އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް މިއަހަރު ރާއްޖޭގައި ބާއްވާކަން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވެސް (ކޭމް) އިން އިއުލާން ކޮށްފިއެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި މިއަހަރު ބޭއްވުމަށް އިއުލާން ކުރެވިގެން ދިޔައިރު، އެންމެ ފަހުން މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 2013 ވަނަ އަހަރު އިންޑިއާގެ ކަލްކަތާގައެވެ.

6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އިއުލާން ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކެރަމް އެސޯސިއޭޝަންގެ އިސް ވެރިންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ފޮޓޯ: ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކެރަމް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ކެރަމްގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތް ލެވަލް މި މުބާރާތުގެ އަލީގައި ދައްކައިދިނުމަކީ ވަރަށް ބޭނުންވާ ކަމެކެވެ. އަދި މީގެ އިތުރުން ސަރުކާރުންނާއި މިނިސްޓަރ ރާފިއު މި މުބާރާތުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުމަށް ދެއްވާ އެހީތެރިކަން އިބްރާހިމް ރަޝީދު ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ފައިދާ އެތައް ގޮތަކުން ބޮޑެވެ. މިއީ ހަގީގަތުގައި މުބާރާތެކޭ އެއްވަރަށް އެ ކުޅިވަރުގެ ބޮޑު ބައްދަލު ވުމެއް ކަމަށެވެ. އަދި މީގެ އިތުރުން ކުރު މުއްދަތެއްގައި ވެސް މުބާރާތުގެ ކަންކަން ރޭވުމުގައި ކެރަމް އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ކުރައްވާކަން، މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

 

ފޮޓޯ: ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ

ކެރަމް އެސޯސިއޭޝަނުން ހާމަ ކުރި ގޮތުގައި މި މުބާރާތުގެ ހުރިހާ ކަމަކަށް 1.1 މިލިއަން ރުފިޔާގެ ބަޖެޓެއް ހަރަދު ވާނެކަމަށް ބެލެވޭ ކަމަށެވެ. މި މުބާރާތުގައި ބާރަ ވަރަކަށް ގައުމުން 120 އަށް ވުރެ ގިނަ ކުޅުންތެރިންނާއި ޑެލިގޭޓްސް ބައިވެރިވާއިރު، ދުނިޔޭގެ އެންމެ ފުންނާބު އުސް ކުޅުންތެރިންވެސް ފެނިގެން ދާނެއެވެ.

އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތް މިއަހަރު ކުރިއަށް ދާނީ އަންނަ މަހު 27 އިން ފެށިގެން މޭ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސޯސަލް ސެންޓަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު