ކުރިއަށް އޮތް ޖުލައި މަހުގެ 26 ވަނަ ދުވަހުގައި ޕެރިސްގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގައި ފަލަސްތީނުގެ އެތުލީޓުން ކޮލިފައި ނުވިޔަސް އެފަރާތްތަކަށް ދައުވެތު ދޭނެ ކަމަށް އައިއޯސީ ގެ ރައީސް ތޯމަސް ބެކް ވިދާޅުވެއްޖެއެވެ.

އޭއެފްޕީ އަށް މައުލޫމާތު ދެމުން އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ވިދާޅުވީ ފަލަސްތީނުގެ ހައެއް ނުވަތަ އަށް އެތުލީޓުން މިމުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް، މުބާރާތަށް ކޮލިފައި ނުވިޔަސް ފުރުސަތު ދޭން ނިންމާފައި ވާނެ ކަމަށެވެ.

އޮލިމްޕިކްސް ގޭމްސް 2024

އަންނަ ޖުލައި މަހުގެ 26 އިން ފެށިގެން އޯގަސްޓު މަހުގެ 11 ގެ ނިޔަލަށް ޕެރިސްގެ އިތުރުން ފްރާންސްގެ 16 ސިޓީއެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މުބާރާތުގައި މުޅި ޖުމުލަ 206 ގައުމަކުން 10،500 އެތުލީޓުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި 32 ކުޅިވަރަކުން އެތުލީޓުން ވާދަކުރާނެއެވެ. މި 32 ކުޅިވަރުން 329 އިވެންޓް މި ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އާންމުކޮށް މި މުބާރާތުގައި 42 ކުޅިވަރަކަށް އެތުލީޓުން ވާދަކުރާއިރު އެންމެ ފަހުގެ މުބާރާތުގައި އެ އަދަދު ވަނީ 33 އަށް މަދު ކޮށްފައެވެ. އަދި މިފަހަރު މިވަނީ 32 އަށް އެ އަދަދު ތިރިކޮށްފައެވެ.

1896 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2020 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައެވެ. އަދި ކުރިއަށް ދެން އިތް މުބާރާތް 2028 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާއިރު އެ މުބާރާތް ބާއްވާނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ.

އޮލިމްޕިކްސް ގޭމްސް 2024

އޮލިމްޕިކްސް ގޭމްސްގެ އެކި ކުޅިވަރުތަކުގެ އެކި އިވެންޓުތައް ފްރާންސްގެ އެކި ހިސާބުތަކުގައި ބާއްވަން ނިންމާފައިވާ އިރު މިހާރު އަންނަނީ މިމުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށް އައިއޯސީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު