ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ކުޅެވުނު ދެ މެޗުން ސޮނީހާޑުވެއާ އާއި ލޮޓަސް ކްރިކެޓް ޓީމު މޮޅުވެއްޖެއެވެ.

ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ފުރަތަަމަ ކުޅުނީ އިއްޔެ ކުޅުމަށް ނިންމާފައިވާ މެޗެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެގެ މެޗު ކުރިއަށް ނުގެންދެވިގެން އެ މެޗު މިއަދު ކުޅުމަށް ނިންމީއެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކުނަހަންދޫ ސްކޫލްގެ ޓީމާއި ސޮނީހާޑުވެއާ ޓީމެވެ. ޓޮސް ދިމާވެގެން ސޮނީހާޑުވެއާ ޓީމުން ގަސްތުކުރީ އުކަން އަރާށެވެ. އެހެންކަމުން ކުނަހަންދޫ ސްކޫލް ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 75 ލަނޑެވެ. ކުނަހަންދޫ ސުކޫލު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 22 ލަނޑު ހަދައިދިން ޖަޔާސިންއެވެ.

 

ލޮޓަސް ކްރިކެޓް ކާނިވަލް ފޮޓޯ: މުހައްމަދު އަޒީލް

ޖަވާބުގައި ސޮނީހާޑުވެއާ ޓީމުން ކުޅެންއަރާ 7 އޯވަރުގެ ތެރޭގައި 4 ބޯޅަ 2 ވިކެޓަށް 77 ލަނޑުހަދާ މެޗު ކާމިޔާބުކުރީއެވެ. ސޮނީ ހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 28 ލަނޑު ހަދައިދިން އަހުމަދު އަފްސާން އެވެ. ކުނަހަންދޫ ސްކޫލް ޓީމުން އެންމެ ރަނގަޅަށް އުކީ 41 ލަނޑުން 2 ވިކެޓު ނެގި ސިރީ ކުމާރުއެވެ.

ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ސޮނީހާޑުވެއާ ޓީމާއި ކުނަހަންދޫ ސްކޫލް ޓީމް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނީހާޑުވެއާ ޓީމުގެ އަހުމަދު އަފްސާން އެވެ. މިއަދު ގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހުށައަޅާފައި ވަނީ ނާދިޔާ އަބްދު ގަފޫރު އެވެ.

ލޮޓަސް ކުރިކެޓް ކާނިވަލްގައި މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލޮޓަސް ކްރިކެޓް ޓީމާއި މިލާން ކްރިކެޓް ޓީމެވެ. ޓޮސް ދިމާވެގެން މިލާން ކުރިކެޓް ޓީމުން ގަސްތުކުރީ ހޮވަން އަރާށެވެ. އެހެންކަމުން ލޮޓަސް ކްރިކެޓް ޓީމުން ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި 1 ވިކެޓަށް 118 ލަނޑު ހެދިއެވެ.

 

ލޮޓަސް ކްރިކެޓް ކާނިވަލް ފޮޓޯ: މުހައްމަދު އަޒީލް

ލޮޓަސް ކްރިކެޓް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 22 ލަނޑުހެދި ހަފްސާ އަބްދުﷲ އެވެ. އަދި މިލާން ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 ވިކެޓް ނެގި ނަބާ ބިންތް ނަސީމް އެވެ.

ޖަވާބުގައި މިލާން ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. މިލާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 15 ލަނޑުހެދި ނަބާ ބިންތް ނަސީމްއެވެ. އަދި ލޮޓަސް ޓީމުން އެންމެ ރަނގަޅަށް އުކީ 12 ލަނޑަށް 2 ވިކެޓުނެގި ހައްވާ ސާއިގާއެވެ.

ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވެސްގެ އެހީތެރިކަމާއި އެކު މުހާރު ލ. ކުނަހަންދޫގައި ކުރިއަށްދާ ލޮޓަސް ކޮރިކެޓް ކާނިވަލްގެ މިއަދުގެ ދެވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮޓަސް ކްރިކެޓް ޓީމުގެ ހަފްސާ އަބްދުﷲ އެވެ. މޮޅު ކުޅުންތެރިޔާގެ އިނާމް ހުށައަޅާފައިވަނީ ނާދިޔާ އަބްދުލް ގަފޫރުއެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ ބަނގްލާ ބެސްޓް 6 ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކްރިކެޓް ޓީމެވެ. މާދަމާގެ މެޗުވެސް ކުޅެވޭނީ ހަވީރު 4:30 ގައި ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.

ލޮޓަސް ކްރިކެޓް ކާނިވަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު