މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ބ. އޭދަފުށި، ޅ. ކުރެންދޫ އަދި ވ. ކެޔޮދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ބ. އަތޮޅު ފައިނަލްގައި އޭދަފުށިން ވަނީ 5-2 ގެ ނަތީޖާއަކުން އެ އަތޮޅު ތުޅާދޫ ބަލިކޮށްފައެވެ. މި މެޗުގައި އޭދަފުށީގެ ހައިޝަމް ހަސަން (ބިޑި) ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ހަމްޒާ މުޙައްމަދު، އަލީ ފާސިރު އާއި އިޝާން އިބްރާހިމް (ސައްޓު) އެވެ. ތުޅާދޫގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ތަސްނީމް އާއި އިބްރާހިމް ރަފާހް އެވެ.

ރޭގެ މެޗަށްފަހު އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ބ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އޭދަފުށީގެ ހައިޝަމް (ބިޑި) އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ތުޅާދޫގެ ރަފާހް އެވެ.

ޅ. އަތޮޅުގެ ފައިނަލްގައި ހިންނަވަރުގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރެންދޫން ކުރިހޯދީ 5-6 އިންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ހިންނަވަރުގެ ލަނޑުޖަހައިދިނީ މުޙައްމަދު މައުރޫފް ހުސެއިން އެވެ. ކުރެންދޫގެ ލަނޑުޖެހީ މުޙައްމަދު އަންވަރު އެވެ.

ވ. ކެޔޮދޫން އަތޮޅު ޗެމްޕިއަންކަން ހޯދުމަށްފަހު މުބާރާތުގެ ތަށްޓާއެކު. --ފޮޓޯ: ޖީއެފްއޭ / އިމޭޖަސް.އެމްވީ

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޅ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ކުރެންދޫގެ އަންވަރު ހޮވުނުއިރު، ޓޮޕް ސްކޯރާ އަކީ އޮޅުވެލިފުށީގެ އިމްރާން މުޙައްމަދު އެވެ.

ރޭ ކުޅުނު ވ. އަތޮޅު ފައިނަލްގައި ކެޔޮދޫން ވަނީ 2-1 އިން ފެލިދޫ ބަލިކޮށްފައެވެ. މި މެޗުގައި ކެޔޮދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ފުއާދު އެވެ. ފެލިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ތޯއިފް އަހުމަދު ފިރާޤް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ޅ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޓޮޕް ސްކޯރާއަށް ހޮވުނީ ކެޔޮދޫގެ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކ. އަތޮޅާއި، މ. އަތޮޅުގެ ފައިނަލްގެ އިތުރުން ޒޯން ދޭކާއި ޒޯން ހަތެއްގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.