އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތަކަށް އަމަލީ ސިފަ ޖެއްސެވުމުގެ އެންމެ އިސްދައުރެއް އަދާކުރައްވާނެ އެއް ބޭފުޅަކަށް ވާނީ ހަމަ ޔަގީނުންވެސް އެމަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރައްވާ އިސްލާމިކް މިނިސްޓަރެވެ. އެ މަގާމަށް އައްޔަންކުރުމުގެ ފުރުސަތު އެންމެ ބޮޑު އެއް ބޭފުޅަކަށް ޑރ. ޝަހީމް އަލީ ސައީދު ވާނެ އެވެ. އެއީ އިންތިހާބީ ރައީސްގެ އިތުބާރާއި، ޔަގީންކަން އޭނާއަށް އޮވެމެ، ތައުލީމާއި ތަޖުރިބާވެސް ހުންނެވި ބޭފުޅަކަށް ވާތީ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ "ވަގުތު ޓީވީ" ގެ ތަފްސީލީ ޕްރޮގްރާމުގައި ޝަހީމް ބައިވެރިވަޑައިގެން ވަނީ އިސްލާމިކް މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު އަނެއްކާވެސް އަދާކުރެއްވުމަށް ޝައުގުވެރިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަހަރު އޭނާގެ އަޒުމަކީ ވަޒީރުކަމުގައި ފަސްއަހަރުގެ ދައުރެއް ނިންމާލުމެވެ. އަދި ޑރ. މުއިއްޒުގެ އިސްލާމީ ތަސައްވުރު ތަންފީޒުކުރުމަށް ދީނީ އިސްތިރާޖެއް (ސްޓްރެޓެޖީ) އެއް އެކުލަވާލުމެވެ.

"ޒަކާތު ފަންޑު ތަރައްގީ ކުރުމާއި، އައުޤާފުތައް ޑިވެލޮޕްކޮށް އިތުރަށް ތަރައްގީކުރުމާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ތަރައްގީ ކުރުމަށްޓަކައި ޕޮލިސީ ލެވެލްގައާއި އިސްލާމީ ދުނިޔޭގެ ސަޕޯޓް ހޯދަދިނުމާއި، މި ބާވަތުގެ ވަރަށް ގިނަ ކަންކަން އިރާދަކުރެއްވިއްޔާ ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން." ކުރިންވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް، ވަގުތު ތަފްސީލީ ޕްރޮގްރާމްގައި ވާހަކަދައްކަވަނިކޮށް --

ބައިނަލްއަގްވާމީ މައިދާނުގައި މުޅި އިސްލާމީ އުންމަތަށް ފައިދާވާނެ ފަދަ މަސައްކަތްތަކެއް ކުރުމަށް ޝައުގުވެރިވި ނަމަވެސް، އޭނާގެ ބައްޕަގެ ބަލި ހާލަތު ހުރިގޮތުން، ބައްޕަ ބެލުމުގެ ޒިންމާތައް ނަނގަމުންދާތީ ރާއްޖެ ދޫކޮށް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހުރެގެން، އޭނާ ހާއްސަވި ދާއިރާއިން ގައުމަށް ހިދުމަތެއް ކޮށްދެވެން އަންނަނީ އިސްލާމީ މިނިސްޓްރީގައި ހުރެގެންކަން ފާހަގަކުރައްވީ އެ މަގާމަށް ވަޑައިގަނެވިއްޖެ ނަމަ ކުރައްވާން އަމާޒު ހިފައިފައިވާ ބައެއް ކަންކަން ހާމަކުރައްވަމުންނެވެ.

އިޤްތިސޯދީ ދާއިރާ: މި ސަރަހައްދުގެ އިސްލާމީ މާލީ ނިޒާމުގެ ހަބަކަށް ރާއްޖެ؟

ޝަހީމް ވިދާޅުވާ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އިސްލާމީ މާލީ މުއާމަލާތްތައް ކުރާ މައި ހަބަކަށް ހެދުމުގެ ފުރުސަތު އޮތް ގައުމެކެވެ. އެހެންކަމުން މާލީ ނިޒާމް އިތުރު ހަރުފަދަކަށް ގެންދިއުމަށް އިސްލާމީ ބެންކިންގްގެ ނިޒާމް އިތުރަށް ފުޅާކޮށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެގޮތުން އިސްލާމީ ބޭންކުގެ ނިޒާމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް އަހައްމިއްޔަތުކަން ދޭ މިންވަރު އޭނާ ހާމަކުރެއްވީ އިނގިރޭސި ވިލާތުގެ މިސާލު ނަންގަވަމުންނެވެ.

"މިހާރު ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރައިގެން އަންނަ ނިޒާމަކީ އިސްލާމީ މާލީ ނިޒާމް، ހުޅަނގު ގައުމުތަކުގަ ވެސް، އަދި ބައެއް ގައުމުތަކުގައި އެއީ އިސްލާމީ އިގްތިސޯދުގެ މަރުކަޒުތަކަށް ބަދަލުވަމުންވެސް އެބަދޭ، ހާއްސަކޮށް އިނގިރޭސި ވިލާތު، އިސްލާމީ އިގްތިސޯދު ވަރަށް ބޮޑަށް ފުޅާވަމުން ދަނީ" އިސްލާމީ މާލީ ނިޒާމާއި ގުޅޭ ލިޔުންތައްވެސް ޝާއިއުކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވި އެވެ.

އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ މާލީ ނިޒާމު ކުރިއަރުވަންވީ މެލޭޝިއާ މިސާލަކަށް ނަނގައިގެންނެވެ. ކޮންވެންޝަން ނިޒާމާއި އެކު އިސްލާމީ މާލީ ނިޒާމަށްވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެންނެވެ. ޝަހީމްގެ ވިސްނުންފުޅު ހުންނެވީ އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ކުރިއަރުވާނެ ގޮތްތައް ދެނިގަނެ އެ ހޯދުންތައް ކެބިނެޓާއި ހިއްސާކުރުމެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް، "ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް

ތަޢުލީމީ ދާއިރާ: ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިންޓަޖުނޭޝަނަލް ކުރުން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީދު ކުރެއްވުމާ ގުޅިގެން، ޖުލައި 9، 2015 ގައި ކުރީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެވިގެން ދިޔައެވެ.

އިސްލާމު ދީން ރަގަޅަށް ފަހުމުވެ އެ މާތް ދީނުގެ ތަޢުލީމާއި އިރުޝާދުގެ އަލީގައި އުފެއްދުންތެރި ބިނާކުރަނިވި މުސްލިމު ޖީލެއް ބިނާކޮށް މަތީފެންވަރުގެ ވިސްނުންތަކަށް ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މަގްސަދުގައި އުފެއްދި އެ ޔުނިވާސިޓީގެ ފުރަތަމަ ވެރިއަކަށް އައްޔަންކުރެވުނީ ޝަހީމްއެވެ.

އޭރު 15 ވަރަކަށް ބޭފުޅުން ޕީއެޗްޑީއަށް ކިޔެވުމަށް ބުރުނައިއަށާއި، މެލޭޝިއާއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ފުލީ ފަންޑެޑް ސްކޯލާޝިޕްތަކެއްގައި ފޮނުވިކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން މިއަދު އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި އިލްމީ ވުޒާރާއަކަށް އައިޔޫއެމް ވެފައިވާކަން އޭނާ އުފަލާއި އެކު ފާހަގަކުރެެއްވި އެވެ.

"އޭރު ކިޔަވަން ދިޔަ ކުދިން ކިޔަވައިގެން ނިންމައިފައި އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު އެތަނުގައި އެބަ ތިބި، މިހާރު ރާއްޖޭގެ އެޑިއުކޭޝަނަލް އިންސްޓިޓިއުޝަންތަކުގެ ތެރެއިން އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި މުއަސަސާއަކީ އައިޔޫއެމް، އެއީ އޭރު އަޅުގަނޑުމެން އެގޮތަށް މަސައްކަތްކޮށްފައި އޮތީމަ،" އިސްތިރާޖީ ޕްލޭނެއްގެ ދަށުން ޝަހީމް އައިޔޫއެމްގެ ޗާންސެލަރަކަށް ހުރެ މީހުން ބިނާކުރުމަށް ކުރި މަސައްކަތް ކިޔައިދެއްވަމުން ވިދާޅުވި އެވެ.

އެ ނުގުތާއަށްފަހު ޝަހީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިންޓަނޭޝަނަލްތަނަކަށް ހެދިދާނެ ކަމަށް ވިދާޅުވެފައެވެ.

"މިއަދު އެ އިސްލާމިކް ޔުނިވާސިޓީ އެއީ ހަމަ އިންޓަނޭޝަލަލް ތަނެއްގެ ގޮތުގައި ހެދިދާނެ ތަނެއް، ކީއްވެގެންތޯ އަޅުގަނޑުމެން ބިރުގަނެގެން މި އުޅެނީ؟" އެ ޔުނިވާސިޓީ ގާއިމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަމުގައި ހުންނެވިއިރު ޑރ. ޝަހީމް، ދީނީ އިލްމުވެރިޔާ ބިލާލްއާ ބައްދަލު ކުރައްވަނީ--

ޝަހީމް ވިދާޅުވީ މެލޭޝިއާއަށް ދިވެހީން އިސްލާމީ ތައުލީމް ހާސިލްކުރުމަށް ދަނީ އެގައުމުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއެއް ހުންނަކަމުން ކަމަށާއި، އެ ބިނާ ގާއިމްކުރުމަށް ރާއްޖެއިން އެހީވެފައިވާ ކަމަށެވެ. އެކަމުގެ ނިޝާނެއްގެ ގޮތުން އެ މަރުކަޒުގައި ރާއްޖޭގެ ދިދަ ނަނގާފައިވާކަމީ ލިބޭ ފަޙުރެއް ކަމަށް ދެކިވަޑައިގަތެވެ.

ދެން ޝަހީމް ހިއްސާކުރެއްވީ އޭނާ އެ ތައުލީމީ މަރުކަޒާއި މެދު ދެކޭ ތަސައްވުރެވެ. އެ ވާހަކަތައް ފެއްޓެވީ އޭނާ ޕީޕީއެމްގެ ވެރިކަމުގައި 7 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދިނުމަށްފަހު، ހުޅުމާލެއިން ބިމެއް ޔުނިވާސިޓީގެ ނަންމަތީ ގަނެފައިވާ ހިސާބުންނެވެ. ޝަހީމް ވިދާޅުވި ގޮތުގައި އެ ބިމަކީ ޔުނިވާސިޓީގެ އަމިއްލަ މާލީ ނިޒާމެއް ގާއިމްކޮށް، އެ މަރުކަޒު ފިކުރީ ގޮތުން ބިނާކޮށް ފުޅާކުރުމުގެ ވިސްނުމުގައި ފެށި މަސައްކަތެކެވެ. ނަމަވެސް އޭނާ ނުރުހުން ފާޅުކުރެއްވީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު، އެ ބިން ތަރައްގީކޮށް ޔުނިވާސިޓީގެ އިގްތިސޯދު ފުޅާކުރުމަށް އެއްވެސް ކަމެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވަމުންނެވެ.

"އެ މަސައްކަތްތައް ކުރިއަކަށް ނުދޭ، ފަސް އަހަރު ދުވަސް ނިމިގެން ދިޔައިރު ބިން އެ އޮތީ ހުހަށް، ފަސް އަހަރު ދުވަސް ނިމިގެން ދިޔައިރުގައި އައިޔޫއެމްއަށް އަޅުގަނޑުމެންގެ ސަރުކާރުން އޭރު ގަނެފައިވާ ބިމަށް އެއްވެސް ކަމެއް ނުކުރެވިއޭ އެއޮތީ،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ދަށަށް ގެންދިއުމަށް މި ސަރުކާރުގެ ބައެއް ފަރާތްތަކުން މަސައްކަތްކުރި ކަމަށް އަލިއަޅުވާލަމުން ޝަހީމް ވަނީ ދީނީ ތައުލީމަށް ހާއްސަ މަދުރަސާއެއް ހުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން އިސްލާމިކް ޔުނިވާސިޓީއަކީ ދީނީ ކަންކަމުގައި ފަހު ބަސް ބުނެވޭނެ، އަދި އެކި ކަންކަމާއި ގުޅިގެން އިލްމީ ދިރާސާތައް ކޮށް އެ މުއަސަސާގެ ރައުޔުތަކާއި ނަޒަރިއްޔާތުތައް ޒަމާނީ ފިގުހީ އެކި މައްސަލަތަކުގައި ނެރެވޭނެ ގާބިލްކަން ހުރި ތަނެއްގެ ގޮތުގައި އޭނާ ގަބޫލްކުރައްވައެވެ. އެހެންކަމުން އެ ޔުނިވާސިޓީ އިންޓަނޭޝަނަލްކޮށް، ހުޅުމާލެއިން ލިބިފައިވާ ބިން ތަރައްގީކުރުމަށްފަހު، އައިޔޫއެމްގެ އަމިއްލަ މާލީ ނިޒާމެއް އެކަށައެޅުމަކީ ޝަހީމްގެ އަމާޒެކެވެ. އަދި އެއީ އޭނާ ފެށި މަސައްކަތް ނިންމުމަށް ކުރަން ޖެހޭ މުހިންމު ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެއްވި އެވެ.

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް ހުންނެވިއިރު --

އިޖްތިމާއީ ދާއިރާ: ކުށްމަދު ކުރުމަށް ގެންގުޅޭ އިސްތިރާޖަށް ބަދަލެއް!

"ރާއްޖޭގައި ފިކުރީ ބައިބައިވުންތައް އެބަ އޮތް" ފިކުރީ ގޮތުން ދެބަސްވުންތަކެއް މިގައުމުގައި ހުރިކަން ފާހަގަކުރަމުން ޝަހީމް އިޝާރާތް ކުރެއްވީ ހަރުކަށި ފިކުރާއި، ހުޅަނގުގެ ލާދިނީ ފިކުރުގެ އިތުރުން އެތީސްޓުން (އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުން) ރާއްޖޭގައި ތިބި ކަމަށެވެ. އަދި އެބައިބައިވުންތައް ނައްތާލުމަށް އާ އުކުޅުތަކަކާއި އެކު އިސްތިރާޖީ ރަނގަޅު ޕްލޭނެއް އިސްލާމިކް މިނިސްޓްރީވެސް ޝާމިލްވާގޮތަށް ހެދެން ޖެހޭނެ ކަމުގައި އޭނާ ގަބޫލުކުރެއެވެ.

އެގޮތުން ފިކުރީ މައްސަލަތަކަކީ އަދަބު ދީގެން ނުވަތަ ބަންދުކޮށްގެން ހައްލުވާނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި މީހުންގެ ވިސްނުމާއި ހިޔާލާއި، ކަންކަމުގައި ދެކޭ ނަޒަރިއްޔާތުތައް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ އިދާރާއަކީ ހަގީގަތުގައިވެސް ވަރުގަދަ ތަނަކަށް ވާން ޖެހޭނެ، އެއީ ހަމައެކަނި އޮފީހެއް ނޫން، އެއީ މުޅި މި ގައުމުގެ މައި ބަދަ، އެއީ މުޅި މި ގައުމު ކުރިއަށް އޮތް އެތައް ގަރުނަކަށް އިސްލާމީ ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އޭގެ ހުންގާނަކީ އިސްލާމީ ކަންތައްތައް، އެހެންވީމަ އެކަންކަން އިތުރަށް ވަރުގަދަ ކުރަން ޖެހެނީ މިތަނުގެ ތެރޭގައި،" ޝަހީމް ވިދާޅުވި އެވެ.

ފިކުރީ ކަންކަމަކީ މުޅި ގައުމުގެ އަމަންއަމާންކަމާއި ގުޅިފައިވާ ކަންތައްތަކެއް ކަމަށް ޝަހީމް ފާހަގަކުރެއްވީ، ހަރުކަށި ފިކުރާއި އެހެނިހެން ދީނާ ދެކޮޅު ފިކުރުތަކަށް ސަމާލުވެ، އެ ފިކުރުތަކާއި ދެކޮޅަށް ވަރުގަދަ އިސްތިރާޖީ ޕްލޭނެއް ތައްޔާރުކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެ އެވެ.

ރާއްޖޭގައި ފިކުރީ ބައިބައިވުން އެބައޮތް، އަދަބަށް ވުރެ ބޮޑަށް ބޭނުންވަނީ ފަރުވާ: ޝަހީމް

ޝަހީމް ވިދާޅުވީ އިސްލާމީ ދާއިރާ ތަރައްގީ ވާޏް ޖެހޭ މިންވަރަށް ތަރައްގީ ކުރުމަށްޓަކައި ފަތުވާ ކޮމެޓީގެ ދައުރު ބޮޑުކަމަށެވެ. އަދި އެ ކޮމެޓީގައި ސިޔާސީ ގޮތުންވެސް ވިސްނުން ތަފާތު އިލްމުވެރިން ހިމެނުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

"ސަރުކާރު ހިންގާ ޕާޓީއެއްގައި ނޫނޭ ރާއްޖޭގެ ހުރިހާ އިލްމުވެރިން ތިބޭނީކީ، ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިއެއް ހުރެދާނެ އެހެން ޕާޓީއަކުވެސް، އެހެންވީމާ މިތަނުގައި އޮންނަ ސަރުކާރަކުން ދެން ތިބި މީހުން އެކަހެރި ކުރުމުގެ ސިޔާސަތެއް އޮވެގެން ނުވާނެ އަޅުގަނޑު ދެކޭ ގޮތުގައި،" ޝަހީމް ވިދާޅުވިއެ ެވެ.

ޝަހީމް ވިދާޅުވީ އެމަނިކުފާނަށް އިސްލާމިކް މިނިސްޓަރުކަމަށް އާދެވިއްޖެ ނަމަ، ފަތުވާ ކޮމެޓީ އެކުލަވާލުމުގައި ސިޔާސީ ވިސްނުމުން އެކަހެރިވެ ސިޔާސީ އޮތުން ވިސްނުން ތަފާތު ފަރާތު އިލްމުވެރިންނަށްވެސް އެކުގައި މަސައްކަތްކުރުމަށް ދައުވަތު ދޭނެ ކަމަށެވެ. އަދި އެކަމަށް ވަކާލާތުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަށް އަޅުގަނޑު ދަންނަވާނަމަ މި ސަރުކާރުގައި އިސްލާމީ ދާއިރާ ތަރައްގީވާން ޖެހޭ މިންވަރަށް ތަރައްގީއެއް ނުވޭ، އެއަށްވެ ފުރިހަމައަށް ރަނގަޅު ކަންތައްތައް ކުރެވުނީހޭ، އެކަންކަން ކުރަން ބޭނުންވި ނަމަ، ނުވަތަ އެކަންކަން ކުރުމުގެ އަޒުމެއް ނުވަތަ ތަސައްވުރެއް އޮތްނަމަ އެކަންކަން ކުރެވުނީހޭ،" ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ދައުރުގެ ދީނީ މަސައްކަތްތައް ކުރެވިފައިވާ މިންވަރަށް އިންސާފާކޮށްލަމުން ޝަހީމް ވިދާޅުވިއެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި އިރު --

ޑރ. ޝަހީމަކީ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދު ކަމާއި، ވިލާ ކޮލެޖްގެ ފެކަލްޓީއޮފް ޝަރީއާގެ (ފައުންޑިން) ޑީންކަމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަމާއި ވައިސް ޗާންސެލަރުކަމާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވެއެވެ.

އަދި ބައިނަލްއަގްވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިގުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔަތުން

    ހައްޖުގެވާހަކަވެސްދައްކަބަލަ ރިޝްވަތުނުނަގާދެވޭނެގޮތެއް ވަރަށްބޭނުން

    10
  2. ނިޒާމް އަހްމަދު

    މޮޅުވާހަކަ ދައްކައިގެން ޖަހާލަތޭމެން ކައިރިކުރަން ނޫޅޭތި. އެއީ ރަތްރޮނގު!

    7
    1
  3. އެދުރުބެ

    ހުރިހާ މީހުން ފަތިހު ހޭލައިގެން ފަތިސްނަމާދު ކުރަންވީ އެއަށް ފަހު އިރު އަރަންދެން އެކިއެކި ދުއާތަކާ ތަކްބީރުތަކުގަ މެންދުރުވާދެކަން ތިބެންވީ މެންދުރު ނަމާދައްފަހު ހަވީރުގެ ތަކުބީރުތަކުގަޔާ ގުރުއާން ކިޔެވުމަގަ ހޭދަކުރަންވީ އިރުއޮއްސުމުން މަގްރިބް ނަމާދުކޮށް އިޝާ ވުމާދެމެދު ގުރުއާން ކިޔަވަންވީ އިޝާނަމާދުކޮށްގެން އައިސް ކައިގެން އަވަހައް ނިދަންވީ މިމަގައް މިގައުމުގެ މުސްތަގުބަލް ބައްޓަންކުރީމަ ހުރިހާ ދާއިރާއަކުންވެސް މިތަން އޮންނަނީ ކުރިއަރާފަ

  4. މުހައްމަދު ސައީދު

    މިސަރަހައްދުގައި އިސްލާމްދީނުގެ ހަބަކަށް ރާއްޖެ ވެގެން ދާނެ ކަމަށް ވިދާޅުވީމަ ނުހޭން ހުއްޓަސް ހަމަ ހެވެނީ. ހަމަ ހެވެނީ . އެވިދާޅުވެވެނީ ﷲ ސުބުހާނަހޫ ވަތަޢާލާ ގެ ހުކުމް ފުޅުތަށް ތަންފީޒު ނުކުރާ ޤައުމަކަށް މިޤައުމު ވިޔަސް އެ އިލާހުގެ ދީނުގެ ހަބަކަށް މިޤައުމު ވެގެންދާ ވާހަކަ ޏޫންތޯ ؟ މިޤައުމުގައި އެއްޖިންސުން ގުޅުން ހިންގުން އާއްމު ވެފަ އޮތީ . ލަޢުނަަަަަަަަަތް ލެއްވި ޒިނޭ ޚާނާ ތަށް ދަނީ އިތުރު ވަމުން . ވިޔަފާރީގައި ރިބާހިމަނައިގެން ދަޢުލަތަށް ނަގާ އާމްދަނީ ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުން . އެކަމަކުވެސް އެ ވިދާޅުވަނީ މިރާއްޖެ އަކީ އިސްލާމީ ހަބެއް ކަމަށް . ބިރުވެތިކަމެއް ލަދު ވެތިކަމެއް މިއިން މީހަކުގެ ނެތް