ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ މެޗުގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއިއެކު ކުޅެމުންދިޔަ ބާސެލޯނާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދައިގެން ޕީއެސްޖީން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 4-1ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާއާއެކު ފުރަތަމަ ލެގި އަދި ދެވަނަ ލެގުގެ އެގްރިގޭޓުން 4-6 އިން ކުރި ލިބުނީ ޕީއެސްޖީއަށެވެ. ފުރަތަމަ ލެގުގެ މެޗު ބާސެލީނާ ކާމިޔާބު ކުރީ 3-2 އިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ބާސެލޯނާއިންނެވެ. މެޗު ފަށައިގެން މޮޅަށް ކުޅެމުން އައީ ވެސް ބާސެލޯނާއިންނެވެ. ބާސެލޯނާއަށް މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. ރަފީނިއާ އެ ލަނޑު ކާމިޔާބު ކޮށްފައިވަނީ ލަމިން ޔަމާލް ނަގައިދިން ހުރަހެއް ރީބައުންސްވެފައި ނިކުތް ބޯޅަ އަކުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން

ނަމަވެސް މުޅި މެޗުގެ އޮއިވަރު ބަދަލުވީ މެޗުގެ 29 ވަނަ މިނެޓުގައި ޕީއެސްޖީން ކުރި އެޓޭކެެއްގައި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ކުރި ފައުލަކާއި ގުޅިގެންނެވެ. އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް އޭނާ ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑު ދައްކާފައެވެ.

މި ކާޑާއެކު މުޅި ގޭމުގެ ކުޅުން ބަދަލުވެ ޕީއެސްޖީން ވަނީ ގިނަ އެޓޭކުތަކެއް ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބާކޮލާގެ އެހީތެރިކަމާއި އެކީ ބާސާގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ޑެމްބެލޭއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 10 މިނެޓު ތެރޭ ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ލިބުނު ކޯނަރަކުން އޭރިޔާ ބޭރަށް ހުރަސްކޮށްގެން ޕީއެސްޖީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވިޓީނިއާއެވެ. ރެފްރީގެ ފަރާތުން އެކަށީގެން ނުވާ ގިނަ ކާޑު ތަކެއް ފެނުނު އެ މެޗުގައި ރެފްރީގެ ނިންމުންތަކަށް ނުރުހުން ފާޅުކުރުމުން ބާސެލޯނާގެ ކޯޗު ޒަވީއަށް ވަނީ ރެފްރީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލާފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާގެ އޭރިޔާ ތެރެއިން ޑެމްބެލޭއަށް ކެންސެލޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕީއެސްޖީއަށް ޕެނަލްޓީ އެއް ދީފައެވެ. ޕީއެސްޖީއަށް މި ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ އެމްބާޕޭއެވެ. މީގެ އިތުރުން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ރޭ އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުއާޓާ ފައިނަލުގައި ކުރި ހޯދި ބުރޫޝިއާ ޑޯޓުމަންޑާއެވެ. މި މެޗު ކުޅޭނީ އަންނަ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.