އެފްއޭއެމް ވެޓެރެނެސް ލީގުގައި މިއަދު ހަވީރު ސްޓެލްކޯ އަދި މުއިވެޔޮ ފްރެންޑްސް ބައްދަލު ކުރި މެޗު 5-1 އިން ކާމިޔާބުކޮށް ގުރޫޕު ބީގެ ސެމީގެ ފަހު ޖާގަ މުއިވެޔޮއިން ކަށަވަރުކޮށްފިއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާޓުގެ މިއަދުގެ މެޗުގައި މޮޅަށް ކުޅެފައިވަނީ މުއިވެޔޮ އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް އެ ޓީމުން ވަނީ ސްޓެލްކޯ ކޮޅަށް ތިން ލަނޑު ކައިރި ކައިރީގައި ޖަހާފައެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރީގެ މަޝްހޫރު ތަރި އަހުމަދު ނިޔާޒެވެ. އޭގެ ދެ މިނެޓު ފަހުން އިބުރާހިމް ލަތީފު އިތުރު ލަނޑެއް ވަނީ ކާމިޔާބު ކޮށްފައެވެ. ދެވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ނިޔާޒު ވަނީ މުއިވެޔޮއަށް މެޗުގައި ތިންވަނަ ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ވެސް މެޗު ޑޮމިނޭޓުކޮށް ރަނގަޅަށް ކުޅެފައިވަނީ މުއިވެޔޮއިންނެވެ. އެ ޓީމުން ވަނީ ހާފު ފެށިތާ 6 މިނެޓު ތެރޭ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝުޖާއުއެވެ. މީގެ އިތުރުން މުއިވެޔޮ ޓީމުގެ ނިޔާޒު ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ތިން ވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ.

ސްޓެލްކޯ އަދި މުއިވެޔޮ ބައްދަލު ކުރި މެޗު - ވަގުތު އިމޭޖަސް: އަބްދުاللة އަބީދު

ސްޓެލްކޯއަށް މިއަދުގެ މެޗުގައި ހަމައެކަނި ކާމިޔާބު ކުރެވުނު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް އާރިސްއެވެ.

މުއިވެޔޮ ފްރެންޑްސް އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއިރު މި ގުރޫޕުން ދެން ސެމީގެ ޖާގަ ލިބިފައިވަނީ ދަ ގްރާންޑޭއަށެވެ. މި ދެ ޓީމުންވެސް ވަނީ ކުޅުުނު 3 މެޗުން 9 ޕޮއިންޓު ހޯދާފައެވެ. މި ގުރޫޕުގެ 3 ވަނަ ލިބެނީ އެމްއެސް މޭޓްސް އަށެވެ. އެ ޓީމަށް ލިބެނީ 3 ޕޮއިންޓެވެ. މި ގުރޫޕުގެ ދެން އޮތް ދެ ޓީމަށް ލިބެނީ ކޮންމެ ޓީމަކަށް އެއް ޕޮއިންޓެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ހެޓްރިކް ހެދި އަހުމަދު ނިޔާޒެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ވަނީ ކުޅުމަށް ހަމަޖެހިފައެވެ. މި މެޗުގައި ބައްދަލު ކުރާނީ ވިލިމާލެ އަދި ހުއްރިއްޔާއެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު