(ޅ. މާފިލާފުށި) ފާދިއްޕޮޅު މާފިލާފުއްޓަކީ ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު ބޮޑު ފަސްގަނޑެއް އޮތް ރަށެކެވެ. އެ ރަށް ތިން ފަހަރެއްގެ މަތިން ފަޅުވި ކަމަށް ބުނެވޭއިރު، ދިވެހި ތާރީހުގައި މި ރަށުގެ ވާހަކަތައް ލިޔެފައިވެއެވެ. ރަށް ފަޅުވި ސަބަބުތަކުގެ ތެރޭގައި އެ ރަށަށް ވާރޭ ވެހުން މަދުވުމާއި ބިންގަނޑު ރަނގަޅުނުވުން ހިމެނެއެވެ. ރަށުގައި ރަސްކަމެއް ހިނގި އިރު، އެއީ އެ ދުވަސްވަރު ފާދިއްޕޮޅުގައި ނަގާ ކިޔާ އަދި އާބާދީ އެންމެ ބޮޑު ވެސް ރަށެކެވެ. މާފިލާފުށީގައި ރަސްކަން ކުރެއްވީ ސާމިޔާ ފާށަނާ ކިލޭގެފާނު ނަމަކަށް ކިޔާ ބޭފުޅެކެވެ.މާފިލާފުށި ފުރަތަމަ ފަޅުވީ ސާމިޔާ ކިލޭގެފާނު ހިންގި ރަސްކަން ނެތި ދިއުމާ ގުޅިގެންނެވެ. ދެ ވަނަ ފަހަރަށް ފަޅުވީ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަމުގެ ދުވަސްވަރު ޅ. ނައިފަރު ބަޔަކު އެ ރަށުގައި ވަޒަންވެރިވުމަށް ގޮސް ވަޒަންވެރި ވެގެން ނޫޅެވިގެން ފޭބުމުންނެވެ. އޮގަސްޓް 1986 ގައި އޭރުގެ ސަރުކާރުން ވަނީ މާފިލާފުއްޓަކީ ސިފައިންގެ ރަށެއްގެ ގޮތުގައި ހަމަޖައްސައިފައެވެ. މިހާރު މާފިލާފުއްޓަކީ ސިފައިންގެ މަރުކަޒީ ތަމްރީނަށް ހާއްސަވެފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާގައި އޮންނަ ރަށެކެވެ.

ޅ. މާފިލާފުށި މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ރަށް އޮންނަ ފަޅުގެ އިރުމަތީގައި މާކޯ އާއި މެދަފުށިކިޔާ ދެ ފަޅު ރަށް އޮވެއެވެ. އަދި ހުޅަނގުކޮޅުގައި މީދާހުރާކިޔާ ފަޅު ރަށެއް އޮވެއެވެ. މާފިލާފުށި ސިފައިންގެ ބެލުމުގެ ދަށުގައި އޮތަސް، މީގެ 13 ވަރަކަށް އަހަރު ކުރިއާ ޖެހެންދެން އެ ރަށުގައި ކޮންމެވެސް ވަރަކަށް މީހުން ދިރިއުޅެމުން ގެންދިޔައެވެ. އެކަމަކު، އެމީހުން ވެސް މިހާރު ވަނީ އެހެން ރަށް ރަށުގައި ވަޒަންވެރިވެފައެވެ. އެމީހުން އެ ރަށުން ވަކިވެގެން ދިޔަ ކަމުގައި ވިޔަސް، އެމީހުންގެ ހަނދާންތައް އެ ރަށުން އަދިވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖޭގައި ސިފައިންގެ އެންމެ ވަރުގަދަ ތަމްރީންތައް ހަދަމުން އަންނަ އެއް ރަށް ކަމަށްވާ މާފިލާފުށީގެ ކޮމްޕެސިޓް ޓްރެއިނިން ސްކޫލް (ސީޓީސީ) ގައި ހިމެނެނީ ތިން ސްކޫލެވެ. އެއީ ދަ ބޭސިކް ސްކޫލާއި ކޯސްޓްގާޑް ޓްރެއިނިން ސްކޫލްގެ އިތުރުން މެރިންކޯ ޓްރެއިނިން ސްކޫލެވެ. އިންޑިއާ އިން ދިން ހަތް މިލިއަން ޑޮލަރުގެ އެހީއާ ސީޓީސީ ވަނީ ދެ ފޭސްއަކަށް ބަހާލައިގެން ތަރައްގީކޮށްފައެވެ.

އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު، އެ ތަން ނިންމައި ފުރަތަމަ ހުޅުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ވާޗުއަލް ބައްދަލުވުމެއްގައި ޑިސެމްބަރު، 2019 ގައެވެ. އޭގެ ފަހުން އެ ތަން ތަރައްގީކޮށް އެތަން އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައި ވަނީ ހާއްސަ ގުޅުމެކެވެ. ހާއްސަކޮށް ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިއީ ހަމަ ޔަގީނުން ވެސް އިންޑިއާ ކަނޑުގެ ސަލާމަތަށް ވެސް މުހިންމު ގުޅުމެކެވެ.

އެތަނުގައި އަލަށް ވަނީ އެޑްމިނިސްޓްރޭޓިވް ބްލޮކްއަކާއި އެކޮމަޑޭޝަން ބްލޮކާއި ފަޔަރިން ޝެޑާއި ފަޔަރިން ރޭންޖެއް ގާއިމުކޮށްފައެވެ.

ޅ. މާފިލާފުށީގައި އެމްއެންޑީއެފްއިން ކުރާ މަސައްކަތްތައް ވެރިން ކިޔައި ދެއްވަނީ.-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމްއެންޑީއެފްގެ ހުރިހާ ތަމްރީން މަރުކަޒެއްގައި ހުރި ހުރިހާ ސްކޫލްތަކެއްގެ ބެލެނިވެރި ފަރާތަކީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއެވެ. ސްކޫލްތަކުގެ ސިޔާސަތުތައް ކަނޑައަޅާނީ މި ކޮލެޖުންނެވެ. ހުރިހާ ކޯހެއް ވެސް ބިނާވެފައި ވަނީ ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ސިފައިންގެ ތަމްރީނާ ބެހޭ ސިޔާސަތާއި ތަމްރީނާ ބެހޭ ގަވައިދުގެ މައްޗަށެވެ.

"ވަގުތު" ގެ ޓީމުން މާފިލާފުއްޓަށް ކުރި ދަތުރުގައި މާފިލާފުށީގައި ޓްރެއިނިންގް ހަދަމުން އަންނަ ތަންތަން ދައްކާލާފައިވެއެވެ. އެގޮތުން ޓްރެއިނިން ބިލްޑިން، ސްވިމިން އޭރިއާ، ޕެރޭޑް ގްރައުންޑް، ކޮމްޕައުންޑް އޭރިއާ، ޕީޓީ ގްރައުންޑް، ސެނެހިޔާ ނޮދާން، މެސް ބްލޮކް ފަދަ ތަންތަން ދައްކާލިއެވެ.

ޅ. މާފިލާފުށީގައި ސިފައިންގެ ޑްރިލް ޓްރެއިނިން އެއް ކުރިއަށް ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނޫސްވެރިން މާފިލާފުއްޓަށް ދިޔަ އިރު، ދަ ބޭސިކް ސްކޫލްގެ 69 ވަނަ އަސާސީ ތަމްރީން ކޯސް ދިޔައީ ފުރިހަމަ ކުރަމުންނެވެ. އެ ކޯހުގައި އަލަށް ސިފައިންގެ އަށް ވަތް 111 ދަރިވަރުން ތަމްރީންގައި ބައިވެރިވެއެވެ. އަދި 56 ކުދިންނާއެކު 20 ވަނަ ބޭސިކް ކޯސްޓްގާޑް ކޯހެއް ވެސް އޭރުގައި ކުރިއަށް ދިޔައެވެ.

ނޮދާން އޭރިއާ ކޮމާންޑުގައި ކުރަނީ ކޮން ކަމެއް؟

އަސްކަރީ ގޮތުން ރާއްޖެ އޮންނަނީ ހަތަރު ސަރަހައްދަކަށް ބަހާލައިފައެވެ. އެއީ ނޮދާން އޭރިއާ ކޮމާންޑްގެ އިތުރުން ސަދަން އޭރިއާ އާއި ސެންޓްރަލް އޭރިއާ އަދި މާލެ އޭރިއާއެވެ. ނޮދަން އޭރިއާގައި ހަތް އަތޮޅު އޮންނަ އިރު، އެއީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ޅ. އަތޮޅާއި ބ. އަތޮޅެވެ.

