އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އަރްބާ) އިން މެލޭޝިޔާ ޓްރެއިނިންއަށްދާ ކުދިންނަށް ޖާރޒީ ހަވާލުކޮށްފިއެވެ.

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީގެ ފަރާތުން މެލޭޝިޔާ އަށް ޓްރެއިނިންއަށް ދާ ކުދިންނާ ޖާރޒީ ހަވާލުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް ބްރަޔަންސް ރޫފްޓޮޕް ރެސްޓޯރެންޓްގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކުޅުންތެރިންނާއި ޖާރޒީ ހަވާލުކޮށްދެއްވީ އަރްބާ ގެ ރައީސާ އަފްނާން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ކޮންމެ ކުޅުންތެރިއަކަށް ވެސް 3 ކުލައިގެ 3 ޖާރޒީ އާއި ދަތުރު ކުރާއިރު ލުމަށް ވަކި ޖާރޒީ އަކާއި ޖެކެޓެއް ވަނީ ހަވާލުކޮށްފައެވެ.

މި ޓްރެއިނިންގައި އަރުބާގެ 8 ކުޅުންތެރިއަކު ބައިވެރިވާނެއެވެ.

އަރްބާ ގެ ފަރާތުން މެލޭޝިޔާގައި ކޮންމެ އަހަރަކު ވެސް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދާއިރު މި އަހަރު މި ޓްރެއިނިންއަށް ކުޅުންތެރިން ފުރުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ މާދަމާއެވެ. އަދި މި ޓްރެއިނިންގެ ބައިވެރިން ޓްރެއިނިން ހަދާނީ މެލޭޝިޔާގެ ނިއު ވިޝަން އެކަޑަމީގައެވެ. މިއީ މެލޭޝިއާގެ ގައުމީ ބެޑްމިންޓަން ކޯޗުގެ އެކަޑަމީ އެވެ. އަރްބާ ގެ ކުޅުންތެރިންނަށް ކޯޗުކަން ކޮށްދިނުމަށް ވަކި ހާއްސަ ކޯޗުން އެ އެކަޑަމީގައި އެ ދުވަސްވަރު ހަރަކާތްތެރިވާނެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އަންހެނަކު އިސްކޮށް ހުރެ ރާއްޖޭގައި ހިންގާ ހަމައެކަނި ބެޑްމިިންޓަން އެކަޑަމީ ކަމަށްވާ އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ އިން ތަފާތު އެކި އެކި ޓްރެއިނިންތަކާއި ކުޅުންތެރިން ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް އަބަދުވެސް ކުރިއަށް ގެންދެއެވެ. މިގޮތުން ކޮންމެ އަހަރަކު މެލޭޝިޔާގައި ކުރިއަށް މި ގެންދާ ޓްރެއިނިން ޕްރޮގްރާމް ތަކަކީވެސް މިގޮތުން ފާހަގަ ކޮށްލެވޭ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވެނީ އެ އެކަޑަމީގެ ކުޅުންތެރިންގެ ތެރެއިން ވަކި ހާއްސަ ޝަރުތުތަކެއް ހަމަވާ ކުޅުންތެރިންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އަފްނާން ރަޝީދު ހިންގާ މި އެކަޑަމީ އިން ވަނީ ފާހަގަކޮށްލެވޭ އެތައް ކާމިޔާބުތަކެއް ވެސް ހޯދާފައެވެ. މި އެކަޑަމީގެ ކުޅުންތެރިން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހޯދަމުންދާ ކާމިޔާބުތަކުގެ އެންމެ ބޮޑު އެއް ސިއްރަކީ މި އެކަޑަމީ އިން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ތަކެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް މި އެކަޑަމީގެ ޓްރެއިނިންތައް ކުރިއަށް ގެންދާއިރު، އެކި ފަހަރުމަތިން ރާއްޖޭން ބޭރުގެ ހުނަރުވެރި ކޯޗުންވެސް ރާއްޖެ ގެނެސްގެން މި އެކަޑަމީގެ ކުޅުންތެރިންނަށް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ.

އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ އިން މިފަދަ ޓްރެއިނިން ޕްރޮގްރާމްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުރިއަށް އޮތް ޖީލުތަކަށް މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައެވެ.