މީގެ އަހަރުތަކެއް ކުރިން، ދިވެހި ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗެއްގައި، އޭރު ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ޖެހި ސައްޕެއް، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ގޯލް ބަލަހައްޓަން ހުރި މުހައްމަދު ފައިސަލްގެ އަތު ތެރެއިން ގޮސް ގޯލަށް ވަނެވެ.

އެ ގޯލާއެކު ފައިސަލްއަށް އިންތިހާއަށް މަލާމާތްވެސް ކުރިއެވެ. އަދިވެސް އެ ވީޑިއޯއަކީ މަޝްހޫރެވެސް ވީޑިއޯކެވެ. އެ ދުވަހުވެސް ރާއްޖޭގެ އުފެދުނު އެންމެ ލެޖެންޑްރީ އެއް ކުޅުންތެރިޔާ އިންމަ، ފައިސަލަށް ދިނީ ހިތްވަރެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ގޯލް ބެލެހެއްޓުމުގައި 17 އަހަރު ދުވަހު ހޭދަކުރި އިންމައާ ނުލާ ދިވެހި ޓީމުން ނުކުތް ފުރަތަމަ ބޮޑު މުބާރާތެކެވެ. ލީގުގައި އެންމެ އެކަށީގެންވާ ވަރަށް މެޗުތައް ނުލިބި އޮތުމުގެ ސަބަބުން ފައިސަލްއަށް ސަޕޯޓަރުންގެ މާ ބޮޑު އިތުބާރެއް ނެތެވެ. އޭނާ އުމުރުން 30 ނަމަވެސް، ގައުމީ ޓީމާއެކު ކޮށްފައިވާ ތަޖުރިބާ މަދުވުމުން ދިވެހީންނަށް ފައިސެލްގެ ފެންވަރު ވަޒަން ކުރަން ޖެހުނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުންނެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުނދަގޫ ހާލަތަކުން ފަށައިގެން ފައިނަލާ ހަމައަށް ގޮސް، ޓީމުން ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލާފައިވާ އިރު، ޓީމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ފައިސަލެވެ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ތަރިއަކީ އޭނައެވެ. ލަންކާއާ ދެކޮޅަށް ކުޅެ، 0-0އިން އެއްވަރުވި މެޗުގެ އިތުރުން ނޭޕާލާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ މޮޅު ކުޅުންތެރިޔަކީވެސް އިންމަގެ މައްސޫލިއްޔަތުތައް ދިވެހިން ބޭނުންވި ގޮތަށް އަދާކުރަމުންދިޔަ ފައިސަލެވެ.

ގްރޫޕް ސްޓޭޖުގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ބުނެފައި ވަނީ ފައިސަލްއަކީ ޓީމުގެ ދިފާއީ ތަނބުކަމަށާއި، އޭނާގެ ތަޖުރިބާއާއެކު ދިވެހި ޓީމު ސަލާމަތް ކޮށްދިން ކަމަށެވެ.

" ފައިސަލްއަށް އަހަރެން ފުރިހަމައަށް އިތުބާރުކުރަން. ފައިސަލް ދެއްކި ކުޅުމަކީ މުހިއްމު ކުޅުމެއް. އޭނާގެ ޒިންމާއަކީވެސް އެއީ. އޭނާގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފި. ފައިސަލްގެ ފަރާތުން ފެންނަމުންދާ ކުޅުމަކީ އޭނާގެ ބުރަ މަސައްކަތް. އޭނާ ޓީމާއެކު ކުރަމުންދާ މިންނެތް މަސައްކަތް. ފައިސަލް އިތުބާރު ހޯދީ ބުރަ މަސައްކަތާއެކު،" ސެގަޓް ބުންޏެވެ.

ފައިސަލަށް ގައުމު ތަމްސީލް ކުރަން ލިބުނު ފުރުސަތުގައި އޭނާ ދިވެހީން ހެއްވާލައިފިއެވެ. ދިވެހީންގެ އުންމީދުތަކުގައި ކުލަ ޖައްސާލަ ދީފިއެވެ. 10 އަހަރަށްފަހު ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދީފިއެވެ. އެ ދަތުރު އޭނާއަށް ފުރިހަމަވީ ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާވެސް އެކުގައެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސާފް ޗެމްޕިއަންޝިޕްގައި ފައިސަލް ކުރި ދަތުރަށް އޭނާ ފަހަތުގައި އަބަދުވެސް ހުރި އެކަކީ ލެޖެންޑްރީ ގޯލްކީޕަރު އިންމައެވެ. އިންމަ ގައުމީ ޓީމުން ރިޓަޔާ ކުރުމަށްފަހު އޭނާ އަބަދުވެސް އެދުނީ މިހާރު ތިބި ކުޅުންތެރިންނަށް އިތުބާރު ކުރުމަށެވެ. އިންމަ ދެކޭ ގޮތުގައި ފައިސަލް ދައްކައިދިނީ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށެވެ.

" ފައިސަލްއަކީ ޒުވާން ގޯލްކީޕަރުންނަށް ރަނގަޅު މިސާލެއް. އޭނާ އަޑުއެހި. އޭނާ ކަންކަން ރަނގަޅު ކުރީ ހެދުނު ގޯސްތަކުން. އޭނާ ފަހަތަކަށް ނުޖެހުނު. ކުރި ބުރަ މަސައްކަތުން މިއަދު ފައިސަލަކީ ސާފްގެ އެންމެ މޮޅު ކުޅުންތެރިޔާ،" އިންމަ ބުނެފައިވެއެވެ.

އިންމަގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް ---

މިއަދަކީ ފައިސަލްގެ ފުޓުބޯޅަ ހަޔާތުގައި އެންމެ އުފާވެރި ދުވަހެވެ.

" މިއީ ފުޓްބޯޅަ ހަޔާތުގައި އެންމެ އުފާވެރި ދުވަސް. އުފަލުގައި ފުރަތަަމަ ﷲއަށް ޝުކުރު ކުރަން. އެއަށްފަހު ރާއްޖޭގެ އެންމެންނާއި ކޯޗިން ސްޓާފުންނަށް ޝުކުރު އަދާކުރަން." މެޗަށްފަހު ފައިސަލް "ވަގުތު"އަށް އޭނާގެ އުފާވެރި ޝުއޫރުތައް ހިއްސާކުރިއެވެ.

ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތާއި، ގައުމީ ޖޯޝުގައި ކުރި މަސައްކަތުން މުޅި ގައުމު ހެއްވާލައިފިއެވެ. ގައުމީ ޖޯޝު ކައްކުވާލައިފިއެވެ. ދިވެހީންނަށް ވީތީ ފަހުރުވެރި ކޮށްދީފިއެވެ. ފައިސަލްގެ ހިތްވަރަކީ މުޅި ގައުމީ ޓީމުގެވެސް ހިތްވަރެވެ. ޓީމާއެކު އޭނާވެސް ކުރި ބުރަ މަސައްކަތެވެ.