1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހުގެ ރޭ ފަތިހު މާލެ ހޭލައްވާލީ ބަޑީގެ އަޑަށެވެ. އެއަޑުގެ ވާހަކަ އާއި ޝަހީދު ހުސެއިން އާދަމް އަދި ސިފައިންގެ ހިތްވަރުގަދަ ފަހުލަވާނުންގެ ވާހަކަ ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން މިދަނީ ދައްކަމުންނެވެ. ނަމަވެސް ސުވާލަކީ އެފަދަ ދެވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ދިވެހިންނަށް ކުރެވިފައި އޮތީ އަދި ކުރަމުން ގެންދަނީ ކޮންކަމެއް ހެއްޔެވެ؟ ޓެރަރިސްޓް ހަމަލާއަކަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް ތައްޔާރުވެފައި އޮތީ ކިހާވަރަކަށް ހެއްޔެވެ؟ ބަދަލުވަމުން އަންނަ ދުނިޔޭގެ ހާލަތައް ދިވެހި ދައުލަތުގެ ލޯ ހުރީ ހުޅުވިފައި ހެއްޔެވެ؟

ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގެ ސަލާމަތީ ބާރުތަކުގެ ތަޖުރިބާކާރުން މިއަދު ވިދާޅުވާ ވާހަކަފުޅަކީ އަވައްޓެރި ގައުމަކުން ހަތިޔާރާއިއެކު ކަނޑު ބޯޓެއްގައި ބަޔަކު ރާއްޖެ އައިސް ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒަށް ހަމަލާ ދިނުން އެއީ މިއަދު ދުނިޔޭގެ ހާލަތު އޮތް ގޮތުން މުސްތަހިއްލު ކަމެކެވެ. ރަނގަޅު ވާހަކައެކެވެ. ނަމަވެސް އޭގެ މާނައަކީ މުޅި ރާއްޖެ ގުޑައިގެން ގޮސް ރާއްޖޭގެ ހަމަޖެހުމާއި، އަމާންކަމާއި ސުލްހަ ގެއްލިގެން ދާނެ ފަދަ ހަމަލާއެއް ކުރިމަތިވުމުގެ ފުރުސަތު މިއަދު ނެތުމެއް ނޫނެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ކަނޑުމަތިން ދަނިކޮށް އޭނާ ހައްޔަރުކޮށްގެން މާލޭ ގެންނަނީނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ކަނޑުމަތިން ދަނިކޮށް އޭނާ ހައްޔަރުކޮށްގެން މާލޭ ގެންނަނީ. --- ފޮޓޯ: މިހާރު

2008 ވަނަ އަހަރު ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ކުއްލި ޓެރަރިސްޓް ހަމަލާއެއްދީ، މިސަރަހައްދުގައި އޮތް އެންމެ ބާރުގަދަ ގައުމު ނޭވާ ހާސްކޮށްލިއެވެ. 2015 ވަނަ އަހަރު ނޮވެމްބަރ 13 ވަނަ ދުވަހާއި އަދި ޖެހިގެން އައި ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގެ އެތައް ސަރަހައްދެއްގައި ކުއްލިއަކަށް ޓެރަރިސްޓްތައް ދިން ހަމަލާއާއިއެކު ޔޫރަޕްގެ އެންމެ ކުރިއަރާފައި އޮތް އެއް ގައުމު ހުއްޓުމަކަށް އައެވެ. އަދިވެސް އެބިރުވެރިކަން ޕެރިހުން ފިލައި ނުދެއެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހު އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އެތައް ސަރަހައްދެއްގައި އެއްވަގުތެއްގައި ދިން ހަމަލާތަކުގެ ސަބަބުން ސްރީލަންކާގެ އިޤުތިޞާދަށް ލިބުނު ގެއްލުންތަކާއި، ދެން ކުރިމަތިވި ކަންކަން ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ލޯ ކުރިމަތީގައެވެ. އަޅުގަނޑުމެންނަށް އިހްސާސް ކުރެވޭހައި ގާތުންނެވެ.

ރާއްޖެއަށް ވެސް ޓެރަރިސްޓްގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ފަތުރުވެރިންނަށް ދިން ހަމަލާ އާއިއެކު ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކަށް ލޯ ހުޅުވަން ދިވެހި ސަރުކާރަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ސަލްޓަން ޕާކުގެ ކުރީގެ ފޮޓޯއެއް

2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ އާއި، އަދި އޭގެފަހުން ސިފައިންގެ ހަތިޔާރުތަކެއް ފަޅު ރަށަކުން ފެނުމަކީ މިއަދު ފަސް އެޅި ފޮރުވިފައި އޮތް ނަމަވެސް މިރާއްޖޭގައި ހިނގާފައި ހުރި ކަންކަމެވެ. އެކަން ކުރި މީހުން އެތިބީ މުޖުތަމުގެ ތެރެއަށް ދޫކޮށްލެވިފައެވެ. ނުރައްކާތެރި ވިސްނުމާއި، ނުރައްކާތެރި ރޭވުންތައް ރޭވުމުގެ ގާބިލްކަން މިއަދު ވެސް އެމީހުންގެ ކިބައިގައި ހުންނާނެއެވެ.

2021 ވަނަ އަހަރުގެ މެއި 06 ގައި ދިން ވަރުގަދަ ހަމަލާ އަކީ ރައީސް މުހައްމަދު ނަޝީދު ޒަހަމްވި ހަމަލާއެއް ނަމަވެސް ހަގީގަތުގައި އެއީ ރާއްޖެއަށް އަމާޒުވި ހަމަލާއެކެވެ. ފާއިތުވިތަނުގައި މޫލައި ހެދެމުން އައި ހަރުކަށި ފިކުރު ނައްތާލުމާއި، ގައުމީ ސަލާމަތައް އެމީހުންގެ ފަރާތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ލޯ ހުޅުވާފައި ނެތް ކަމުގެ ހެއްކަކަށް އެހަމަލާ ފުދެއެވެ.

މުޅި ރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ފަތުރުވެރިކަމަށެވެ. ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ސަލާމަތީ ފިޔަވަޅުތައް ބެލެހެއްޓެމުން އަންނަނީ ކިހައި މިންވަރަކަށް ހެއްޔެވެ. ރިސޯޓަކަށް ނުވަތަ ގެސްޓްހައުސްއަކަށް ޗެކިންވާ މީހަކީ ޓެރަރިސްޓް ޖަމާއަތެއްގެ ތަމްރީނާއި ތަޖުރިބާ ލިބިފައި ހުރި މީހަކަށް ވިނަމަވެސް އެކަން ދެނެގަތުމުގެ ގާބިލްކަމެއް ދިވެހި ސަރުކާރުގައި ނެތެވެ. އެފަދަ މީހަކު ނުވަތަ ބަޔަކު ރާއްޖޭގެ އެންމެ ރިސޯޓެއްގައި އެންމެ ފަތުރުވެރިޔަކު ރަހީނު ކުރިޔަސް ނުވަތަ އެއްޗެއް ގޮއްވާލައިގެން ހަމަލާއެއް ދިން ނަމަވެސް ދެން ރާއްޖޭގެ އިޤުތިޞާދު އަވަސް މުސްތަގުބަލެއްގައި ކޮޅަށް ޖަހާނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

މި އަހަރުގެ ފުރަތަމަ ކްރޫޒް ލައިނަރ އިން އެތައް ފަތުރުވެރިންނެއް މާލެއަށް އަތުވެއްޖެ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން ހުރީ ކޮން ފެންވަރެއްގައި ހެއްޔެވެ؟ އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުގެ ސެޓްފިކެޓްތައް ލިބިފައި އެބަހުރި ކަމަށް ބުނުމުން ޔަގީން ކަމާއިއެކު ތިބެވޭ ވަރަށް އަޅުގަނޑުމެންގެ ހާލަތު ރަނގަޅު ހެއްޔެވެ؟

ސައިބާ ހަމަލާއެއް މިދިޔަ އަހަރުގެ ނިއުއިޔާ އާއި ދިމާކޮށް ވެސް އެއާޕޯޓަށް އަމާޒުވިއެވެ. ސައިބާ ހަމަލާއެއް ނުވަތަ އެހެން ވެސް ކަމެއް ދިމާވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުއްޓުމަކަށް އައިސް ދެތިން ދުވަސް ވީނަމަވެސް އެދެތިން ދުވަސް ތެރޭގައި އެންމެ މަދުވެގެން 15000 ފަތުރުވެރިން ގައުމަށް ނުފުރި އެއާޕޯޓްގައި ތާށިވާނެއެވެ. އެފަދަ ހާލަތެއްގައި އެފަތުރުވެރިންނަށް ހަދާނެ ގޮތުގެ ޕްލޭނެއް ނެތެވެ. އެހެން އެއާޕޯޓަކަށް އެމީހުން ގެންގޮސް ފުރުވާލަން ކަންކަން ކުރާނެ ގޮތެއް ރޭވިފައެއް ނެތެވެ.

ރާއްޖެ މިއޮތީ ހުރިހާ ކަމެއް ތެލަށް ބަރޯސާ ވެފައެވެ. ނަމަވެސް ރާއްޖޭގެ ތެޔޮ ރައްކާކުރާ ގުދަން ހުރީ އެންމެ ތަނެއްގައެވެ. އެއީ މާލެ އާއި ޖެހިގެން މިއޮތް ފުނަދޫއެވެ. ކަމެއް ކުރަން ބޭނުންވާ ބަޔަކަށް ދާދި ފަސޭހައިން އެރަށަށް އަރައި ނުރައްކާތެރި ކަމެއް ހިންގިދާނެ ރަށެކެވެ. އެފަދަ ހާލަތެއްގައި ރާއްޖެ އިން ތެޔޮ ހުސްވެ، ހޮސްޕިޓަލްތައް ހުއްޓުމަކަށް އައިސް ބަލި މީހުންގެ ފަރުވާ ހުއްޓިގެން ހިނގައިދާނެއެވެ. ދަތުރުވެރިންނަށް ދަތުރު ނުކުރެވި ގައުމު ހުއްޓުމަކަށް އަތުވެދާނެއެވެ. ނަމަވެސް ތެޔޮ ރައްކާކުރަން ބެކަޕް ޕްލޭނެއް ގައުމުގައި ނެތެވެ.

ސިފައިންގެ ދެ ބޭކަލުން މަގުމަތީގައި ހަތިޔާތާއި އެކު؛- ވަގުތު އިމޭޖަސް؛- މުހައްމަދު އަފްޒަލް

2015 ވަނަ އަހަރު ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ މަތިން ބަޔަކު ހަނދާން ނައްތާލީ ސިޔާސީ ސަބަބެއް އޮވެގެންނެވެ. އެހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ ކަންކަން ރަނގަޅު ކުރަން އެޅުނު ހަރުދަނާ ބައެއް ފިޔަވަޅުތައް ވެރިކަން ބަދަލުވުމާއިއެކު އުވިގެން ދިޔައީއެވެ. ރައީސް ނަޝީދަށް ހަމަލާ ދޭން މަގުފަހިވި ގޮތާއި، ލިބުނު އިންޒާރުތަކަށް ސަލާމަތީ ބާރުތަކުން ސަމާލުކަން ނުދިނުން ފަދަ އެތައް ކަމެއްގެ ވާހަކަ ފަށަފަށައިގެން އަދިވެސް ދެއްކިދާނެއެވެ.

ފެންނަ ފެނުމަށް ހަމަލާއަށްފަހު ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވުނެވެ. ނަމަވެސް ދައުލަތުގެ ވެރިންގެ ސަލާމަތާއި މެދު ސަލާމަތީ ބާރުތަކުގެ ސީރިއަސްކަން ނެތް މިންވަރު އެނގެނީ މިދިޔަ ރަމަޟާން މަހު ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ގޮސް މުޒާހަރާއެއްގެ ތެރެއަށް ވަނުމާއި އެމޮޓޯކޭޑަށް ކުރިއަށް ނުދެވި، އަދި އަނބުރާލާފައި އައިކޮޅަށް ވެސް ނުދެވި އެތައް އިރެއް ހޭދަވުމުންނެވެ. މޮޓޯކޭޑަށް ހުރަސް އެޅީ ހަތިޔާރެއް އޮތް ނުވަތަ ހަމަލާއެއް ދޭން ބޭނުންވާ ބަޔަކުނަމަ ދެން ވާނެ ގޮތް ހިތައް ގެންނަވާށެވެ. އެނގުނު ކަމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ސަލާމަތީ ކަންކަމާއިމެދު ވެސް ސަލާމަތީ ބާރުތަކުގެ ސީރިއަސްކަމެއް ނެތް ކަމެވެ. އެހެންވީއިރު އެހެން ތަންތަނުގެ ހާލަތު އަދި ހުންނާނީ ކިހިނެއް ހެއްޔެވެ؟

1988 ވަނަ އަަހަރުގެ ހަމަލާ އަކީ ރާއްޖެ އިން ވެލާ މަސް ގަވައިދާއި ހިލާފަށް ބޭރުކޮށް ވަގު ވިޔަފާރި ކުރަން އުޅުނު އާދައިގެ ދިވެއްސަކު ލަންކާއަށް ގޮސް އޭނާގެ އެކަނި މަސައްކަތުން ބޮޑު ޓެރަރިސްޓް ޖަމާއަތެއްގެ އެހީގައި ރާއްޖޭގެ ވެރިކަން ފުރޮޅާލަން ދިން ހަމަލާއެއް ކަމަށް ގަބޫލު ކޮށްގެން ތާއަބަދު ދިވެހިން ތިބެގެން ނުވާނެއެވެ. އެހަމަލާގެ ފަހަތުގައި ތިބި ބަޔަކު އަބަދުގެ އަބަދަށް ސިއްރު ވެފައި އޮވެދާނެއެވެ. ނަމަވެސް އެއީ ފޮރުވިފައި އޮތް އެހެން މަޤުޞަދެއް ހާސިލް ކުރަން ފޮރުވިގެން ތިބި އަދި މާވަރުގަދަ ބައެއްގެ ބައިވެރިވުމާއިއެކު ދިން ހަމަލާއަކަށް ވެދާނެއެވެ.

ތިނެއް ނޮވެމްބަރުގައި ދުޝްމަނުން ސިފައިންގެއަށް ހަމަލާދީ ބާގަނޑެއް ހެދި ދިމާލުގައި މިހާރު ހަދާފައިވާ ޝަހީދުންގެ ބިނާ - ފޮޓޯ: އެމްއެންޑީއެފް

އެބައެއްގެ ބާރުވެރިކަމާއި ގާބިލްކަން މިއަދު އަދި މާވަރުގަދައެވެ. ރާއްޖޭގެ ދުވަސް ދުއްވާލަން އެބަޔަކު އިއްޔެއަށްވުރެ މާބޮޑަށް މިއަދު ބޭނުން ވެދާނެއެވެ. އެހެންކަމުން މިއަދު އަނެއްކާވެސް އެބަޔަކު ލުތުފީ ފަދަ މީހަކު ރާއްޖެ އިން ހޯދައިގެން ރާއްޖޭގެ ދުވަސް ދާނެ ވަރުގަދަ ހަމަލާއެއް ރާއްޖެ އާއި ކުރިމަތިވެދާނެއެވެ.

އަޅުގަނޑުމެންގެ އަބަދުގެވެސް ދުއާ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ކުރިމަތިވި ފަދަ ހާދިސާއެއް ރާއްޖެއަށް ދެން ކުރިމަތިނުވުމެވެ. މުމްބާއީ އާއި ޕެރިހާއި ކޮލަމްބޯ އިން ތަޖުރިބާކުރި ފަދަ ކަމެއް މިމާލޭގައި ތަޖުރިބާ ކުރަން ނުޖެހުމެވެ. ނަމަވެސް ހާލަތައް އަންނަ ބަދަލުތަކަށް ލޯ މަރާލައިގެން ތިބޭނަމަ ތާރީޚް އިޔާދަ ވެދާނެއެވެ. ދެވަނަ ނޮވެމްބަރ 03 ތަކުރާރު ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތަކުރުފާނު

    މިއަދުވެސް ހަމަ ހިތްވަރުގަގަ ފަހުލަބާނުން މިގައުމުގައި އެބަތިބި،

    38
    2
    • ސިނޭ

      މިއަދުގެ ފަހުލަވާނުން ހިތްވަރު ގަދަކަމުން އެއޮތީ ކަނޑުވެސް ގެއްލިފަ.

      15
      0
      • މޮރިށަސް

        ތި ކިޔަނ އަދ އެހެނ ފަހުލަވާނުން ތަކެއް ވަަހަކައޭ

  2. އަޒްރާ

    ބާޣީންގެ ވެރިކަން ނިމެނީ

    15
    3
  3. މީހުން

    ހިތްވަރުގަދަ މީހުން ނެތެކޭނޫނޭ. ހިތްވަރުގަދަ މީހުން ތިބެންވީ މާޒީގެ ހާދިޘާތައްް ތަކުރާރުވިޔަނުދޭން

    10
    1
  4. ސާމް

    ނޮވެމްބަރު 3އްގެ އެންމެ ބޮޑު ފިލާވަޅަކީ، ދިވެހިންގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ގައުމަށް ހެޔޮނޭދޭ ހަގީގީ ދުޝްމަނުންތަށް ތިބޭކަމާއި އެމީހުންނާއިމެދު ހޭލާތިބެ ފާރަވެރިވާނެ އިޚްލާސްތެރިން ރައްޔިތުންތަކަކާއި ވެރިންތަކެއް މިގައުމަށް ބޭނުންވާކަމެވެ.

    16
  5. އިބްރާ

    ދިވެހިރާއްޖެއަށް މިހައިތަނަށް ގެއްލުމެއް ދީފައޮތީ އިންޑިއާއިން. އަދިވެސް ހަމަލާއެއް އައުން ގާތީ އިންޑިއާއިންނެވެ. ރުހުމުގައި ނުވަތަ ނުރުހުމުގައިވެސް އިންޑިއާ ސިފައިން ބައިތިއްބާނެ

    3
    9
    • ކިއްސަރު

      3 ނޮވެންބަރުގަ ދިން ހަމަލާއިން ސަލާމަތް ވާން އިންޑިޔާގެ އަތެއް ވާކަން ހަނދާން ހުރި އެކަކުވެސް ނެތް

      5
      1
  6. ބޮލި މުލައް

    މުޅި ރިޕޯރޓަށް ބަލާލުމުން އެނގެނީ ޤައުމުގެ ސަލާމަތީ ބާރު ސިޔާސީވެ ފެއިލްވެފައިވާކަން

    3
    1
  7. ހަސަން

    އިންޑިޔާއާއި ހިތާވާ މީހަކުވިއްޔާ ބުނެލާނީ ރާއްޖެ ކަމުނުދަންޔާ އިންޑިޔާއަށް ދާށޭ! އެތާގައި ގެރިއަށާއި އިންސާނުންނަށްވެސް އަޅުކަން ކުރެވޭނެޔޭ! ބޭނުން އެއްޗެއްކެވޭނެޔޭ! "ބާރުގަދަ" ނޫން މަސްތުވާތަކެތި ބޭނުންކުރެވޭނެޔޭ! މިބިން އިތުރަށް ހަޑިކުރަން ނޫޅޭށޭ!

  8. ސީމާ

    ޤައުމެއް ދިރޭނީ ޤައުމުގައި ހުރެގެންނެ ރޫޙެއް ހަމަ ދިރޭ
    އައުދާނަ ޤައުމީލޯބި ހިތްތަކުގައި އުފެދިގެންނޭ ދިރޭ