މި ސަރަހައްދުގައި ހިނގާ ހުރިހާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނީ އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޮމާންޑުގެ ބެލުމުގެ ދަށުންނެވެ. އެމްއެންޑީއެފް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ކޮންމެ އަތޮޅެއްގައި ވެސް ފޯކަލް ޕޮއިންޓެއް ގާއިމުކޮށްފައިވެއެވެ. ޅ. އަތޮޅުގައި ފޯކަލް ޕޮއިންޓް ގާއިމުކޮށްފައި ވަނީ ޅ. ނައިފަރުގައެވެ. އެހެންކަމުން މާފިލާފުއްޓަކީ ސިފައިންގެ ތަމްރީންތަކަށް އެކަނި ހާއްސަވެފައި އޮންނަ ރަށެއް ނޫނެވެ.

އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑަރު ސަލީމް (މ) ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑަރު ކާނަލް މުހައްމަދު ސަލީމް "ވަގުތަށް" ވިދާޅުވީ އެމްއެންޑީއެފް ނޮދާން އޭރިއާއަކީ 24 ގަޑިއިރު އޮޕަރޭޝަންތައް ހިންގާ އޮޕަރޭޝަނަލް ޓީމެއް ކަމަށެވެ. އެއްގަމާއި ވަޔާއި ކަނޑުގައި އޮޕަރޭޝަނެއް ހިންގަން ޖެހުނަސް އެކަން ކުރާނީ ނޮދާން އޭރިއާ އިން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ސަލީމް ނެންގެވީ ސީ އެމްބިއުލާންސް އޮޕަރޭޝަންތަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އެފަދަ ހަ އޮޕަރޭޝަން ހިންގަން ޖެހެއެވެ. އޭގެ އިތުރުން، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި ސަވައިލަންސް އަދި ރަށްރަށުގައި އެކި ހާދިސާތަކަށް ދާނީ އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ. އެހެންވެ، އެންމެ ބުރަ ޒިންމާއެއް އުފުލަން ތިބި އެއް ބަޔަކީ ވެސް މިއެވެ.

ޅ. މާފިލާފުށި -- ވަގުތު އިމޭޖެސް: އަޙްމަދު ޖައިޝަމް

"މި އޭރިއާގައި ހިނގާ ހުރިހާ އޮޕަރޭޝަނަލް ކަންތައްތަކެއް ކުރާނީ ނޮދާން އޭރިއާ ކޮމާންޑުން. ޑިސްޓްރެސް އެއް އަޔަސް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގިޔަސް، ބަލި މީހަކު ބަލިވެގެން ޝިފްޓް ކުރަން ޖެހުނަސް، އަޅުގަނޑުމެން މި އޭރިއާގައި އޮންނާނެ ނުވަ ސީއެމްބިއުލާންސް އެކި އޭރިއާގައި ޑިޕްލޮއިކޮށްފައި." އެމްއެންޑީއެފް ނޮދާން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު އަހުމަދު ބޫލާގް ވިދާޅުވިއެވެ.

"މޫސުން ގޯސްވެގެން މިސާލަކަށް ހިންނަވަރުގައި ފެން ބޮޑުވީ، ޅ. އަތޮޅުގައި އެމްއެންޑީއެފް ޕޯސްޓް ގާއިމުކޮށްފައި ވަނީ ނައިފަރުގައި. ނައިފަރުން ޓީމު މޫވް ކުރާނީ ހިންނަވަރަށް. އެހެން އަތޮޅުތައް ވެސް އޮންނާނީ އެގޮތަށް."

މިއީ %99 އިންސާނުންނާ ކުޅޭ ޓްރެއިނިންއެއް!

މާފިލާފުށީގައި ތަމްރީންތައް ހަދަން މައިގަނޑު އޮންނަނީ ދެ ސަރަހައްދެކެވެ. އެކަމަކު، މި ރަށުގެ ހުރިހާ ސަރަހައްދެއްގައި ތަމްރީންތައް ކުރިއަށް ދާނެއެވެ. މި ދަތުރުގައި ފުރިހަމަ މައުލޫމާތެއް ލިބުނީ ދަ ބޭސިކް ޓްރެއިނިން ސްކޫލާއި ކޯސްޓްގާޑް ޓްރެއިނިން ސްކޫލްގެ ވެރިންގެ ފަރާތުންނެވެ.

