މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ޒޯން ބުރުގައި ކުޅުނު މެޗުގައި ޏ. ފުވައްމުލަކު ދަނޑިމަގު އަތުން ގދ. ވާދޫ ބަލިވިއިރު، ރ. އަލިފުށްޓާއި ށ. ކަނޑިތީމު އަދި ގއ. ކަނޑުހުޅުދޫން މޮޅެއް ހޯދައިފިއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ފަހު މެޗުގައި އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، ވާދޫ އަތުން ދަނޑިމަގު މޮޅުވީ 1-3 އިންނެވެ. ރޭގެ މެޗުގައި ދަނޑިމަގުގެ އިނާން އަހުމަދު ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ އެވެ. ވާދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ މުސައްނިފް މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނޑިމަގުގެ އިނާން އެވެ.

ށ. ކަނޑިތީމުން ވަނީ 2-1 އިން ނ. ކެނދިކުޅުދޫ ބަލިކޮށްފައެވެ. މި މެޗުގައި ކަނޑިތީމުގެ ލަނޑުތައް ޖަހައިދިނީ ހަސަން ނިހާލް އާއި މުޙައްމަދު ޝާން އެވެ. ކެނދިކުޅުދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް އަލީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑިތީމުގެ ކެޕްޓަން، އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ.

ށ. ކަނޑިތީމާއި ނ. ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޖީއެފްއޭ / އިމޭޖަސް.އެމްވީ

ގއ. ގެމަނަފުށީ އަތުން އެ އަތޮޅުގެ ޗެމްޕިއަން، ކަނޑުހުޅުދޫ 1-3 އިން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހްނަފް ޒާހިރު، މުޙައްމަދު ޒައިން ނިޔާޒް އާއި އިސްމާއިލް އަންވާރް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަނޑުހުޅުދޫގެ ޒައިން އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ށ. ފޭދޫ އަތުން ރ. އަލިފުށި މޮޅުވީ 0-2 އިންނެވެ. މި މެޗުގައި އަލިފުށިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަބްދުއްސަމީއު ހަސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ޒޯން ތިނެއް، ޒޯން ހަތަރެއްގެ އިތުރުން ޒޯން ފަހެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ. މިރޭގެ މެޗުތައް ފަށާނީ ވެސް ރޭގަނޑު 8 ޖަހާއިރު އެވެ.