ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވެއްޖެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބާސެލޯނާއިން ކާމިޔާބު ކުރީ 3-2 އިންނެވެ. މި މެޗުގައި ފުރަތަމަ ގޯލެއް ޖަހައި ލީޑު ނެގީވެސް ބާސާ އިންނެވެ. ނަމަވެސް ޕީއެސްޖީން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފައެވެ. ޕީއެސްޖީން މެޗުގައި ލީޑެއް ނެގި ނަމަވެސް ބާސެލީނާއިން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗު ނިމުމުގެ ކުރިން އަލުން ލީޑު ހޯދައިފައެވެ.

ޕީއެސްޖީ އަދި ބާސާ ބައްދަލު ކުރި މެޗުގެ ތެރެއިން

ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ގޯލު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި ރަފީނިއާއެވެ. މިއީ ލަމިން ޔަމާލް އޭރިޔާ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ޕީއެސްޖީގެ ކީޕަރު ޑޮނަރުމާ އަތުގައި ޖެހިފައި ރީބައުންސްވެގެން އައުމުން ރަފީނިއާ ކާމިޔާބު ކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި ބާސެލީނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ ޕީއެސްޖީން ވަނީ މެޗުގެ 48 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދާދި ފަހުން ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ޑެމްބެލޭއެވެ.

ޑެމްބެލޭ ވަނީ އޭނާގެ ކުރީގެ ކުލަބު ބާސާ އާއި ދެކޮޅަށް ކާމިޔާބު ކުރި ލަނޑާއެކީ އުފާ ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން ޑެމްބެލޭ ބާސެލޯނާއަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށް ބުނެ ސަޕޯޓަރުން އަންނަނީ އޭނާއަށް ވަރަށް ފާޑުވެސް ކިޔަމުންނެވެ.

ޕީއެސްޖީ އަދި ބާސާ ބައްދަލު ކުރި މެޗުގެ ތެރެއިން

ޕީއެސްޖީން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ލީޑު ނަގައިފައެވެ. މި ލަނޑަކީ ފަބިއަން ރުއިޒްގެ އެހީތެރިކަމާއި އެކީ ވިޓީނިއާ ކާމިޔާބު ކުރި ލަނޑެކެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަފީނިއާއެވެ. މި ލަނޑަކީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރެފަައި މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރީ ކުޅުމާއި ގުޅުމަށް ފަހު ލިބުނު ފުރަތަމަ ބޯޅަައިން ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާސެލޯނާއަށް މެޗުން މޮޅުވި ލަނޑު ކާމުޔާބުކޮށްދިނީ އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ކްރިސްޓެންސަނެވެ. މިއީ ގުންޑަގަން ނަގައިދިން ކޯނަރަކުން ކްރިސްޓެންސަން ކާމުޔާބުކުރި ލަނޑެކެވެ.

ރޭގެ ބައްޔާއި އެކު ޕީއެސްޖީން ބަލި ނުވެ ގާއިމު ކުރަމުން އައި ރިކޯޑުވެސް ވަނީ ނިމުމަކަށް އައިސްފައެވެ.

2017 ވަނަ އަހަރު 6-1 އިން ޕީއެސްޖީގެ މައްޗަށް ބާސާ ކުރި ހޯދި މެޗުގައި މެސީ އުފާ ފާލުކުރަނީ

މީގެ ކުރިން 2021 ވަނަ އަހަރު މި ދެ ޓީމު މި މުބާރާތުގައި ބައްދަލު ކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރި އިރު، 2017 ވަނަ އަހަރުގެ މުބާރާތުގައި ތާރީހީ މޮޅަކާއި އެކު ބާސާ އިން ވަނީ ޕީއެސްޖީ ކަޓުވާލާ މުބާރާތުގެ ތަށި އުފުލާލައިފައެވެ. އޭރު ބާސާ އަށް ކޯޗުކަން ކޮށްދިން އެންރީކޭ ޕީއެސްޖީގެ ކޯޗަކަށް މިހާރު ހުރި އިރު ބާސާގެ ކޯޗަކަށް މިހާރު ހުރީ ބާސާގައި އެންރީކޭގެ ކޯޗުކަމުގައި ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ޒަވީ ހެނާންޑޭޒެވެ.

ޕީއެސްޖީ އަދި ބާސެލޯނާ ބައްދަލު ކުރާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މެޗު ކުޅޭނީ ބާސަލޯނާގެ ދަނޑުގައެވެ. ފުރަތަމަ ލެގުން ލިބުނު ތިން ޕޮއިންޓާއި ހޯމް އެޑްވާންޓޭޖާއި އެކީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑީ ބާސެލޯނާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަރީޒް

    ޕީ.އެސް.ޖީ އަށްވުރެ ބާސާގެ ކުޅުން މާރަނގަޅު. އެހެންވީމަ މިމެޗުން ބާސާ މޮޅުވުމަކީ ޙައިރާން ވާންޖެހޭ ކަމެއްނޫން.