ބޭސިކް ސްކޫލްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސެއިން ރިޔާޒް ވިދާޅުވީ އެ ސްކޫލްގައި ދަރިވަރުންނާއި މުދައްރިބުންނަށް ކިޔަވައިދޭ އެއްޗިއްސަކީ އެކްރެޑިޓެޑް ސެޓިފައިޑް ކޯސްތަކެއް ކަމަށެވެ. ސެޓްފިކެޓް ވަން އިން ފެށިގެން ޑިޕްލޮމާ، އަދި ޑިގްރީއާ ހަމައަށް ކިޔަވައި ދޭ ކަން ހުސެއިން ފާހަގަ ކުރެއްވިއެވެ.

ޅ. މާފިލާފުށީގައި ސިފައިންގެ ޑްރިލް ޓްރެއިނިންގ އެއް ކުރިއަށް ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހުސެއިން ވިދާޅުވި ގޮތުގައި އެންމެ ބޭސިކުން ފެށިގެން އެޑްވާންސް ޓްރެއިނިންއާ ހަމައަށް އެމްއެންޑީއެފްގެ ހުރިހާ ތަމްރީނެއް ވެސް އުނދަގޫ ވާނެއެވެ. ކޮންމެ ޓްރެއިނިންއަކީ ވަރަށް އުނދަގޫ، "އިންޓެންސިޓީ ހައި" ވަރަށް ބަލައިގެން ކުރިއަށް ގެންދަން ޖެހޭ ޓްރެއިނިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭސިކް ސްކޫލްގެ މުގައްރަރު ހިމެނިފައި ވަނީ ތައުލީމާއި ހުނަރާޢި އަހުލާގު ނުވަތަ ސުލޫކީ މިންގަނޑުގެ މައްޗަށް ކަމަށް ހުސެއިން ވިދާޅުވިއެވެ. އަހުލާގަކީ %80 އަށް ވުރެ މަތިން ފާސް ވާން ޖެހޭ މަޖުބޫރު މާއްދާއަކަށްވާ އިރު، ހުރިހާ މުދައްރިބުންގެ ޒިންމާއަކަށް ވެފައި އޮންނަނީ އެގޮތަށް ހުރިހާ ދަރިވަރުން ތަމްރީން ކުރުން ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

ޅ. މާފިލާފުށި -- ވަގުތު އިމޭޖެސް: އަޙްމަދު ޖައިޝަމް

"99 އިންސައްތައަކީ އިންސާނުންނާ ކުޅޭ ޓްރެއިނިން. އެހެންވީމަ މިއަށް އެބަ ޖެހޭ ސަލާމަތަށާއި ހުރިހާ ކަމަކަށް ވިސްނަން." މާފިލާފުށީގެ ސީޓީސީގައި ހުންނަވައި ހުސެއިން ވިދާޅުވިއެވެ.

ބޭސިކް ޓްރެއިނިން ކޯސް ފުރިހަމަ ކުރާ ދަރިވަރަކަށް ސިފައިންގެ ވަޒީފާއެއް އަދި ނުލިބޭނެއެވެ. ސިފައިންގެއަށް ވަދެވޭނީ އެމްއެންޑީއެފްގައި ހުންނަ ކޯތަކުން ކޯއެއްގެ ބޭސިކް ކޯސް ހަދައިގެންނެވެ. އެމްއެންޑީއެފްގައި ހުންނަ ކޯތަކުގެ ތެރޭގައި މެރިންކޯ، ކޯސްޓްގާޑް ކޯ، ސާވިސްކޯ ހިމެނެއެވެ.

"ބޭސިކް ޓްރެއިނިން ކޯސް ހަދާފައި ތިބި ކުދިން މިހާރު ކޯސްޓްގާޑް ބޭސިކް ކޯސް އެ ހަދަނީ. އެހެންވީމަ، އެ ކުދިން ތަމްރީންތަކުގައި އުޅެން ޖެހޭ ދުވަސްތައް އިތުރު އެ ވަނީ." ހުސެއިން ވިދާޅުވިއެވެ.

ދަ ބޭސިކް ސްކޫލްގައި ކިޔަވައި ދެނީ 13 މާއްދާއެކެވެ. އަދި އެ ސްކޫލްގައި މުދައްރިބުންނަށް ވެސް ކިޔަވައި ދޭއިރު، މުދައްރިބުންނަކީ އިންސްޓްރަކްޝަނަލް ޓެކްނިކް ކޯސް ފުރިހަމަކޮށްފައި ތިބޭ ބަޔަކަށް ވާން މަޖުބޫރެވެ. މުދައްރިބުން ކިޔަވައި ދިނުމުގައި އަމަލު ކުރަން ޖެހޭ ވަކި އުސޫލުތަކެއް ހުންނާނެއެވެ.

ޅ. މާފިލާފުށި -- ވަގުތު އިމޭޖެސް: އަޙްމަދު ޖައިޝަމް

މި ސްކޫލްގެ އަމާޒުތަކުގެ ތެރޭގައި މައިގަނޑު ހިމެނެނީ ދެ ކަމެކެވެ. އެއީ ސިފައިންގެއަށް އަލަށް ވަންނަ މީހަކަށް އަސްކަރީ އިލްމާއި ހުނަރު އުނގަންނައި ދެނީ މި ސްކޫލުންނެވެ. އަދި އަސްކަރިއްޔާގެ އެކި ދާއިރާތަކަށް ބޭނުންވާ މުދައްރިބުން އުފެއްދުމަކީ ވެސް މި ސްކޫލްގެ އެންމެ ބޮޑު އެއް އަމާޒެވެ. މިސާލަކަށް ހަތިޔާރު، ޑްރިލް، ސްވިމިން، ޕީޓީ ކިޔަވައިދޭ މުދައްރިބެއް ވިޔަސް، މި ހުރިހާ މުދައްރިބުން އުފައްދާނީ މި ސްކޫލުންނެވެ. އެހެންކަމުން، މި ސްކޫލާ ވެސް ހަވާލު ކުރެވިފައިވާ ޒިންމާ ނުހަނު ބޮޑެވެ.

ބޭސިކް ސްކޫލްގެ ޑިޕާޓްމަންޓްގެ ތެރެއިން ޑްރިލް ބުނެ ދިނުމަށް ޑްރިލް އެންޑް ސެރެމަނިއަލް ނަމަކަށް ކިޔާ ޑިޕާޓްމަންޓެއް އޮވެއެވެ. އަސްކަރީ ހުނަރާއި ހިލްމާއި ހަތިޔާރު ބުނެ ދިނުމަށް ސްކިލް އެޓް އާމްސް ޑިޕާޓްމަންޓެއް އޮވެއެވެ. ފިޒިލަކް އެންޑް ސްޕޯޓްސް އާއި ސްވިމިން އެންޑް ވޯޓަމަންޝިޕަށް ވަކި ޑިޕާޓްމަންޓެއް އޮވެއެވެ. އަސްކަރިއްޔާގެ އެހެނިހެން މާއްދާތައް ކިޔަވައި ދިނުމަށް މިލިޓަރީ ސްޓަޑީސް ޑިޕާޓްމަންޓެއް ވެސް އޮވެއެވެ. ހަމައެއާއެކު، އެއްވެސް ސިޔާސަތަކަށް ބަދަލެއް ގެނެސް އެކަން ކޮލެޖަށް ހުށަހަޅަން ޖެހިއްޖެ ނަމަ، އެކަމަށް ހާއްސަ ބޯޑް ކޮމިޓީއެއް އޮވެއެވެ. ދަރިވަރުންނާއި މުދައްރިބުންގެ މައްސަލަތައް ބެލުމަށް ޑިސިޕްލިނަރީ ކޮމިޓީއަކާއި އެޕީލް ކޮމިޓީއެއް އޮވެއެވެ. އަޅާ ފިޔަވަޅެއް ގަބޫލު ނުކުރެވިއްޖެ ނަމަ، އެޕީލް ކުރެވޭނެއެވެ.

އޭގެއިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން ކޮމިޓީ، ހިސްޓަރީ އެންޑް އާކައިވް، ޓްރެއިނިން އެވެލުއޭޝަން ކަރިކިއުލަމް ޑިޕާޓްމަންޓް ކޮމިޓީ އަދި އެގްޒަމިނޭޝަން ބޯޑެއް ވެސް އޮވެއެވެ.

ޅ. މާފިލާފުށި -- ވަގުތު އިމޭޖެސް: އަޙްމަދު ޖައިޝަމް

ބޭސިކް ސްކޫލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސިކް ޓްރެއިނިން ކޯސް، ޑްރިލް އިންސްޓްރަކްޓާ ކޯސް، ވެޕަން އިންސްޓްރަކްޓާ ކޯސް، ފިޒިކަލް ޓްރެއިނިން އިންސްޓްރަކްޓާ ކޯސް، ސްވިމިން އިންސްޓްރަކްޓާ ކޯސް، އިންސްޓްރަކްޓާ ރިފްރެޝާ ޕްރޮގްރާމް، އިންސްޓްރަކްޝަނަލް ޓެކްނިކް ކޯސް ހިމެނެއެވެ.

ކޯސްޓްގާޑް ޓްރެއިނިން ކޯސް

ކޯސްޓްގާޑް ޓްރެއިނިން ކޯހުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ތިއޮރަޓިކަލް ބައެވެ. މާނައަކީ ފިޒިކަލް ފިޓްނަސް އަށް ވުރެ ބޮޑަށް އޮންނާނީ އެކަޑަމިކް ބައެވެ. އެކަމަކު، ފިޒިކަލް ފިޓްނަސް ވެސް ހިމެނޭނެއެވެ.

އެމްއެންޑީއެފްގެ ލެފްޓިނަންޓް ފާރިޝް ހަނީފް ވިދާޅުވީ ފިޒިކަލް ފިޓްނަސް ތެރޭގައި އެ ކުއްޖެއްގެ ފިޒިކަލް ސްޓޭންޑަޑް ބެހެއްޓުމަށްޓަކައި އެ ދެވެން ޖެހޭ ފިޒިކަލް ޓްރެއިނިން ދެވޭނެ ކަމަށެވެ. އަދި ބައެއް ސިފައިންނަކީ ކަނޑުމަތީގައި ހަރަކާތްތެރިވާ ބަޔަކަށްވާތީ ރެސްކިއު ނުވަތަ ލައިފް ސޭވިން ފަދަ ހުނަރުތައް ކަނޑުމަތީގައި ދަސްކޮށް ދެވޭނެ ކަމަށް ވެސް ފާރިޝް ވިދާޅުވިއެވެ.

ފާރިޝް "ވަގުތު" އާ ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފާރިޝް ވިދާޅުވި ގޮތުގައި ކޯސްޓްގާޑް ޓްރެއިނިން ކޯހުގައި ތިން މަހާއި ބައިގެ ތެރޭގައި 20 މާއްދާއެއް ކިޔަވައިދެއެވެ. މުހިންމު މާއްދާތަކުގެ ތެރޭގައި ނެވިގޭޝަން، ސީމަންޝިޕް. ރޫލްސް އެންޑް ރެގިއުލޭޝަން ފަދަ މާއްދާތައް ހިމެނެއެވެ.

"ކުއްޖަކު އޮންބޯޑްގައި މަސައްކަތް ކުރާއިރު މިސާލަކަށް ކުއްޖަކު މަސައްކަތް ކުރަން ޖެހިދާނެ ދެ ދާއިރާއެއްގައި. މާނައަކީ ދެބަޔަކަށް ޓެކްނިކަލް ވެސް އެގްޒެކްޓިވް ސައިޑްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެ. އެހެންވީމަ އަޅުގަނޑުމެން އެ ވިސްނުމުން ކުދިން ތައްޔާރު ކުރުމުގެ ވިސްނުމުގައި މި ކޯސް މިގޮތަށް ފަރުމާ ކުރެވިގެން ކުރިއަށް ދަނީ." ފާރިޝް ވިދާޅުވިއެވެ.

ސިފައިންގެ މޫދުގެ ތަމްރީނުތަކަށް ތައްޔާރުވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހުވަފެނެއް އެބައޮތް، ސިފައިންގޭގައި ފުރުސަތު ވެސް އެބައޮތް!

މާފިލާފުށި ތަރައްގީވެފައި އޮތް ގޮތުން މެރިންކޯ، ކޯސްޓްގާޑް އަދި ރެކްރޫޓް ޓްރެއިނިން އެއްކޮށް ކުރިއަށް ގެންދެވޭ ވަރެއް ނުވެއެވެ. މިހާރު އެ ތަނުގައި ގިނަވެގެން ބޭއްވެނީ ދެ ޓްރެއިނިންއެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މާފިލާފުށި ތަރައްގީ ކުރެވުނީމަ، އެ ތަމްރީންތައް އެއްފަހަރާ ހިންގޭނެ ކަމަށެވެ. އަދި އަމާޒަކީ 500 ވަރަކަށް ކުދިންނަށް އެއް ފަހަރާ ތަމްރީން ދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޮމާންޑަރު ސަލީމް ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަދި މި ތަން އެ މިންވަރަކަށް ބިލްޑެއް ނުކުރެވޭ،" ސަލީމް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އަމާޒަކީ މާފިލާފުއްޓަކީ އަސްކަރީ ތައުލީމް ދެވޭ މި ސަރަހައްދުގެ ވަރުގަދަ އިންސްޓިޓިއުޓަކަށް ހެދުމެވެ. މުސްތަގުބަލުގައި ހުރިހާ ސްކޫލަކަށް ބޭރުގެ ދަރިވަރުން ގެނެސްގެން ތަމްރީން ދޭ ހިސާބަށް ދިއުމަކީ މި ތަނުގެ ވެރިންގެ އަމާޒެވެ. އެ އަމާޒަށް ވާސިލްވުމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. އެގޮތުން ކޯސްޓްގާޑް ޓްރެއިނިން ސްކޫލްގައި ތަމްރީން ބޭރުގެ ދަރިވަރުން ތަމްރީން ހަދަން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ސަލީމް ވިދާޅުވީ ބޭރުގެ ކުދިންނަށް ވަކި އަދަދަކަށް ފުރުސަތު ދެމުން އަންނަ ކަމަށެވެ. އެގޮތުން މެލޭޝިއާ، އިންޑިއާ، ސްރީލަންކާ، ބުރުނާއީ ފަދަ ތަންތަނުން ކޯހުގައި ބައިވެރިވާ ކަން ސަލީމް ވިދާޅުވިއެވެ. އަދި ކޮންމެ ކޯހެއްގައި ވެސް މަދުވެގެން 10 ދަރިވަރުން އުޅޭ ކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ބޭސިކް ޓްރެއިނިން ކޯސް ނިމުމުން، ދަރިވަރުން އިހްތިޔާރު ކުރަން ތިން ޗޮއިސެއް ދޭނެއެވެ. އަދި އެ ކުދިން ކުރިއަށް ދާނެ ބައެއް ނިންމާނީ އެމްއެންޑީއެފްގެ ހެޑް ކުއާޓާޒްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުންނެވެ.

ޅ. މާފިލާފުށީގައި ވަގުތު ހޭރިޔާ ޓީމުން ބައިވެރިވި ޓްރެއިނިންގެ ތެރެއިން -- ވަގުތު އިމޭޖެސް: އަޙްމަދު ޖައިޝަމް

 

ސަލީމް ވިދާޅުވި ގޮތުގައި އެމްއެންޑީއެފްއަކީ ބޭރުގެ އަސްކަރިއްޔާތަކެކޭ އެއްގޮތަށް ވަރަށް ބޮޑަށް ތައުލީމް އުނގަންނައިދޭ ތަނެކެވެ. އަދި ނުކިޔަވާ ހުރެ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ރަނގަޅު ނަތީޖާއެއް ލިބިއްޖެ ނަމަ، އެމީހަކު ކުރިއަށްދާ ބޭނުންވާ ދާއިރާއަކުން ދެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ކޯސްޓްގާޑަށް ބެލިޔަސް، އުމުރުން ދުވަސްވީ މީހުން ތިބެން ޖެހޭ ސަބަބަކީ ހުރިހާ ޖީޕީއެސްތަކެއް ނިވާލިޔަސް، އަސްލު އެނގެން ޖެހޭނެ ތަންތަނަށް ގޮސް ހަދަން. އެކަމަކު ޒުވާން ކުދިންނަކަށް ނޭނގޭނެ. އެކަމަކު، ތަޖުރިބާކާރު މީހެއް ވެއްޖެ ނަމަ، އެނގޭނެ އެ ތަންތަނަށް ދާން." ސަލީމް ވިދާޅުވިއެވެ.

