެސް ސެޓްފިކެޓަށް އެކަނި ބެލުމުގެ ބަދަލުގައި މީހާގެ ހުނަަރާއި އަދި ތަޖުރިބާއަށް ބެލުމަށް އޭނާ އެދެއެވެ. ކަނބުލޮ ކިތަންމެ ބޭނުންވިޔަސް އެބުނާ ކަރުދާހަކާ ނުލާ އެއްވެސް ކަމެއްރާއްޖެއަކު ނުވާނެ ތަޖުރިބާއަކީ ބޭނުންތެރިއެއްޗެއް ނޫން ވަޒީފާގެ ކުރިއެރުމަށް ބޭނުންވަނީ ކަރުދާސް ހެޔޮއެއްޗެއް ނޭގުނަސް

  2. މަލީ

    ރާޔަން އަކިީ މޮޅުކުއްޖެކެވެ، އަދި އެހާމެ މިހުންނާ ގުޅިގެން މަސްކަތް ކުރާ ހީވާގި ކުއްޖެކެވެ.
    ރާޔަން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާއި ލައްވާށިއެވެ،
    ޢާމީން

  3. ބަބަު

    ވަކަންޑާ ފޯއެވާ

  4. ކޮޔާ

    އަންހެނުންނާއި ފރިހެނުންގެ ތަފާތު ނައްތާލަން ޖެހެީ އިސްލާމްދީނުގެ ފަލްސަފާގެ ތެރެއިން އިސްލާމްދީނުގަ އަންހެނުންނަށް ދެވފަވާ ގަދަރާއި އިޙުތިރާމާއި މިނިވަން ކަމަކީ ޓެކްނޮލޮޖީގެ ޒަމާނޭ ކިޔައިގެން އކަނބަލުން އިސްތިހާރު ކުރުމެއްނޫން މަގުމަތީގަ ވިއްކަންހުންނަ ހެދުންތަކެއްހެން ކަންމަތީގަ ފާރުތަކުގަ އަތުރާލުމެއްވެސްނޫން އެއައްވުރެ މާ ފުރިހަމަ ބައެއް އަންހެނުންނަކީ