"ނަތީޖާ ދަށްވެފައި ޓްރެއިނިންގައި ތަންކޮޅެއް ދަށް ކުދިން ހުސްވާ ތަންތަނަށް ލެވޭނީ، އެއީ ސިފައިންގެ އެއް ދިމާލަކަށް ނުލެވޭނެތާ. މިސާލަކަށް ހުރިހާ އެންމެން ނުހެދޭނެ ބޮޑީގާޑުންނަކަށް، ހުރިހާ އެންމެން ނުހެދޭނެ އިންޖިނިއަރުންނަކަށް. އޭރުން އެހެން ދިމަ ދިމާ ނުފުރޭނެތާ."

ހުސެއިން ވިދާޅުވީ ހުރިހާ ކޯހަކީ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލައިގެން ބޮޑު ގަވައިދެއްގެ ދަށުން ހަދާ އެއްޗެއް ކަމަށެވެ. އަދި ސިފައިންނާއި މުދައްރިބުން ފުރިހަމަ ކުރަން ޖެހޭ ރިސްކް މެނޭޖްމަންޓް ވޯކް ޝީޓެއް އޮންނާނެ ކަން ވެސް ހުސެއިން ފާހަގަ ކުރެއްވިއެވެ.

ބޭސިކް ސްކޫލްގެ ކޮމާންޑިން އޮފިސަރު މޭޖާ ހުސެއިން ރިޔާޒް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ސަލީމް ވެސް ވިދާޅުވީ ސިފައިންގެއަކީ ވަރަށް ބޮޑު ފުރުސަތެއް އޮތް ތަނެއް ކަމަށެވެ. ހާއްސަކޮށް އެ ކުއްޖާ ޑިވެލޮޕް ކުރާ ނަމަ، ވަރަށް ގިނަ ފީލްޑްތަކެއް މި ތަނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވިޔަސް، ޑޮކްޓަރަކަށް ނަރުހަކަށް އިންޖިނިއަރުން، އާޓިޓެކްޓުންނަށް ބެލި ކަމުގައި ވިޔަސް، އެ ދާއިރާއަކުން ކިޔަވަން ފުރުސަތު އޮތް ތަނެއް މިއީ. މިތަނުގައި އުޅެފައި ރިޓަޔާވެގެން ދިޔަޔަސް، ނުވަތަ ކުޑަ ދުވަސްކޮޅަކު މަސައްކަތްކޮށްފައި ދިޔަ ކަމުގައި ވިޔަސް، އެމީހާ އަސްލު ސަވައިވް ވާނެ. އެމީހަކު ކާމިޔާބު މީހަކަށްވުމަށްޓަކައި ވަރަށް ބޮޑު އެމީހާ ބިލްޑް ވާނެ ވަރަށް ބޮޑަށް. އެކަހަލަ ވަރަށް ގިނަ ފައިދާތައް އޮތް ތަނެއް ސިފައިންގެއަކީ." ސަލީމް ވިދާޅުވިއެވެ.

ޅ. މާފިލާފުށި -- ވަގުތު އިމޭޖެސް: އަޙްމަދު ޖައިޝަމް

"ވަގުތު" އޮންލައިންގެ ވެރިން ހިމެނޭ ގޮތަށް 14 މެމްބަރުންގެ ޓީމެއް މާފިލާފުއްޓަށް ދިއުމުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. މާފިލާފުށީގައި ހޭދަ ކުރި އަށް ގަޑިއިރުގެ ތެރޭގައި އެތައް ކަމެއް ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ލިބުނެވެ. ސިފައިންގެ ތަމްރީންތަކުގައި ހަދަމުން އަންނަ ބައެއް އޮބްސްޓަކަލްސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބުނެވެ.

މިއީ ސިފައިންގެ ޔުނިފޯމްގައި މިފަދަ އޮބްސްޓަކަލްސްތަކެއްގައި ރާއްޖޭގެ ނޫސްވެރިންތަކެއް ބައިވެރިވި ފުރަތަމަ ފަހަރެވެ.